ފަޅުރަށެއްގައި ގާއިމުކުރާ ޔުނިވާސިޓީ

އަންވަރު އިބްރާހިމް ނޮވެންބަރު 17 2008، 09:05 11 ޚިޔާލު

މާލެ ތޮއްޖެހި, ފުރި ބަންޑުން ވަނީއެވެ. އޯލެވެލް އާއި އޭލެވެލް ހަދާ ނިންމާ ކުދިން ގިނަވަނީ އެވެ. މަތީ ތައުލީމަށް އޮތް ފުރުސަތު ފުޅާކުރުމަށް ގައުމީ ފެންވަރެއްގައި ވިސްނަމުން ގެންދަނީ އެވެ. މި ވިސްނުމުގެ ކުންނުގައި އުޅެނީ ޔުނިވާސިޓީ އުފެއްދުމުގެ ވާހަކައެވެ. އެވާހަކަ އަހަރެން ހިއްސާކުރީ މިހާރު ކޮލެޖްގައި ކިޔަވަމުން ގެންދާ ދަރިވަރަކާ އެވެ. އޭނާ ދެއްކި ވާހަކަ ކިހާ ހެއްވާ ހެއްޔެވެ؟

ޔުނިވާސިޓީ އަޅާނީ ކޮން ބިމެއްގައި, ކޮންގޮތަކަށް ބާއެވެ؟ މިކުޑަކުޑަ މާލޭގައި ބާއެވެ؟ ތޮއްޖެހިފައިވާ މި މާހައުލުގައި ބާއެވެ؟ ކޮލެޖް އިމާރާތުގައި ‘ޔުނިވާސިޓީ’ނަން ބޯޑެއް އަޅުވާފައި, މާލޭގެ އެކި އަވަށްތަކުގައި ފެކަލްޓީތައް ހުރުމަކީ މައްސަލައެއް ނޫންބާއެވެ؟ ކުއްލިޔާއްވެސް ޔުނިވާސިޓީ ދަށަށް ގެނެސް, ބޮޑެތިހެން ހީވާ ރަށް ރަށުގައި ކޮލެޖްގެ ގޮފިތައް ފަތުރާލީމާ ވީދޯއެވެ؟ ޔުނިވާސިޓީ ގާއިމް ކުރުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ އެއީ އެވެ. ދަރިވަރުގެ ވާހަކަ ހުރީ މިގޮތަށެވެ. އެއީ އޭނާގެ ވިސްނުމެވެ. ޚިޔާލަކީ ތަފާތު އެއްޗެކެވެ.

އަނެއްކާވެސް އޭނާ ފެށިއެވެ. މި މާލޭގައި ޔުނިވާސިޓީއެއް ގާއިމް ކުރުމަކީ އެކަމުން އިތުރު މައްސަލަތަކެއް ކުރިމަތި ނުވާނެ ކަމެއްބާއެވެ؟ އަދިވެސް ސަރުކާރުގެ ސިޔާސަތަކީ ހުރިހާ އެންމެން މާލެއަށް ޖަމާކުރުން ބާއެވެ؟ އޮތިއްޔާ އޮތްކަމެއް, ވަންޏާ ވާހާ ކަމެއް ކުރަން މިނޫން ތަނެއް ހަމަ ނުފެނުނީ ބާއެވެ؟ ދަރިވަރުގެ ވާހަކައިން ހީވީ އެނޫން ކިތަންމެ ތަނެއް ހުރިކަމަށެވެ. އެހެންވެ އަހަރެން ބޭނުންވީ މާލޭގައި ޔުނިވާސިޓީ ހިންގުމަށް އެ ދަރިވަރު ދެކޮޅު ހަދާ ސަބަބުތައް ބަލާލާށެވެ.

އެއްކަމަކީ މާލޭގެ އާބާދީގެ މައްސަލައެވެ. އަނެއްކަމަކީ ޔުނިވާސިޓީގެ ފެކަލްޓީތަކަށް އެކަށީގެންވާ ބިން ލިބިދާނެ ކަމާމެދު އުފެދޭ ސުވާލެވެ. އަނެއްކަމަކީ މުސްތަގުބަލުގެ އުންމީދު ތަކަށް ޔުނިވާސިޓީ ފުޅާކުރަން ބަލާއިރު އެކަން ކުރުމަށް ހުރި ގޮންޖެހުން ތަކެވެ. މިކަހަލަ ކިތަންމެ ކަމެކެވެ. އޭނާ އެހުރިހާ ކަމެއް އަމުނާލީ އެންމެ ނޭވާއަކުން ނެވެ. ހީވީ ކުރިން މީހަކަށް ދީފައި އޮތް ޖަވާބެއް ހެންނެވެ.

ކޮލެޖް ދަރިވަރުގެ ވިސްނުން ހުރީ މާލެ ނޫން ރަށެއްގައި ނުވަތަ ފަޅު ރަށެއްގައި ޔުނިވާސިޓީގެ ވެއްޓެއް ގާއިމް ކުރާށެވެ.

އޭރުން ކޮލެޖް ދަރިވަރުން ކުޅެލާނެ ތަންކޮޅެއް ނެތިގެން އުޅޭކަށް ނުޖެހޭނެ އެވެ. ތަމްރީނު ހެދުމަށް ހުސް ބިމެއް ނުލިބޭތީ އެޝަކުވާ ކުރާކަށް ނުޖެހޭނެ އެވެ. ކަންކަން ހިންގަން ބޭނުންވާ ގޮތަށް ނުހިންގިގެން ތިބޭކަށްވެސް ނުޖެހޭނެ އެވެ. ބޭނުންވާ ގޮތަށް ކަންކަން އިންތިޒާމް ނުކުރެވިގެން އުޅޭކަށްވެސް ނުޖެހޭނެ އެވެ. މުބާރާތްތަކާއި ހަރަކާތްތައް އިންތިޒާމް ކުރެވޭނެ މަގު ނުފެނިގެން ކުދިންގެ ޝަކުވާތަކަށް ބީރު ކަންފަތެއް ދޭކަށްވެސް ނުޖެހޭނެ އެވެ. ފަޅު ރަށެއްގައި ނުވަތަ ބިން ބޮޑު ރަށެއްގައި ޔުނިވާސިޓީ ގާއިމްކޮށް, ވިސްނުން ތެރިކަމާއެކު ޕްލޭން ތަކެއް ރޭވިއްޖެނަމަ މާލޭގައި މިހުރި ކޮލެޖްގެ ހުރިހާ އިމާރާތެއްގައި ހިނގާ ހުރިހާކަމެއް އެއް ރަށަށް ބަދަލު ކުރުމަކީ ނުވާނެ ކަމެއް ނޫނެވެ. އެދަރިވަރު ދިޔައީ ހިތުގައި ހުރި ޝަކުވާތައްވެސް ލިބުނު ފުރުސަތުގައި އަމުނަމުން ނެވެ.

އޭރުން މާލޭގައި މިހުރި ކޮލެޖްގެ އިމާރާތްތައް ސަރުކާރުގެ އެހެން ބޭނުންތަކަށް ނެގިދާނެ އެވެ. ސްކޫލުތައް ހިންގުމަށާއި މިނިސްޓްރީތައް ހިންގުމުގައި އެތަން ތަނުގެ ބޭނުން ކުރެވިދާނެ އެވެ. އާ ތަންތަން އެޅުމުގެ ބަދަލުގައި އެއީވެސް ކުރެވިދާނެ ކަންކަމެވެ. މުސްކުޅި ޖަމާލުއްދީން ބިމުގައި ޕާކެއް ހަދަން ބޭނުން ނަމަ އޭރުން އެކަންވެސް ކުރެވިދާނެ އެވެ.

ކޮލެޖް ދަރިވަރު ދެއްކީ ތާކުންތާކު ނުޖެހޭ ވާހަކަ ތަކެއް ނޫނެވެ. އެކަމަކު ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އަހަރެން ދެބަސްވި ކަންތައްތަކެއްވެސް އެބަހުއްޓެވެ. ފަޅު ރަށެއްގައި ޔުނިވާސިޓީގެ އިމާރާތްތައް ގާއިމް ކުރާނަމަ އަސާސީ ޚިދުމަތްތަކަށް ހުރަސް ނޭޅޭނެ ބާއެވެ؟ އެ ހުރިހާ ޚިދުމަތެއް ފަސޭހަ ކަމާއެކު ގާއިމް ކުރެވިދާނެ ބާއެވެ؟ މީހުން އުޅޭ ބިންބޮޑު ރަށެއްގައި ޔުނިވާސިޓީގެ މާހައުލެއް ގާއިމް ކުރުމާއި, ފަޅު ރަށެއްގައި އެކަހަލަ މާހައުލެއް ގާއިމް ކުރުމާ ތަފާތު ތަކެއް އެބަހުއްޓެވެ.

ފަޅު ރަށެއްގައި ޔުނިވާސިޓީ އަޅައިފިނަމަ އެތަން ވާނީ ދުނިޔޭގައި ހުރި އެންމެ އެކަހެރިކަން ބޮޑު ޔުނިވާސިޓީ އަށެވެ. އެންމެ އަމާން ވެއްޓެއްގައި ހުރި ޔުނިވާސިޓީ އަށެވެ. އެންމެ ކުޑަ ރަށެއްގައި ހުރި ޔުނިވާސިޓީ އަށެވެ. އެމަންޒިލް އިސްތިހާރު ކުރުމަކީ ނުކުރެވޭނެ ކަމެއް ނޫނެވެ. ލެކްޗަރަރުންނާއި ޕްރޮފެސަރުން ހޯދުމަކީ ނުވާނެ ކަމެއް ނޫނެވެ. އޭރުން އަންނަން ބޭނުންވާ ބަޔަކު އަންނަ ހިތުންވެސް އަންނާނެ އެވެ. މާހައުލު އެނގުމުންވެސް އަންނަ ހިތްވާނެ އެވެ. އެމީހުންނަށް އެކަށީގެންވާ ވެއްޓެއް ގާއިމް ކުރެވިދާނެ އެވެ. އޭރުން މުޅި މިސަރަހައްދުގައިވެސް އެންމެ މަޝްހޫރު ޔުނިވާސިޓީއަކަށް ވަނީ މި ކުޑަ ކުޑަ ގައުމުގައި ހުރި ޔުނިވާސިޓީ އެވެ.

އަޅެ ބުނެބަލާށެވެ! މިއީ ހެއްވާ ވާހަކަތަކެއް ނޫން ހެއްޔެވެ؟ މިޒާތުގެ ވާހަކަތައް އަޑުއަހާނީ ކާކު ހެއްޔެވެ؟ ފަޅު ރަށެއްގައި ޔުނިވާސިޓީއެއް ގާއިމް ކުރާނެ ހެއްޔެވެ؟ އެކަމަކު މިކަހަލަ ފޮނި ޚިޔާލުތައްވެސް ހިތްހަމަ ޖައްސާލުމަށްޓަކާ ފުދެއެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ތިޔަ ވިދާޅުވާ ދަރިވަރުގެ ޚިޔާލާއި އަޅުގަޑު ތާއީދެވެ. ސަބަބަކީ އަޅުގަޑުވެސް ފެކަލްޓީއެއްގައި ކިޔެވިއިރު ދިމާވި މައްސަލަތަކާހުރެއެވެ. މިހާރުގެ ހާލަތުއޮތް ގޮތުން ކިޔެވުމާއި އާއްމު ދިރިއުޅުމުގެ ކަންކަމާއި ވަނީ ގުޅިލާމެހިފައެވެ. މީގެ ސަބަބުން ކިޔެވުމަށް ހޭދަކުރެވޭ ވަގުތު ވަރަށް މަދެވެ. ތިޔަ ފަދަގޮތަކަށް އިންތިޒާމްތައް ހަމަޖެހިއްޖެނަމަ ސްޓްރެސް ފްރީ އެންވާރަމަންޓެއް ކިޔެވުމަށް ލިބޭނެއެވެ. ވަރަށްވެސް ބިނާކުރެނެވި ޚިޔާލެކެވެ. ހަގީގަތަކަށް ވެއްޖެނަމަ ވަރަށްވެސް ފުރިހަމައެވެ....

    ހޯމަ، ނޮވެންބަރު 17 2008، 09:47
  2. ބަލަގަ ވޯޓް ދެއްވީ އައު ދިވެހިރާއްޖެ ބަލަން ނޫންތޯއެވެ.އައު ދިވެހިރާޖޭގައި ހުންނާނީ އައު ގޮތްތަކެވެ.

    ހޯމަ، ނޮވެންބަރު 17 2008، 10:20
  3. ނުވާނެ ތިކަމެއް

    ހޯމަ، ނޮވެންބަރު 17 2008، 11:04
  4. ޔުނިވާސީޓީ އުފައްދައި ހިންގުމަކީ އަދި އެހާފަސޭހަކަމެއްނުން މެލޭޝިޔާގައިވެސް ޔުނިވާސިޓީ އުފައްދައި ހިންގަން އޮސްޓުރޭލިޔާގެ މޮނާޝް ޔުނިވާސިޓީއަށް ދައުވަތު ދީގެން ގެނެސް ޔުނިވާސިޓީ އުފެއްދި. އަދިއެހެނިހެން ޔުނިވާސިޓީ ތަކާއި ގުލިގެން ހިންގި.

    ހޯމަ، ނޮވެންބަރު 17 2008، 11:20
  5. ލިޔުންތެރިޔާގެ ޚިޔާލުވެސް އަދި ތި ވިދާޅުވާ ދަރިވަރުގެ ޚިޔާލުވެސް އަޅުގަނދަށްކަމަކު ނުދެއެވެ. ސަބަކީ އަތޮޅުތެރޭގައި ތިކަން ކުރަން އުޅެފިނަމަ އަދި އިތުރަށް ދިހައެއް ނޫނީ ވިހި އަހަރު ތިޔަކަމަށް ހޭދަވާނެކަމަށް ފެންނާތީއެވެ. ޔުނިވަރސިޓީ އެހެން ރަށެއްގައި އެޅުމަކީ މައްސަލައެއް ނޫނެވެ. އަދި މާލޭގެ ބަިބޯ އާބާދީ ލުއި ކުރުމަށްވެސް ކުރަން ރަގަޅު ކަމެކެވެ. ނަމަވެސް އެހެން ރަށެއްގައި ޔުނިވަރސިޓީގެ ހުރިހާ ފެޒިލިޓީއެއް ގާއިމް ކުރަން އަދި ހާދަ ގިނަދުވަހެއް ނަގާނެހެން ހީވެއެވެ. އަދި މީގެ އިތުރުން ކިޔަވައިދޭނެ މީހުން ހޯދުމަކީވެސް އެހާ ދަތި ކަމަކަށް ވބާނެކަން ޔަގީނެވެ. މިހެން މިދެންނެވީ މިހާރުވެސް މާލޭގަ މިހިރަ ކޮލެޖްގަވެސް ކިޔަވާދޭނެ މީހުން ނުވެގެން އާދޭސް ދަންނަވަން ޖެހޭތީއެވެ. މާލޭގައި ލިބެން ހުރި ވަސީލަތްތައް މިފެންވަރުގައި ރާއްޖޭގެ އެއްވެސް ރަށަކުން ލިބެން ނެތުމުން ތިތަނަށް ދާނެ މީހަކު މަތިވެދާނެހެން ހަމަ ހީނުވަނީއެވެ. އެހެން ރަށެއްގައި ޔުނިވަރސިޓީ އަޅަން ތާއީދު ނުކުރަނީ ނޫނެވެ.

    ހޯމަ، ނޮވެންބަރު 17 2008، 11:31
  6. ތީ ވަރަށް މޮޅު ޚިޔާލެއް. ތިކަން ކުރެވިއްޖެނަމަ ތިވާނީ ވަރަށް ރަގަޅު ކަމަކަށް. ދުނިޔޭގެ އެކިހިސާބުތަކުންވެސް މިރާއްޖެއަށް ކިޔަވަން ޝައުޤުވެރިވާނެކަމަކަށް. ވއ

    ހޯމަ، ނޮވެންބަރު 17 2008، 12:15
  7. ވަރަށްވެސް ވިސްނުންތެރި ތަނަވެސް ހިޔާލެއް. އަޅުގަނޑަކީވެސް ކޮލެޖުން ކޯހެއްހެދި މީހެއް. އެތަނުގައި މިހާރުވެސް ދޭންޖެހޭވަރަށް ހިދުމަތެއް ނުދެވޭ. މިސާލެއްގެ ގޮތުން މިހާރުވެސް ކުލާސް ނެތުމުގެ ސަބަބުން ޑިގްރީ ކުދިންނާއި މާސްޓަރ ކުދިން އެއްކުލާހެއްގަ ކިޔަވަންޖެހޭ. މިކަމުންވެސް އެގެނީ ތަނުގެ ދަތިކަން. މިހެންވީއިރު ކިހިނެއް ޔުނިވާސިޓީގެ ނަންބޯޑެއް ކޮލެޖުގައި ޖަހާނީ. ޖެހިދާނެ. ނަމަވެސް ........

    ހޯމަ، ނޮވެންބަރު 17 2008، 12:29
  8. ކޮންމެ މީހަކަށްވެސް ކަމަކާ ޖުހުނީމަ އެކަމެއްގެ ހުންނަ ވަރު މި އެނގެނީ.......ކިތަންމެ ފޮނި ބައިސާއެއްވެސް ކެނޑިދާނެ އެކަމާ ވިސްނަން ޖެހުނީމަ މި ރޭކާލަނީ މީހަކު ގަސްދުގަ ނުކުރަނީ ނޫންކަން....ވާން ނެތިގެންކަން މިހާ ދުވަސްވެސް މިވީ.....ޔުނިވަރސިޓީ އަކީ ކޮންކަހަލަ ތަނެއްކަން އެނގިފަ ނެތީމަ ދެދުވަސް ތެރޭ ކަންތައްތަށް ވާނެކަމުގެ ވާހަކަ އަމިއްލަ އެދުމަށް ނަމަވެސް ދެކެވިފަ އެއޮތީ....ސލ

    ހޯމަ، ނޮވެންބަރު 17 2008، 12:46
  9. މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން ތޯއެވެ؟ ދިވެހި ރާއްޖޭގައި ހުރި ހަމަ އެކަނި ކޮލެޖް އެހެން ނޫންތޯ؟ ކޮބައިތޯ އެތަނުން ހިފޭ ބޭނުމަކީ؟ ކޮބައިތޯ އެތަނުގެ ފެންވަރަކީ؟ ކޮބައިތޯ އެތަނުގެ ލެކްޗަރަރ އިންގެ ފެންވަރަކީ؟ ކޮންގޮތަކުން ތޯ އެތަނުގެ ރިސޯސަސްގެ ބޭނުން ހިފަމުން ދާގޮތަކީ؟ އެންމެ ކުޑަމިނުން ކޮލެޖްގެ އެންރޯލް ވެފައި ތިބޭ ކުދިންނާއި ނުވެ ތިބޭ ކުދިންވެސް އެނގޭނެފަދަ ރަޖިސްޓްރީ އެއް އެތަނަކު ނެތޭ އިނގޭތޯ.... އަޅުގަނޑުމެން ނުހަނު ބޮޑަށް ލަދުގަނޭ އިނގޭތޯ އެތާގެ ޙާލަތު ހިތަށް އަރާ ކޮންމެ ފަހަރަކު. އެތަނުން ޚިދުމަތެއް ހޯދަންޖެހޭ ކޮންމެ ފަހަރަކު ނުލާހިކު ދެރަވޭ އިނގޭތޯ... ދަރިވަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ހިތަށް އަރާ މި ނޫން ގޮތެއް އަޅުގަނޑަށް ނެތީބާއޭ.. މަންމަމެން ތަންކޮޅެއް މުއްސަނދި ނަމަ މިތަނަކާ ވައިވެސް ނޭޅޭނަމޭ.. އެތަނަށް ޔުނިވާރސިޓީ އޭ ، ހަޔަރ އެޑިޔުކޭޝަން ދޭ މަރުކަޒެކޭ ކިޔުމަށްވުރެ ވޮށުފިލާ ގެ އެކޭ ކިޔުން މާ އައުލާކަން ބޮޑޭ އިގޭތޯ... އެތަނުގެ ދަރިވަރުންގެ ފެންވަރު ރަނގަޅުވާނީ ކިހިނެއް ތޯ ސުވާލު އުފެދޭ..... ޤައުމަށް ޚިދުމަތްކޮށްދޭނޭ ޢިލްމީ އަދި ޢަމަލީ ތަޖުރިބާކާރުން މި ދެންނެވި ވޮށުފީލާ ގޭގެ ފުރާޅުގެ ދަށުން ނެރެވިދާނެ ކަމަށް އަޅުގަނޑު އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރަން...... ލަދުވެތިވެ ވަޑައިގަނޭތޯ ތަޢުލީމީ ދާއިރާގެ ބޭބޭފުޅުން.. ޚާއްސަކޮށް ކޮލެޖްގެ ރެކްޓަރ އަދި ފެކަލްޓީތަކުގެ ޑީނުން މިކަމުގެ ޒިންމާ ނަގަން ޖެހޭނެ އިގޭތޯ... ތިޔަ ނޫސްވެރިން ވެސް ޖެހޭނެ މިކަމުގެ ދެފުށް ރައްޔިތުން ނަށް ހާމަކޮށްދޭން...

    ހޯމަ، ނޮވެންބަރު 17 2008، 13:03
  10. އަޅުގަޑު ތިޔަ ދެއްވި ހިޔާލަށް ވަރަށް ތާއީދު ކުރަމެވެ. ފަޅުރަށެއްގަ ނޫނަސް ފޯއްމުލަކު ކަހަލަ ރަށެއްގަވެސް ޔުނިވަރސިޓީ އެޅިދާނެއެވެ. އެއީ ބިންބޮޑު ރަށަކަށް ވެފަ އެރަށުގެ މީހުނަށް އާމްދަނީ ލިބޭނޭ މަގުތަކެއްވެސް ހުޅުވޭނެއެވެ.

    ހޯމަ، ނޮވެންބަރު 17 2008، 13:15
  11. ޔުނިވާސިޓީ ހަދާ ވާހަކަ ދައްކާއިރު ފުރަތަމަ ގްރޭޑް 10 ނިންމާ ކުދިން އޯލެވެލް އިން ފާސް ވޭތޯ ބަލާށެވެ. އެހެންނޫނީ ތި ޔުނިވާސިޓީ އަށް ވަންނާނެ ކުދިންނެއް ނުތިބޭނެ. ޔުނިވާސިޓީ އެޅުމާ ބުރިޖު ހެދުން ތޯ މިވަގުތު ރާއްޖެއަށް މުހިންމީ..ފުރަތަމަ ރަނގަޅަށް ކައި ސާފުތާހިރުކޮށް ދިރިއުޅެވޭނެ ގޮތް ހޯދަންވީ..ދިވެހިން މާގިނައިން ހިންދީ ފިލްމާ އިނގިރޭސި ފިލްމް ބަލަނީ...މާ މޮޅެތި ހިޔާލުކުރަނީ އެހެންވެ..އެއްފަހަރުވެސް ހިތަކަށް ނާރުވާނެ ދިވެހިންގެ ސައިޒު...ނޫނޭ ޔުނިވާސިޓީ އަޅަންވާނެ...އެކަމަކު އެދުވަސް ޖެހުމުން...

    ހޯމަ، ނޮވެންބަރު 17 2008، 13:53
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv