އިޓަލީ ޑްރޯވިއަސް ލިއްޕީގެ ނަން ރެކޯޑު ފޮތްތަކަށް

މުބާރިކް ރަފީއު ނޮވެންބަރު 19 2008، 13:18 0 ޚިޔާލު

އެކުވެރިކަމުގެ މެޗެއްގައި ރޭ އިޓަލީ އާއި ގްރީސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.

ގްރީސްގައި ކުޅެވުނު މިމެޗުގެ ކުރީކޮޅު ރަށު ޓީމުން ލީޑު ނަގާފައިވަނިކޮށް މެހެމާނުންނަށް އެއްވަރުކޮށްދިނީ ޑިރޮސީގެ ހިލޭޖެހުމަކުން ލުކަޓޯނީއެވެ. ހުރިހާ ގޮތަކުންވެސް ރޭ އިޓަލީ މޮޅަށް ކުޅުނު ނަމަވެސް ގްރީސްގެ ގޯލް ކީޕަރުގެ ހުޝިޔާރުކަމުން އެޓީމަށް އިތުރު ގޯލެއް ނުޖެހުނީއެވެ.

ރޭގެ މެޗަކީ ލިއްޕީ އިޓަލީގެ ކޯޗުކަމުގައި ބަލިނުވެ ހަމަކުރި 31 ވަނަ މެޗެވެ. ގައުމީ ޓީމާއި އެކު މިހާ ހިސާބަށް ދެވިފައިވަނީ ހަމަ އެންމެ ދެ ކޯޗުންނަށެވެ. އެއީ އާޖެންޓީނާގެ ކުރީގެ ކޯޗު އަލްފިއޯ ބެސިއްލޭ އަށާއި ސްޕޭނުގެ ކުރީގެ ކޯޗު ކްލެމެންޓޭއަށެވެ.

"މިކަމާއި މެދު ވިސްނޭތާ ދުވަސްކޮޅެއްވެއްޖެ، އެކަމަކު މީގައި އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބުނީ ވޯލްޑް ކަޕު ލިބުމުން" އުފާވެފައިހުރި ލިއްޕީ ބުންޏެވެ. "ކުރިއަށް ހުރި މެޗުތަކާއި މެދުވެސް އަހަރެން ދެކެނީ އުއްމީދާއެކު"

ލިއްޕީ ބުނީ އިޓަލީ ޓީމުގެ ފުރަތަމަ އެގާރައިހައި ރޭ ހިމެނުނު ގުއިސެއްޕެ ރޮސީ އަކީ މުސްތަގުބަލުގައި ވަރަށް މޮޅު ކުޅުންތެރިއަކަށް ވާނެ ފޯވަޑެއް ކަމަށެވެ.—އޭޕީ


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv