ޕާޓީއަށް ސޮއިކުރިމީހަކު ނެތި, ޕާޓީއަށް ސޮއިނުކުރާ މީހަކު ނެތިފައި
ޕާޓީތަކުގެ ދަފްތަރުތައް އާއްމުކުރީމާ އެންމެފުރަތަމަވެސް ބަލާލީ ޕާޓީއެއްގައި ނަން އޮތްތޯއެވެ. އަދާލަތު ޕާޓީގައި ނަން އޮތީމާ ހައިރާންވިއެވެ. މިހާތަނަށް ޕާޓީއެއްގެ ފޯމެއްގައި ސޮއިކޮށްފައި ނޯންނަނެތީއެވެ.
އޮފީސް މީހުންގާތު މިވާހަކަދެއްކީމާ އެމީހުންގެ އެދުމަށް އައީޑީކާޑު ނަންބަރު ޖަހައިގެން ޗެކުކޮށްލީމެވެ. ޝަނޫނުގެ ނަން ”ދިވެހިރައްޔިތުންގެ ފަޤީރުކަން ނައްތާލާ ޕާޓީގެ“ ލިސްޓުގައި އޮތްއިރު, ޒަކަރިއްޔާގެ ނަން އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ލިސްޓުގައި އޮތެވެ. އޮފީހުގެ އެޑްމިންގައި އުޅޭ ދެކުދިންގެ ތެރެއިން އެކަކު ޕީޕަލްސް ޕަޓީގައި އަނެކަކު އެމްޑީޕީގައެވެ.
އެކަމަކު މިއިން އެއްވެސް މީހަކީވެސް ޕާޓީއަކަށް ސޮއިކުރި މީހެއް ނޫނެވެ. އަދި ޕާޓީއަކަށް ވަންނަން ހިޔާލުވެސް ކުރި މީހުންނެއް ނޫނެވެ.
އިތުރަށް ބަލާ ހޯދުމުގެ ގޮތުން ބައްޕަގެ އައިޑީކާޑު ނަންބަރު ޖެހީމެވެ. އައިޑީޕީގެ ލިސްޓުގައި އޮތެވެ. އަހަރެންގެ ކައިރީ އަހާފައި ނޫނީ އެފަދަ އެއްވެސްކަމެއް ނުކުރާނެއެވެ. ހަމަގައިމުވެސް ޕާޓީއަކަށް ސޮއިކުރާ ވާހަކަ ނުވެސް ދައްކައެވެ.
ދައްތަގެ ނަންވެސް ޗެކުކުރީމެވެ. އޭނާވެސް ޕާޓީއަކަށް ސޮއިނުކުރިއަސް އައިޑީޕީގެ މީހެއްގެ ގޮތުގައި އޮތެވެ.
ބޭބެއަށް ވީ އެހެންގޮތެކެވެ. މިހާރުވެސް އޭނާއަކީ ޕާޓީއެއްގެ ގޮތްޕެއްގެވެސް އިސްމީހެކެވެ. އެކަމަކު ނަން އޮތީ އެޕާޓީގެ ލިސްޓަކު ނޫނެވެ. ޕީޕަލްސް އެލަޔަންސްގައެވެ.
ކޮއްކޮއެއްގެ އައިޑީކާޑު ހޯދައިގެން އޭނަގެ ނަންވެސް ޗެކުކުރީމެވެ. ޑީއާރުޕީގެ ލިސްޓުގައި ނަން އޮތެވެ. އެކަމަކު އޭނަވެސް އުޅެނީ އެހެން ޕާޓީއެއްގައެވެ.
މިގޮތަށްގޮސް އެދުވަހު ހަތަރުދަމު ކުރީ އެމަސައްކަތެވެ. އިތުރު ނޫސްވެރިންނާ, ގާތްތިމާގެ މީހުންނާއި ރައްޓެހިންގެ އައިޑީކާޑު ނަންބަރ ހޯދައިގެން ޕާޓީގައި ނަން އޮތްތޯ ޗެކު ކުރުމެވެ. މިގޮތުން ބެލުނު ގިނަ ނަންތަކަށް ބަލައިރު ގާތްގަނޑަކަށް 95 އިންސައްތަ މީހުންނަކީ ޕާޓީއަށް ސޮއިނުކުރިނަމަވެސް ޕާޓީތަކުގައި ހިމެނޭ މީހުންނެވެ. ސޮއިކޮށްފައިވާ ޕާޓީގައި ނަން އޮތީ އެއްޕަސެންޓް މީހުންނެވެ. އަނެއް ހަތަރު ޕަސެންޓް މީހުންނަކީ ސޮއިކުރި ޕާޓީނޫން ޕާޓީގައި ނަން އޮތް މީހުންނެވެ.
މިވީ ކިހިނެތް ހެއްޔެވެ؟ އަދިވެސް ރާއްޖެގައި ޕާޓީތަކަށް ނުވަންނަ އެތައް ބަޔަކު އެބަތިއްބެވެ. ޕާޓީއަކަށް ވަނުމަށް އެދޭ ފޯމުގައި އެމީހުންނަށް އެނގިގެން ސޮއި ނުކުރާތީ ޕާޓީގެ މެންބަރެއް ނޫންކަމުގައި ދެކިގެން އެތައް ބަޔަކު އެބަތިއްބެވެ. އެކަމަކު އެމީހުންނަކީވެސް ޕާޓީތަކުގެ މީހުންނެވެ. އެމީހުންގެ ނަން ހިމެނިގެން ޕާޓީތަކަށް ސަރުކާރުން ވަނީ ފައިސާވެސް ދޫކޮށްފައެވެ.
ޕާޓީއަށް ނުވަދެ ތިއްބާ ޕާޓީގެ ދަފްތަރުގައި ޖެހުނު މީހުން ތިބިއިރު ސޮއިކުރި ޕާޓީ ނޫން އެހެން ޕާޓީތަކުގައި ނަން އޮތިކީވެސް މަދުބައެއް ނޫނެވެ.
އަދާލަތުޕާޓީގެ ރައީސް އައްޝައިޚް ހުސައިން ރަޝީދު އަހުމަދު ވިދާޅުވީ ވަރަށްގިނަ އަދަދެއްގެ މީހުން އެޕާޓީއަށް ގުޅާ ކަމަށާއި ނަމަވެސް އެންމެ މީހަކު ފިޔަވާ އެޕާޓީއަށް ސޮއިނުކުރަނީސް ޕާޓީގެ މެންބަރެއްގެ ގޮތުގައި އޮވެގެން އިއްޔެގެ ނިޔަލަށް ގުޅާފައި ނުވާކަމަށެވެ.
ހުސައިން ރަޝީދު ވިދާޅުވީ އެންމެގިނައިން ގުޅަނީ އެޕާޓީއަށް ސޮއިކޮށްފައިވާ އެޕާޓީގެ މެންބަރުންގެނަންތައް އެޕާޓީގައި ނެތި އެހެންޕާޓީތަކުގެ ލިސްޓުތަކުގައި އޮވެގެން ކަމަށެވެ.
”އެންމެ މީހަކު ގުޅީ ސޮއި ނުކުރާ މީހަކު އަދާލަތު ޕާޓީގައި އޮވެގެން. އެކަމަކު ވަރަށްގިނަ ފޯނުކޯލުތައް އެބައާދޭ މިޕާޓީގެ މެންބަރުންގެ ނަންތައް މިޕާޓީ ނޫން ޕާޓީތަކުގެ ލިސްޓުތަކުގައި އޮވެގެން.“ ހުސައިން ރަޝީދު ވިދާޅުވިއެވެ.
މިއީ ކިހިނެތްވީ ކަމެއްތޯ ދެންނެވުމުން ހުސައިންރަޝީދު ވިދާޅުވީ މިއީ ނިމިގެންދިޔަ ސަރުކާރުން ކުރުވި ކަމެއް ކަމަށެވެ.
”ބޭނުންވާ ޕާޓީތައް ރަޖިސްޓްރީ ކުރުވުމަށްޓަކައި ފަހުން އެޔެއް މިއެއް ނުބަލާ. އަނެއްކާ އަޑުތައް އެބައިވޭ. ބަޔަކުލައްވާ ޕާޓީތަކުގައި ނުހިމެނޭ މީހުންގެ ނަންތައް ހޯދައިގެން ޕާޓީތަކުގައި ނަން ޖަހައިގެން ރަޖިސްޓްރީ ކުރި ވާހަކައެއް“ ހުސައިން ރަޝީދު ވިދާޅުވިއެވެ.
އެހެންޕާޓީއަކުން ކޮމެންޓެއް ލިބޭނޭގޮތް ނުވިއިރު, އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު އިބްރާހީމް ވިދާޅުވީ ވަރަށްގިނަ މީހުން ޝަކުވާ ހުށަހަޅަމުން ގެންދާ ކަމަށެވެ.
”ފޯނުކޮށްފަވެސް. ސިޓީ ފޮނުވައިގެންވެސް އަދި އިލެކްޝަންސް އޮފީހަށް ވަޑައިގެންވެސް ވަރަށްގިނަމީހުން ޝަކުވާތައް އެބަހުށަހަޅާ“ މުހައްމަދު އިބްރާހީމް ވިދާޅުވިއެވެ.
މުހައްމަދު އިބްރާހީމް ވިދާޅުވީ އެންމެގިނައިން ޝަކުވާ ހުށަހަޅަނީ ޕާޓީއަށް ސޮއިނުކުރަނީސް ޕާޓީތަކުގެ ލިސްޓުގައި ނަން އޮވެގެންނެވެ. އަދި ސޮއިކުރި ޕާޓީ ނޫން ޕާޓީތަކުގައި ނަން އޮވެގެންވެސް ގިނަ އަދަދެއްގެ މީހުން މައްސަލަ ހުށަހަޅަމުން ގެންދާކަމަށެވެ.
މުހައްމަދު އިބްރާހީމް ވިދާޅުވީ އެންމެބޮޑު މައްސަލައެއް ކަމަށް ޤަބޫލުކުރެވެނީ ސިޔާސީ ޕާޓީގެ ޤަވައިދު އޮތްގޮތުން ކަމަށެވެ.
”ޤަވާއިދު އޮތްގޮތުން ޕާޓީ ރަޖިސްޓްރީ ކުރުމަށްފަހު ދެން ޗެކުކުރެވޭނެ މާބޮޑު ގޮތެއް ނޯވޭ. އެހެޔޮ މީހަކު ކެނޑުނަސް އަނެއްކާ އިތުރަށް ވަނަސް“ މުހައްމަދު އިބްރާހީމް ވިދާޅުވިއެވެ.
ސިޔާސީޕާޓީގެ ޤަވައިދުގެ 7 ވަނަ މާއްދާގައި ބުނެފައިވަނީ ޕާޓީ ރަޖިސްޓްރީ ކުރުމަށްޓަކައި 3000 މީހުންގެ ސޮއި ހުށަހަޅާއިރު އެމީހުންގެ ނަމާއި, އެޑްރެހާއި, އައިޑީކާޑު ނަންބަރާއި, އުމުރާއި, ސޮއިކުރި ތާރީޚް އެނގެން އޮންނަވާނެ ކަމަށެވެ.
ޕާޓީއެއް އުފެއްދުމަށް ހުށަހަޅާ ތަކެތީގެ ތެރޭގައި ޕާޓީގައި ހިމެނޭ މީހުންގެ އައިޑީކާޑު ނުވަތަ ފޮޓޯޖެހި ލިޔުމެއް އެއްޗެއް ހުށަހަޅަން ޖެހޭނެކަމަކަށް ނެތެވެ.
އަދި ޕާޓީއެއް އުފެއްދުމަށްފަހު އެޕާޓީގެ މެންބަރުންގެ އަދަދު 3000 މީހުންނަށްވުރެ މަދުވިއަސް އުވާލެވޭނެ ކަމަކަށްވެސް ސިޔާސީޕާޓީގެ ޤަވާއިދަކު ނެތެވެ.
މިހާހިސާބުން އުފެދޭ އެހެން ބިރުވެރިކަމެއްވެސް އެބައޮތެވެ. ޕާޓީތަކަށް ފައިސާ ދެނީ 50 ޕަސެންޓް ދިނުމަށްފަހު ދެން އެޕާޓީގައި މެންބަރުންތިބި ނިސްބަތަކަށް ބަލައިގެންނެވެ. މީހުންގެ ރުހުމާ ނުލައި ނުވަތަ އޭނާ ކުރި ސޮއެއްނެތި ހުށަހަޅާ ފޯމުގެ ސަބަބުން އޭނާ ދަފްތަރުކުރެވޭ ޕާޓީއަށް ދެވޭ ފައިސާއަކީ އެމީހުންނަށް ހައްޤު އެއްޗެއް ހެއްޔެވެ؟
އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު އިބްރާހީމް ވިދާޅުވީ މީހުންގެ ރުހުންނެތި ނުވަތަ އެމީހުންގެ ނަމުގައި އެހެންބަޔަކު ސޮއިކޮށްގެން ހުށަހަޅާފައިވާ ނަންތައް ޗެކްކޮށް އެފަދަ ފުލުހުންނަށް ހުށަހަޅާ ތަހުގީގް ކުރައްވާނެ ކަމަށެވެ. އަދި ޕްރޮސެކިއުޓަރޖެނެރަލް މެދުވެރިކުރައްވާ ދައުވާވެސް ކުރައްވާނެ ކަމަށެވެ.
”އަޅާ ނުލައި ދޫކޮށްލެވޭވަރު ކަމެއްނޫން އެއީކީ. އެތައްބައެއްގެ ހައްޤަށް އެއަރައިގަނެވެނީ. ފުލުހުންނަށްވެސް ހުށަހަޅާނަން. ދައުވާވެސް ކުރާނަން“ މުހައްމަދު އިބްރާހީމް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުންވަނީ އިންޓަރނެޓްގައި ޕާޓީތަކުގެ ލިސްޓް ޝާއިއުކޮށް އެލިސްޓްތަކުގައި މައްސަލައެއް އުޅޭނަމަ އަންނަ މަހުގެ 15ގެ ކުރިން އެއޮފީހަށް އެނގުމަށް އިއުލާން ކުރައްވާފައެވެ. ނަމަވެސް ހުރިހާ ރަށަކީ އިންޓަރނެޓް ލިބޭ ހިސާބެއް ނޫނެވެ. އަދި އެންމެންކީ އިންޓަރނެޓް ބެނުންކުރާވެސް ބައެއް ނޫނެވެ. އެހެންކަމަށްވަނަމަ މައްސަލަތައް އަންނާނީ ކިހާވަރަކަށް ކަމާމެދު ސުވާލު އުފެދެއެވެ.
މުހައްމަދު އިބްރާހީމް ވިދާޅުވީ ޑިސެމްބަރ 15 އޮތަސް އަބަދުވެސް ބަލާ ޗެކްކުރުމަށްފަހު މައްސަލަ ހުށަހެޅޭނެ ކަމަށެވެ. އަދި ގިނަބަޔަކަށް އެނގޭނެ ގޮތެއް ހައްދަވާނެ ކަމަށައި އެކަމާމެދު މަޝްވަރާކޮށް ވިސްނަވަމުން ގެންދަވާ ކަމަށެވެ.
ކޮންމެއަކަސް ސިޔާސީޕާޓީގެ ދަފްތަރުގެ ކަންތައްތައް އޮތީކީ އެންމެ ރަނގަޅަކަށް ނުނެވެ. މައްސަލަ ހައްލުކޮށް ނިމޭއިރު އޮންނާނީ ކިތައް ޕާޓީކަމެއް އަދި ޕާޓީތަކުގައި ތިބީ ސޮއިކުރި ކިތައް މީހުންކަމެއް ނޫންނަމަ ސޮއިނުކޮށްޕާޓީގައި ތިބި ކިތައް މިހުންކަމެއް ނޭނގެއެވެ. އެނގޭ ކަމަކީ ނުހައްގުން އެތައް ފައިސާއެއް މިހާތަނަށް ޕާޓީތަކުން ނަގާފައިވާ ކަމެވެ.
-
އާދިތްތަ، ނޮވެންބަރު 16 2008، 21:54
އެންމެ ހައިރާން ވާން ޖެހޭ ކަމަކީ މަޖިލީހުގައި އިސްލާމް ދީނޭ ޙައްޤޭ ވިދާޅުވެ ސަރުކާރުގެ ބޮލުގައި ވަގު ބަދުނާމު އެޅުއްވި ބޭފުޅުން ވަކި އަތޮޅަކުން ހާހަކަށްވުރެ ގިނަ މީހުން އެ މީހުންނަށް ނޭނގި އޮޅުވާލައިގެން މެންބަރުންނަށް ހަދައި އެ އަދަދަށް ބަލައިގެން ސަރުކާރުން ޕާޓީއަށް ދިން ފައިސާ ބޭނުންކޮށްފައިވާ ކަމެވެ. އަދި މި ޕާޓީ ރަޖިސްޓަރީ ކުރީވެސް މަކަރާއި ޙީލަތުންކަމެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްފަހު މިފަދަ ބައެއް ބޭފުޅުންނަށް މިނިސްޓަރކަން ލިބިވަޑައިގަންނަވާނޭ ކަމުގެ ގެރެންޓީ ލިބިވަޑައިގެންފައިވާކަމަށްވެސް އިވެއެވެ. ހާދަހާދެރައެވެ.
-
އާދިތްތަ، ނޮވެންބަރު 16 2008، 22:09
ހަގީގަތުގައިވެސް މިއީ ކުރީގެ ސަރުކާރުން ކުޅެފައިވާ ކުޅިގަޑެކެވެ. ކެޔޮ ކޭ ވަރު އިގޭނީ ބިތުފަންގި ނެގީމާ ދެއްތޯއެވެ؟
-
އާދިތްތަ، ނޮވެންބަރު 16 2008، 22:23
މިއީ ސިޔާސީ ޕާޓީތަކާއިބެހޭ ޤާނޫނެއް ނެތި އަވަސް އަރުވާލައިގެން ވަކިބަޔަކަށް މަންފާވާގޮތަށް ޤާވާއިދެއް ހެދުމުގެ ނަތިއްޔާއެވެ. މިކަމުގައި ޝާމިލްވާ ހުރިހާ ބަޔަކާމެދު އެޅެންއޮށް އެންމެ ހަރުކަށިފިޔަވަޅެއް އެޅުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޯވާލަމެވެ. އަދި ޤާވާއިދާ ޚިލާފަށް މީހުންގެ ހުއްދަ ނުހޯދާ ރަޖިސްޓްރީކޮށްފައިވާ ޕާޓީތަކުގެ ރަޖިސްޓީބާތިލްކޮށް އެފަދަ ޕާޓީތަކަށް ދައުލަތުގެ ބަޖެޓްއިން ދީފައިވާ ފައިސާ އަތުލުމަށްވެސް ދަންނަވަމެވެ. އަދި ސިޔާސީ ޕާޓީތައް ހިންގުމާއި ބޭހޭފުރިހަމަ ޤާނޫނެއް ވީހާވެސް އަވަސް މުއްދަތެއްގައި ހެދުމަށް ގޯވާލަމެވެ.
-
އާދިތްތަ، ނޮވެންބަރު 16 2008، 22:47
މިއޮއްހުރިހާދުވަހު ހޯދަން އުޅެ ނުލިބުނު އަރަތުގެ ޖަވާބު އަދިމިލިބުނީ!!ޕާޓީތަކަށް ވަތްމީހުންނަށްވުރެ ޕާޓީތަކުގެ މީހުންގެލިސްޓު ބޮޑުވެ ޕާޓީތަކުން ކިޔާ ޢަދަދަކަށް ސަރުކާރުން ފައިސާނަގަމުންދާއިރު މިކުރެވެނީ ކޮންކަމެއްކަން، ކިހާވަރުގެ ކަމެއްކަން އެނގޭބާ!!
-
އާދިތްތަ، ނޮވެންބަރު 16 2008، 23:32
ކަންތަކާ ޖެހެނީ އެވެ، ބުޅާ ގޯނިން ބޭރުވަނީ އެވެ، އެކަމަކު ހިތައް އަރަނީ އަޑީކާޑާއެކު ހުށައަޅާފައިތިބޭމީހުންވެސް ތިމަންނަ ތިޕާޓީއަކަށް ނުވަންނަމޭ ބުނެފިނަމަ މިކަން ސާބިތުކުރެވޭނެ ގޮތަކީ ކޮބައިބާވައެވެ، ހަމަ މީހަކު ހިތްހަމަ ނުޖެހޭހާ ފަހަރަކު ތިމަންނަތިޕާޓީ އަކަށް ނުވަންނނަމޭ ކިޔާފަ ޝަރީއަތަށް ދާންވީހެއްޔެވެ. ހައްޤު އޮންނަނީ ދެފަރާތުގައެވެ، " ޝާފިއު "
-
ހޯމަ، ނޮވެންބަރު 17 2008، 02:04
ނަންތައް އޮޅުވާލި މީހުންނަށް ގާނޫނީ ފިޔަވަޅު އަޅަން ޖެހޭނެ
-
އަންގާރަ، ނޮވެންބަރު 18 2008، 11:01
ތިއީ ހަމަ ތެދެއް!! ނުހައްގުން ފައިސާ ހޯދި މަކަރުވެރިންތަކެއް...ކިހިނެތް އެކަހަލަ މީހުން ވެރިކަން ކުރާނީ، އަޅުގަނޑަކީ މެލޭސިއާ ގައި ކިޔަވަމުންދާ މީހަކީމެވެ..އަޅުގަނޑު ވަކި ފަރާތަކަށް ނުޖެހި ހިތުން މިހުންނަނީ ނަމަވެސް، ހަމަ ރާއްޖޭގެ ކަންތައް ދޯދިޔާކަމުން ނަންޗެކްކޮށްލީ ވެބްސައިޓުން، ކަމަކު ދާކަށް ނެތް މިއޮތީ އަޅުގަނޑު ޕީޕަލްސް ޕާރޓީގަ އެންނު އެއީ ޔާމީނުގެ ޕާރޓީކަން އިނގުމުން އަމުށަކު ފޫއްސާ ރުޅިއެއައީ:-0 ކިހާ ދެރަކަންތައްތައް މިއީ، ހިތައް އެރި ކީއްވެބާއޭ އިލެކްސަންސް އިން މި ލިސްޓު ކުރިން ޕަބްލިސް އަޅެ ނުކުރީ، އެހެންނަމަ ޕާރޓީ ތަކުގެ ހަގީގަތް ފެންމަތި ވީހެންނު،، ދަޢުވާ ކުރާނަން ކުރެވޭ އެންމެ މައްޗަކަށް.ބޭރުގަޢުމެއްގައި ނަމަ އަޅުގަޑުގެ ހައްގަކަށް އެރުމުން ރަނގަޅު ކޮމްޕެނސޭސަން އެއް ލިބި އަދި އެ ޕާރޓީތަކުން އެޑެމޭޖަސް އަށް ލަޔަބަލް ވާންޖެހޭނެ ކަން ހަގީގަތަކީ!!ދިވެހިންގެތެރޭގައި އަދިވެސް ހާދަ މަކަރާ ޚިލަތް އެބައޮތެވެ.!!މާތް ﷲ ހެޔޮ ޖަޒާ އެންމެހާ ދިވެހިންނަށް ހިންމަވާދޭންވެ!!!
-
ބުރާސްފަތި، ނޮވެންބަރު 20 2008، 02:11
އަޅުގަނޑަށް ޔަޤީން ޢަދާލަތު ޕާޓީގެ ލިސްޓުގައި ޕާޓީއަށް ސޮއެ ނުކުރާ މީހެއްގެ ނަން ޕާޓީން އެނަމެއް އިލެކްޝަނަށް ފޮނުވައިގެން ރަޖިސްޓްރީވެފަ ނޯނާނެކަން..އެހެންވީމާ މުޙްސިނުގެ ނަން ތިއޮތީ ކޮންމެވެސް އެހެންގޮތަކަށް އެއަށް ގޮއްސަ. ޢަދާލަތު ޕާޓީއަށް ގުޅައިގެން ޕާޓީން އިލެކްޝަނަށް މެމްބަރުންގެ ދަފްތަރުގައި ނަންތައް ހިމެނުމަށް ފޮނުވާ ލިސްޓުގައި އޮތްތޯ ބައްލަވާލައްވާ.. އެކަމުގައި އުޅުނުމީހެއް.
-
ބުރާސްފަތި، ނޮވެންބަރު 20 2008، 18:25
މިއީ ބޮޑު ގޭސްގަނޑެއް. ކުރިޔަށް އޮތްތަނުގައި މިހަންރަގަޅުކޮށް ދުވަހުން ދުވަހަށް ނެޓްގައި އަލަށް ޕާޓީއަށް ވަންނަ މެންބަރުން ފެންނާނެހެން ބެހެއްޓިއްޖެނަމަ ކޮންމެވެސްވަރަކަށް ހައްލުވާނެކަމަށް ލަފައެއް އެކަމަކު މިކަމުންވެސް ކޮންމެވެސް ހައްލެއް ލިބޭނެހެން ހީވޭ. ހުރިހާކަމަކީވެސް އިޚްލާސްތެރިކަން. މިސަރުކާރުގަވެސް އެކަން އޮތްމިންވަރާމެދު ސުވާލު އެބައުފެދޭ.