އެމްޑީޕީ ސީޑީތަކެއް ބަހަން އުޅެނިކޮށް މަރާލި, ޝަނީދުގެ މަރުގެ ބަދަލު ހިފުމުގެ ގޮތުން މީހަކަށް ހަމަލަދިން ކުއްޖަކު ހައްޔަރުކޮށްފި

އަހުމަދު މުހުސިން ނޮވެންބަރު 19 2008، 17:09 0 ޚިޔާލު

މިދިޔަމަހުގެ 27 ވަނަ ދުވަހު ހަވީރު އެމްޑީޕީގެ ސީޑީތަކެއް ބަހަމުން ދަނިކޮށް ބަޔަކުމީހުން ވަޅިން ހަމަލަދިނުމުގެ ސަބަބުން ސްރީލަންކާގައި ފަރުވާދެމުން ދަނިކޮށް މަރުވި އަހުމަދު ޝަނީދުގެ މަރުގެ ބަދަލު ހިފުމަށް މީހަކަށް ވަޅިން ހަމަލަދީ ޒަޚަމްކޮށްލި ކުއްޖަކު ފުލުހުން އަތުލައިގެންފިއެވެ.

ބުރާސްފަތި ދުވަހު ހުސައިން އާދަމް ބިލްޑިންގްގައި ބޭއްވި ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއްގައި ހެޑް އޮފް ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް އިންސްޕެކްޓަރ ހަސަން ހަބީބު ވިދާޅުވީ މިމަހުގެ 17 ވަނަ ދުވަހުގެރޭ ދަންވަރު 2 ޖަހާކަށްހާއިރު ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަޚަމްވެފައިވާ ދެމީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިގެން އެކަމާބެހޭ މައުލޫމަތު ސާފުކުރުމުން އެއީ ގއ ކަނޑުހުޅުދޫ ބިތްދޮށުގޭ އިބްރާހީމް ހުސައިން 22އ އާއި ހދ ވައިކަރަދޫ މެދުރީގޭ ހުސައިން ރިޒާ 19އ ކަން އެނގުނު ކަމަށެވެ.

ހަބީބު ވިދާޅުވީ މިމާރާމާރީގައި އިބްރާހިމް ހުސައިންގެ ބޯމަތި މަށައިގެން ގޮސްފައިވާ ކަމަށާއި ހުސައިން ރިޒާގެ އަރިކައްޓަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަޚަމްވެފައިވާ ކަމަށެވެ.

އަނިޔާލިބުނު މީހުންނާ ހަވާލާދީ ހަބީބު ވިދާޅުވީ މިމަހުގެ 13 ވަނަ ދުވަހުގެރޭ ދަންވަރު 1:45 ގައި އަނިޔާވި ދެމީހުންނާ އިތުރު މީހަކާއެކު ސޯޝަލް ސެންޓަރުގެ ފާރުބުރިމަތީގައި މަޑުކޮށްލައިގެންތިއްބާ ސައިކަލެއްގައި ދެމީހަކުއައިސް އެތަނަށް މަޑުކޮށް ކޮންގުރޫޕަކަށް ނިސްބަތްވާ ބައެއްތޯ ސުވާލުކޮށް މާރާމާރީ ހިންގާ ވަޅިން ހަމަލާ ދިނުމަށްފަހު ދިޔައީ ކަމަށެވެ.

ހަބީބު ވިދާޅުވީ މިމައްސަލައިގައި ތުހުމަތު ކުރެވޭ އެކަކު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. މިއިން އެކަކީ ސ ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރު 18އ ކަމަށާއި މިމައްސަލައިގައި ތުހުމަތުކުރެވޭ ދެވަނަމީހާ ކަމުގައިވާ މ ނޫރުއް ސަބާހް އަބްދުލް ބާސިތު މުހައްމަދު 18އ މިހާރު ހޯދަމުން ގެންދާ ކަމަށެވެ.

ހަބީބު ވިދާޅުވީ އެރޭގެ ދަންވަރު 2:48 ހާކަށްހާއިރު އިއްޒުއްދީނުމަގުން ބަނގްލަދޭޝް ހައިކޮމިޝަން ކައިރީ އަނިޔާވެފައި އޮތް މީހަކު ވެއްޓިފައި އޮއްވާ ފުލުހުންނަށް ފެނިގެން އައިޖީއެމް ހޮސްޕިޓަލަށް ގެންދެވުނު ކަމަށައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންދެވުނު މީހަކީ ކުރިން ބުނެވުނު މާރާމާރީގައި ހޯދަމުންދިޔަ ސ ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރު 18އ ކަމަށެވެ.

ހަބީބު ވިދާޅުވީ އަހުސަން ވެއްޓިފައި އޮތްސަރަހައްދުން އެމާރާމާރީ ހިންގިކަމަށް ޝައްކުކުރެވޭ އުމުރުން 16 އަހަރުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

”އެކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އުޅުނު ވަގުތު ވަޅިއެއް ބިންމައްޗަށް ވައްޓާލާފައިވޭ. އެވަޅީގައި ލޭގެ ނިޝާންތައް ފެންނަންހުރި“ ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އަހުސަން ބަޝީރު ފުލުހުންގެ ބެލުމުގެ ދަށުގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދީ ދޫކޮށްލުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އަދި އޭނާއަށް ހަމަލަދިންކަމަށް ތުހުމަތު ކުރެވޭ 16 އަހަރުގެ ކުއްޖާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އަހުސަން ބަޝީރުގެ ހަށިގަނޑުގެ ދެތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށާއި އަހުސަން ބުނަނީ އެރޭ އޭނާގެ މަންމަ ހޮސްޕިޓަލަށް ލާފައި ގެއަށްދާން ދަނިކޮށް ފަހަތުން މީހަކުއައިސް ތޫނު އެއްޗަކުން ހަމަލާދިން ކަމަށާއި އެވަގުތު އޭނާ ދުއްވައިގަތުމުން ބަޔަކު މީހުން ފަހަތުން އައިސް ވައްޓާލުމަށްފަހު މާރާމާރީ ހިންގީ ކަމަށެވެ. ހަބީބު ވިދާޅުވީ މިހާތަނަށް ލިބުނު މައުލޫމާތަށް ބަލައިރު މިމާރާމާރީގައި މިދިޔަމަހުގެ 27 ވަނަ ދުވަހު މާރާމާރީއެއްގައި މަރުވި އަހުމަދު ޝަނީދުގެ މާރާމާރީއާ ވަރަށްބޮޑަށް ގުޅުންހުރިކަމަށް ބެލެވޭ ކަމަށެވެ.

ހަބީބު ވިދާޅުވި ހޯދި ހޯދުމުން ފެނިފައިހުރި ބައެއް ލިޔެކިޔުންތަކުން މިއީ ބަދަލު ހިފުމުގެ ގޮތުން ހިންގި މަރާމާރީއެއްކަމަށް ބެލެވޭ ކަމަށާއި ނަމަވެސް ތަހުގީގް ކުރިއަށްދާ ކަމަކަށް ވާތީ އިތުރު ތަފްސީލު ދެވެން ނެތްކަމަށެވެ.

”އެރޭގޮސް ހަމަލާ ދިން މީހުންނަކީ އަހުމަދު ޝަނީދުގެ މަރުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލައެއްކަމަށް ބެލެވޭ ހެކިތައް ލިބިފައި އެބަހުރި.“ ހަބީބް ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ މިމީހުންނަކީ ވަރަށްގިނަ މާރާމާރީތަކުގައި ބައިވެރިވެފައިވާ މީހުން ކަމަށެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv