ވޯޓްގައި މަކަރު ނުހެދިނަމަ ކުރީގެ ނަތީޖާތަކެއް ނުފެނުނީހެވެ.

މުހައްމަދު ޝަނޫން ނޮވެންބަރު 7 2008، 16:00 4 ޚިޔާލު

2003 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓު ގުނުމުގައި ހަރަކާތްތެރިވި ސަރުކާރު އޮފީހެއްގެ ވެރިއަކު އަޅުގަނޑު ގާތުގައި ވިދާޅުވިއެވެ. ”މައުމޫނަށް ރަނގަޅު ފާހަގަ ޖަހާފައި އެއްކޮށްލާފައި ފޮއްޓަށް ލާފައި އޮތް ވޯޓުކަރުދާސްތަކެއް އަޅުގަނޑު ގުނި ފޮށީގައި ހުރި. އެކަން އަޅުގަނޑުމެންގެ ރިޕޯޓްގައިވެސް ފާހަގަ ކުރިން.“ މިއީ ހަމަ އެކަނި އެފޮށިން ކަންހިނގާ ގޮތެއް ނޫނެވެ. މުޅި ރާއްޖޭގެ އެންމެންވެސް ދަންނަ ބޮޑު ސިއްރެކެވެ. ޖެހިޖެހިގެން 6 ދައުރަށް %90 ށް ވުރެ ބޮޑު އަގުލަބިއްޔަތަކުން މައުމޫން ރައީސްކަމުގެ މަޤާމަށް ހޮވުމުން އެންމެންވެސް ދެއްކީ މުޅި ރާއްޖެ މައުމޫނަށް ސަޕޯޓް ކުރަމުންދާ ވާހަކައެވެ. ވޯޓާ ގުޅިގެން ހިނގާފައި އެހެން ކަންތައްތަކުގެ ވާހަކަ ދެއްކި މީހުން ވަރަށް މަދެވެ.

އަޅުގަނޑު މި ކޮލަމް ފަށަމުން ފާހަގަކުރި މިސާލަކީ މީގެ 5 އަހަރު ކުރިން ހިނގާފައިވާ ކަމެކެވެ. އެކަން އެމީހުން ފޮނުވަން ޖެހޭ ހިސާބަށް ފޮނުވި ކަމަށްވެސް އެބަ ބުނެއެވެ. އެހެންވެއްޖެނަމަ އެކަމާ ގުޅިގެން އަޅަން ޖެހޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު ނޭޅި އޮތީ ކީއްވެ ހެއްޔެވެ؟ ގައިމު އެ ފޮށީގައިވެސް ވެރިއަކު ހުންނާނެތާ އެވެ. އެހެން ނަމަވެސް އެއްވެސް ފަރާތަކުން މި މައްސަލަތައް އޭރު ހާމަކޮށްފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އެ މައްސަލަވެސް ވަކި ހިސާބަކުން ހުއްޓޭނީ އެވެ. ނުވަތަ ކޮންމެވެސް މީހަކު އެ ރިޕޯޓް އެއްލާލާނީ ކުނިވަށިގަނޑަކަށެވެ. ސަބަބަކީ ނިޒާމުތައް އޭރު ހުރީ މައުމޫނަށް ހުރިހާ ބާރެއް ލިބޭ ގޮތަށެވެ. ހުރިހާ ދިމާއެއްގައިވެސް ތިބީ މައުމޫން އައްޔަން ކޮށްފައި ތިބި މީހުންނެވެ. އެހެންކަމުން މައުމޫނާ އެއްކޮޅަށް ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ކުރިއަސް އެކަން ވަނީ ރަނގަޅު ކަމަކަށެވެ.

2003 ވަނަ އަހަރު ބޭއްވި އިންތިހާބު މައުމޫން ކާމިޔާބު ކުރެއްވީވެސް 90 ޕަސެންޓަށްވުރެ ބޮޑު އަގުލަބިއްޔަތެއް ހޯއްދަވައިގެންނެވެ. މާނައަކީ ކުރީ އަހަރުތަކަށްވުރެ މައުމޫންގެ މަގްބޫލުކަން މާބޮޑުތަން ދަށަށް ގޮސްފައި ނުވުމެވެ. މިހެން މިކަން އޮއްވާ އޭގެ 5 އަހަރުފަހުން މައުމޫނަށް އެންމެ 40 ޕަސެންޓް ލިބުމުން މައުމޫނާއި އެބޭފުޅާއަށް ސަޕޯޓް ކުރާ ފަރާތްތަކުން ބުނަނީ ގިނަބަޔަކު އިންތިހާބުގައި ވާދަކުރާނަމަ މިކަން މިހެންވާނެ ކަމަށެވެ. އެއީ ދުނިޔޭގައި އެކަން ހިނގާ ގޮތް ކަމަށެވެ. އެހެން ނަމަވެސް ހަގީގަތަކީ މިއޮތް ހުރިހާ ދުވަހުވެސް މިފަހަރުހާ ސައްހަ އިންތިހާބެއް ބޭއްވިފައި ނެތް ކަމެވެ. އެހެންކަމުން ސައްހަ އިންތިހާބެއް ކުރިން ބޭއްވުނު ނަމަ މައުމޫނަށް އެވަރުގެ ތަރުހީބެއް ނުލިބޭނެކަން މިފަހަރުގެ ނަތީޖާއިން ޔަޤީންވިއެވެ. އެއީ އޭރުވެސް އިސްލާހީ މަސައްކަތް ފެށި މައުމޫނާ ދެކޮޅަށް އަޑުތައް އުފުލަމުން ދިޔަ މީހުން ގިނަ އަދަދަކަށް ރާއްޖޭގައި ތިބީމައެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި ވޯޓު އޮޅުވާލާ ވާހަކަ އާއި ކަތީބުން ވޯޓު ފޮށި މަތީގައި ބަނޑު އަޅައިގެން ވަކި ފާހަގައެއް ޖަހާފައި ހުންނަ ވޯޓު ލިޔަ ނުދޭ ކަމަށް ދައްކާ ވާހަކަ އަކީ އެކަމުގައި ހަގީގަތް އެކުލެވޭ ވާހަކަތަކެވެ. ކުރިން އަދަބަށް ބިރުން ނުވަތަ ކަތީބު ދެކެ ގަންނާ ކުރެއްވި ބިރުން އެ ވާހަކަތައް ބުނަން ނުކެރޭ އެތައް ބަޔަކު މިއަދު ފާޅުގައި އެދަނީ އެ ވާހަކަތައް ދައްކަމުންނެވެ. އުތުރުގެ ރަށެއްގެ އަންހެން ކުއްޖަު ބުނީ 2003 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ އަތުން ފާހަގަލީ މީހަކު އެރަށުގައި ހުންނާނެހެން ހީނުވާ ކަމަށެވެ. މާނައަކީ އެރަށުގެ އެންމެންވެސް ވޯޓްލާން ދިޔުމުން ވޯޓު ފޮށި ދޮށުގައި އިސްކޮށް ތިބޭ މީހުން އެމީހުންނަށް ފާހަގަ ޖަހާދޭ ކަމެވެ. އެހެންކަމުން އެ ހުރިހާ ފާހަގައަކީވެސް މައުމޫނަށް ފެންނަ ކަމަށް ޖެހޭ ފާހަގަތަކަށް ނޫނީ ނުވާނެ އެވެ. ރާއްޖޭގެ ގިނަ ރަށްރަށުން މައުމޫނަށް 100 ލިބެނީ އެހެންވެގެންނެވެ. ކޮންމެ ރަށަކުންވެސް ނަތީޖާ ގޮވާލާއިރު މައުމޫނަށް 100 ޕަސެންޓް ލިބިއްޖެނަމަ އެކަން އެއީ ހައިރާންވާން ޖެހޭ ކަމަކަށް ނުވެއެވެ. ޒަމާނުއްސުރެ އެކަން ހިނގަމުން އަންނަ ގޮތަކީވެސް އެއީ އެވެ. ހައިރާންވަނީ މައުމޫނަށް އެންމެ ވޯޓެއްވެސް ގެއްލި 100 ޕަސެންޓް ގެއްލިގެން ހިނގައްޖެނަމަ އެވެ. ނަމަވެސް މިއަދު އެންމެ ފޮއްޓަކުންވެސް މައުމޫނަށް 100 ޕަސެންޓް ނުލިބުމަކީ މިއޮތް ހުރިހާ ދުވަހު މިކަން ކޮންމެވެސް އެހެން ސިފައެއްގައި ހިނގާފައިވާކަން ދައްކާދޭ ހެއްކެކެވެ.

ވޯޓު އޮޅުވާކަމަށް އަބަދުވެސް ވާހަކަ ދެކެވޭ ކަމަށް ސިޔާސަތު ޕްރޮގްރާމްގައި މައުމޫނާ ސުވާލު ކުރެވުނެވެ. މައުމޫންގެ ޖަވާބަކަށްވީ އެއީ ދޮގެއް ކަމަށާއި ފަހަކަށް އައިސް ވޯޓްލުން ބާއްވާފައިވަނީ އޮބްޒާވަރުންވެސް ތިބެގެން ކަމަށެވެ. އެހެން ނަމަވެސް އެކަން ކޮށްފައިވާ ގޮތަށް ބަލާއިރު އެކަންތައް ހިނގާފައިވަނީ މައުމޫނަށް ނޭގި ކަމަށް ބުނެވޭކަށް ނެތެވެ. އެއަށްވުރެ މާ ފުޅާ ދާއިރާއެއްގައި އެކަން ވަނީ މުޅި ރާއްޖޭގައި ހިނގާފައެވެ. އެހެންކަމުން މައުމޫނާއި އަދި ސަރުކާރުގައި އޭރު އިސްކޮށް ތިބި މީހުންގެ އަތް ވަރަށް ފުޅާ ދާއިރާއެއްގައި ބޭނުންކޮށްފައިވާކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

މައުމޫނާއި އޭނާގެ ބައިވެރިން ގަބޫލު ކުރިއަސް ނުކުރިއަސް މީގެ ކުރިން ރާއްޖޭގައި ބާއްވާފައިވަނީ ސައްހަ އިންތިހާބުތަކެއް ނޫނެވެ. ފޮށިތަކުން ހަދާފައިވާ މަކަރުތަކާއި ކުޑަކާފާއި ބޮޑު ކާފާއި ފާހަގަ ދައްކާފައި ނޫނީ ކަރުދާސް ކޮޅު ނުލެވޭ ފޮށިތައް ބައިވަރު ހުއްޓެވެ. މިހާރުގެ ގޮތަށް މީގެ ކުރިންވެސް އިންތިހާބު ބޭއްވި ނަމަ އެންމެ ފަހުން ބޭއްވި ދެ އިންތިހާބުގައިވެސް މައުމޫން އެ ނަތީޖާއަކަށްޓަކައި އަބަދުވެސް ފަޚުރުވެރިވެ ވަޑައިގަންނަވާ 90 ޕަސެންޓެއް ނުލިބުނީސް ކަން ވަރަށް ބޮޑަށް ޔަޤީންވެއެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ވަރަށް ފުރިހަމަ ރިޕޯޓެއް ޙަޤީގަތުގައިވެސް މީގެ ކުރީން ކަންހިގާފައި ވަނީހަމަ ތިޔަގޮތަށް އެކަން އެހެން ހިގާކަން ޚުދް އެމަނިކުފާނަށްވެސް އެގިވަޑައިގަންނަވާނެ. އޭރު އޮތީ ފުރިހަމަ ޑިމޮކްރަސީ މީއަދި ޑިމޮކްރަސީއެއް ނޫން!! ކަތީބަށް އެގޭނީ ވޯޓު ލާނެ މީހެއް....... )އެކަން ތަޖުރިބާ ކުރިމީހެއް.

    ހުކުރު، ނޮވެންބަރު 7 2008، 17:15
  2. ތީ ހަމަ ރަނގަޅު ވާހަކައެއް މައުމުން ވެރިކަމަށް ހޮވިފައިވާ ހުރިހާ ދައުރެއްގައިވެސް ކަންކޮށްފައިވަނީ ތި ދެންނެވި ގޮތަށް. ހުރިހާ ކަމެއްވެސް އޭރުހުރިހާ ކަމެއްވެސް ހިގާފައިވަނީ މައުމޫން ބޭނުންވާގޮތައް މިކަން ބަދަލުވާނީ ނޮވެމްބަރ 11 ގެ ފަހުން......

    ހުކުރު، ނޮވެންބަރު 7 2008، 17:25
  3. ޝަނޫނު ރަގަނޅު ވާހަކަ އެއްބުނަންތަ؟ ތިބުނާ ސަރުކާރު އޮފީހެއް ގެ ވެރި އަކީ މަލާ އިކަތެއްނޫން ކަން ހަދާން ބަހައްޓާށެވެ. ނޫނޭ މައުމޫނު މިގައުމުގެ ވެރި ކަމެއްވެސް ނުކުރެއެވެ. މައުމޫނަށް ތާއީދު ކުރާ މީހުންނެއްވެސް ނެތްކަމަށް ހަދަން ތަ ޝަނޫނޫ ތިއުޅެނީ.ބަލަ ތިޔާ ގެ ތެރެއިން އެކެޑިދޭޓަކަށްވެސ މައުމޫނު ބަލި ނުކުރެވުނު. މީ ފެންނަން އޮތް ޙަޤީގަތެއް . ޤާސިމް%32.15 މައުމޫނު % 40.63 ހަސަން%78.16 އަންނި %25.09 މީހަޤީޤަތް .

    ހުކުރު، ނޮވެންބަރު 7 2008، 18:22
  4. އަޅުގަނޑު ދަންނަވާފަނަން ވާހަކަ އެއް. މައުމޫނު އެވިދާޅުވަނީ ތިމަންނަ ވެރިކަންކުރީ އެއްވެސް މުގާބިލުކަމެއްނެތި ރައްޔިތުންގެ ހައްގުގައޭ. ވޯޓު އޮޅުވާލާފައިވާ ކަމަށް ބަޔާންކޮށް ކިތައް އިންތިޚާބުގައިތޯ ރައީސުލްޖުމުހޫރިއްޔާ އަށް ރައްޔިތުން ސިޓީ ފޮނުވީ.ކިތައްސިޓީތޯ އެޓޮލްސް މިނިސްޓްރީ އަށް ފޮނުވީ. ކިތައްސިޓީތޯ އިލެކްޝަންސް ކޮމިޝަނަށް ފޮނުވީ. މިސިޓީތަކުގެ މައްސަލާގައި ބައެއް ރައްޔިތުންނަށް އަދަބު ލިބިފައިވެސް އެބަހުރި.ދައުވާ އުފުލަމުން ސަރުކާރުން ވިދާޅުވަނީ ސިއްރުވޯޓެއްގައި ރައްޔިތުންގެ ތެރޭގައި ހަމަނުޖެހުން އުފައްދައި ސަރުކާރާ ރައްޔިތުން ޖައްސައި މަސްލަޙަތު ނަގާލަން މަސައްކަތްކުރާކަމަށް.ސިފައިން ފޮނުވައިގެން ވޯޓުލުމުގެ ކުރީގައިވެސް ރައްޔިތުން ހިފާހައްޔަރުކޮށް އަދަބުދީ ވޯޓުގެ ފަހުން މައްސަލައެއްނެތްކަމަށްބުނެ ދޫކޮށްލީވެސް ކިތައްމީހުންތޯ ބަލަން ސާވޭއެއް ކޮށްފިނަމަ އެތައް ސަތޭކައިންގުނާލެވޭނެ.ރައްޔިތުން ރައީސަށްކުރާ އިލްތިމާސްތައް ތައް ރައީސަށް ލިބިވަޑައިނުގަންނަވަޔޭ ވިދާޅުވެއްޖެނަމަ އަޅުގަނޑު ދަންނަވާނީ އެކަން އެގޮތަށް ހިނގާފައިވަނީ އެމަނިކުފާނު ކުށުންބަރީއަވެފައި އެހެންމީހުންގެ ބޮލުގައި އެބަދުނާމު އެޅުވުމުގެ ގޮތުންކަމަށް.ޚާއްޞަގޮތެއްގައި އިލެކްޝަންސް އަށް އެމަނިކުފާނު ހަމަޖައްސަވާ ވެރިންނަކީ ރައްޔިތުންނަށް ކޮންމެފަދަ ލަނޑެއްދީފައިވެސް އެމަނިކުފާނަށް ފަހިކޮށްދޭނޭ މީހުންކަން ޔަގީންކުރައްވާނެ. ވޯޓުގެ ނަތީޖާ އިއްވަނީވެސް އެމަނިކުފާނު ވިދާޅުވީމާ ވިދާޅުވި ގޮތަކަށް. މިފަހަރުވެސް އެފޮށްޓެއް ހުރިތަނުން ގުނަންނުޖެހޭގޮތަށް އޮތްނަމަ ހަމަ ވޯޓުއޮޅުވާލައިގެން މައުމޫނު ހޮވާނީ.

    ހުކުރު، ނޮވެންބަރު 7 2008، 18:25
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv