ސްޕޭނަކަށް ހުއްޓުމެއް ނެތް
އެކުވެރިކަމުގެ މެޗެއްގައި ރޭ ޔޫރަޕްގެ ޗެމްޕިއަން ސްޕޭނާއި ދެކުނު އެމެރިކާގެ ޗިލީ ބައްދަލުކުރި މެޗު 3-0 އިން ސްޕޭން ކާމިޔާބުކޮށްފިއެވެ.
ސްޕޭނުގެ ވިލަރެއާލުގެ ދަނޑުގައި ކުޅެވުނު މިމެޗުގައި އެޓީމަށް ލަނޑު ޖަހައިދިނީ ވިޔާ، ޓޮރޭޒް އަދި ކަޒޯލާއެވެ. ވިޔާގެ ގޯލަކީ އެޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރި ގޯލެކެވެ. ޓީވީ ރިޕްލޭ އިން ފެނުނު ގޮތުގައި މީ ވަރަށް ބޭއިންސާފުން ސްޕޭނަށް ލިބުނު ޕެނަލްޓީއެކެވެ.
ރޭގެ މެޗާއި އެކު ސްޕޭން ވަނީ ބަލިނުވެ 28 މެޗު ހަމަކޮށްފައެވެ. އެޓީމު އެންމެ ފަހުން ބަލިވެފައިވަނީ ވޭތުވެދިޔަ އަހަރުގެ ނޮވެމްބަރ މަހު ރޫމޭނިއާ އަތުންނެވެ. ވޯލްޑް ކަޕް ކޮލިފައިންގައި އެޓީމު މިހާތަނަށް ކުޅުނު 4 މެޗުގެ ތެރެއިން 4 މެޗުން މޮޅުވެފައިވެއެވެ.
އެކުވެރިކަމުގެ މެޗެއްގައި ރޭ ހޮލެންޑާއި ސްވިޑްން ބައްދަލުކުރި މެޗު 3-0 އިން ކާމިޔާބުކުރީ ހޮލެންޑެވެ. އެޓީމުގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖަހައިދިނީ އާސެނަލްގެ ވެންޕާސީއެވެ.—ރޮއިޓާސް