ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ޝައިޚް ފަރީދަށްދީފި

މިއުސަމް އައްބާސް ނޮވެންބަރު 19 2008، 16:59 8 ޚިޔާލު

ކުރިން އޮތް ސަރުކާރުން ދީނީ ނަސޭހަތް ދިނުން މަނާކޮށްފައިވާ ޝޭހު އިބުރާހިމް ފަރީދު އަހުމަދަށް އަލުން ދީނީ ނަސޭހަތް އާންމު ތަންތަނުގައި ދިނުމުގެ ހުއްދަ ދެއްވައިފި އެވެ.

ފަރީދުއަށް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދެއްވާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރީދު ދީނީ ނަސޭހަތް ދިނުމުގެ ހުއްދައަށް އެދިފައި ވަނީ އާ ސަރުކާރެއް ހުވާ ކުރިތާ ދެ ދުވަހުގެ ފަހުން މިމަހުގެ 13 ވަނަ ދުވަހު އެވެ.

ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ލިބުމާ ގުޅިގެން އެންމެ ފުރަތަމަ ދީނީ ދަރުސެއް ދިނުމުގެ ގޮތުން މާދަމާރޭ އިބުރާހިމް މިސްކިތުގައި އިޝާ ނަމާދަށް ފަހު ފަރީދު ދީނީ ތަގުރީރެއް ދެއްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ފަރީދަކީ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އޮންނަ ބޭފުޅެކެވެ. އެހެން ނަމަވެސް ކުރީގެ ސަރުކާރުން އެހާ މަގުބޫލު ބޭފުޅަކަށް ނުވުމާއި ގުޅިގެން 2003 ވަނަ އަހަރު އެ ހުއްދަ ބާތިލް ކުރައްވާފައިވާ ބޭފުޅެކެވެ. އެއަށް ފަހު އެކި ތަންތަނުގައި ދީނީ ނަސޭހަތް ދިނުމުގެ ކުށުގައި އޭނާގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއްވެސް ކޮށްފައެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. އަޅެ، މިހާރުވެސް ހުއްދަ ހޯދަން ޖެހޭތަ؟ އަނެއް ދިވެހިރާއްޖޭގަ ކޮންމެހެން ހުއްދަ ހޯދާކަށް ނުޖެހޭނެކަންނޭނގެ. އެމީހަކީ ދީނީ ޢިލްމުވެރިއެއްކަމަށް އެމީހަކަށް ޤަބޫލުކުރެވުނީމާ އެވީ ދީނީ ތަޤުރީރު ދޭން. އޯކޭނު ދޯ

    ބުދަ، ނޮވެންބަރު 19 2008، 19:25
  2. ވަރަށް ރަނގަޅު. ދީނީ ޢިލްމުވެރިންނަށް ފުރުސަތު ދޭންޖެހޭނެ. ފަރީދުމެންނަކީ އެއްވެސް ޖެހިލުމެއްނެތި ދީނީ ހިޔާލުތަށް ފާޅުކުރަމުން ދިޔަ ބޭފުޅެއް. ދީނީ ހަމަތަކާއި އުސޫލުތައް ދަންނަ ބޭފުޅެއް. އަޑުއަހާ ބޭފުޅުންނަށް އެނގޭނޭހެން ދަރުސް ދެއްވާ ބޭފުޅެއް. އަޅުގަނޑު އުއްމީދުކުރަނީ މިއަދުގެ ސަރުކާރުން ފަރީދުމެން ފަދަ ބޭފުޅުންނަށް އަނިޔާވެރި ސަރުކާރުން ކަންތައް ކުރާ ގޮތައް ކަންތައް ނުކުރުމަށް === ކުޑަހުވަދޫ ބޭފުޅެއް=========

    ބުދަ، ނޮވެންބަރު 19 2008، 21:50
  3. އޭނާ ދީފައިހުރި ދީނީ ނަސޭހަތުގެ ސަބަބުން ރާއްޖޭގައި އެކިކަންކޮޅު ތަކުގައި ދީނީ ހިލާފުތައް އުފެދިފައިވޭ މިފަދަ މީހަކަށް އަނެއްކާ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދިނުމަކީ އެއްވެސް ހާލެއްގައި ކޮށްގެން ވާނެކަމެއް ނޫން، ހަމަ ހަތަރު ހަލީފާއިންވެސް ދީނުގެ އެކިކަންތައްތައް އޮންނަ ގޮތް ތަފާތުކޮށް ބުނޭ އަދި އެހުރިހާގޮތަކީވެސް ރަގަނޅު ގޮތް އެކަމަކު އެތަނުންވެސް ކޮންމެވެސް އެއް ހަލީފާއެއް ބުނާގޮތަށް މިހާތަނަށް ރާއްޖޭގައި އަމަލުކުރަމުން ދިޔައީ، ނަމަވެސް ތަފާތު އެކިތަންތަނުން ކިޔަވައިގެން ރާއްޖެ އައިސް ތަފާތު ހިޔާލުތައް ފާޅުކޮށް ތަފާތު ނަސޭހަތް ދިނުމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަން މިހާރު މިވާނީ ގެއްލިފައި

    ބުދަ، ނޮވެންބަރު 19 2008، 22:40
  4. ފަރީދަކީ ޑޮޓުން އުފެއްދުމުގެ މޭސްތެރި. އޭނާއަކީ ހައްދުފަހަނައަޅާފައިވާ މީހަކަށްވާތީ ސަރުކާރުން އޭނާއަށް ދެއްވި ހުއްދައާއިމެދު ހިތާމަކުރަން. އަނެއްކޮޅުން ފަރީދަކީ މަބޑޮކަށް ދީން ދަންނަވެސް މީހެއްނޫން. އެހެންވެއްޖެއްޔާ އިބްރާހިމް ރަސީދު މޫސާއަކީވެސް ދީނި އިލްމުވެރިއަކަށްވާނެ. އަރަބި ބަސް އެނގުމަކީ ދީނީ ބޮޑު މުފްތީއަކަށް ވުމެއްނޫން. ބަލަން ތިބޭތި ހަމަހިމޭން ވެފައި މިއޮތް މޖުތަމަޢު ހަލަބޮލި ކޮށްލާނެ އޭނާގެ ފަތުވާތަކުން. އީދު މިސްކިތުގައި ހުކުރު ކުރުމާއި މިނޫން މަންޒަރު ފެންނާނެ.

    ބުރާސްފަތި، ނޮވެންބަރު 20 2008، 11:59
  5. ބަލަ މިހާރު އެއްކަލަ ހުޅުވިފައިވާ ސިޔާސަތު ކޮބާ؟ ހުއްދަ ނަގައިގެން ނޫނީ ދީނީ ނަސޭހަތެއް ނުދެވޭނެތަ؟ މައުމޫނުގެ ސަރުކާރުގައިވެސް އޮތީ އެހެން. ކޮބާ ތަފާތަކީ؟ ދެން ދެކޮޅު ޖައްސަން ކޮންމެވެސް އާޔަތަކާ ހަދީސަކާ ކިޔާލާތި.

    ބުރާސްފަތި، ނޮވެންބަރު 20 2008، 15:03
  6. ނޫން! ނޫން!ތުބުޅިލާފަ ފައިކުރި ކުރިއްޔާ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދޭން ކޮންމެހެން ޖެހޭނެ. އަދިވެސް ރާއްޖޭގެ ހުރިހާ މިސްކިތެއްގެ މުދިމްކަމަށް ތުބުޅިލީ އެންމެންނަކަށް ނުދެވޭނު! އެކައްޗެއް ނޭގުނަސް ހުރިހާ މިސްކިތެއްގައި ތިބެންޖެހޭނީ ތުބުޅިލީ ފައިކުރި ކުރުކޮށް ތިބޭ މީހުން، އެއީ އަހަރެން އެދޭގޮތް.

    ބުރާސްފަތި، ނޮވެންބަރު 20 2008، 20:33
  7. ދީން ނޭނގި އަދި ތަންދޮރު ނޭގި ތިބެ ދީނީ ޚިލާފު އުފެއްދީ މިވެނި މީހެކޭ މީހާރު ބުނަމުންދާ އަމިއްލަ ނަފްސާމެދު ވިސްނާ ތިމަންނާގެ އިސްލާމް ކަން ހުރީ ކިހާ މިންވަރެއްގައިތޯއާއި ތިމާއަކީ ފުރިހަމަ މުސްލިމެއްކަން ކޮމެންޓް ދިނުމުގެ ކުރިން ވިސްނާލުން މާބުއްދިވެރިއެވެ. އައްޝައިޚް ފަރީދުއަކީ ދިވެހިރާއްޖެ ދުށް އެންމެ މަތީ އެއް ޢިލްމްވެރިއެކެވެ. ޢިލްމާނީއެއް ނޫނެވެ. މިޤައުމުގައި އަމިއްލަ އެދުމަށް އެތަށް ޢިލްމާނީންނާއި މުޝްތަޝްރިގުން ދީނާއި ޚިލާފަށް މަސައްކަތް ކުރަމުންދާކަމީ ވަންހަނާވެފައިވާ ކަމެއްނޫނެވެ. ފަރީދު ޚިލާފް އުފެއްދިކަމަށް އެގޮވަމުންދާ މީހުންނަކީ މިޤައުމު ސެކިއުލަރ ނުވަތަ ޢިލްމާނީ ޤައުމަކަށް ހެދުމަށް ގޮވާލަމުންދާމީހުންނެވެ.

    ހުކުރު، ނޮވެންބަރު 21 2008، 01:44
  8. ރާއްޖޭގައި މިހާރުގަވެސް އަދި ކުރީގަވެސް ދީނީ ކަންތަކުގަ ގިނަ މީހުން އަމަލުކުރަމުން ގެންދިޔައީ ޝާފީގެފާނު އުޅުއްވި ނުވަތަ ޝާފީގެފާނު މަޒްހަބަށް.

    ހުކުރު، ނޮވެންބަރު 21 2008، 08:25
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv