ރިޔާސީ އިންތިޚާބުގައި ފޮތިފިހާރަތަކަށް ބޮޑު ފައިދާއެއް

ނޮވެންބަރު 11 2008، 18:00 0 ޚިޔާލު

ނިމިގެން ދިޔަ ރިއާސީ އިންތިހާބުގައި ފޮތީގެ ވިޔަފާރިވެރިންނަށް އެ ވިޔަފާރިން ބޮޑު ފައިދާއެއް ލިބިފައިވާ ކަމަށް ފޮތީގެ ވިޔަފާރި ކުރާ ބައެއް ފަރާތްތަކުން ބުނެފި އެވެ.

ރާއްޖޭގައި މަޝްހޫރު ފޮތީގެ ވިޔަފާރި ކުރާ ފަރާތަކުން މިއަދު ބުނީ ފޮތީގެ ވިޔަފާރިން ނިމިގެންދިޔަ ރިއާސީ އިންތިހާބުގައި ބޮޑުފައިދާއެއް ލިބިފައިވާ ކަމަށާއި އެގޮތުން ބައެއް ދުވަސް ދުވަހު ރީނދޫ އަދި ނޫ ފޮތި ދުވާލަކު 70 ފޭލިވެސް ވިކިފައިވާ ކަމަށެވެ.

” މި އިންތިހާބުގައި ފޮތީގެ ވިޔަފާރި ވަރަށް ރަނގަޅު ވެގެންދިޔަ. ހާއްސަކޮށް އިންތިހާބުގެ ދެވަނަ ބުރުގައި. ފުރަތަމަ ބުރު ރަތްކުލަ ވަރަށް ރަނގަޅަށް ވިކިފައިވޭ.“ ނޫހުގައި ނަންނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި މަޝްހޫރު ވިޔަފާރިވެރިއަކު ބުންޏެވެ.

މާލޭގައި ފޮތީގެ ވިޔަފާރި ކުރާ ” ފޮތީގެ ދުނިޔެ’’ ގެ ސޭޓް މުހައްމަދު އަބްދުﷲ ވިދާޅުވީ އެފަރާތުން ފޮތީގެ ވައްތަރުތައް ހޯލްސެއިން ކުރަމުން ގެންދާތީ ދުވާލެއްގެ މައްޗަށް ވިކުނު ވަރު ސީދާ ބުނަން ނޭގުނު ކަމުގައި ވިއަސް ދުވާލެއްގެ މައްޗަށް ހަތަރު ފޭލިވަރު ވިކޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

” ރަތް ހުދު ނޫ ވެސް ވިކިފައިވޭ. އިންތިހާބުގެ ދެވަނަ ބުރު ވަރަށް ގިނައިން ރީދޫ ކުލަ ވިކިފައިވޭ.“ އަބްދުﷲ ވިދާޅުވިއެވެ.

ރާއްޖޭގައި ގިނަ ޕާޓީތަކެއް ބައިވެރިވެގެން ބޭއްވި ފުރަތަމަ ރިއާސީ އިންތިހާބާއި ދިމާކޮށް މާލެ ތެރެވަނީ ނޫ, ރަތް އަދި ރީނދޫ ކުލައިން ޒީނަތްތެރިކޮށްފަ އެވެ. ނަމަވެސް ދެވަނަ ބުރު ގައި އެމްޑީޕީ އާއި ޑީއާރުޕީ ވާދަ ކުރަމަށް ޖެހުމުން މާލެ ތެރެއިން ފެންނަމުން ގޮސްފައިވަނީ ނޫ އަދި ރީނދޫ ކުލަ އެވެ.

މާލޭގައި ފޮތީގެ ވިޔަފާރިކުރާ ފަރާތްތަކުން ކެންޕޭންނާއި ދިމާކޮށް ގިނަ އަދަދެއްގެ ފޮތި ބޭރުން ގެނެސްފައިވާއިރުވެސް ” އޮބި ނޯވެގެން ހުސްވެފައިވާ ކަމަށް“ އެފަރާތަކުން ވަނީ ބުނެފައެވެ.

” އެއްދުވަހު ޑީއާރުޕީއިން ގެންދިޔަ 50 ފޭލި ގަނެގެން. ދެވަނަ ބުރުގައި އެންމެ ގިނައިން ވިކުނީ ރީނދޫކުލަ. އަޅުގަނޑުމެން ހުދުކުލަ ފޭއްޔެއް ވިއްކަނީ 540ރ. އަށް އަދި ކުލަ ފޮތީގެ ފޭއްޔެއް ވިއްކަނީ 720 ރ އަށް.“ ޕްލާޒާ ޓެކްސް ޓައިލްގެ ސޭޓް ހަސަން މުހައްމަދު ވިދާޅުވިއެވެ.

އިންތިހާބުގައި ކެންޕޭން ބެނާތައް ދެމުމަށް އާއްމުކޮށް ޕާޓީތަކުން ބޭނުންކޮށްފައިވަނީ ” ޓެޓްރޯން ކޮޓަން“ ފޮއްޗެވެ. މީގެ ފޮތި ވަކިން މުށެއް ގިނަ ފޮތި ފިހާރަތަކުން އާއްމުކޮށް ވިއްކާފައިވަނީ ހަތް ރުފިޔާ އަށެވެ. އަދި ފޭއްޔެއް ވިއްކަނީ 672 ރ އަށެވެ.

މަޝްހޫރު ސިންދިތާ ފިހާރައިން ބުނީ އެފަރާތުން ވެސް ގިނަ އަދަދެއްގެ ފޮތި ވިކިފައިވާ ކަމަށެވެ.

” ރީނދޫ އަދި ނޫ ފޮތިން އެކަނިވެސް ދެވަނަ ބުރު ދުވާލެއްގެ މައްޗަށް ދެ ލައްކަ ރުފިޔާ ވަރު ލިބިފައިވޭ.“ ކުރިން ނޫހުގައި ނަންނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ވިޔަފާރިވެރިއާ ބުންޏެވެ.

” ކެންފޭން ދުވަސްވަރު ޑީއާރުޕީގެ ނޫކުލައިގެ ބުރުގާ ފޮތީ ވަރަށް ގިނައިން ވިކިފައިވޭ. ކެންޕޭން ދުވަސް ވަރު އަޅުގަނޑުމެންގެ އަތުން ވަނީ ފޮތިފޭލި ހުސްވެފަ. އެހެން ވީމަ ފޭއްޔެއް ނުވިއްކަން.“ ކަޅިރަވަ ފޮތި ފިހާރައިގެ ސޭޓް މުހައްމަދު ޝިއާމް ވިދާޅުވިއެވެ.

ކެންފޭން ދުވަސްވަރު ބައެއް ފިހާރަތަކުން ވަނީ ގައުމީ ކަމެއް ކަމަށް ބަލައި އާއްމުކޮށް ފޮތި ވިއްކާ އަގަށް ވުރެ އަގު ހެޔޮކޮށްވެސް ވިއްކާފަ އެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv