މަރަޑޯނާގެ ފުރަތަމަ މެޗު ހަނިގޮތަކަށް ކާމިޔާބުކޮށްފި

މުބާރިކް ރަފީއު ނޮވެންބަރު 19 2008، 13:21 0 ޚިޔާލު

އާޖެންޓީނާގެ ކޯޗުކަމުގައި ޑިއޭގޯ މަރަޑޯނާ ހުރެގެން އެޓީމު ކުޅުނު ފުރަތަމަ މެޗު 1-0 އިން ކާމިޔާބުކޮށްފިއެވެ.

ރޭ ސްކޮޓްލެންޑާއި ދެކޮޅަށް ގްލާސްގޯގައި ކުޅެވުނު މިމެޗުގެ ހަމަ އެކަނި ގޯލު މަރަޑޯނާގެ ޓީމަށް ޖަހައިދިނީ މަކްސީ ރޮޑްރިގޭޒްއެވެ. މިމެޗުގައި އާޖެންޓީނާގެ ނުރައްކާތެރި ފޯވަޑް މެސީ އާއި ސާޖިއޯ އަގޭރޯއެއްވެސް ނުކުޅެއެވެ. މެސީ އަށް ރިލީސް ނުލިބުނު އިރު އަގޭރޯގެ ދަރިއަކަށް ބަލިވެ އިން އޭނާގެ ލޯބިވެރިޔާ ހޮސްޕިޓަލަށް ގެންދިއުމުން އޭނާ ވަނީ ޕްރެކްޓިސް މެދުކަނޑާލާފައި އެނބުރި ސްޕޭނަށް ގޮސްފައެވެ. އަގޭރޯ ގެ ލޯބިވެރިޔާ އަކީ މަރަޑޮނާގެ ދަރިއެކެވެ. މަރަޑޮނާވެސް މެޗު ދޫކޮށްލާފައި ސްޕޭނަށް ދާން އުޅުނު ކަމަށް ވެއެވެ. ނަމަވެސް އޭނާޣެ ދަރިފުޅުގެ އެދުމުގެ މަތިން އޭނާ މަޑުކުރީ ކަމަށް މަރަޑޯނާ ބުންޏެވެ.

ރޭގެ މެޗު ކުޅެވުނު ވަގުތު ދެތިން ފަހަރަކު ޓީމަށް އިޝާރާތް ކޮށްލުން ފިޔަވައި މާ ބޮޑު ހަރަކާތެއް މަރަޑޮނާގެ ފަރާތުން ނުފެނެއެވެ. އާޖެންޓީނާ ލަނޑު ޖެހުމުންވެސް މާ ބޮޑު އުފާ ވެރިކަމެއްވެސް އޭނާގެ ފަރާތަކުން ނުފެނެއެވެ. ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިންގައި އާޖެންޓީނާ މިވަގުތު އޮތީ ހަތަރުވަނައިގައި ކަމުން މަރަޑޯނާ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މީ ކަމަށް ގަބޫލުކުރެވެއެވެ.

ރޭގެ މެޗު ކުޅެވުނު ދަނޑަކީ މަރަޑޯނާ ކުޅުންތެރިއެއްގެ ގޮތުގައިވެސް އެންމެ ފުރަތަމަ މެޗެއް ކުޅުނު ދަނޑެވެ. އަދި އޭނާގެ ފުރަތަމަ ބައިނަލް އަގުވާމީ ގޯލްވެސް ކާމިޔާބުކުރި ދަނޑެވެ.

ރޭގެ މެޗުގައި ސްކޮޓްލެންޑްގެ އެސިސްޓެންޓް ކޯޗަކަށް ހުރީ 1986 ވަނަ އަހަރުގެ ވޯލްޑްކަޕްގައި މަރަޑޯނާ އިންގްލެންޑްކޮޅަށް އަތުން ގޯލް ޖެހިއިރު އިނގެރޭސި ޓީމުގެ ޑިފެންޑަރަކަށް ހުރި ކުޅުންތެރިއެކެވެ. މަރަޑޯނާ ފަހުން ބުނެފައިވަނީ އެގޯލް ޖެހީ "ކަލާންގެ އަތުން" ކަމަށެވެ.—އޭޕީ


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv