ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ވެއްޓެމުންދާ މައްސަލައަށް މަސްވެރިންވެސް ފުންކޮށް ވިސްނަންޖެހޭ: ސީފުޑް އެސޯސިއޭޝަން

މުހައްމަދު އަފްރާޙް ނޮވެންބަރު 14 2008، 19:51 0 ޚިޔާލު

ރާއްޖޭގައި މަސްވެރިކަން ރަނގަޅު ވެފައިވަނިކޮށް ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ވެއްޓެމުންދާ މައްސަލައާއިމެދު ފުންކޮށް ވިސްނަން މަސްވެރިންވެސް ޖެހޭ ކަމަށް މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްޕޯޓާސް އެސޯސިއޭޝަން (އެމްއެސްއެކްއޭ) ބުނެފިއެވެ.

އެމްއެސްއެކްއޭއިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ސީފުޑް އެސޯސިއޭޝަންގެ ރައީސް އަހުމަދު ބުންޏާމީން ވިދާޅުވީ ރާއްޖޭގައި މަސްވެރިކަން ރަނގަޅުވެފައިވާ މި ދަނޑިވަޅުގައި ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ވެއްޓެމުން ދާ ކަމަށާއި އެއީ ސީފުޑް އެސޯސިއޭޝަނުންވެސް ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

” މަސްވެރިންވެސް މިހާރު އިގްތިސާދީ ނަޒަރަކުން ވިސްނަން ވެއްޖެ. މަސްވެރިން ވީހާވެސް ކުންފުނިތަކާއި ގުޅިގެން ކުރިއަށް ދާންވީ. އޭރުން މިފަދަ ތާށިކަމެއް އުޅޭ ދުވަސްވަރެއްގައި ދެ ފަރާތަަށް ވެސް ފެސޭހަވާނެ. އަދި މަސްވެރިންވެސް މިހާރުގެ ހާލަތަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭ.“ ބުންޏާމީން ވިދާޅުވިއެވެ.

ބުންޏާމީން ވިދާޅުވީ މިދުވަސްވަރު މަސްވެރިކަން ދަށްވުމަކީ ކޮންމެ އަހަރަކުވެސް ތަޖުރިބާކުރަން ޖެހޭ ކަމެއް ކަމަށާއި ނަމަވެސް ކުރީ އަހަރުތަކާއި އަޅާބަލާއިރު މިއަހަރު މަސްވެރިކަން ދައްވެފައިވަނީ މަހަށް އޮތް ޑިމާންޑް ދައްވެ ދުނިޔޭގެ ބޮޑެތި އިގްތިސާދު ތަކަށް ދިމާވެފައިވާ ހީނަރު ކަމުގެ ސަބަބުން ކަމަށެވެ.

މިދުވަސްވަރު މަހުގެ އަގު ދައްވަމުން ދިއުމާއި ގުޅިގެން ކަންބޮޑުވާކަން ފާޅުކޮށް ސީފުޑް އެސޯސިއޭޝަނުން ވަނީ ނޫސްބަޔާނެއްވެސް ނެރެފައެވެ. އެ ނޫސްބަޔާނުގައި ބުނެފައިވާ ގޮތުން ރާއްޖޭގެ މަސް އެންމެ ގިނައިން ބޭރުކުރާ ޔޫރަޕުގެ ބާޒާރުތަކުގެ ސުޕަމާކެޓްތަކުން މަސްވިކޭވަރު ވަރަށް ބޮޑުތަން ދަށްވެގެން ގޮސްފައިވާ ކަމަށާއި އެކަމުގެ ސަބަބުން މަސްވެރިންނެކޭ އެއްގޮތަށް މަސްގަންނަ ކުންފުނިތަކަށްވެސް ބޮޑެތި ގޮންޖެހުން ތަކާއި ކުރިމަތި ވަމުން ދާ ކަމަށާއި އެކަމުގެ ސަބަބުން ކުންފުނިތަކުން މަސްގަންނަ މަހުގެ އަގު ދައްކުރުމަށް މަޖުބޫރު ވެފައިވާ ކަމަށެވެ.

” ކުރިއަށް އޮތް ޑިސެންބަރު މަހުވެސް މަހުގެ އަގު އިތުރަށް ދަށްވެގެން ދިއުމަކީ އެކަށީގެން ވާ ކަމެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނޭ.“ އެމްއެސްއެކްއޭގެ ނޫސްބަޔާނުގައި ވެއެވެ.

އެމްއެސްއެކްއޭއިން ބުނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވެގެން ދިޔަ ކަމުގައި ވިއަސް ބޮޑު ކަންނެލި ކިރުވާ ދޯނިފަހަރުގެ ތެރެއިން ފިޝަރީޒް މިނިސްޓްރީ އަދި ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްގެން މަސްވެރިކަން ކުރާ ދޯނިފަހަރުގެ ބޮޑު ކަންނެލި ގަންނަމުން ދިއުމަށް އެ އެސޯސިއޭޝަނުން ކުރެވެންހުރި މަސްކަތެއް ކުރަމުން ގެންދާނެ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގެ މަހުގެ އަގުތައް ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި މިއަހަރު ފެށުނުއިރަށް ވުރެ މިހާރު މަހުގެ އަގުވަނީ 50 އިންސައްތަ ދަށަށް ގޮސްފައެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv