17 އަހަރުންދަށުގެ ކްރިކެޓް ޓީމުގެ ހަ ކުޅުންތެރިއަކު އުމުރު ހަމަވެފައިވާ ކަމަށް ބުނެ ސަސްޕެންޑްކޮށްފި
ތައިލެންޑްގައި މިހާރު ކުރިއަށްދާ އޭ ސީ ސީ 17 އަހަރުންދަށުގެ ކްރިކެޓް މުބާރާތުގައި ވާދަކުރުމަށް އެ ޤައުމަށް ގޮސްތިބި ރާއްޖޭގެ ޓީމުގެ 6 ކުޅުންތެރިއަކު އުމުރުން ދޮށީކަމަށް އޭ ސީ ސީން ހެދި އެކްސްރޭ އަކުން ދެއްކުމުން އެ ކުޅުންތެރިން ސަސްޕެންޑްކޮށްފި އެވެ.
ކްރިކެޓް ކޮންޓްރޯލު ބޯޑުގެ ޕްރެޒިޑެންޓް އަހްމަދު ހަސަން ދީދީ ވިދާޅުވީ ރާއްޖޭގެ ޓީމުގައި ހިމެނޭ 14 ކުޅުންތެރިންގެ ތެރެއިން 6 ކުޅުންތެރިއަކު އެކްސްރޭ ނެގުމުން އުމުރުން ބޮޑުކަމަށް ދައްކާފައިވާ ކަމަށެވެ. ”އެކަމަކު އެމީހުންގެ ޕާސްޕޯޓާއި އަދި އައި ޑީކާޑުގައިވެސް އުމުރު ހަމަނުވާ ކަމަށް ތިބި ކުދިން އެއީ. އޮޅުވާލައިގެން އެއްވެސް ކުއްޖަކު މުބާރާތަށް ފޮނުވާފައެއް ނޯންނާނެ. ނަމަވެސް އެމީހުން މި ހަދަނީ މުޅިން އެހެން ކަހަލަ ޓެސްޓެއް. އެއީ އެކްސްރޭއެއް ނަގައިގެން ހަދާ ޓެސްޓެއް. އެ ޓެސްޓް ހެދީމަ 6 ކުޅުންތެރިން އުމުރު ބޮޑުކަމަށް ދެއްކީ“ އަހައްމައިދީ ވިދާޅުވީ އެ ކުޅުންތެރިން މުބާރާތުން ސަސްޕެންޑްކޮށްފައިވިއަސް ޓީމު ކުޅެމުން ދަނީ އެ ކުޅުންތެރިން ހިމަނައިގެން ކަމަށެވެ. ”އެމީހުން ނުލާ ޓީމު ހަމައެއް ނުވާނެ. އެހެންވެ އެމީހުން ލައިގެން ދެމެޗުގައިވެސް އެ ކުޅުނީ. އެކަމަކު ފަހުން ޑރ. ޕަޔަސް ވަޑައިގެން އަދި އިތުރު ޓެސްޓެއް އެމީހުންގެ ހަދާނެ. އެޓެސްޓުން މި ކުޅުންތެރިން އުމުރު ބޮޑުކަމަށް ދައްކައިފިނަމަ ރާއްޖޭގެ ޓީމު ކުޅެފަ ހުރި މެޗުތައް ޑިސްކޮލިފައިކުރާނެ.“ އަހައްމައިދީ ވިދާޅުވިއެވެ.
އަހައްމައިދީ ވިދާޅުވީ އެމީހުން އެދުނު އެދުމެއްގެ މަތިން ރާއްޖެއިންވެސް އެކްސްރޭ ނެގުމަށްފަހު ފޮނުވި ކަމަށާއި އެހެން ނަމަވެސް މިމަހުގެ 14 ވަނަ ދުވަހު އެ ނުލިބޭކަމަށް ބުނެ މެއިލެއް ފޮނުވި ކަމަށް އެމީހުން ބުނާ ކަމަށެވެ. ”އެކަމަކު ނެތް އެ މެއިލެއް ލިބިފައެއް.“ އަހައްމައިދީ ވިދާޅުވިއެވެ.
އަހައްމައިދީ ވިދާޅުވީ މިކަންތައް މިގޮތަށް ހިނގުމުން އިތުރު ހައްލެއް ފެނޭތޯ ވައިސް ޕްރެޒިޑެންޓް ފަރުހަތު ޖަލީލު ރޭ ތައިލެންޑަށް ވަޑައިގެންފައިވާ ކަމަށެވެ. ”ފަރޫ ވަޑައިގެންނެވީ އެކޮޅުގައި އޮތް ބައްދަލުވުމަކާ އެއްކޮށް. އެކަމަކު މިކަމުގައި ފަރޫ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ.“ އަހައްމައިދީ ވިދާޅުވީ މިކަމުގައި ރާއްޖެއިން އޭ ސީ ސީއަށް އެޕީލް ކުރާނެ ކަމަށެވެ.
އުމުރު ހަމަވެފައިވާ ކަމަށް ބުނެ ސަސްޕެންޑްކޮށްފައިވާ 6 ކުޅުންތެރިންނަކީ ޓީމުގެ އެންމެ މޮޅު ކުޅުންތެރިން ކަމަށް އަހައްމައިދީ ވިދާޅުވިއެވެ. އެ ކުޅުންތެރިންނަކީ އަހްމަދު އީވާން, މުހައްމަދު ޒައިލަމް, މުހައްމަދު އަކްރަމް, އަހްމަދު ޝީހާމް, ނާހިދު ނިޒާރު އަދި އިބްރާހީމް މަސްކޫރެވެ.
ކްރިކެޓް އެސޯސިއޭޝަންގެ ހަޒާންދާރު އަބްދުﷲ ޝަފީއު (އޮފްބެ) ވިދާޅުވީ މިއީ މުޅިން އަލަށް ޓެސްޓް ކުރަން ފެށި ގޮތެއް ކަމަށާއި މައްސަލައަކީ ބަހުރޭން ފަދަ ޓީމުތަކުން ލަންކާ އިންޑިއާ އަދި ޕާކިސްތާން ފަދަ ޤައުމުތަކުގެ ކުޅުންތެރިން ލައްވާ ކުޅުވުން ކަމަށެވެ. ” މާ އުމުރުން ބޮޑެތި މީހުން ޕާސްޕޯޓް އޮޅުވާލައިގެން ކުޅުވަނީ. ބޮޑު މީހަކު ކުޑަކުއްޖަކު ގައިގަ ޖެހީމަ ކުޑަ ކުއްޖާއަށް ތަދުވާނެތާ. އެކަމަކު އެވަރުގެ ކުއްޖަކު ޖެހީމަ ތަދުވާނީ ކުޑަކޮށެއްނު. އެހެންވެ މާ ބޮޑެތި މީހުން އަންނާތީ އެކަންތައް ހުއްޓުވަންވެގެން އަތުގެ ކަށިކޮޅަކުން އެމީހުން ނަގާ އެކްސްރޭއެއް އެއީ. އޭތި ރެންޑަމްކޮށް ނެގީވެސް. ނަގައިގެން އަހަރެމެންގެ ކުޅުންތެރިން ފޭލްވީ.“ އޮފްބެ ވިދާޅުވިއެވެ.