

ވެލެންސިއާ ބަލިކޮށް ޗެލްސީ ސެމީއަށް
ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި ރޭ އިންގްލެންޑްގެ ޗެލްސީ އާއި ސްޕޭނުގެ ވެލެންސިއާ ބައްދަލުކުރި މެޗް 2-1 އިން ޗެލްސީ ކާމިޔާބުކޮށް މުބާރާތުގެ ސެމީ އަށް ދަތުރުކޮށްފިއެވެ.
ސްޕޭނުގެ ވެލެންސިއާ ގައި ކުޅެވުނު މިމެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީވެސް ވެލެންސިއާ އިންނެވެ. އެޓީމުގެ މޮރިއެންޓެސް މެޗްގެ ކުރީ ކޮޅު ރަށު ޓީމަށް ލަނޑު ޖަހާ ކުރި ހޯދާދީފައިވަނިކޮށް މެހެމާނުންނަށް އެއްވަރުކޮށްދިނީ ޝެވަޗެންކޯއެވެ. ޗެލްސީ މޮޅުވި ލަނޑު މެޗްގެ 90 ވަނަ މިނެޓު ތެރޭ ޖަހައިދިނީ އެސިއަންއެވެ.
ރޭގެ މެޗަށް ފަހު ޗެލްސީގެ ކޯޗް މޮރީނިއޯ ބުނެފައިވަނީ އެސިއަން އެކީ ދުނިޔޭގައި ނެތް ވަރުގެ މޮޅު ކުޅުންތެރިއެއް ކަމަށާ އޭނާ އަށް އަނިޔާއެއް ވެއްޖެނަމަ އެކަމުގެ އަސަރު މުޅި ޗެލްސީ އަށްވެސް ފޯރާ ކަމަށެވެ. ރޭގެ މެޗްގައި އަސިއަން އަށް ދެއްކި ރީނދޫ ކާޑުގެ ސަބަބުން ސެމީ ފައިނަލްގައި ޗެލްސީ ކުޅޭ ފުރަތަމަ މެޗްގައި އޭނާ އަށް ނުކުޅެވޭނެއެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ ބައްދަލުކުރާނީ އިޓަލީގެ އޭސީ މިލާނާއި ޖަރުމަނުގެ ބަޔާން މިއުނިކް އަދި ލިވަޕޫލާއި ޕީޢެސްވީއެވެ.--ރޮއިޓާސް