ރައީސް މައުމޫނާއި ރައީސް ނަޝީދަށް ނޮބެލް ޕީސް ޕްރައިޒް ހައްގު
ރާއްޖޭގައި ތިރީސް އަހަރުގެ ވެރިކަމެއް ކުރެވިގެން ދިޔައީ ވަރަށްވެސް ހުދު މުހުތާރު އަދި އިންސާނިއްޔަތާއި ހިލާފު އަމަލުތަކެއް ފެނިގެން ދިޔަ ކަހަލަ ގޮތަކަށް ކަމަށް ގިނަ ބަޔަކު ބުނެއެވެ. ކޮންމެ މީހަކަށްވެސް ލިބިގެންވާ ބައެއް ހައްގުތައް ނިގުޅައި ގަނެވިފައިވާ މަންޒަރު މާލެއާއި އަތޮޅު ތެރޭގެ ކޮންމެ ދިމާލަކަށް ބަލައިލިޔަސް މިކަމުގެ ހެކި ލިބިގެން ދެއެވެ.
އިންސާނީ ހައްގުތައް ރާއްޖޭގައި އެންމެ ބޮޑަށް ގެއްލިފައި ވަނީ ޝަރުއީ ދާއިރާގެ ތެރެއިން ނެވެ. ރަށު އޮފީހަށް ގައު އުކި ކަމަށް ހަދާފައި ރަށު ކަތީބު ނުރުހޭ މީހުން އެތައް އަހަރަކަށް އަރުވާލެވިފައިވާ އިރު, ވެރިކަން ހޯދަން މަސައްކަތް ކުރާ އެތައް ބަޔަކަށް އެތައް ގެއްލުމެއް ޝަރުއީ ނިޒާމް މެދުވެރިކޮށް ލިބިދީފައި ވެއެވެ.
އިންސާނީ ހައްގުތައް ގިނަ ފަހަރަށް ނިގުޅައި ގަނެވިފައި ވަނީ ވެރިކަން ހިންގުމުގެ ދާއިރާގައި ތިބޭ މީހުން އެމީހުންގެ ވެރިކަން ދެމެހެއްޓުމުގެ ނިޔަތުގައި ކަންވެސް ފާޅުކޮށް ފެންނަން އެބަހުއްޓެވެ. އަތޮޅު ވެރިންނާ ދެކޮޅަށް މަސައްކަތް ކުރާ މީހާ ކަމެއް ނުކޮށް ގޭގައި ހުއްޓާވެސް އޭނާގެ މައްޗަށް ކޮންމެވެސް ކުށެއް ސާބިތުވެގެން ދެއެވެ. އަދި ބައެއް ފަހަރަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމުގެ ގޮތުން އެފަދަ މީހުންތައް ވަޒީފާއިން ވަކި ކުރެވޭ މަންޒަރުވެސް ފެނިގެން ގޮސްފައި އެބަހުއްޓެވެ.
ވޭތުވެދިޔަ 30 އަހަރު ދުވަހު މައުމޫނު ވެރިކަން ކޮށްފައިވާއިރު އެވެރިކަން ވައްޓާލުމަށް މަސައްކަތް ކުރި ކަމަށް ސާބިތުވެފައި ވަނީ ދެމީހެއްގެ މައްޗަށެވެ. އެއީ ރީކޯ އިބުރާހިމް މަނިކާއި މައުމޫނުއަށް ޅިޔަނު ކިޔާ އިލިޔާސް އިބުރާހިމާއި ދެބޭފުޅުން ނެވެ. މި ދެ މީހުންނަށްވެސް ޝަރުއީ ދާއިރާ މެދުވެރިކޮށް އެތައް އަދަބެއް ދެވިފައި ވާއިރު އެދެ މީހުންނަކީ މިހާރުގެ މިންގަނޑުން ސިޔާސީ ކުށްވެރިން ނެވެ. އެހެން ނަމަވެސް އެ ދެމީހުން ސިޔާސީ ގޮތުން ކުރަން އުޅުނު ކަމަކާ ގުޅިގެން އެދެމީހުންނަށް އަދަބެއް ދެވިގެނެއް ނުވާނެ އެވެ.
އެހެން ނަމަވެސް އެދެމީހުންވެސް މައުމޫނު މަރާލުމަށް ނުވަތަ އެހެންމީހެއްގެ ހައްގަކަށް އަރައިގަނެ ޖިނާއީ ކުށެއް ނުވަތަ މަދަނީ ކުށެއް ކޮށްފައިވާ ނަމަ އެދެމީހުންނަށް އެކަމުގެ އަދަބު ލިބެން ޖެހޭނެއެވެ.
މިކަންތައްތައް ނިމި ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމާއި ގުޅިގެން ކަންތައްތައް ވެގެން ގޮސްފައި ވަނީ އަދި މިހާތަނަށް ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ފެނިގެން ގޮސްފައި ނުވާ ކަހަލަ މަންޒަރެކެވެ. ދެ ފަރާތުން ނަތީޖާ ގަބޫލުކޮށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހިތްތިރި ކުރުމަށް ގޮވާލިއިރު, މައުމޫނު ވަނީ މުހައްމަދު ނަޝީދު )އަންނި(އާ އެކު ވާހަކަ ދައްކައިގެން ވެރިކަން ބަދަލު ކުރުމުގެ ކަންތައްތައް ސުލްހަވެރިކަމާއެކު ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. އަދި ވެރިކަން ހަވާލު ވުމާއި ހަމައަށްވެސް އެކަންތައްތައް ގޮސްފައި ވަނީ ވަރަށް ސުލްހަވެރިކަމާއެކުގައި އެއްވެސް ލޭ އޮހުރުވުމެއް ނެތިއެވެ.
މި އިންތިހާބަށް ފެށުނު އިރު ގިނަ ބަޔަކު ހީކުރީ އިންތިހާބުގައި ކޮންމެ ފަރާތަކަށް ކާމިޔާބު ލިބިގެން ދިޔަ ކަމުގައި ވިޔަސް ލޭ އޮހުރުވުމާއި ހަޅުތާލުތައް ކުރިއަށް ދާނެ ކަމަށެވެ. އަދި މާލެ ތެރޭގައި ކަނޑި ހިފައިގެން ނުކުމެ ސިޔާސީ ކަތިލުންތަކެއް ކުރިއަށް ދާނެ ކަމަށްވެސް ހީކުރެވުނެވެ. އެހެން ކަމުން އެ ހީކުރި ހީކުރުން ތަކާއި ހިލާފަށް މިކަން ނިމި ގޮސްފައި ވަނީ ލޭ އޮހުރުވުމެއް ފެނިގެން ދިއުމެއް ނެތިއެވެ.
ބޭރު ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ވެރިކަމުގައި ދުވަސްވެފައި ތިބި މީހުން ފައިބައިގެން ދާއިރު ފެނިގެން ދަނީ މުޅިން އެހެން ކަހަލަ މަންޒަރެކެވެ. ބިރުވެރިކަމާއި ނާމާންކަން ގައުމަށް ކުރިމަތިވެ, ލޭ އޮހުރުން ވާނީ އާންމުވެފައެވެ. 1987 ގައި ޒިންބާބުވޭގެ ވެރިކަމަށް ވަޑައިގެންނެވި ރޮބަޓު މުގާބޭ ބޭލުމަށް އެގައުމުގައި ކުރެވެމުންދާ މަސައްކަތުގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ. އިންތިހާބު ތަކުގައި ފާޅުގައި މަކަރު ހަދާ ސިފައިންނާއި ފުލުހުން ނެރެ ގައުމުގައި ވެރިކަން ކުރަމުންދާއިރު އެއްވެސް ވަރަކަށް އިދިކޮޅު ފަރާތްތަކަށް ދޫ ދެއްވާފައެއް ނުވެއެވެ. ސައުތު އެފުރިކާގައިވެސް ކުރިން އެކަންތައްތައް ވެގެން ދިޔައީ އެހެން ނެވެ. ނަމަވެސް އެގައުމުގެ ދެ ރައީސަކަށް ވެސް ވަނީ ސުލްހަވެރިކަމަށް މަސައްކަތް ކުރާ ފަރާތްތަކަށްދޭ އެންމެ މަތީ ޝަރަފު ލިބިފައެވެ.
ދެކުނު އެފުރިކާގައި ހިގަމުންދިޔަ ލާއިންސާނީ އަމަލުތައް ހުއްޓުވި ކަމަށް މުޅި ދުނިޔެއަށް މަޝްހޫރު ވެރިޔާ ނެލްސަން މަންޑޭލާއާއި އެގައުމުގެ ކުރީގެ ރައީސް ފްރެޑްރިކް ވިލިއަމް ޑި ކުލާކުއަށް މި ޝަރަފު ލިބިފައިވެސް ވަނީ ވަރަށް އެހެން ކަހަލަ ގޮތަކަށެވެ. މި ދެ ބޭފުޅުންނަށް ނޮބެލް ޕީސް ޕްރައިޒް ދެއްވަމުން, އެ އިނާމު އެދެބޭފުޅުންނަށް ލިބުނު ސަބަބާ މެދުގައި ފާހަގަ ކޮށްފައި ވަނީ އެއީ ހުދުމުހުތާރު އިންސާނީ ހައްގުތަކަށް އަރައިގަނެގެން ކުރިއަށް ގެންދިޔަ ވެރިކަމެއް ފަހުން ބަދަލުކޮށް ހިންގަން ފެށުމުގެ ޝަރަފުގައި އެކަކަށް ދިން އެއްޗެއް ކަމަށާއި އަދި އަނެއް ބޭފުޅާއަށް ލިބިލެއްވި އިނާމަކީ އެކަން އެގޮތަށް ކުރުމަށް ޕްރެޝަރ ކޮށް އެކަން ކާމިޔާބު ކުރެއްވި ފަރާތަށްދޭ ޝަރަފެއް ކަމަށެވެ.
އެހެން ކަމުން މައުމޫނާ އަންނިއާ ދެބޭފުޅުންގެ ހާލަތުވެސް މި ހާލަތާއި ދިމާވެއެވެ. އެއީ އިންސާނީ ހައްގުތަކަށް އަރައިގަނެގެން ކުރިއަށް ގެންދިޔަ މި ވެރިކަން ބަދަލު ކުރުމަށް އަންނި ވަނީ ވަރަށް ކުރިން ފެށިގެން މަސައްކަތް ކުރައްވާފައެވެ. އެންމެ ފުރަތަމަ ލިއުންތެރިއެއްގެ ގޮތުގައެވެ. އެއަށް ފަހު މަޖުލީހުގެ ތެރެއިން ނެވެ. އެއަށް ފަހު ސިޔާސީ އެކްޓިވިސްޓަކަށް ބަދަލުވެ, އެކްޓިވިސްޓަކަށް ހުންނަވައިގެން ވެރިކަން ހޯއްދަވައި އެކަން ކާމިޔާބު ކުރެއްވި އެވެ.
އަންނި އަކީ ދިވެހިންނަށް ގެއްލިފައިވާ ސިޔާސީ ހައްގުތައް ހޯދައިދިނުމަށް އެތައް މަސައްކަތެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެއްވެ އުޅުމުގެ މިނިވަން ކަމާއި ސުލްހަވެރިކަމާއެކު މަގުމައްޗަށް ނުކުމެ ގައުމުގެ އެންމެ އިސްވެރިޔާއާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް އެމީހެއްގެ އިސްތިއުފާއަށް ގޮވުމުގެ މިނިވަންކަންވެސް ހޯއްދަވައިދެއްވުމުގައި އެންމެ އިސް ރޯލެއް އަދާ ކުރެއްވީ އަންނިއޭ ބުނުމަކީ ސިޔާސީ އެހެން ބޭފުޅުންނަށް ބުނެވޭ ބޭއިންސާފު ބަހަކަށް ވެގެނެއް ނުދާނެ އެވެ.
1993 ވަނަ އަހަރު ނޮބެލް ޕީސް ޕްރައިޒް މަންޑޭލާއަށް ދެއްވާފައިވެސް ވަނީ މިގޮތަށް މަންޑޭލާގެ ހަރަކާތްތައް ފެނުމުން ނެވެ. އެތައް ދުވަހު ބަޔަކު މަސައްކަތް ކޮށްގެންވެސް ގެންނަން އުޅުނު އިސްލާހުތައް ގެނެސް އެކަމަށް ނިމުމެއް ގެނެސް ދެއްވުމެވެ. ސިޔާސަތުގެ ވަރުގަދަ ކަމުން އެކަން ކާމިޔާބު ކުރެއްވުމެވެ.
ހަމަ އެއަހަރު މަންޑޭލާއާ އެކު އެ އިނާމު ލިބިގެންދިޔަ ކުލާކަށްވެސް އިނާމު ލިބިފައި ވަނީ އިންސާނީ އެތައް ހައްގުތަކަށް އަރައިގަންނަމުން ގޮސް ވަކި ހިސާބަކުން އެކަން ހުއްޓާލައްވައި ސުލްހައަށް ލޯބި ކުރެއްވުމުންނެވެ. އެހެން ކަމުން މައުމޫނަށްވެސް މި އިނާމު ލިބުން ހައްގެވެ.
ދެކުނު އެފުރިކާގެ ދެ ރައީސުންނަށް އެއް ފަހަރާ ލިބިގެންދިޔަ މި ޝަރަފާއެކު ނޮބެލް ޕީސް ޕްރައިޒްގެ ކޮމެޓީން ބުނެފައި ވަނީ މި ދެބޭފުޅުންނަށް އިނާމު ދިނުމުގައި ބައްލަވާފައި ވަނީ ބޮޑަށް އިންސާނީ ހައްގުތައް ރައްކާތެރިކޮށްދީފައިވާ ފަރާތްތަކަށް ކަމަށެވެ. ނޮބެލް ކޮމެޓީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ސުލްހަވެރިކަން ގާއިމް ކުރުމުގައި އިންސާނީ ހައްގުތަކަށް އިސްކަންދޭ ފަރާތްތަކަށް އެ އިނާމު ދިނުމުގައި މާކުސް އިތުރު ކުރެވޭނެ ކަމަށެވެ.
-
އާދިތްތަ، ނޮވެންބަރު 16 2008، 09:48
ސައުތު އެފްރިކާގައި ހިނގި ކަންތަކާ ރާއްޖޭގެ ހާލަތާ ވަރަށް ތަފާތެވެ. ސައުތު އެފްރިކާގައި އޮތީ ނަސްލީ ތަފާތުކުރުންތަކެވެ. އެގޮތުން ބޮޑެތި ނަސްލީ ހަމަނުޖެހުންތައް ސުލްހަވެރިކަމާއެކު ހައްލުކުރާ މީހުންނަށް ދުނިޔޭގައި ތަފާތު ލަގަބުދީ ނުވަތަ އިނާމްދެވެއެވެ. ތިގޮތަށް ބަލާނަމަ ޕާކިސްތާނުގެ ކުރީގެ ރައީސް މުޝަރައްފު ވެރިކަމަށް އައީ ލޭނުއޮހޮރުވާ މިލިޓަރީ އިންގިލާބެއް ގެނެސްފައެވެ. އަދި އޭނާ ވެރިކަމުން ފޭބީވެސް ސުލްހަވެރިކަމާއެކުއެވެ. މައުމޫނާ އަންނިޔަށް ނޯބަލް އިނާމް ލިބޭކަމަށް ވާނަމަ މުޝައްރަފަށްވެސް ލިބެންޖެހެއެވެ. އަދި ތަފާތު އެހެންމީހުންނަށްވެސް ލިބެންޖެހެއެވެ.
-
އާދިތްތަ، ނޮވެންބަރު 16 2008، 10:17
މަންޑޭލާއާއި އަންނި އާ ގާތްވެސް ނުވޭނު. މަންޑޭލާ ހިނގި މަގަކުންވެސް އަންނިއަށް ނުހިނގޭނެ..
-
އާދިތްތަ، ނޮވެންބަރު 16 2008، 10:59
ކުރީގެ ރައީސް މައުމޫނަށް ނޯބެލް އިނާމް ދިނުމަށް ގޮވައިލުމަކީ ވަރަށް ތާކުންތާކު ނުޖެހޭ ކަމެކެވެ. ތިރީސް އަހަރު ވެރިކަން ކުރުމަކީ ޑިމޮކްރަސީގެ ރޫހާ ޚިލާފު ކަމެކެވެ. އެކަމަކު ތިރީސް ފަސް އަހަރަށް ވެރިކަމުގައި ހުރެވޭތޯ ފައިވިއްދެވިއެވެ. ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން މައުމޫނަށް ނޫނޭކޭ، ދެން ބޭނުމެއްނޫނޭ، ފުދިއްޖޭ ބުނީމާ އެއީ މައުމޫން ވެރިކަމުން ދުރުވުމެއް ނޫނެވެ. މައުމޫން ކުރަމުން އައި ދިގުވެރިކަމުގެ ގާނޫނީ ހައިސިއްޔަތު ގެއްލުމެވެ... ދެން އޮތީ މައުމޫން ވެރިކަމުގައި ހުންނެވިއިރު ވެރިކަން ކުރެއްވީ އިންސާފާއި ހަމަހަމަކަން ގާއިމްކޮށްގެންތޯ ބެލުމެވެ. ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވި މިނިވަންކަމާއި ފުރުސަތުތައް ރައްޔިތުންނަށް ދެއްވިތޯ ބެލުމެވެ. ނުދެއްވައެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތީ ގާނޫނުއަސާސީގައި ލިޔެވިފައެވެ. އެކަމަކު ޚިޔާލު ފާޅުކުރި މީހުނަށްވީ ކިހިނެއްތޯއެވެ. ނޫސް މަޖައްލާތަކުގައި ލިޔުނު މީހުންނަށްވީ ކީއްތޯއެވެ. މައުމޫންގެ ސަރުކާރާ ދެކޮޅަށް ނުކުންނަނީ މަދުބައެކޭ ވިދާޅުވަމުން މައުމޫން ވެރިކަން ކުރެއްވީ ހިތުހުރި ގޮތަކަށެވެ. އެންމެފަހުން މައްސަލަތައް ގިނަވެ ބައިނަލްއަގްވާމީ މުޖްތަމައުގެ ލޯތައް ރާއްޖެއަށް އަމާޒުވެ، ރާއްޖޭގެ ސިޔާސީ މަސްރަހުގެ ވާނުވާ ވަރަށް ގާތުން ބަލަންފެށީމާ އިސްލާހީ އެޖެންޑާގެ ވާހަކަ ދައްކަވަން މައުމޫނަށް މަޖުބޫރުވީއެވެ. ރައްޔިތުންގެ ހިތްވަރާއެކު ބޭރުދުނިޔޭގެ ލޯތައް އަމާޒުވުމުން މައުމޫނަށް އެނޫންގޮތެއް ނެތުނީއެވެ. މައުމޫންގެ ވާހަކަދައްކާއިރު ދައްކަންޖެހެނީ ތިރީސް އަހަރުގެ ވާހަކައެވެ. ވެރިކަން ނިމެން ކައިރިވީމަ ދީލައިލި ދީލައިލުމާއި އިންތިޚާބު ނާކާމިޔާބުވީކަން ޔަގީންވުމުން ދެއްކެވި "އިޚްލާސްތެރިކަމަކުން" ހަގީގީ މައުމޫނެއް ނުފެނެއެވެ. ހަގީގީ މައުމޫން ފެންނާނީ ތިރީސްއަހަރުގެ ދިގު މުއްދަތުގައި އޭނާ ކުރެއްވި ވެރިކަމަށް ބަލައިގެންނެވެ. އެވެރިކަމުގެ ދުވަސްތަކުގައި ކަންކުރައްވާފައި ހުރި ގޮތްތަކަށް ބަލައި ދިރާސާ ކޮށްގެންނެވެ.
-
އާދިތްތަ، ނޮވެންބަރު 16 2008، 11:33
ކޮންމެ މީހަކަށްވެސް ލިބިގެންވާ ބައެއް ހައްގުތައް ނިގުޅައިގެންފައިވާ ކަމުގެ ހެކި އަހަންނަކަށް ނުފެނޭ. އަހަރެންވެސް މީ ރާއްޖެއަށް އުފަންވެ ރާއްޖޭގައި ދިރިއުޅޭ މީހެއް. އަހަރެން ބޭނުންހާ ކަމެއް ވެފައެއްވެސް ނެތް. ކަމެއް ނުވާ ކޮންމެ ފަހަރަކު އެއީ ހައްގު ނިގުޅައިގަތުން ކަމަށް ވަންޔާ އެންމެ ފުރަތަމަ މައިންބަފައިންވެސް ދަރިންގެ ހައްގު ނިގުޅައިގަނޭ. އާއިލާއެއްގައި 5 ކުދިން ތިބޭ ނަމަ ކޮންމެ ގޮތެއްވިޔަސް ދޮށީ ދަރިފުޅަށް ކަންތައް ކޮށްދެވޭނީ ހަގު ދަރިފުޅަށް ކޮށްދޭ ގޮތަކަށް ނޫން. އެހެންވީމަ 3 ލައްކަ މީހުންގެ ހިތްރުހޭ ގޮތަށް ކަންތައް ކޮށްދޭނީ ކިހިނެއް؟ އެއްވެސް ސަރުކާރަކަށް ބުނާ އެއްޗެއް ނޫން. އެކަމަކު ލިޔުންތެރިޔާގެ އެ ވިސްނުމަށް ތާއީދު ނުކުރެވެނީ