ކޮލެޖްގެ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭން ޖެހިފައި

އަންވަރު އިބްރާހިމް ނޮވެންބަރު 15 2008، 08:25 7 ޚިޔާލު

ޔުނިވާސިޓީއެއްގެ ހުވަފެން ދިވެހިން ދެކެމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ. ނަމަވެސް އެކަން އަދި އެވަނީ ފުރިހަމަ ނުވެއެވެ. އެ ހުވަފެން ތައުބީރުވެ, އަޅުގަނޑުމެންގެ ލޯމަތީ ދިވެހި ދަރިން, މި ގައުމުގައި ތިބެ, ޔުނިވާސިޓީ ތައުލީމް ހާސިލް ކުރަމުންދާތަން ދެކުމާ ހަމައަށްވެސް ކުރަންޖެހިފައިވާ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ޔުނިވާސިޓީއަށް ދާން އޮތް ” ކޮލެޖް“ މަގުގެ އަޑިގުޑަންތައް ފިލުވާ ފަސޭހައިން ދަތުރު ކުރެވޭނެ މަގެއްކަމުގައި އެމަގު ހެދުމެވެ. އެކަން ކުރެވޭނީ ކޮލަޖަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައި ދީގެން ނެވެ.

ޔުނިވާސިޓީއަކަށް ވުމުގެ މަގުމަތީގައިވާ ކޮލަޖަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ތަނުގައި ތިބި ރަނގަޅު މުވައްޒަފުން ހިފަހެއްޓުމަށް އޮތް ގޮންޖެހުންތައް ކަމަށް ކޮލެޖުން ބުނެއެވެ. ކޮލެޖްގެ ވައިސް ރެކްޓަރ ހުސައިން ހަލީމް ވިދާޅުވީ މުވައްޒަފުން ހޯދާ މުވައްޒަފުން ރީޓްރެއިން ކުރުމަށް މުސާރައިގެ އޮނިގަނޑު ހަމަ ނުޖެހި ތިން ހަތަރު އަހަރު ވެގެން ދިއުމަކީ ކޮލެޖަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ.

” މުސާރައިގެ އޮނިގަނޑު ހަމަނުޖެހި, މުސާރަ ލިބޭނެ ކަމެއް ނެތި, ތިން ހަތަރު އަހަރު ވޭތުކުރަން ދިމާވީމާ އަޅުގަނޑުމެންނަށް ވަރަށް ގިނަ ގޮންޖެހުން ތަކެއް އެބަހުރި. ޕްރައިވެޓް ސެކްޓަރގެ ބައެއް ތަންތަން, ކޮލެޖްތައް އުފެއްދެވިއިރު, އެފަރާތްތަކުގެ އޮނިގަނޑު ވަރަށް ފުރިހަމަކޮށް ގެންދެވީ. އެހެންކަމަށް ވާތީވެ, އަޅުގަނޑުމެންނާ ދިމާވި ބައެއް ލެކްޗަރާއިން އެކޮޅަށް ވަޑައިގެންނެވި. އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު މުވައްޒަފުން ހޯދައި އެމީހުން ތަނުގައި ހިފަހެއްޓުމަށް އަޅުގަނޑުމެންނަށް މުސާރައިގެ އޮނިގަނޑާއި އިނާޔަތްތަކުގެ އޮނިގަނޑު ހަމަނުޖެހިދާ މައްސަލަ.“ ހުސައިން ހަލީމް ވިދާޅުވި އެވެ.

ޔުނިވާސިޓީއަކަށް ފޫގަޅާފައިވާ ކޮލެޖުގެ ކެމްޕަސްތަކާއި ގޮފިތަކުން އަތޮޅު ތެރޭގައި ހަރަކާތްތެރިވުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެކަމަށް ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދުމަކީވެސް ކުރަންޖެހިފައިވާ ކަމެކެވެ.

” އަޅުގަނޑުމެން ކޮލެޖެއްގެ ގޮތުގައި ހަރަކާތްތެރިވާ ކަމަށްވަނީނަމަ އަޅުގަނޑުމެން އެބަޖެހޭ ރާއްޖެ ތެރޭގެ ސަރަހައްދުތަކަށް އަޅުގަނޑުމެންގެ ކޮލެޖްގެ ގޮފިތައް ފަތުރާލަން. އެހެން ބަލާއިރު މިހާރުވެސް އަޅުގަނޑުމެން ތިން އަތޮޅެއްގައި ހަރަކާތްތެރިވަމުން ދާއިރު ތިން އަތޮޅުގައިވެސް އަޅުގަނޑުމެން އުމްރާނީ ތަރައްގީއަށް ކުރަންޖެހޭ މަސައްކަތްތަކަށް އެކަށީގެންވާ ގޮތެއްގައި އަޅުގަނޑުމެންނަށް ފައިސާ ލިބުމުގެ ދަތި ކަންތައްތައް އެބަހުރި. ކުރުމުއްދަތެއްގެ ތެރޭގައި މިތަންތަނުން މިފަދަ ޚިދުމަތްތައް ދެވިގެން ނޫނިއްޔާ, މާލެއާ އެއްފެންވަރެއްގައި ކިޔަވާދޭން ނުފެށޭ ކަމަށް ވަންޏާ އަޅުގަނޑުމެންނާ ދިމާވާނެ މައްސަލަ ތަކެއް ހުންނާނެ. އުމްރާނީ ތަރައްގީއެއް ގެނެވިގެން ނޫނީ އަޅުގަނޑުމެންނަކަށް އެތަންތަނުން ހިންގާ ޕްރޮގްރާމް ތަރައްގީ ކުރުމަށް ފުރުސަތެއް ނުލިބޭނެ. މިތަންތަންވެސް ފައިސާ ނުލިބެނީހެއް ތަރައްގީއެއް ނުކުރެވޭނެ.“ ހުސައިން ހަލީމް ވިދާޅުވި އެވެ.

ހުސައިން ހަލީމް ވިދާޅުވީ މާލޭގައި ހުރި ކެމްޕަސްތައް އިތުރަށް ތަރައްގީ ކުރުމަށްޓަކާ ކުރަންޖެހޭ ކަންކަމަށް ފުރުސަތު ނުލިބުމަކީވެސް މައްސަލައެއް ކަމަށެވެ.

” ބައެއް ފެކަލްޓީތަކަށް އިމާރާތުގެ ގޮތުން ދަތިވެ, ބިމުގެ ގޮތުން ދަތިވެގެން އަޅުގަނޑުމެންނަށް ފެކަލްޓީތައް ހިންގުމުގައި ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރި. ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިން, އެތަނަކީ މިހާރު ރޭގަނޑު 10 ޖަހަންދެން ފުލް ކެޕޭސިޓީގައި ކޯސްތައް ހިންގަމުން ގެންދާތަނެއް. އެތަނުގެ އިތުރު ތަރައްގީއެއް އަޅުގަނޑުމެންނަށް ލިބެން އަންނަނީ ހަމަ އެއާޖެހިގެން އޮންނަ ބިންކޮޅެއް އަޅުގަނޑުމެންނަށް ލިބިގެން. އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރިން އެބިންކޮޅު ހޯދުމަށް. އެހެންނަމަވެސް އެކަމުގައި އަޅުގަނޑުމެންނަށް އެހާ ފުރިހަމަ ކާމިޔާބީއެއް ލިބިފައެއް ނުވޭ.“ ހުސައިން ހަލީމް ތަފްސީލް ކޮށްދެއްވި އެވެ.

މާލޭގައި ކިޔަވަން ތިބޭ ކޮލެޖް ދަރިވަރުން ތިބުމުގެ ދަތިކަމަކީވެސް ވަރަށް ބޮޑު މައްސަލައެކެވެ. ދަނާލެއްގެ ޚިދުމަތް މިއަދު ދެމުން ގެންދިޔަ ނަމަވެސް އެތަނުގައި ތިބުމަށް އެދޭ ކުދިން އިންތިހާއަށް ގިނައެވެ. ކޮލެޖުގެ ދަށުން ހިންގާ ފެކަލްޓީތަކުގައި 6000 ވުރެ ގިނަ ކުދިން ކިޔަވަމުން ދާއިރު މިހާރު ތިބުމުގެ ޚިދުމަތް ދެވެނީ ވަރަށް މަދު ކުއްޖަކަށެވެ. ” ވަގުތީ ޖަލު ހިންގަމުން ގެންދިޔައީ ކޮލެޖްގެ ދަނާލެއް ހެދުމަށް ބިން ހަމަޖެހިފައިވާ ތަނެއްގައި. ޗާޓްގައި އެ ބިން ކޮލެޖަށް ހަމަޖައްސާފައިވޭ. ނަމަވެސް އަދި އެބިން ވަނީ އަޅުގަނޑުމެންނަށް ލިބޭ ގޮތް ނުވެފައި.“ ހުސައިން ހަލީމް ވިދާޅުވި އެވެ.

ހުސައިން ހަލީމް ވިދާޅުވީ ބައެއް ފަހަރު އަޅުގަނޑުމެން ތިބޭ ބައެއް އިމާރާތްތަކުން ނުކުންނަން ޖެހޭ ހިސާބަށްވެސް ކަންތައް ދާކަމަށެވެ.

” އަޅުގަނޑުމެންވެސް އެތަންތާނގައި )ކުރީގެ ޖަމާލުއްދީން ސްކޫލުގައި( މިތިބެނީ އެއަށްވުރެ ރަނގަޅު އިމާރާތެއް ނެތީމާ. އެތާނގައި އެބަހިނގާ ހަތަރު ބައެއް. ރަޖިސްޓްރީ ވުމުގެ ހުރިހާ ކަމެއް ހިނގަނީ އެތަނުގައި. ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އިމާރާތެއް ނެތުމުން ހިގަނީ އެތަނުގައި. ސެންޓަރ ފޮރ އޯޕަން ލާނިން ހިނގަނީ އެތަނުގައި. ފެކަލްޓީ އޮފް އާޓްސް ހިންގުމަށް ވިސްނަމުން ގެންދަނީވެސް އެތަނުގައި. މަސައްކަތް ފުޅާ ކުރުމަށް ވިސްނާއިރު ޖާގައާއި އިމާރާތުގެ ދަތިތަކަކީ ވަރަށް ބޮޑެތި ޗެލެންޖު ތަކެއް.“ ހުސައިން ހަލީމް ވިދާޅުވި އެވެ.

ކޮލެޖަށް އޮތް އެނެއް ގޮންޖެހުމަކީ ކޯސްތަކަށް ދަރިވަރުން ނުލިބުމުގެ މައްސަލަ އެވެ.

” މަތީ ފެންވަރުގެ ކޯސްތަކަށް އެކަށީގެންވާ ވަރަށް ދަރިވަރުން ލިބޭ. އެކަމަކު މަސައްކަތްތެރިކަމުގެ ދާއިރާއަށް ކުދިން ނުލިބުމުގެ މައްސަލައަކީ ފާހަގަ ކުރެވޭ ކަމެއް. ވޮކޭޝަނަލް ކޮލެޖެއް އުފައްދަވަން ސަރުކާރުން މަސައްކަތް ކުރައްވާކަމަށް ވަނީ ވިދާޅުވެފައި. އަޅުގަނޑުމެންގެ ތެރޭގައި އެބަހުރި ވަރަށް ގިނަ ސެޓްފިކެޓް 3ގެ ޕްރޮގްރާމްތައް. އެކޯސްތައް މިހިންގަނީ ކެޕޭސިޓީ ފުލް ނުކޮށް. ސަބަބަކީ އެކޯސްތަކަށް އަންނާނެ ދަރިވަރުން ނުވުން. އެކޯސްތަނަށް ދެމުން އައި ޕޮކެޓް މަނީވެސް ވަނީ ބޮޑުކޮށްފައި ޕޮކެޓް މަނީގެ ގޮތުގައި ދެމުންއައި 250 ރުފިޔާގެ ބަދަލުގައި މިހާރު ދެމުން މިގެންދަނީ 1130 ރުފިޔާ. އައްޑުއަތޮޅު ކެމްޕަހުގައި ހިންގާ މިފަދަ ކޯސްތަކަށް ތަމްރީނަށް އަންނާނެ ދަރިވަރުންނެއް ނުވޭ.“ ހުސައިން ހަލީމް ވިދާޅުވި އެވެ.

ކޮލެޖްގެ ވެރިން ދައްކަވާ ވާހަކަތަކުގައި މައިގަނޑު ހަތަރު ކަމެއް އެބަ ވިދާޅުވެއެވެ. އެއްކަމަކީ ކޮލެޖްގެ އޮނިގަނޑާއި މުސާރައާއި އިނާޔަތުގެ ވާހަކަ އެވެ. ދެވަނަ ކަމަކީ އެކަށީގެންވާ ވަރަށް ފައިސާ ނުލިބުމުގެ މައްސަލަ އެވެ. ތިންވަނަ ކަމަކީ ބިމުގެ މައްސަލަ އެވެ. ހަތަރުވަނަ ކަމަކީ ކުދިން ނުލިބުމުގެ މައްސަލަ އެވެ.

އޮނިގަނޑުގެ މައްސަލައަކީ ތައުލީމީ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. އެމައްސަލާގައި ކޮލެޖް ގެ އިދާރީ މުވައްޒަފުން ރައީސް އޮފީހަށް ޕެޓިޝަނެއްވެސް ހުށަހެޅި އެވެ. ނަމަވެސް އެކަމަށް ހައްލެއް ހޯދައެއް ނުދެވުނެވެ. ދެން އޮތީ ފައިސާގެ ތާށިކަމާއި އިމާރާތާއި ބިމުގެ ތާށި ކަމެވެ. އެއީ ސަރުކާރަށް ކުރެވޭނެ ކަންކަމެވެ. ކުދިން ނުލިބުމުގެ މައްސަލަވެސް ގުޅެނީ ކުދިން ތިބުމުގެ ތާށިކަމާއި, އެކޯސް ހެދުމުން މީހުން ބަލައިގަންނާނެ ގޮތުގެ ތެރޭގައެވެ. މިކަންކަމަކީ އުސޫލުތަކެއް ހަމަޖައްސާ, މުއައްސަސާތަކާއި ކުންފުނިތަކާ ގުޅިގެން ނިންމަން ޖެހޭނެ ކަންކަމެވެ. މިކަންކަން ހަމަނުޖެހި ކޮލެޖް އަނެއް ރާއްޖޭގައި އެބުނާ ފަދަ ކޮލެޖަކަށް ނުހެދޭނެ އެވެ. އަދި ޔުނިވާސިޓީއަކަށް ހެދުމުގެ ކުރިން ކޮލެޖުގެ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދޭން އެބަޖެހެ އެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ކޮލެޖަށް ދަރިވަރުން ނުލިބޭ ބާހަކަ ދައްކާއިރު ލަދުގަންނަން ޖެހޭނެ.. ބަލަގަ ރާއްޖޭގަ ގިނައީ މަހުޖަނުންނެއް ނޫނޭ.. ރާއްޖެ ތެރެއިން ކުއްޖަކު މާލެ އައިސް ކިޔަވަން ހުރުމަކީ ވާވަރުގެ ކަމެއްނޫން

    ހޮނިހިރު، ނޮވެންބަރު 15 2008، 09:07
  2. އަނެއް ދިވެހި ރާއްޖޭގައި ތިހުރިހާކަމެއްވާނެ ކޮނެގެންވިޔަސް ފައިސާ ލިބޭނެ

    ހޮނިހިރު، ނޮވެންބަރު 15 2008، 09:10
  3. މިމީހުންނަށް ހީވަނީ މިމީހުން ބޮދެތި ގޮނޑިތަކުގަ ތިބީމަ ދެން އެވީހެން...ދަރިވަރުންނެއް ނާދެޔޯ އެބަކިޔައެންނު.. ނިކަން ކިޔަވާ ކުދިންނަށް ރަނގަޅު ޕޮކެޓުމަނީ އެއް ދީބަލަ ކުދިން ނާދޭތޯ ބަލަން...ބަލަ ކުދިން ކޯސް ތަކަށް ނާންނަނީ އަންނަން ބޭނުން ނުވާތީއެއް ނޫން...އާދެވޭނެ ގޮތް މަގުފަހި ނުވާތީވެ.. މާލޭގައި އުޅުމަކީ އާދައިގެ މީހަކަށް ވާވަރުގެ ކަމެއް ނޫން..ތިހީވަނީ މޮހޮނަށް ދޯނި ދިން ގޮތް ހެން...ހަމަ ކޯސް ތަކެއް ހުޅުވާލިޔަސް ކަމަކުނުދާނެ..އެކުދިންނަށް އެކަން މަގުފަހި ކޮއްދޭންވެސް ޖެހޭނެ..

    ހޮނިހިރު، ނޮވެންބަރު 15 2008، 09:14
  4. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްކޫލް ނިންމާފައި ތިބި ކުދިން އެކުދީން ކިތަންމެ ކިޔަވަން ބޭނުންވި ކަމުގައިވިޔަސް މާލޭގައި ކިޔަވަން ބޭތިއްބުމަކީ އެކުދީންގެ މައިންބަފައިންގެ މާލީ ޙާލަތު ހުރިގޮތުން އެ ފަރާތްތަކަށް ކުރެވޭނެކަމެއް ނުން. އަދި ގިނަފަހަރު މާލޭގައި ކުދިން ކިޔަވަން ބެހެއްޓޭ ފަދަ ބެލިނިވެރިން އެކުދީން ކިޔަވަން ބަހައްޓަންޖެހެނީ ކޮންމެވެސް ރައްޓެއްސެއް ނުވަތަ ގާތްތިމާގެ މީހެއްގެ ކައިރީގައެވެ. މިކަމުގެ ސަބަބުން އެކުއްޖަކު އެއުޅޭގެއްގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްކުރުމަށްފަހު ކިޔަވާށެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ކުދީން ތަޙައްމަލްކުރަންޖެހިފައިވާ ކަމެކެވެ. އެމީސްމީހުން އެކުދީން ގެންގުޅެނީ ގޭގައި މަސައްކަތު މީހެއް ގެންގުޅޭހެންނެވެ. މިހެންކަމުން އެކުދީން ކިވަންދޭންޖެހޭ ވަގުތާއި ސަމާލުކަން ނުދެވި ފާސްވެސްނުވެއެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު ދެބަސްނުވާނެ ޙަޤީގަތެކެވެ. ކޮލެޖްގައި ކިޔަވަން ބޭނުންވާ ކުދީން ރާއްޖޭގައި ނެތީއެއް ނޫނެވެ. އެކުދިންގެ މައިންބަފައިގެން އެ ތަނަވަސްކަން ނެތީއެވެ. ކޮލެޖް ޔުނިވާސިޓީއެއްގެ ނަންބޯޑް އެޅުވިޔަސް މިކަންކަމަށް އެދެވޭ ޙައްލެއް ނުގެނެސް އެތަނުގައި ހިންގާ ކޯސްތަކުގައި ބައިވެރިވާނެ ކުދީންނެއް ނުލިބޭނެއެވެ.

    ހޮނިހިރު، ނޮވެންބަރު 15 2008، 13:48
  5. ރާއްޖެތެރޭގައި ގޮފިތައްހުންނާނޭ ބުނަންލަދުވެސް ނުގަނޭދޯ؟ ހދ.ކުޅުދުއްފުށީ ކެންޕަސް ހީވަނީ ޖަލާލުއްދީން ސްކޫލްގެ އެއްބައިހެން މުޅިންވެސް ކޯސްތަކުގެ ދަރިވަރުންނަށް ކިޔަވައިދެނީ އެސްކޫލް ޓީޗަރުން(އެންމެދެމީހުން ފިޔަވާ). އަދި އެމީހުންގެ މުސާރަ ކޮޅު އަހަރުދުވަސް ވާއިރުވެސް ނުލިބިއެބަހުރި. ކޮލެޖްގެ ގޮފިތަކައް ސަލާން. -ދޮހާފޮށި-

    ހޮނިހިރު، ނޮވެންބަރު 15 2008، 17:23
  6. ދުނިޔޭގެ އެހެން ތަންތަނުގައިވެސް ކޮލެޖްތަކުގައި ކިޔަވާ ކުދިން މަސައްކަތްކޮށްގެން އާމްދަނީ ހޯދަނީ އަމިއްލައަށް އިތުރުގަޑީ މަސައްކަތްކޮށްގެން. ސަރުކާރުން ހުރިހާ ކަމެއްކޮށްދެވޭނެކަމަށް ބަލާކަށް ނުވާނެ

    ހޮނިހިރު، ނޮވެންބަރު 15 2008، 19:47
  7. ޖަލާލުއްދީން ޓީޗަރުންލައްވާވެސް ކިޔަވައިދޭކަން ރަނގަޅެއްނުން. ބަލަ، ކޮލެޖުން އެ ވިދާޅުވަނީ ސްޓާފުން ނުލިބޭ ވާހަކައެއްނުން. ސަރުކާރުން ނިކަން މުވައްޒަފުންގެ އޮނިގަނޑާ މުސާރަތަކާ ރަނގަޅުކޮށް މުވައްޒަފުން ހަރުލާނޭގޮތެއް ހަދާބަލަ އިހަށް. ހަތަރެސްފައި ބަނދެފަ މަސައްކަތްކުރާށޭ ބުންޏަސް މަސައްކަތްކުރާނީ ކިހިނެތްތަ؟ - ކޮލެޖުގެ ކުރީގެ މުވައްޒަފެއް-

    ހޮނިހިރު، ނޮވެންބަރު 15 2008، 23:58
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv