މައުމޫނާއި އާދަމް ޒާހިރާ ދެކޮޅަށް އީވާންގެ މަންމަ މަދަނީ ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ފޮނުވާލައިފި

އަހުމަދު މުހުސިން ނޮވެންބަރު 19 2008، 17:18 0 ޚިޔާލު

މާފުށީ ޖަލުގައި އަނިޔާކޮށް ވަރަށް އިހާނެތިގޮތަކަށް މަރާލި މ އޭޝިޔާ ހަސަން އީވާން ނަސީމުގެ މަރާ ގުޅިގެން ކުރީގެ ރައީސުލްޖުމްހޫރިއްޔާ މއ ކިނބިގަސްދޮށުގޭ މައުމޫން ޢަބްދުލް ޤައްޔޫމާއި ކުރީގެ ޕޮލިސް ކޮމިޝަނަރ އާދަމްޒާހިރާ ދެކޮޅަށް އީވާންގެ މަންމަ މަދަނީ ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތްމައްސަލަ ބުރާސްފަތި ދުވަހު ހައިކޯޓަށް ހުށަހަޅައިފިއެވެ.

އީވާންގެ މަންމަ މަރިޔަމްމަނިކެ ބުނީ މަދަނީކޯޓަށް މައްސަލަ ހުށަހެޅީ ބުދަދުވަހު ކަމަށާއި ބުރާސްފަތިދުވަހު ފައިސާ ދައްކަން ދިއުމުން މަދަނީކޯޓުން ޖަވަބު ދެއްވީ މައްސަލަ ބަލައިގަނެވެން ނެތްކަމަށެވެ.

މަރިޔަމްމަނިކެގެ ފަރާތުން މިމައްސަލައިގައި ހަރަކާތްތެރިވާ ޤާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ޢަބްދުﷲ ހަސީން ވިދާޅުވީ އީވާންގެ މަރުގެ މައްސަލައިގައި ޖިނާއީ ބަޔަކާއި މަދަނީ ބައެއް އެކުލެވޭ ކަމަށާއި އެގޮތުން މަދަނީބައިގައި ހިމެނެނީ އީވާންގެ މަރާގުޅިގެން އާއިލާއަށް ލިބުނު ނަފްސާނީ ގެއްލުންފަދަ ކަންތައްތައް ކަމަށެވެ.

ހަސީނު ވިދާޅުވީ މަދަނީކޯޓަށް ހުށަހެޅީ އާއިލާއަށް ލިބުނު ނަފްސާނީ ގެއްލުމުގެ ބަދަލު ހޯދުމަށް ކަމަށެވެ.

”އެއީ ރާއްޖޭގައި އަދި ކުޑަކޮށް އާކަމަކަށް ވާތީ ކަންނޭނގެ މަދަނީ ކޯޓުން ބަލައިނުގަތީ“ ހަސީނު ވިދާޅުވިއެވެ.

ހަސީނު ވިދާޅުވީ މަދަނީ ކޯޓުން ދެއްވި ޖަވާބުގައި ބުނަނީ ދެކަމެއް ކަމަށައި އެއްކަމަކީ އެދައުވާ ލިބޭ ފަރާތާ ސީދާ ގުޅުންހުރިކަން އެނގޭ ލިޔުންތައް ގެނައުމާއި އެއީ ޖިނާއީ މައްސަލައަކަށް ވާތީ ޖިނާއީ ކޯޓަށް ހުށަހެޅުމަށެވެ.

ހަސީނު ވިދާޅުވީ ދައުވާ ލިބޭ އެއްފަރާތަކީ އީވާންގެ މަރުގެ ހާދިސާ ހިނގިއިރު ރައްޖޭގެ އަދްލުއިންސާފްގެ ހުރިހާކަމެއްގެ އެންމެމަތީ ވެރިޔާއަށް ވުމާއި އެމައްސަލަ ބެލުމަށް އުފެއްދެވި ކޮމިޝަންގެ ރިޕޯޓުގައި އެކަންރައްދުވަނީ ސީދާ މައުމޫން ޢަބްދުލް ޤައްޔޫމަށާއި އާދަމް ޒާހިރަށް ކަމެއް ބުނެފައިވާ އެއްވެސް ލިޔުމެއް އޭރު ނުހުންނާނެ ކަމަށެވެ.ހަސީނު ވިދަޅުވީ އެމައްސަލައިގައި ހިމެނޭ ޖިނާއީ ބައި ބެލުމަށްޓަކައި މއ ވަވަތި އާދަމްޒާހިރާ ބެހޭގޮތުން ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. ނަމަވެސް އަދި މއ ކިނބިގަސްދޮށުގޭ މައުމޫނު ޢަބްދުލް ޤައްޔޫމާ ދެކޮޅަށް ފުލުހުންނަށް ހުށަހެޅިފައި ނުވާކަމަށެވެ.

ހަސީނު ވިދާޅުވީ މަދަނީބައި މަދަނީކޯޓުން ބަލައިނުގަތްމައްސަލަ ހައިކޯޓުން ބުރާސްފަތި ދުވަހު ބަލައިގެން ކަމަށާއި އާދީއްތަ ދުވަހު ޖަވާބެއް ދޭނެކަމަށް ބުނެފައިވާ ކަމަށެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv