މެލަމީން އެކުލެވޭ އުފެއްދުންތައް ހާމަކޮށްބޮޑު ގޮތެއްގައި އެނގޭނެ ގޮތެއް ހަދަންޖެހިފައި

މުހައްމަދު އަފްރާޙް ނޮވެންބަރު 14 2008، 10:30 0 ޚިޔާލު

މުހައްމަދު އަފްރާހް

” އަހަރެންގެ ދަރިފުޅު ފުރަތަމަ ހޮޑުލާން ފެށީ. ކުރިން ހީކުރީ އެއީ އާދައިގެ ކަމެއް ކަމަށް. އެކަމަކު ހޮސްޕިޓަލުން ކުރި ޓެސްޓްތަކުން އެގުނީ ދަރިފުޅަށް މެލަމިން ހުރި ކާނާގެ ބާވަތެއް ކެވިފައިވާކަން. އެ ދުވަހުން ފެށިގެން ދަރިފުޅު ހޮސްޕިޓަލުގައި ބާވައިގެން މި އުޅެނީ. ދަރިފުޅުގެ ކިޑްނީގައި ހުރީ ހިލަ އުފެއްދިފަ.“ ޗައިނާގެ ދެ ކުދިންގެ މަންމައަކު ހޮންކޮންގްގެ ނޫހަކަށް ދިން ބަސްދީގަތުމެއްގައި އަސަރާއިއެކު ކިޔައިދީފައި ވެ އެވެ.

މެލަމީން އަކީ މިގަރުނުގައި ސިއްހީ ދާއިރާއަށް ދިމާވާނެ ބޮޑު ގޮންޖެހުމަށް ވެގެން ހިގައިދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ބުނެފަ އެވެ. ” މެލަމިން“ މިބަސް އެންމެ ފުރަތަމަ ގިނަ މީހުންނަށް އެގިގެން ދިޔައީ މުޅި ދުނިޔެއަށް މަޝްހޫރު ކިރުގެ ބާވަތެއް ކަމަށް ވާ ” ޑަޗްލޭޑީ“ ސްޓޯބެރީ މިލްކްގައި މި މާއްދާ ހުރިކަން އެގިގެން ދިޔަހިސާބުން ނެވެ. ޗައިނާގެ ކާރުހާނާއެއްގައި އުފައްދާފައިވާ މިއުފެއްދުމުގައި މިމާއްދާ ފެނުނު ހިސާބުން ފެށިގެން ތަފާތު ބާވަތްތަކުން މި މާއްދާ ދަނީ ފެންނަމުން ނެވެ.

މެލަމީން އަކީ ކާނާގެ ބާވަތްތަކުގައި ޕްރޮޓީން ހުންނަ މިންވަރު މަތިކުރުމަށް އެއްކުރާ ގިނަ މާއްދާ ތަކެއްގެ ސަބަބުން އުފެދޭ ހަށިގަނޑަށް ނުރައްކާތެރި ” ވިހަ“ އެކެވެ. މިކަން ކުރަނީ ޓެސްޓްކުރާއިރު, އެ ކާނާއެއްގައި ޕްރޮޓީން ހުންނަ މިންވަރު ޓެސްޓްތަކުން މަތިަކަމަށް ދައްކާތީ އެވެ. މެލަމިން އެކުލެވޭ އުފެއްދުމެއް ބޭނުންކުރާ ވަގުތު އެކަން އެގިގެން ނުދިޔަ ކަމުގައި ވިއަސް އެއީ ހަށިގަނޑަށް ނުރައްކާތެރި މާާއްދާ އެކެވެ. މި މާއްދާ އެކުލެވޭ އުފެއްދުމެއް ބޭނުން ކުރެވިއްޖެ ނަމަ ކިޑްނީ ގައި ހިލަ އުފެއްދުން ފަދަ ހަށިގަނޑަށް ނުރައްކާތެރި އެތައް ކަމެއް ދިމާވެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން މެލަމީން މާއްދާ ހިމެނޭ އުފެއްދުންތައް ފެނިފައިވާ އިރު އޭގެ ތެރޭގައި ކުޑަކުދިންގެ މަގުބޫލުކަން ލިބިފައިވާ ބައެއް ބިސްކޯދުންވެސް ހިމެނެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރެފައިވާ ” މެލަމީން ލިސްޓު“ ގައި 43 އުފެއްދުމެއް ވަނީ ފެނިފަ އެވެ. މިއުފެއްދުން ތަކުގެ ތެރޭގައި މަންޗީ ލެމަން ޕަފް ބިސްކޯދު, ޖޫލިޔާ ކޮކޯރޯ ކްރިސްޕީ ޗޮކްލެޓް ވެފާ ރޯލް ފަދަ ބާވަތްތަށް ހިމެނެ އެވެ. ރާއްޖޭއަށް އެތެރެކުރާ ބިސްކޯދުތަކުގެ ތެރެއިން މެލަމީން ހުރިކަން އެގިފައި ވަނީ މެލޭޝިޔާގައި އުފެއްދާ 41 ވައްތަރެއްގެ ބިސްކޯދަކުން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ބުނެފަ އެވެ.

މެލަމީންގެ އަސަރުހުރި އުފެއްދުންތަކެއް ރާއްޖޭގެ މާކެޓްގައި ދައުރުވަމުން ދާއިރު މި އުފެއްދުންތަށް އާންމުންނަށް އެނގޭބާ އެވެ؟ މިއީ މިއީ ވަރަށް ނުރައްކާތެރި މައްސަލަ އެވެ. ގިނަ މީހުން ބުނާ ގޮތުގައި މެލަމީންއަކީ ވިހަ މާއްދާއެއްކަން އެގިފައިވާއިރު އެއުފެއްދުން އެކުލެވޭ ބާވަތައް ވަކި ކުރާކަން އެމީހުންނަށް ނޭނގެއެވެ.

ދެން އޮތީ އަނެއް ނުރައްކަލެވެ. ބައެއް ކުދި ފިހާރަތަކުން މި އުފެއްދުން ހިމެނޭ ބައެއް އުފެއްދުންތައް ” ސިއްރުން ފޮރުވާގެން ވިިއްކަމުން ދާކަމެވެ.“ މިއީ ގާނޫނީ ގޮތުން ބޮޑު ކުށެކެވެ.

ޓްރޭޑް މިނިސްޓްރީން ބުނީ މޯލްޑިވްސް ފުޑް އެންޑް ޑްރެގް އޮތޯރިޓީ އާއި ޓްރޭޑް މިނިސްޓްރީ އަދި ޕަބްލިކް ހެލްތުން ރާއްޖޭގެ ވިޔަފާރި ކުރާ ތަންތަން ޗެކްކުރުމުގެ މަސައްކަތެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތަށް ޗެކްކުރާ ޗެކްކުރުމުގައި މެލަމީން ހުރި އުފެއްދުމެއް އެއްވެސް ތަނަކުން ފެނިއްޖެ ނަމަ ގާނޫން ނަމްބަރު ގާނޫނު ނަންބަރު 69/1 މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ފަރާތެއް 005ރ އިން ފެށިގެން 000,001ރ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށެވެ.

މުޅި ދުނިޔޭގައި މި ނުރައްކާތެރި މާއްދާ އެކުލެވޭ އުފެއްދުންތައް ދައުރުވަމުން ދާއިރު ފިހާރަ ތަކުގައި މިމާއްދާ އެކުލެވޭ އުފެއްދުންތަކުގެ ފޮޓޯ ޖަހައިގެން ނަމަވެސް މިވިހަ އެކުލެވޭ މާއްދާ ތަކަކީ ކޮބައިކަން އާއްމުންނަށް އެގެން ޖެހެ އެވެ. އެހެން ނޫންނަމަ ނޭގިތިއްބައި ގިނަ ބަޔަކު ” ވިހަ ވުމަކީ“ އެކަށީގެން ވާކަމެކެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv