އަޅުގަނޑު ވައްކަމެއް ނުކުރަމެވެ.

ނޮވެންބަރު 9 2008، 17:23 0 ޚިޔާލު

ތިޔަ އެންމެ ބޭފުޅުންވެސް ޤަބޫލު ކުރައްވާނެފަދައިން 28 އޮކްޓޯބަރު 2008 ވާނީ ރާއްޖޭގެ ތާރީޚުގައި ރަންއަކުރުން ލިއެވޭނެ ދުވަހަކަށެވެ. ސަބަބަކީ އެދުވަހަކީ ރާއްޖޭގެ ތާރީޚުގައި އެންމެފުރަތަމައަށް ބޭއްވިގެންދިޔަ ގިނަޕާޓީއެއް ވާދަކުރާ ޑިމޮކްރަސީއެއްގެ ބިންގާ އެޅުނުދުވަހެވެ. އަދިހަމަ އެއާއިއެކު 29 އޮކުޓޯބަރު 2008 ދުވަހު އިރު އުދަރެހުން ފާއްދާލީ ޒަމާނީ ޑިމޮކްރަސީއަކަށް ދިވެހިން ހޭލައްވަމުންނެވެ.

ކޮންމެއަކަސް ހައިރާންކުރަނިވި ގޮތަކަށް ރާއްޖޭއަށް މިގެނެވުނު ޑިމޮކްރަސީގެ ބާނީއަކީ ކާކުކަން ދިވެހިރައްޔިތުންނަށް މިވަގުތުވަނީ އޮޅިފައެވެ. މިފަދަ އޮޅުމެއްގެ ތެރޭގައި ގިނަ ރައްޔިތުން ތިބީ ސަބަބެއް ނެތިއެއްނޫނެވެ. މިއޮޅުން އަރާފައިނީ މިކަމުގެ ރަންމެޑައްޔަށް ދަޢުވާކުރަނީ އެކަކު ކަމަށްނުވާތީއެވެ. ދެފަރާތަކުން ނުވަތަ ތިންފަރާތަކުން މިކަމުގެ ޝަރަފް ލިބިގަންނަން ދަޢުވާ ކުރަމުންދާ މިދަޑިވަޅުގައި އަޅުގަޑުމެން ފަރުވާތެރިކަމާއިއެކު ބަލަންވީ ރިވެތި ހާމަކަން ބޮޑު ޑިމޮކްރަސީގެ އުސޫލުތަކާއި ހަމަތަކުގެ މަތިން ޑިމޮކްރެކިޓް ވެރިކަމެއް ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށްދެނީކާކުތޯއެވެ. އެމީހަކު ދެނެގަތުމަށް ދެން މާގިނަދުވަސްތަކެއް ނަގާނެކަމަކަށް ލަފާނުކުރެވެއެވެ. އެއީއަކީ އަލަށް އިންތިޚާބުކުރެވޭ ރައީސް މުހައްމަދު ނަޝީދު ( އަންނި ) ކަމުގައި ވިޔަސް އަދި ވޯޓްފޮށި މެދުވެރިކޮށް ވެރިކަމުން ދުރުކުރެވުނު ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލް ޤައްޔޫމް ކަމުގައިވިޔަސް އެބޭފުޅަކަށް އައްސަރިބަހާއި ސާބަސްދީ އެބޭފުޅަކަށް ޑިމޮކްރަސީގެ ރަންމެޑަލް ހައްޤުވީކަމަށް އަލުގަޑުމެން ކަޑައަޅަމާތޯއެވެ.

އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމަކީ ޚުދުމުޚުތާރުވެރިއެއްކަމަށް ގިނަބަޔަކު ސިފަކުރަމުން ގެންދިޔަ ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ 30 އަހަރުތެރޭގައި އެކިއެކި ވައްތަރުގެ އެކި ކުލަޖެހިފައިވާ ޑިމޮކްރަސީ އަޅުގަޑުމެންނަށް ދައްކަވަން މަސައްކަތްކުރައްވާފައިވެއެވެ. އެމަނިކުފާނުގެ ރިޔާސީ ކޮންމެ ހަދައުރެއްގެތެރެއިން ކޮންމެ އާދައުރެއްފެށޭހިދު ހަރުދަނާ ޑިމޮކްރަސީއެއްގެ އަޑުއިވިގެންދެއެވެ. ހަމައެހެންމެ ރާއްޖެއާއި ރައްޓެހި ޑިމޮކްރަސީއެއް ގެނެސްދެއްވާންއުޅުއްވާކަމުގެ އަޑުވެސް އިވެމުންދިޔައެވެ. އަދި މީގެއިތުރުން އައު އުސްމިންތަކަކަށް ރާއްޖެ ގެންގޮސްދޭނެ ޑިމޮކްރަސީއެއްގެ އަޑުވެސް އިވިގެން ހިގައްޖެއެވެ. އަޅުގަޑުމެން ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ އެމަނިކުފާނު މިގެނެސްދެއްވާ އެއްވެސް ޑިމޮކްރަސީއެއްގައި ގަލަމާއިދުލުގެ މިނިވަންކަން ހިމެނިފައިނުވާކަމެވެ. ގަލަމާއިދުލުގެ މިނިވަންކަން ލިބިނުދޭ ޑިމޮކުރަސީއަކަން ކިޔާނެ ނަމެއްވެސް އަޅުގަޑަކަށް ނުވިސްނެއެވެ. އެއަށް ދެން އައު އުސްމިންތަކަށް ގެންގޮސް ކުއްލިއަކަށް ވައްޓާލާ ޑިމޮކުރަސީއޭ ކިޔަމާތޯއެވެ.

މައުމޫންއަބްދުލް ޤައްޔޫމުގެ ހިތްޕުޅުގެ ނިޔަތް ކޮންމެގޮތަކަށް އޮތަސް އަދިހަމަ އުމުރުފުޅުގެ ފަހުދުވަސްތަކުގައި ލިބިވަޑައިގެންފާނެ ފުރުސަތަކަށް ވިސްނަވާ ނަމޫނާ ޑިމޮކްރަސީއެއްގެ ޑްރާމާ ކުޅުއްވި ނަމަވެސް ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ 29 އޮކްޓޯބަރު 2008 ދުވަހު އިންތިޚާބުން ބަލިވީކަމަށް ޤަބޫލުކުރައްވައި ނޫސްބަޔާންނެއް ދެއްވައި އަލަށް އިންތިޚާބުކުރެވިފައިވާ ރައީސްއަކީ ޤައުމުހިންގުމުގެ ބާރުތައްހަވާލުކުރެއްވުމުގައި އެމަނިކުފާނު އެދެއްކެވި އަދި ދައްކަވަމުންދާ މިސާލަކީ އަޅުގަޑުމެންގެ ގިނަބަޔަކު ހައިރާންކޮށްލި ރީތި މިސާލެކެވެ. އަޅުގަޑުމެން ފިޔަވައި ދުނިޔޭގެ ބާރުގަދަ ޑިމޮކްރަސީތަކުންވެސް އެމަނިކުފާނަށް ތަޢުރީފުގެ ބަސްތައް އޮއްސަމުން ގެންދިޔައެވެ.

އަހާނ ދޮގޭ! ޑިމޮކްރަސީގެ އެފަދަ ރީތި މިސާލެއް މީގެ ހަތަރު ފަސްއަހަރުކުރިން ދެއްކެވިނަމަ މިފަދަ އިންތިޚާބެއްގައި ކުރި ހޯއްދެވުނީސްކަމީ ޝައްކެއްވެސް ހުރިކަމެއްނޫނެވެ. ހިތާމަޔަކީ މިސާލު ދެއްކެވިއިރު ވަގުތު ފާއިތުވެފައިވާކަމެވެ. އިންތިޚާބުކުރެވިފައިވާ އައު ރައީސް ޑިމޮކްރަސީގެ އެތަކެއް މިސާލެއްދައްކަވައި އެތަކެއް ފަސާހަތަކެއް ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދެއްވައިފިނަމަ އެންމެފަހުވަގުތު ކުރީގެ ރައީސް އެކުޅުއްވި ޑްރާމާގެ މަތިން މީހުން ހަދާންނެތިގެން ހިގައިދާނެއެވެ. އަދިހަމަ އެހެންމެ އަލަށް އިންތިޚާބު ކުރެވުނު ރައީސްގެ ދައުރު ހަމަވެގެން ދެންއޮންނަ އިންތިޚާބެއްގައިވެސް ޑްރާމާ ކުޅޭފަރާތްތަކަށް ކާމިޔާބުވުމަކީ ދުރުކަމެއްކަން ކަށަވަރެވެ.

އަޅުގަޑުމެންނަށް އެކިދިމަދިމާއިން އިވެމުންދާ އަޑަކީ މައުމޫނު ޢަބްދުލްޤައްޔޫމް ވޭތުވެދިޔަ 30 އަހަރު މިޤައުމުގައި ކުރަށްވާފައިވަނީ ޚުދުމުޚުތާރު ވެރިކަމެކޭ ގޮވާލާއަޑެވެ. މިކަމާއިމެދު ޚިޔާލުތަފާތުވެފައިވާ މިދަޑިވަޅުގައި ދުނިޔޭގައި ވެރިންކުރަށްވާފައިވާ ޚުދުމުޚުތާރު ވެރިންނާއި އެބޭފުޅުން ވެރިކަމުން ދުރުކުރެވުމުން ވިދާޅުވެފައިވާ ފަހުބަސް އަޑުއަހަމާތޯއެވެ.

ޗިލީގައި 1974 އިން 1990 ވަނައަހަރާ ހަމަޔަށް ވެރިކަންކުރެއްވި ޚުދުމުޚުތާރު ވެރިޔާ އޮގަސްޓޯ ޕިނަޗެޓް ވެރިކަމުން ފައިބާވަޑައިގަންނަވަން މަޖުބޫރުވީދުވަހު ޗިލީގެ ރައްޔިތުންނާއި މުޚާތަބްކޮށް ވިދާޅުވެފައިވަނީ “ އަޅުގަޑު ވައްކަމެއް ކޮށްފައި ނޯންނާނެ “ މިހެންނެވެ. ހަމަ އެހެންމެ އިންޑޮނޭޝިޔާގައި 1967 އިން 1986 އަށް ވެރިކަންކުރެއްވި ޚުދުމުޚުތާރުވެރިޔާ ސުޚާޓޯ ވެރިކަމުން ދުރުކުރުމުން އިންޑޮނޭޝިޔާގެ ރައްޔިތުންނާ މުޚާތަބްކޮށް ވިދާޅުވެފައިވަނީ “ އަޅުގަޑު ވައްކަމެއް ކޮށްފައި ނުވާނެ “ މިހެންނެވެ. އެގޮތުން ފިލިޕީންސްގައި 1965 އިން ފެށިގެން 1986 އަށް ޚުދުމުޚުތާރު ވެރިކަމެއްކުރެއްވި ރައީސް ޕާޑިނަންޑާ މަރކޯސް ވެރިކަމުން ދުރުކުރުމުން އެޤައުމުގެ ރައްޔިތުންނާއި މުޚާތަބްކޮށް ވިދާޅުވެފައިވަނީ “ އަޅުގަޑު ވައްކަމެއް ކޮށްފައި ނޯންނާނެ “ މިހެންނެވެ.

ނަމަވެސް މިދެންނެވި ބޭފުޅުން އެބޭފުޅުންގެ ޤައުމުގެ ރައްޔިތުންގެ ޚަޒާނާއަށް އިހުމާލު ވެފައިވާ މިންވަރަކީ މިއަދު މުޅިދުނިޔެ ދަންނަ ހަޤީޤަތެކެވެ.

ހަމަ އެބީދައިން އަޅުގަޑުމެންގެ ބަލި ޤަބޫލުކުރައްވާ ރައީސްވެސް އެވިދާޅުވަނީ “ އަޅުގަޑު ވައްކަމެއް ކޮށްފައި ނޯންނާނެ “ މިހެންނެވެ. މިއީ ތެދުފުޅެއްކަން ޤަބޫލުކުރުމަށް އަޅުގަޑުމެން ބޭނުންވެއެވެ. ނަމަވެސް ބުއްދިވެރިގޮތަކީ ވަކިގޮތަކަށް ނުނިންމަވާ ރައްޔިތުންގެ ޚަޒާނާގެ ފާރަވެރިޔާ، އާދެ! އޮޑިޓަރ ޖެނެރަލްގެ ރިޕޯޓަށް އިންތިޒާރުކޮށްލުމެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv