ހައްގު ހޯދަން އެމްޑީޕީން ޖެހިބެރު ޑީއާރުޕީންވެސް ޖަހަނީ
”ދެން މިއުޅޭ ގޮތެއް. މަގު މައްޗަށް ނިކުމެ ކުނި ހުތުރު ގޮވާ އާއްމުންނަށް އުނދަގޫކޮށް. ވެރިކަމާ ހެދި އުޅުނަސް އެއީ ދެން ފުކެއް ބޮޑުވަރު“ އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު މައުމޫނުގެ ސަރުކާރާމެދު ހިތްހަމަ ނުޖެހިގެން އެއްވި އެއްވުމަކަ ނުރުހުންވި މީހަކު ބުންޏެވެ. އެމީހަކީ ޑީއާރުޕީއަށް ނިސްބަތްވާ މީހެއްކަން އެޕާޓީން ބޭއްވި ކޮންގްރެސް ތެރެއިން ފެނުނީމަ ފަހުން އެނގުނެވެ.
މައުމޫނުގެ ސަރުކާރު ނިމުމަކަށް ގެނައުމަށްޓަކައި އިދިކޮޅު އެމްޑީޕީން ކުޅުނު އެންމެ ބޮޑު އެއްކުޅިއަކީ މަގުމައްޗަށް ނިކުތުމެވެ. މުޒާހަރާ ކުރުމެވެ. ސީދާ ހަރަކާތް ހިންގުމެވެ.
އެދުވަސްވަރު އެހަރާކަތްތަކަ ނުރުހުނު ގިނަބަޔަކު ތިއްބެވެ. ޚައްޞަކޮށް ޑީއާރުޕީ މީހުން ސީދާ ދިމާއިދިކޮޅެވެ. އޭރުއޮތް ޑީއާރުޕީގެ ސަރުކާރުން ދިޔައީ ސަލާމަތީ ބާރުތައް ބޭނުންކޮށްގެން އެފަދަ އެއްވުންތައް ރޫޅަމުންނެވެ. ގަދަ ހަދާ މީހުން ހައްޔަރު ކުރަމުންނެވެ. ނުކިޔަމަންތެރިވީ މީހުންނަށް ”އަމުރަށް ނުކިޔަމަންތެރިވިކަމުގެ ކުށުގައި“ ޖަލަށް ހުކުމް ކުރަމުންނެވެ.
މިއަދު ހާލަތު ބަދަވެއްޖެއެވެ. ހާފު ބަދަލުވެ ދަނޑުގެ ކޮޅު ބަދަލުވެއްޖެއެވެ. ކުރިން ”އިދިކޮޅު“ ސަރުކާރަށް ބަދަލުވެ, ސަރުކާރު ”އިދިކޮޅަށް“ ބަދަލުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް މަޤާމާ ހަވަލުވެ އޮފީހަށް ނިކުމެވަޑައިގެން ފުރަތަމަ ދުވަހު މިހާރުގެ އިދިކޮޅު ޕާޓީ ޑީއާރުޕީން ހައްޤު ހޯދުމަށް މަގުމައްޗަށް ނިކުތީއެވެ. ނަޝީދުގެ ސަރުކާރުން ޤާނުން އަސާސީއާ ޚިލާފްވީކަމަށްބުނެ ރައްޔިތުންގެ މަޖިލީސް ދޮށަށް އެއްވެ ނުރުހުން ފާޅުކުރީއެވެ. އެމީހުންގެ ޝުއޫރު ފާޅުކުރީއެވެ.
އަންގާރަދުވަހު ހުވާ ކުރެއްވި ދިވެހި ރާއްޖޭގެ ހަތަރުވަނަ ރައީސް މަޖިލީހަށް އަށް މެމްބަރުން އައްޔަން ކުރުމާ ގުޅިގެން އިއްޔެ މަޖިލިސް ދޮށަށް ބަޔަކު އެއްވެ ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ބުދަދުވަހުގެ މަޖިލިސް ފެށުނުއިރުއާއި އިންޓަވަލް ގަޑީގައި މަޖިލިސް ގޭދޮށަށް އެއްވި މީހުން ޑީއާރުޕީގެ ދިދަ ނުގެންގުޅުނު ނަމަވެސް އެމީހުންނަކީ ޑީއާރުޕީތެރޭގައި އުޅެ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވާ މީހުންނެވެ. ނިމިގެންދިޔަ ކެންޕޭނުގައި މައުމޫނަށް ތާއީދުކޮށް ނިކުމެ އުޅުނު ޑީއާރުޕީގެ އެކްޓިވިސްޓުންނެވެ.
އެއްވި މީހުން ބުނަމުން ގެންދިޔައީ މި ގާނޫނު އަސާސީގެ ދަށުން މަޖިލީހަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު މިހާރުގެ ރައީސުލް ޖުމްހޫރިއްޔާއަކަށް ލިބިވަޑައި ނުގަންނަވާނެ ކަމަށެވެ.
” އަދި މިއުޅެނީ ހުވާކޮށްގެން 24 ގަޑިއިރު ނުވެ. އެހާ އަވަހަށް އެވަނީ ގާނޫނާ ޚިލާފުވެފައި. ގާނޫނު އަސާސީގައި ރީތިކޮށް އެބަބުނޭ މިހާރު އޮތް މަޖިލިސް ދެމި އޮންނާނޭ. ދެން ކީއްވެ ބަދަލު ކުރެވުނީ. އެއީ ކުރެވޭނެ ކަމެއްނޫން. އަހަރެމެން މިއަޑު އުފުލާނަން.“ މަޖިލިސް ދޮށަށް އެއްވި މީހުންގެ ތެރެއިން ޝަރީފް ގޮވަމުން ދިޔައެވެ.
ޝަރީފް އަތުގައި އޮތް ޤާނޫން އަސާސީއެއް ދައްކަމުން ޝަރީފް ބުނަމުން ދިޔައީ ޤާނޫން އަސާސީއާ ނަޝީދުގެ ސަރުކާރުން ޚިލާފްވެއްޖެ ކަމަށެވެ. ޤާނޫން އަސާސީ ދައްކަމުން އޭނާ މެންބަރުންނަށާއި އެއްވެފައިވާ އާއްމުންނަށް ވިސްނައިދޭން މަސައްކަތް ކުރަމުން ދިޔައީ ރައީސުލްޖުމްހޫރިއްޔަގެ 8 މެންބަރުން ނަޝީދަށް ބަދަލު ނުކުރެއްވޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންޓަވަލަށް ނިކުމެ ކުޑަދޮށުގައި ތިއްބެވި މެންބަރުންގެ ތެރެއިން ރ އަތޮޅު މެންބަރ އަލީވަހިދު ނިކުމެވަޑައިގެން ޝަރީފް ގާތަށް ހުއްޓި ޝަރީފް ދައްކާ ވާހަކަ އަޑު އެއްސެވުމަށްފަހު ދެއްވަން ފެއްޓެވި ޖަވާބު ކުރިއަށް ގެންދިޔަކަ ނުދިނެވެ. އެއްވެ ތިބި ހައެއްކަ މީހުންގެ އަޑު ފަޅައިގެން ދިޔައެވެ.
”ތީއަދި ކާކު. ތިޔައީ ދޮގުހަދާ މީހެއް. ދުވަހަކުވެސް ތެދެއް ބުނާ މީހެއް ނޫން ތިއީކީ. މަޖިލީހުގައިވެސް ދައްކަނީ މުޅިން މަޖިލިސް އަގުވެއްޓޭކަހަލަ ވާހަކަ. ރ. އަތޮޅު މެންބަރޯ. ރ އަތޮޅަށް ކޮށްދިނީ ކޮންކަމެއް“ އަލީވަހީދު ހަނުހިމޭންވުމަށް އެދެމުން ދިޔައިރުވެސް އެއްވި ހައެއްކަ މީހުންގެ ތެރެއިން ދެތިން މީހަކު ގޮވަމުން ދިޔައެވެ.
އެމްޑީޕީ މީހުން އެއްވިއިރު ކޮންމެވެސް ބޮލެކޭ ކިޔައިގެން އެއްޗެއް ގޮވިއިރު, އެމްޑީޕީއަށް ނިސްބަތްވާ މީހުން އެއްވެގެންވެސް ކޮންމެވެސް ގަންޖާއެއްތޯ އެއްޗެއް ގޮވިއެވެ.
ފުލުހުން އައިސް މައިތިރިކުރުމުން އިންޓަވަލް ގަޑިއާ ދިމަކޮށް އެއްވި މީހުންގެ އެއްވުން ނިމުމަކަށް އައެވެ. މަޖީލިސް ތެރޭގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވަނީ އެއްވި މީހުންނަށް ރައްދު ދެއްވަފައެވެ. ” ޑީއާރްޕީއަށް ނިސްބަތްވާ ބޮޑު ބައިގަނޑެއް މި މަޖިލިސްގެ ދޮށުގައި ގާނޫނު އަސާސީއާ ޚިލާފަށް ގާނޫނު އަސާސީ ރޯނުބައިކޮށް މާނަކޮށްގެން މިސަރުކާރު ބަދަލުވެގެން އެކަމާ ކެތްނުވެގެން ހިތަށް އޭގެ ތަހައްމަލް ނުކުރެވިގެން ބަޔަކު ވިސްނާދީގެން އެކުދިން ފަކީރު އެތިބީ މިތަނަށް އައިސް އެއޮއް ހަޅޭއްލަވަނީ. މިއީ ފުރަތަމަ ދުވަސް. ގާނޫނު އަސާސީ އިސްލާހު ކުރުމަށް ފަހު ރައީސުލް ޖުމްހޫރިއްޔާ މަގާމާ ހަވާވުމަށްފަހު ބާއްވާ ފުރަތަމަ ޖަލްސާ. މަޖިސްގައި ހިގަމުން ދަނިކޮށް މަޖިލިސް ގޭދޮށުގައި ޑީއާރްޕީއަށް ނިސްބަތްވާ މީހުންތަކެއް, )އަޅުގަނޑު ދަންނަވާނީ ހަމަ ޑީއާރްޕީން ފޮނުވައިގެންނޭ, އެހެން ނޫންނަމަ އެމީހުންނެއް ނާންނާނެ.( ހަޅޭއްވަމުން އެބަދޭ.“ އަލީ ވަހީދު ވިދާޅުވި އެވެ.
ބުދަދުވަހުއޮތް ހެނދުނު ރައްޔިތުންގެ މަޖިލިސް ނިމުނު ގަޑިއާ ދިމާކޮށް އަނެއްކަވެސް ޑީއާރުޕީގެ ގުރުޕޫން އެއްވިއެވެ. މިފަހަރު ކުރިއަށްވުރެ ބައިގިނަވިއެވެ. އަދި އެވަގުތާ ދިމާކޮށް އެމްޑީޕީއާއި އަދި އެހެންޕާޓީތަކާއި ދެންވެސް ޑީއާރުޕީއަށް ނިސްބަތް ނުވާ ބަޔަކު އެސަރަހައްދަށް ޖަމާވިއެވެ. މަސްހުނިވެފައިވާ މީހުންގެ ތެރެއިން އެގަހު ކޭލެއް މިގަހު ކޭލެއް ނޭނގުނު ނަމަވެސް ޤާނޫން އަސާސީ ހިފައިގެން ހުރެ ޝުއޫރު ފާޅުކުރަމުން ގެންދިޔައީ ޝަރީފާއި ޝަރީފުގާތުގައިތިބި ހައެއްކަ މީހުންނެވެ. އެމީހުންނާ ދެކޮޅަށް ދެންތިބި މީހުންވެސް އަޑުގަދަކުރަން ފެށުމުން ޑީއާރުޕީގެ އެއްވުން ވައިގައި ހިފާގޮތެއް ނުވިއެވެ. މިފަހަރުވެސް ފުލުހުން އައިސް އެއްވުން ހުއްޓުވާ އެއްވި ސަރަހައްދު ކްލިއަރ ކޮށްލިއެވެ.
ބުދަދުވަހު ދަރުބާރުގެ ފަންސަވީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑީއާރުޕީގެ ފަރާތުން ދީނާ ސޯލިހު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީ ލިބިދީފައި ނުވާ ބާރުތަކެއް މުހައްމަދު ނަޝީދު ބޭނުންކުރައްވާފައިކަމަށެވެ. އަދި ޤާނޫނު އަސާސީގެ އިންތިގާލީ ބާބުގައި އޮންނަ ގޮތުން ޤާނޫނު އަސާސީ ތަސްދީގު ކުރާ ދުވަހު ދެމިއޮންނަ ރައްޔިތުންގެ މަޖިލިސް މިއަންނަ ފެބްރުއަރީ މަހު އާ މަޖިލީހެއް އިންތިޚާބްކޮށް ނިމެންދެން ދެމިއޮންނާނެކަމަށް ވެސް ދީނާ ވިދާޅުވިއެވެ. އެގޮތުން މިއަހަރުގެ އޯގަސްޓް 7ވަނަ ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވަކިކޮށް އެމަޖިލީހަށް މެމްބަރަކު އައްޔަން ކުރުމަކީ ގާނޫނު އަސާސީއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިނުވާ ބާރެއްކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.
ޑީއާރުޕީން ވަނީ އެމައްސަލަ ބުދަދުވަހު ސުޕްރީމް ކޯޓަށްވެސް ހުށަހަޅާފައެވެ. ދީނާ ވިދާޅުވީ ޤާނޫނު އަސާސީގެ 294 ވަނަ މާއްދާގައި މަޖިލިސް ދެމިއޮންނާނެކަމަށް ވަރަށް ސާފުކޮށް ބަޔާޏްކޮށްފައިވާއިރު އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ޤާނޫނު އަސާސީގެ 47ވަނަ މާއްދާގެ ދަށުންކަމަށެވެ.
ގާނޫނު އަސާސީގެ 294 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މިގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހެއް ހޮވުމަށް ބާއްވާ ފުރަތަމަ އިންތިޚާބް ބާއްވާ މަޖިލީހަށް މެންބަރުން އިންތިޚާބްކޮށް އެމީހުން މެމްބަރުކަމާއި ހަވާލުވާންދެން ގާނޫނު އަސާސީއަށް އަމަލުކުރަން ފަށާއިރު އޮތް ރައްޔިތުންގެ މަޖިލިސް ދެމިއޮންނާނެކަމަށެވެ. އަދި 47ވަނަ މާއްދާގައިވަނީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތު މީހެއްގައި ހަމަވޭތޯ ނުވަތަ މެމްބަރަކު މަގާމުން ވަކިކުރާން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެމްބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ އެމައްސަލައެއް ބަލާ ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުންކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ޝިހާބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 8 މެންބަރަކަށް ބަދަލު ގެންނަވާފައިވަނީ ޤާނޫން އަސާސީއާ އެއްގޮތަށް ކަމަށެވެ.
ބުދަދުވަހުއޮތް މަޖިލީހުގެ ޖަލްސާގައި ޝިހާބުގެ ވާހަކަފުޅަށް ތާއީދުކޮށް ވާހަކަދެއްކެވި ބައެއް ބޭފުޅުންވެސް ނެންގެވީ ޤާނޫން އަސާސީގެ 294 ވަނަ މާއްދާއެވެ.
ގާނޫނު އަސާސީގެ 294 ވަނަ މާއްދާގެ )ހ( ގައި ބުނެފައިވަނީ ” ރައްޔިތުންގެ މަޖިލީހެއް ހޮވުމަށް މި ގާނޫނު އަސާސީގެ ދަށުން އޮންނަ ފުރަތަމަ އިންތިޚާބު ބާއްވައި މި ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އެ މަޖިލީހަށް މެމްބަރުން އިންތިޚާބުކޮށް އެމީހުން މެމްބަރުކަމާ ހަވާލުވަންދެން މިގާނޫނު އަސާސީއަށް އަމަލުކުރަން ފަށާއިރު އޮތް ރައްޔިތުންގެ މަޖިލިސް ދެމި އޮންނާނެ“ ކަމަށެވެ.
އެބޭފުޅުން ވިދާޅުވަމުން ގެންދެވީ ޤާނޫން އަސާސީގެ އިންތިޤާލީ މަރުހަލާގައި ބުނަނީ ރައްޔިތުންގެ މަޖިލިސް ދެމިއޮންނާނެ ކަމަށެވެ. ކުރީގެ ރައީސް އައްޔަން ކުރަވަފައިވާ ބޭފުޅުން ތިބޭނެ ވާހަކައެއް ނެތްކަމަށެވެ.
ކޮންމެއަކަސް މިފެންނަނީ ދުނިޔޭގެ ދެކޮޅެވެ. 8 މެންބަރުން ވަކިކުރަން އޭރު ހިފީ އެމްޑީޕީންނެވެ. އެކަން ކުރިއަ ނުދިނީ ޑީއާރުޕީންނެވެ. ޤާނޫން އަސާސީ ތަން ނުދޭ ކަމަށް ބުނެއެވެ. އޭރު ބާރު އޮތީ ޑީއާރުޕީގެ މުށުތެރޭގައެވެ. މިހާރު އެ 8 މެންބަރުންގެ ވާހަކަ ދައްކަނީ ޑީއާރުޕީންނެވެ. އެ 8 މެންބަރުންގެ ގޮތުގައި ތިބީ އޭރުގެ އިދިކޮޅު ޕާޓީތަކުގެ މީހުންނެވެ. ޤާނޫން އަސާސީއާ އެއްގޮތަށޭ ބުނެ ފައިވިއްދަނީ އެމްޑީޕީއާއި ކުރީގެ އިދިކޮޅު ޕާޓީތަކުންނެވެ. މިއަދު ބާރު އޮތީވެސް އެމީހުންގެ އަތުގައެވެ. ޑީއާރުޕީން މިއަދު މިޖަހަނީ ކުރިން އެމްޑީޕީންވެސް ޖެހި ބެރެވެ. ކިޔަނީ ކީ ލަވައެވެ. ތަފާތަކީ ޓީމު ތަފާތުވުމެވެ. ދެން އޮތީ ސުޕްރީމް ކޯޓުގެ ބަހަކަށް އިންތިޒާރު ކުރުމެވެ.
-
ބުދަ، ނޮވެންބަރު 12 2008، 12:33
މި ރިޕޯޓް ލިޔުއްވާ ބޭފުޅުން މި ކަމަށް ރިސާޗް ނުކުރައްވަނީ ތޯ ނުވަތަ ހަގީގަތް ހާމަ ކުރަން ބޭނުން ނުވަނީ ތޯ ހިތަށް އަރައެވެ. މައްސަލައަކީ ތިޔަ 294 ވަނަ މާއްދާގެ (ނ) ގޮޑިއެއް އަލުން ފުރަން ޖާގަނުދޭތީ އެވެ.
-
ބުދަ، ނޮވެންބަރު 12 2008، 12:47
ތިކަންވެސް ކުރަންވީގިތަށް ކުރާކަށް ޑި އާރ ޕީ މީހުންނަކަށް ނުކެރޭނެ. ހޭކިލާފާ ފިލާފާނެ. އެމް ދީޕީން ޖެއްސިގޮތަށް ވަރަށް ވަރުގަދައަށް ޖައްސައިގެންނޫނީ ކާމިޔާބެއްނުވާނެ. ކޮންމެކަމެއްވެސް ވާނީ ވަރަށް ވަރުގަދައަށް މަސައްކަތްކޮށްގެން.
-
ބުދަ، ނޮވެންބަރު 12 2008، 12:49
މުސްކުޅިންގެ ހަރުބަހެއް، ބޮޑުސޯބު އެނބުރޭ ގޮތަށޭ ކުޑަސޯބު އެނބުރޭނީ. މިހާރު ކުދިސޯބުތަށް އެނބުރެން ފެށީމަ ، ދެންޖެހޭނީ ހަޖަމު ކުރެވޭތޯ ބަލަންދޯ؟ މިހާރުގެ ރައީސް ކުރިން އުޅުއްވީ ފައިވާން ދޫކޮށްލައްވާފަ މަގުމަތީ ދުވަންދޯ؟ މަޖިލިސްދޮށަށް އެއްވެ ފުލުހުންނާދިމާލަށް ހަޅޭއްލަވާ، ނުކިޔަމަންތެރިކަން ދައްކާ، މިފަދަ ގޮތަކަށް ރައްޔިތުންގެ މަދު ބައެއްގެ ހައްގު ހޯދުމަށް މިފަދަ ހަޑިމުޑުދާރު ޢަމަލްހިންގާފަ، ރައްޔިތުންނަށް މިފަދަ ރީތި ސިފަތަށް ދައްކަދީފަ އޭރު އެއީ ވ ރަނގަޅު ގޮތްތަކެއްކަމަށް ގޮވާފަ، މިހާރު ދެން އެހެންބަޔަކު އެބައެއްގެ ހައްގު ހޯދުމަށް ނިކުތުމުން ދެންހަޑިވެސް ވާނެ، ދެކޮޅުޖެހޭކަމަކަށްވެސް ނުވާނެ. އެއީ އަމިއްލަ އެދުމުން ފޯވެގެން ތިބެ ، ގައުމުގެ މަސްލަހަތަށް ވުރެ އަމިއްލަ މަސްލަހަތުނެރެ، ކުރީސަރުކާރުން ކަމެއްގައި ހައްގު އަދަބު ލިބިފަ، ނޫންނަމަ ބޭނުންވިކަމެއް ބޭނުންވި މުއްދަތުގައި ނުވުމުން ތެޅޭތެޅުން. ތިމީހުން އަބަދުވެސް އުޅޭނީ ތިގޮތަށް. - ވަރިހަމަ-
-
ބުދަ، ނޮވެންބަރު 12 2008، 13:02
މިކަމުންވެސް އެބައެނގޭތާ ކޮންމެބަޔަކުވެސް އެބަޔެއްގެ ޙައްގެއް ނިގުޅެވިއްޖެ ކަމަށް ހީވަންޏާ މަގުމައްޗަށް ނިކުންނާނެކަން އެއީ އެކަނި އެމްޑީޕީ އިން ކުރާ ކަމެއް ނުންކަން ޑީއާރުޕީންވެސް ތިނިކުމެވުނިތާ ދޯ އެހެންވީމަ އެއްވެސް ބަޔަކާ ދިމާއަށް ނުހައްގު ބަސް ނުބުނަންވީ އެއިތު ޑީރޕީ އަށް ބާރު އޮތީމަ މަޑުމަޑުން ތިބީ
-
ބުދަ، ނޮވެންބަރު 12 2008، 13:16
މިއީ ވަރަށް ސިމްޕަލް ކަމެއް. 30 އަހަރުވާންދެން 8 މެންބަރުންގެ ބޭނުންވަނީ ކުރެވިފަ ދެން އެހެންބަޔަކަށް އެ 8 މެންބަރުން ބޭނުން ކުރަން ދޫކޮށްލާ އޭރުން ނިމުނީ. ހަމަގައިމުވެސް އިންތިގާލީ މަރުހަލާ ނިމުނީމަކާ އެ 8 މެންބަރުންނެއް އެއްވެސް ބަޔަކަށް ނުގެންގުޅެވޭނެ. އަދި އެ 8 މެންބަރުން ޑީއާރުޕީގައި ތިއްބަސް އެމީހުންނަކަށް ވެރިކަން ބަދަލެއްވެސް ނުކުރެވޭނެ. އެހެންވީމަ ދެން އަރާރުންތަކެއްނުވެ އިންތިގާލީ މަރުހަލާ ނިމެންދެން އެ 8 މެންބަރުން ނަޝީދުގެ 8 މެންބަރުންގެ ގޮތުގައި ބައިތިއްބާ! އޭރުން ނިމުނީ.
-
ބުދަ، ނޮވެންބަރު 12 2008، 13:19
އެންމެ ހައިރާންވީ ކަމަކީ ޑީއާރުޕީގެ ޒައީމު ވިދާޅުވި ގޮތާއި މިހިގާ ކަންކަމާއި ދިމާނުވީތީއެވެ. ދުވަހަކުވެސް ޑީއާރުޕީ މަގުމައްޗައް ނުނިކުންނާނެ ކަމުގައި ވިދާޅުވީ ވިދާޅުވުން ކޮބާތޯއެވެ؟
-
ބުދަ، ނޮވެންބަރު 12 2008، 13:27
މުހުސިންގެ ލިޔުންތައް ވަރަށް ފުރިހަމަ،،،ހަގީގީ ނޫސްވެރިކަމަކީ ތިޔައީ........ ތިޔަގޮތުގައި ކުރިޔަށް ގެންދަވާ،،މިދިވެހިރާއްގޭ ކަންތައްތައް އެއްދުވަހުން އަނެއްދުވަހަށް ދެންދާނީ ރަނގަޅުވަމުންކަމަށް ވަރަށް އުއްމީދުކުރެވޭ...އެނީ
-
ބުދަ، ނޮވެންބަރު 12 2008، 13:52
ދެންވާނީވެސް ތިހެން، އެކަމަކު ކަމުގެ ދެކޮޅުބަލާލުން މުހިންމުކަމަފެނޭ، މިޔަދު ދިވެހިން ބޭނުންވަނީ ރީތި ދިރިހުޅުމަކަށް ފެންބޮވާގެންފާ އެކަން ކޮއްދެވުމަ ދިވެހި ރައްޔިތުން ވަނީ މުހަމްމަދު ނަޝީދް އޮވަވާފައި، އެމަނިކްފާނުގެ ފަހަތުން ދުވުމަވުރެ އެކަން ތައްތައް ފުރިހަމަ ކޮދެވުމަށް ފުރުސަތު ދިނުމަކީ، ދިވެހި ކޮންމެ ރައްޔިތެގެ ވައްޖިބަކަ ވަންވާނެ، ޑރޕ ވެސް ވެރިކަށްމާގެން ތޯޅި ނެދެދުމަ ގޮވާލަން ، ދިވެހިރައްޔިތުންގެ ނިންމުމަށް ހިއްތިރާމް ކުރަވާ މެލޫޝިޔައިން
-
ބުދަ، ނޮވެންބަރު 12 2008، 13:55
އޭރުވެސް އަޅުގަނޑުމެން އެދުނުގޮތަށް ތިޔަ 8 މެމްބަރުން ނުބައިތިއްބަން ޑީއާރުޕީއަށް ނިސްބަތްވާ މެމްބަރުން ނިންމިނަމަ މިއަދު ރޯންނުޖެހުނީއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ 8 މެމްބަރުން ކަމުން ރައީސުލްޖުމްހޫރިއްޔާކަމުގައި ހުންނެވި ބޭފުޅާ ބަދަލުވުމުން 8 މެމްބަރުންވެސް ބަދަލުކުރެއްވުމަށް ޤާނޫނީ ފުރުޞަތު އެބައޮތެވެ. ޤައުމުގެ މަސްލަޙަތަށްވުރެ އަމިއްލަ އެދުން ކުރިއަށްނެރޭ މީހުންނަށް ދިމާވާނީ ތިކަހަލަ ޙާލަތެވެ.
-
ބުދަ، ނޮވެންބަރު 12 2008، 13:59
ޑީއާރުޕީއަށް ނިސްބަތްވާ މެމްބަރުން މަގުމައްޗަށް ނުކުމެ މުޒާހަރާކުރާ މަންޒަރު ފެނުނީމާ ވަރަށްއުފާވެއެވެ. މުޒާހަރާކުރުމަކީ ހަޑިކަމެކޭ، ޤާނުނާއި ޚިލާފުކަމެކޭ ބުނަމުންދިޔަ މީހުންނަށް އެންމެފަހުން އަމިއްލައަށް އެކަންތައްކުރަންޖެހުމުންނެވެ. އެންމެ ފަހު ދުވަހުވެސް މައުމޫނު ވިދާޅުވީ ޑީއާރުޕީއިން މަގުމައްޗަށްނުކުމެ މުޒާހަރާކޮށް އަލިފާންބޯޅަ އުކުންފަދަ ކަންތައް ނުކުރާނެކަމަށެވެ. ތިޔަ ހުރިހާ ކަމެއްވެސް އަދި ޑީއާރުޕީއިން ކުރާނެއެވެ. އެމީހުންގެ ނުބައިކަން ދިވެހި ރައްޔިތުންނާއި ދުނިޔެއަށް އެނގުމަށް ދެން މާގިނަދުވަހެއްނެތެވެ.
-
ބުދަ، ނޮވެންބަރު 12 2008، 14:24
ގައުމަށް ހެޔޮއެދޭ މީހެއްގެ ހައިސިއްޔަތުން މިރިޕޯޓާމެދު ވަރަށް ހިތްހަމަނުޖެހޭ؟؟ މުހުސިނަނީ މިނިވަން ނޫސްވެރިއެކޭ ބުނެވޭކަށްވެސް ނެތް. މުހުސިން އަބަދުމެ ފެންނަނީ އެމް.ޑީ.ޕީ އަށާއި، އަންނި އަށް ސަނާކިޔާ މީހެއްގެ ގޮތުގައި. އަބަދުވެސް ވާހަކަ ދައްކަނީ އެއްކޮޅަކަށް؟؟ އަނެއްކޮޅުން މިފަދަ ލިޔުންތަކުގައި މުޅިންވެސް ހުންނަނީ އޭނަގެ ހިޔާލު. އެއްވެސް ދިރާސާކުރުމެއްނެތި ލިޔެފަހުންނަތަން ފެންނަނީ. މުހުސިން މިކަމާދޭތެރޭ ވިސްނާލާނެކަމަށް ހީކުރަން.
-
ބުދަ، ނޮވެންބަރު 12 2008، 14:37
ދުވަހަކުވެސް އަހަރެމެންނަށް ޙަޤީޤީ މަންޒަރު ފެންނާނެބާ؟ ޙަޤީޤަތަކީ ޑީއާރްޕީ ބާރުގައި އޮތް އިރު ރާއްޖޭގެ ހުރިހައި ޤާނޫނަކާ ޚިލާފުވީ. މިހާރު އެމްޑީޕީ ވެރިކަމަށް އައުމާއެކު ޤާނޫނު އަސާސީއާ ޚިލާފު ވާން ފެށީ. މައުމޫނުގެ ވެރިކަމުގައި މަޖިލިސްގެ ރައީސަކީ އޭނާ ޢައްޔަންކުރާ ޕަޕެޓެއް. މިހާރު މަޖިލިސްގެ ރައީސަކީ ޤާސިމް ޖަހާހާ ބެރަކަށް ނަށަން ހުރި މީހެއް. ޙަޤީޤަތަކީ މިއީ. ނޫސްވެރިން ވާނަ ޖެހޭނީ ވަކި އަތަކަށް ނުޖެހި ޙަޤީޤަތް ހާމަކުރާ ބަޔަކަށް. މިހާރުވެސް ދިވެހި ރައްޔިތުންނާ ހެދި އުޅޭ ސަރުކާރެއް ނެތް. ކުރިއަކުންވެސް ނެތް. މުހުސިންމެންހެން ޙަޤީޤަތް އޮޅުވާލަން އުޅުނު ބަޔަކު ކުރީގެ ސަރުކާރު އޮތް އިރުވެސް އުޅުނު.
-
ބުދަ، ނޮވެންބަރު 12 2008، 15:17
އެމް.ޑީ.ޕީ އެކްޓިވިސްޓެއްގެ ގޮތުގައި ވަރަށް ވަރުގަދައަށް ޙަރަކާތްތެރިވި ހ. މަލިކުރުވާމާގޭ ޒަހްރާ ޙަސަން، ދެމިއޮތުމުގެ ޢާލަމަށް އިއްޔެ ދަތުރުކުރައްވައިފިއެވެ. ޒަހްރާ އަކީ އެމް.ޑީ.ޕީ ގެ ހަރަކާތްތަކުގައި އެންމެ އިސްސަފުގައި ޙަރަކާތްތެރި ވެވަޑައިގަތް ބޭފުޅެކެވެ. ޒަހްރާ ބަލިވެ އުޅުއްވާތާ ދުވަސްތަކެއް ވެއްޖެއެވެ. އެހެންކަމުން ޕާޓީގެ ހަރަކާތްތަކާއި ދުރުގައި އުޅުއްވިނަމަވެސް ޖަލްސާތައް އޭނާ އަޑުއައްސަވާ ކަމުގައި ވެއެވެ. ކޮންމެއަކަސް އިސްލާހަށް ކުރެވުނު މަސައްކަތުގެ އެންމެ އިސްސަފުތަކުގައި ހަރަކާތްތެރިވެ، އިސްލާހަށް ލިބުނު މަތިވެރި ކާމިޔާބީ ފާހަގަކުރެވެމުން ދަނިކޮށް ޒަހްރާ އަޅުގަޑުމެންނާއި ވަކިވެ ދިޔައީއެވެ. މިދުނިޔޭގެ ދަންފަޅި އޭނާހަމަކުރެއްވީއެވެ. އެއީ އިލާހީ ގާނޫނެވެ. ޒަހްރާގެ ޢާއިލާއަށް މާތް ﷲ ކެތްތެރިކަން އިތުރުކުރައްވާށިއެވެ. އަދި މަރްޙޫމާއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ.
-
ބުދަ، ނޮވެންބަރު 12 2008، 15:20
މިރިޕޯޓް ލިޔުށްވާފައި ވަނީ މުޙްސިނު ވަރަށްބޮޑަށް އެއްކޮޅަށް ޖެހިވަޑައިގެން ހުންނަވައިގެންކަން ދޭހަވޭ.ޛިއްމާދާރު ނޫސްވެރިކަމަކީ ފިސާރިކެރިގެން ހުންނަވައިގެން ވަކިއަތަކަށް ބުރަނުވެ ޙަޤީޤަތް ހާމަކުރުންކަމަށްދެކިލައްވާ.އަޅުގަޑަކީ ވަރަށްގިނައިން މުޙްސިނުގެ ލިޔުންވުންތައް ކިޔާމީހަކަށްވާތީ،މިވާހަކަ ދަންނަވާލަން.
-
ބުދަ، ނޮވެންބަރު 12 2008، 16:04
ރާއްޖެ އަޑިޔައް ހިންގައިދާނެ ކަމުގެ ސަމާލްކަން ދުނިޔެއައް އެންމެފުރަތަމަ ގެނެސްދެއްވި ބޭފުޅަކީ ކުރީގެ ރައީސް އަދި ޑީއާރްޕީގެ ޒައީމް މައުމޫނު ،އެމަނިކުފާނު ދުނިޔޭގެ އެތަކެ ބައިނަލް އަޤުވާމީ ކޮންފަރެންސް ތަކުގައި ވިދާޅުވެފައި އެބަހުރި މިރާއްޖެ އަޑިޔައް ހިގައިދާނެކަމައް! އެހެންކަމުން މިހަބަރަކީ ދިވެހިން ނަށައި ބޭރުގެ މީޑިޔާތަކައް އާޙަބަރެއްނޫންކަންވެސް އެބައެންގޭ!
-
ބުދަ، ނޮވެންބަރު 12 2008، 16:23
ގާނޫން އަސާސީ ބުނާ ގޮތުން ރައީސުލް ޖުމްހޫރިއްޔާ ގެ 8 މެމްބަރުން މަޖިލީހުގައި ތިބެވޭ. އހެން ވެޖީއްޔާ އެ 8 މެމްބަރުން ވަކި ނު ކުރިނަމަ މީޙާރޫގެ ވެރިކަމުގައި އމީހުން ވާނީ ކޮން ބަޔަކައް ބާ؟؟ މައުމޫން އަކީ މިހާރު އާދައިގެ ރައިޔިތެއް ނޫން ތޯ؟؟ އހެން ވީ މަ މައުމޫނުގެ މެމްބަރުން ތަކެއކަށނުން ވަނީ އމީހުން
-
ބުދަ، ނޮވެންބަރު 12 2008، 16:42
މުހުސިނާއި މެދު ތިޔަ ފާޅުކުރި ޚިޔާލަށް އަހަރެން ވަރަށް ތާއީދު. އެކަމު ދެރަކަމަކީ މި ކޮމެންޓް މީގައި ނުޖަހާނެ ކަން..... މިއީ އަބަދުވެސް ވާގޮތް...
-
ބުދަ، ނޮވެންބަރު 12 2008، 16:46
މުހުސިނަށް މިއޮތީ އޮޅިފަ. އެއްގޮތަކަށްވެސް ހައްގު ހޯދަން ޑީއާރުޕީން އެޖަހަނީ އެމްޑީޕީން ޖެހި ބުރެއްނޫން. ކުރިން 8 މެންބަރުން ތިބީ ޤާނޫނު އަސާސީއާއި ޤާނޫނާ އެއްގޮތަށް. މިހާރު ތިބީ ޤާނޫނާ އަސާސީއާ މިހާރުގެ ޤާނޫނު އަސާސީގެ ރޫހާވެސް ޚިލާފަށް. ކުރިން އޮތް ގާނޫނު އަސާސީ އޮވެފައި، ނަޝީދު 8 މެންބަރުން އިސްކުރުމުން އެކަމާ ނުހުންފާޅުކުރަން ބަޔަކު އެއްވިނަމަ ބުނެވިދާނެ އެމްޑީޕީން ޖެހިބުރޭ އެޖަހަނީ. އެހެނެއްނޫން މިކަންވަނީކީ. އޮޅުވާ ނުލައްވާ. 8 މެންބަރުން ކޮށްގެން އެތިބީ މިހާރުގެ ގާނޫނު އަސާސީގައި އިންތިޚާބު ކުރެވޭ މެންބަރުން ކުރަން އޮތް ހުވާ. ކަނޑައެޅިގެން އިންތިޚާބު ކުރެވޭ މެންބަރުން ކުރަންވީ ހުވާކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހުވާ ކޮށްގެން މިކަން ސައްހައެއް ނުވާނެ. ވަލުދޮށުއަށިން ވަދެގެން އުޅޭމީހުން މިހާރު ހަގީގަތުގައި މިފެންނަނީ. ޤައުމެއްގެ ވެރިއެއްގެ ޚުދުމުޚުތާރު ކަމާއި ޤާނޫނު އަސާސީގެ ބާރު ކަނޑުވާލާތަން މި ފެންނަނީ. ފުރިތަމަ ދުވަހު މިފެނުނު ކަންތައްތަކުންވެސް ފޫހިވެއްޖެ.
-
ބުދަ، ނޮވެންބަރު 12 2008، 17:26
އެބަޔަކު ފޭހުނު އިލޮށިގަނޑެއް ހެރޭނީ އެބަޔެއްގެ ލޮލަށްކަން މިހާރު ޑީއާރްޕީ އަށް އިހްސާސް ކުރެވޭނެ. އަދި އެމީހުން ނަކީ ދުވަހަކުވެސް ބަހާ އަމަލާ ދިމާނުވާބަޔެއްކަން މިދަނީ އިތުރަށް ސާބިތުވަމުން. އެއީ އެމީހުންގެ ޒައީމު އާއި އަނީސާ ކަހަލަ މީހުން ބުނަމުންއައީ މަގުމައްޗަށްނުކުމެ ހައްގު ހޯދާކަށް މަސައްކަތެއް ނުކުރާނަމޭ. އެހެންކިޔާފަ މިހާރު ތިކުރި ކަމަކުން ލަދުން ހަލާކުވާވަރުވޭ. ކުރިން ތި 8 މެންބަރުން ވަކިކުރިނަމަ، މިއަދު ތިކަމާ ހިތާމަކުރާކަށް ނުޖެހުނީސް. އަމިއްލަ އެދުން ކުރިއަށް ނެރޭ ކޮންމެ ބަޔަކަށް ތިފަދަ ގޮތްތައް ދިމާވާނެ. މިހާރު އަނެއްކާ ތިއުޅެނީ ވެރިކަން ނުލިބިގެން ހަމަނުޖެހުން އުފެއްދޭތޯ. ދެން ތިކަމެއް ނުވާނެ. ކަލާމެން ބުނިހެން މިހާރު ދިވެހިން މާ ހޭލުންތެރިވެއްޖެ. ހޭލުންތެރިނުވަބަޔަކު ތިބީވެސް ޑީއާރްޕީގައިކަން ދަނީ އެނގެމުން. އިމާދު
-
ބުދަ، ނޮވެންބަރު 12 2008، 18:06
މުހުސިނު ލިޔުނު ލިޔުމެއް ނޫން ގޯހަކީ. ތިމަންނަމެންނަކީ އެއްވުންތައް އެއްވެގެން މުޒާހަރާ ބާއްވައި އަލިފާންބޯޅަ އުކައި ސިފައިންނާ ފުލުހުންގެ ގަޔަށް އަތްލާ ބަޔެއްނޫނޭ ތަޞަރަފު ފުދޭބަޔެކޭ ކިޔައި މާމަތިވެރި ބަޔެކޭ ބުނިމީހުންގެ ބުނުން ގޯހަކީ. ނާޞިރު ރާއްޖޭގެ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރި ވެއްޖެޔޭ ސިންގަޕޯރުގައި ހުރެގެންވެސް ބޭނުންވަނީ ރާއްޖޭގެ ވެރިކަމޭ ބުނިމީހުންގެ ބުނުން ގޯހަކީ.ސިޔާސަތަކީ މީހުންނަށްބިރު ދައްކައި އަދި މިއީ ތިމަންމެންގެ ސަރުކާރެކޭ ވެރިމީހާޔާމެދު ހިތްހަމަނުޖެހޭ މުވައްޒަފުން ތިބެންޖެހެނީ ގޭގަޔޭ ކަނޑާލާނަމޭ ކިޔާފަ ކަނޑާލުން ގޯހަކީ. ރައީސުލްޖުމުހޫރިއްޔާއަކީ އަދިވެސް މައުމޫނު ކަމަށް ގަބޫލުކުރާމީހުންނަށް ރައްޔިތުން ދިން މެސެޖް ކިޔަން ނޭގުން ގޯހަކީ. މިހާރުގެ ރައީސް ވަރަށް ޞަރީހަކޮށް ވިދާޅުވި ނޫންތޯ ތިމަންނަޔާ އެއްހަމައިގާ ވާދަކޮށްގެން ކުރީގެ ރައީސަށް ކުރި ލިބި ވަޑައި ނުގަންނަވާނެޔޭ. އެކަން ގާބޫލު ނުކެރެވޭކަން ގޯހަކީ. ބަޔަކު މީހުންނަށް ހީވަނީ ދިވެހިރާއްޖޭގެ ވެރިކަމަކީ ވަކިމީހަކަށް ކަނޑައެޅިފައިވާ ކަމެއްކަމަށް ފެނުން ގޯހަކީ. އަޅުގަނޑު ދަންނަވާނީ ޑީ.އާރ.ޕީ އިން ރައްޔިތުންނަށްވުރެ ބޮޑަށް ބޭނުންވަނީ ގައުމުގެ ޚަޒާނާ އަތުއަޅުވާލެވޭނެ ގޮތެއްހެން. މިކަންކުރުމަށް ކޮންމެފަދަ ކަމެއްކުރުމަށްވެސް އެމީހުން ތައްޔާރަށް ތިބިކަން މިފެންނަނީ. ރައީސުލް ޖުމުހޫރިއްޔާ މުހަންމަދު ނަޝީދަށް ލަނޑެއް ދިނުމަށް ރޭވުމަކީވެސް ކޮށްފާނޭކަމެއްހެން ހީވަނީ. ވިސްނާލެއްވުން ރަނގަޅު. - ހަސަނު-
-
ބުދަ، ނޮވެންބަރު 12 2008، 18:35
ޙައްޤު ހޯދަން އެންމެންވެސް ދުވަންވީ. ކުރެވުނު ކަމެއް ކުރަންވީ އެކަމަކު ޤާނޫނީ ޙުދޫދުގެ ތެރެއިންލާފަ. ބޭރުނުވާތި ކޮންމެވެސް. މައްސަލަޔަކީ ހަމަ އިސްފަސް ކުރެވުނުކަން. ވަކި ބޭނުމެއްގައި ތިޔަބުނާ 8 މީހުންވެސް އައްޔަނުކޮށްފައި ބޭތިއްބުން. އެންމެ ފަހުން ކުރަންވީ ކަންތައް އެންމެކުރިން ކުރުން. ތިޔަ ހުރިހާ ކަމެއްވެސް ކުރީ މައުމޫނު މިއިންތިޚާބު ވަރަށް ފުރިހަމަ ކަމާއެކު ކާމިޔާބުކުރާނެ ކަމުގެ ޔަޤީންކަންވެސް އޮވެގެން. އެހެން ނަމަވެސް އޮއިވަރު ބަދަލުވީ. ދެން މެމްބަރުންނަށް ތިއްބަވާނީ ހަމަ ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރުން. މިލަޤަބު ހޯދައި ހުވައި ކުރީ ކެނެރީގޭ ހޮނަރަބްލް އަލްފާޟިލް މުޙައްމަދު ނަޝީދު ކަމަށްވާނަމަ ތިއްބާވާނީ ތިޔަވިދާޅުވާ މުއްދަތާ ހަމަޔަށް އެބޭފުޅާ އައްޔަނުކުރައްވާ މެމްބަރުން. މިއީ ވަރަށް ދެރަކަމެއް. މިކަމަކީ ޤާނޫނު މާނަކުރުމުގައި ދިމާވާކަމެއް. *އަނގަގަދަ ހިޔަޅު*
-
ބުދަ، ނޮވެންބަރު 12 2008، 19:27
294 )ނ( ގައި އޮތީ ކުރަންވީ ކަމެއްގެ ވާހަކަ. ވަކިކަމެއް ނުކުރާށޭ ނުބުނާހާ ހިނދަކު އެކަމެއް ކުރުމަކުން ގާނޫނު އަސާސީ އާ ޚިލާފު ވީ ކަމަކަށް ނުބުނެވޭނެ. އަނެއްކާ މިމާއްދާ ރައްދުވަނީވެސް އިންތިޚާބު ކޮއްފައިވާ މެންބަރުންނަށް. ދެންކީކޭތަ މިކިޔަނީ ތިބެގެން.