
ތާޒާ ފެން ފުޅީގައި ސޮލީބެއްގެ ބައްޓަން ހުންނަ ނިޝާނެއް ހުރުމަކީ މެޝިނަށް ލިބުނު ގެއްލުމަކުން ވީކަމެއްކަމަށް ކުންފުނިން ބުނެފި
ތާޒާ ކުދި ފެންފުޅީގައި ސޮލީބެއް ފާޑުގެ ބައްޓަމެއް ހުންނަ ހުރުމަކީ ފުޅި އުފައްދާ މެޝިނަށް ލިބުނު ގެއްލުމަކާ ގުޅިގެން ހުންނަ ހުރުމެއް ކަމަށް ތާޒާ ފެން އުފައްދާ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.
ތާޒާ ކުދި ފެންފުޅީގައި ސޮލީބެއް ހުންނަ ކަމަށް މާލެތެރޭގައި ދެކެވޭ ވާހަކަތަކުގެ ސަބަބުން ޖަޒީރާއިން ބެލިބެލުމުގައި ތާޒާ ކުދި ފުޅީގެ ފުލުން ފެށިގެން އެއްއިންޗިއާއި ހަމައިން މައްޗަށް އިންޗިއެއްވަރުގެ ދިގު ކުޑަކުޑަ އުފުލުމެއް(ބަނޑިއެއް ގޮތަށް) ފުޅީގެ ބޭރަށްވާގޮތަށް ހުރިކަން ފާހަގަ ކުރެވުނެވެ. އަދި އެއުފުލުމުގެ މެދު ދިމާވަނީ ފުޅީގައި އެޅިފައިވާ އަޑި ޑިޒައިނާއަށް ކަމުން ހުރަސް ރޮނގެއް އުފެދި ސޮލީބެއްގެ ސިފަ ކަހަލަ ގޮތެއް ފެނެއެވެ.
މިކަމާ ގުޅޭގޮތުން ޖަޒީރާއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެސިސްޓެންޓް މާކެޓިންގ މެނޭޖަރ ހަސަން މުގްނީ ވިދާޅުވީ އެފަދަ ބައްޓަމެއް ހުރި ފެންފުޅިތަކެއްގެ ބެޗެއް ބޭރުވެއްޖެ ކަމަށާއި އެއީ މެޝިނަށް ލިބުނު ގެއްލުމަކުން ފުޅީގެ ބައްޓަމަށް އައި ބަދަލެއް ކަމަށެވެ.
”މެޝިންގައި ހިމެނޭ ފުޅީގެ ތައްގަނޑުގައި ހިމެނޭ ޝާފްޓެއް ބިންދައިގެން ގޮސް ތައްގަނޑުތެރެއަށް ވެއްޓުނީ. އެކަމާ ގުޅިގެން ތައްގަނޑަށް ލިބުނު ގެއްލުމަކުން ދިމާވި ކަމެއް އެއީ“ މުގްނީ ވިދާޅުވިއެވެ.
މުގްނީ ވިދާޅުވީ އެގޮތަށް ދިޔައީ ގާތްގަނޑަކަށް އެއްބެޗް ކަމަށާއި މިހާރު ތައްގަނޑުން ބައެއް ގާނައިގެން ސޮލީބުގެ ބައްޓަމަށް ހުންނަ ގޮތްގަނޑު ކަނޑުވާލާފައިވާނެއެވެ. ނަމަވެސް އަދިވެސް ފުޅީގައި ކުރިން ނުހުންނަ އުފުލިފައިވާ ތަންކޮޅެއް ހުންނާނެ ކަމަށެވެ.
”މެޝިން ނެތް ރާއްޖެއަކުން ހެދޭކަށް. އެބައި ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަގެންދަން. އެކަމަކު ތައްގަނޑުން ބައެއް ގާނާލައިގެން މިހާރު ސޮލީބުގެ ބައްޓަން ހުންނާނީ ކަނޑުވާލާފައި. މިހާރުގެ ފެންފުޅިތަކުގައި ކުޑަކޮށް އެއުފުލުން ހުއްޓަސް ސޮލީބުގެ ބައްޓަމެއް ނުހުންނާނެ.“ މުގްނީ ވިދާޅުވިއެވެ.
މިވާހަކަ މާލެތެރޭގައި ފެތުރެންފެށީ އެއީ ނޮވެމްބަރ އެގާރައިން ފެށިގެން ހިނގާ ކަމެއްގެ ގޮތުގައެވެ. އަދި އެއީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހުވާކުރެއްވި ފަހުންވީ ކަމެއް ކަމަށާއި މިވާހަކަދައްކާ ބައެއް މީހުން ނަޝީދާވެސް މިވާހަކައާއި ގުޅުވާލައެވެ.
މުގްނީ ވިދާޅުވީ އެހެން ދިމާވި ތާރީޚެއް ކަނޑައެޅިގެން ދަންނަވަން ދަތިކަމަށާއި ހަމަގައިމުވެސް އެއީ އެނގިގެންވީކަމެއްނޫން ކަމަށާއި އެއީ އެކްސިޑެންޓެއް ކަމަށެވެ.
އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ ސަރުކާރުގެ ފެންކުންފުންޏާއި ޗަމްޕާ ކުންފުންޏާ ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ ހިއްސާގެ ބޮޑުބައި އޮންނަނީ ސަރުކާރަށެވެ.
-
ހޮނިހިރު، ނޮވެންބަރު 15 2008، 17:37
ައަދި ކުރިއަށް އޮތީ.. މިކަހަލަ ކިތަންމެ އެއްޗެއް ފެންނާނެ... ކޮންމެ ފަހަރަކުވެސް މެޝިނުގެ މައްސަލައަކަށް ވާނީ ....................
-
ހޮނިހިރު، ނޮވެންބަރު 15 2008، 19:44
ކޮބާ ހީވޭ... އެންމެފަހުން އެކަން އެވީ އެކްސިޑެންޓަކަށް... ކީއްވެބާ އެކްސިޑެންޓަކުން ވައް ބޮޅެއް ނޭޅުނީ. ކީއްވެބާ އެކްސިޑެންޓަކުން އެހެން ޑިޒައިނެއް ނޭޅުނީ. އަނެއްކާ އެކަމާ ބައެއް މީހުން ރައީސުލް ހުމްހޫރިއްޔާ މުޙައްމަދު ނަޝީދަށް ގުޅާކަންވެސް އެނގިއްޖެ. އެކަމަކު ސަރުކާރުން އެކަމަކާ ހަމަހިލާ އެކައްޗެކޭވެސް ނުބުނޭ. ރައްޔިތުން އެވާހަކަ އެކި ގޮތްގޮތަށް ދެއްކީއިރުވެސް އެއީ ސަރުކާރަށް އެއްވެސް ކަމެއް ނޫން. ރޭ އޮއޮތީ ބަޔަކު ބުދައް އަޅުކަން ކުރަން ތިއްބާ ބަޔަކު ފަޅާ އަރުވާލާފަ. އެކަމަކު އެކަމާވެސް އަދި މިހާތަނަށް ސަރުކާރުން ހަމަ ޗުޕްވެސް ނުބުނޭ. މި ނޫހުގައި މި ކޮމެންޓް ނުލިޔާނެކަންވެސް އެނގޭ. އެކަމަކުވެސް އަހަރެމެން މިހެރަ މިހެރަ ކަންކަމާ ކަންބޮޑުވޭ. ކޮންމެވެސް ބަޔަކު އަހަރެމެންގެ އަޑުވެސް އަހާނެކަމަށް އުންމީދުކުރަން....
-
ހޮނިހިރު، ނޮވެންބަރު 15 2008، 23:50
އަޖައިބެއްނުން، ސޮލީބުގެ ބައްޓަންހުންނަ އެއްޗިހި ހޯދަންވެއްޖެއްޔާ ކިތައްމެ އެއްޗަކުންވެސް ފެނިދާނެ. ލާން ގެންގުޅޭ އަންނައުނުގެ ފޮތީގެ ޑިޒައިނުން ފެށިގެންގޮސް ފަރުނީޗަރާއި، އެންމެ ކުޑަމިނުން ކާލާ ބިސކޯދަކުންވެސް. ގޮޅިޖެހި މުންޑުންވެސް ފެންނާނެ ހޯދާ މީހަކަށް. ބައެއް މީހުން ކަންތައްތައް ބޮޑުކޮށްލަނީ މާ ވަރަކަށްވިއްޔަ.