ކުލަ ނުފިލަނީސް

ނޮވެންބަރު 5 2008، 16:51 5 ޚިޔާލު

ފައިބާ ވަޑައިގަންނަވާ ރައީސްއާއި އަރާވަޑައިގަންނަވާ ރައީސް އެއްބޭފުޅަކު އަނެއްބޭފުޅަކަށްބަހުގެހަމަލާތައްދެއްވައި ޝައްކާއި ވަހުމުންފުރިގެންވާ އިލްޒާމްތައް އެއްބޭފުޅަކު އަނެއްބޭފުޅެއްގެ އިސްތަށިފުޅުގައި އަޅުއްވައި އަދި ބައެއްފަހަރަށް އެއްބޭފުޅަކު އަނެއްބޭފުޅަކަށް ޣީބަ ވިދާޅުވަމުންގެންދެވީ އިއްޔެއެވެ.

ނަމަވެސް ނިމިގެންދިޔަ އިންތިޚާބް ވަރަށް ތަނަވަސް އަޢުލްބިއްޔަތަކުން އެމްޑީޕީ އިއްތިހާދުން އަރާވަޑައިގަންނަވާ ރައީސް ކާމިޔާބުކުރެއްވުމާއި ގުޅިގެން އެއްރައީސްއަކު އަނެއްރައީސަކަށް ތަޢުރީފުކުރަށްވައި ކޮޑާއި ކޮޑު ޖައްސަވައި ސަލާމް ކުރައްވައި އެއްބޭފުޅަކު އަނެއްބޭފުޅަކަށް އެހީތެރިވުމާއި މަޢާފުކުރެއްވުމުގެ ޝުޢޫރުތަށް ފާޅުކުރަށްވަމުން ގެންދެވި މަންޒަރު ފެނުމުން އެބޭފުޅުން އެދެއްކެވި ޑިމޮކްރަސީގެ ރީތި ނަމޫނައެއް ކަމާއިމެދަކު އެއްވެސް މީހަކު ދެބަހެއްނުވާނެއެވެ.

ދުނިޔޭގެ ޑިމޮކްރަސީގެ ތާރީޚުގައި ރަންއަކުރުން ފަވާލެވިފައިވާ ބަތަލުން ކަމަށްވާ އިންޑިޔާގެ މަހާތުމާގާނދީ އާއި ސައުތު އެފްރިކާގެ ނެލްސަން މަންޑޭލާ އާއި އެއްސަފަކަށް ނުއެރުނަމަވެސް އަޅުގަޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖެއިންވެސް ފެނިގެން އެދިޔައީ ދުނިޔޭގެ ފެންވަރުގެ ޑިމޮކްރަސީގެ ނަމޫނާއެއްކަމަށް އަޅުގަޑުމެން ޤަބޫލުކުރަންޖެހެއެވެ.

މިފެނުނު ފުރަތަމަ މަންޒަރުންވެސް އަޅުގަޑުމެންނަށް ޔަޤީންވެގެން އެދިޔައީ އަޅުގަޑުމެން ހޮވި ރައީސަކީ އާދެ އަރާވަޑައިގެންނަވާ ރައީސްއަކީ އެއީ ހަމަ ޑިމޮކްރަސީއާއި ރަށްޓެހި، ދިވެހިރާއްޖޭގެ ރައީސްކަމަށް ވަރަށް ފުރިހަމައަށް ކުފޫހަމަވެގެންވާ ރައީސް އެއްކަމެވެ. އަދި ފައިބާވަޑައިގެންނެވި ރައީސް ރައްޔިތުންނަށް އެންމެ ފަހުވަގުތު އެދެއްކެވި ރީތި މިސާލަކީވެސް ޑިމޮކްރަސީއަށް ހުރި ނަމޫނާއެއްކަމަށް އަޅުގަޑުމެން ޤަބޫލުކުރަމެވެ.

ނަމަވެސް މިރީތި މަންޒަރުތަކުގެ ތެރެއިންލާފައި މިހާރު އިވެމުންދާ އަޑަކީ އަރާވަޑައިގަންނަވާ ރައީސް 30 މަސްދުވަހުން ފައިބާވަޑައިގަންނަވާނެކަމުގެ އަޑެވެ. އަޅުގަޑު ދަންނަވާނީ މިއީހަޤީގަތެއްކަމަށްވިޔަސް އަދި ނުވިޔަސް މިއަޑާއިމެދު ވަރަށްގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދި ކަންބޮޑުވާންޖެހިފައިވާކަމަށެވެ. މިއިވެމުންދާ އަޑާއިމެދު އަޅުގަޑު އަރާވަޑައިގަންނަވާ ރައީސާއި ކޮށްލަން ބޭނުންވާ ސުވާލަކީ މަނިކުފާނު އަޅުގަޑުމެން ރިޔާސީ 5 އަހަރުދުވަހަކަށް އިންތިހާބުކުރުމުން 30 މަސަދުވަހުން ފައިބާވަޑައިގަންނަވާ ޚިޔާލުކުރަށްވާނަމަ ތިޔަކުރަށްވަނީ އަޅުގަޑުމެން މަނިކުފާނަށް މިދިންވޯޓަކީ އޮޅުމަކުން ދިންވޯޓެއްކަމަށް ހީފުޅުވާތީތޯއެވެ؟ ނުވަތަ މަނިކުފާނު ރައީސްކަމަށް ކުފޫހަމަނުވާކަމަށް ފައިބާވަޑައިގަންނަވާ ރައީސް ތަކުރާރުކޮށް ވިދާޅުވެފައިވާތީ އެކަން ޤަބޫލުފުޅުކުރަށްވަނީތޯއެވެ؟ ނުވަތަ މަނިކުފާނު އަޅުގަޑުމެން އައްޔަން ކުރިދައުރު ހަމަނުކުރައްވައި ފައިބާވަޑައިގަންނަވަން ތިޔަ ގަސްތު ކުރަށްވަނީ ވަކިޕާޓީއަކަށް ނުވަތަ ވަކި ފަރުދަކަށް ރައީސްކަމަށް އައުމުގެ ފުރުސަތު ދެއްވުމުގެ މަގުސަދުގައި ތޯއެވެ؟

އަރާވަޑައިގަންނަވާ ރައީސް ތިޔަމަޤާމަށް ހޮވުމަށްޓަކައި ވޯޓްދިންމީހެއްގެ ހައިސިއްޔަތުންނާއި ދިވެހިޤައުމުގެ މުސްތަޤުބަލާއިމެދު ޚިޔާލުކުރާ މީހެއްގެ ހައިސިއްޔަތުން އަޅުގަޑު މިގޮވާލަނީ ފުރިހަމަ ފަސްއަހަރުގެ ދައުރެއް ހަމަކުރައްވާފައިނޫނީ ދުރަށްޖެހިވަޑައިނުގަތުމަށް ޚިޔާލުވެސް ނުކުރެށްވުމަށެވެ.

އެގިވަޑައިގަންނަވާނޭފަދައިން ދިވެހިންގެ ގިނަބަޔަކު ކުރި މިންނެތްމަސައްކަތުން ބޮޑުނިކަގަސް ކަޑާވައްޓާލެވުނުނަމަވެސް ގަހުގެބުޑު އަދިހުރީއެވެ. ހަމައެހެންމެ ގަހުގެ މޫތަށްވަނީ ރާއްޖޭގެ ބިމުގެ ވަރަށްއަޑިޔަށް ފައިބާފައެވެ. އެހެންކަމުން އެހެންމީހަކަށް ނުވަތަ އެހެން ޕާޓިއަކަށް ފުރުސަތު ދެއްވުމުގެ މަޤުސަދުގައި 30 މަސްދުވަހުން އިސްތިއުފާ ދެއްވުމަށްފަހު އަލުން އިންތިހާބަކަށް ދިޔުމަކީ ސިޔާސީ ގޮތުން ހެދޭ ޅައެއްޗަކަށް ނޫނީ ނުވާނެއެވެ.

އެންމެފަހުގެ ބަހަކަށް އަރާވަޑައިގަންނަވާ ރައީސަށް އަޅުގަޑު ދަންނަވަން އޮތީ މިދިޔަ ރިޔާސީ އިންތިޚާބަށްފަހު ވެފައިވާ ވަރުބަލިކަން ނުފިލަނީސް އަދި ވޯޓްލުމަށް އަތުގެ އިގިލީގައި ޖެއްސި ކުލަ ނުފިލަނީސް މެދު އިންތިޚާބަކަށްދާން އަޅުގަޑުމެން ބޭނުންނުވާކަމަށެވެ. އަދި އަރާވަޑައިގަންނަވާ ރައީސް އެފަދަ ގޮތަކަށް ޚިޔާލުކުރަށްވާނަމަ އެޚިޔާލު އަބުރާ ގެންދެވުމަށްވެސް އަޅުގަޑު އިލްތިމާސްކުރަމެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ދެލޯ ފުޅާ އެހެނެއްނޫން ތިކަން އޮތީކީ. ތިރިވެތި ސުލޫކާއި މަޢާފުކުރުމާއި ތިހުރިހާ ކަންތަކީ ވަގުތީކަމެއް. ރައްޔިތުން ލޮލުގަ އެޅެމުންދާ އަނދުނެއް. 11 ނޮވެމްބަރުގެ ފަހުން ތިހުރިހާ ކަމެއް ބަދަލުވާނެ. މަންޒަރުވެސް އަޑުވެސް، ޢަމަލުވެސް އިހުހުރިގޮތަށް ރުޖޫޢަވާނެ. އަންނި މަޑުން އެހެރީ ވެރިކަމުގައި ސާބިތުވަންދެން. މައުމޫނު ނަޑުން އެހެރީ ހަމަޖެހިލައިގެން ވެރިކަމުން ފޭބޭތޯ ހިތާ ދުޢާކޮށްލަކޮއްލާ. މިބުނިމަގުން ކަންތަށް ދާކަށް މާގިނަ ދުވަހެއް ނުނަގާނެ. އަދި އެއްކަމެއް ބުނެފާނަން. މައުމޫނުގެ ހަޤީގީ ކުލަވަރާއި ބަސްމަގު ފެނަނާނީ އޭރުން. އެދުވަހުން ރައްޔިތުން ހިތަށް އަރާނެ އަބުރާބެހެނީ، ޖެއްސުން ކުރަނީ، ފުރައްސާރަ ކުރަނީ ކޮންބައެއްކަން. = އ ލ ޤ =

    ބުދަ، ނޮވެންބަރު 5 2008، 17:03
  2. ދުނިޔޭގެ މާލީވުޒާރާތަކުން އެގައުމެއްގެ އިގުތިސާދީ ދުޅަހެޔޮކަމާމެދު ފުންކޮށް ވިސްނަމުންދާ މި ދަނޑިވަޅުގައި އިންތިހާބެއް އެހާއަވަހަށް މިރާއްޖޭގައި ބޭއްވުން އެއީ މާލީގޮތުން ދެކޮޅުޖެހޭނެ ކަމަކަށްވަންޏާ، ވައުދު ފުއްދުން މުހިންމު، ޢޙޙ

    ބުދަ، ނޮވެންބަރު 5 2008، 17:09
  3. ކިހިނެއް މިވަނީ؟؟ އަޅުގަޑުމެނަށް ކުރިންވެސް އިނގޭ މިހެންކަން ވާނީ... ބުނާނެ މައުމޫނޭ ބަހާ އަމަލާ ދިމާ ނުވަނީ... މައުމޫން ވެއްޖިއްޔާ ބޭލީ އިންތިހާބަކުންތާ، އެކަމަކު މަގުމައްޗަށް ނިކުމެގެން އަންނި ބާލާކަށް މާކަ އުނދަގުލެއް ނުވާނެ... ބަހާ އަމަލާ ދިމާ ނުވަންޔާ ދިދަ ދަނޑި ކޮޅަށްވެސް އަރާނަން...

    ބުދަ، ނޮވެންބަރު 5 2008، 17:40
  4. އަންނި އޮތީ އެއްބަސްވެފަ 15 މަސްމަސްދުވަސް ފަހުން އިންސާފުވެރި އިންތިޚާބެއް ބާއްވަން. އަދި އަންނި ބުނެފައި އެބައޮތް މައުމޫނުގެ ވެރިކަމެއްގެ ދަށުން ބާއްވާ އިންތިޚާބަކީ އަންނި ހޮވުނުކަމުގައިވީނަމަވެސް އެއީކީ އިންސާފުވެރި އިންތިޚާބަކަށް ނުވާނެކަމަށް. ވީމާ 30 މަސް ކީއްކުރަން 15 މަސް ހަމަކޮށްފަ އަންނިޖެހޭނީ އަލުން އިންސާފުވެރި އިންތިޚާބެއް ބާއްވަން!!!!

    ބުދަ، ނޮވެންބަރު 5 2008، 18:12
  5. ހާދަ އަމިއްލަ އެދުނބޮޑުކަން ފާހަގަކުރެވޭ ލިޔުމެއް!!! މި ކޮމެންޓު ނުލިޔާނެ.. ނެގެޓިވް ކޮމެންޓެއްވީމާ.. ތީ ތިމީހުންގެ ވައްތަރު...

    ބުދަ، ނޮވެންބަރު 5 2008، 19:15
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv