އާ ރައީސަށްވުރެ ބާ ރައީސަށް ލިބޭ އިނާޔަތާއި ހިމާޔަތް ބޮޑުވަނީ ކީއްވެ؟

އަހުމަދު މުހުސިން ނޮވެންބަރު 5 2008، 12:55 35 ޚިޔާލު

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅަކު ޤައުމުގައި ދިރިއުޅޭތަން ދުށުމަކީ މިއަދު ގިނަބައެއްގެ އެދުމެކެވެ. ނަމަވެސް އެނަސީބު އަދި ލިބިފައި ނެތީ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވިއިރު, ރައްޔިތުންނާމެދު ކަންކުރެއްވިފައިވާގޮތުން ނުވަތަ އުޅުއްވިފައިވާގޮތުން ކަމަށް ބެލެވެއެވެ.

ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ވަނީ ރައްޔިތުންގެ ފަރާތުން ލިބުނު ”ލޯބީ“ގައި ކެތްނުކުރެވިގެން މިދުނިޔެ ދޫކުރައްވާފައެވެ. މާލެއިން ޖާގައެއް ނުލިބި ފަސްދާނުވެވަޑައިގަންނަވަން ޖެހިވަޑައިގަތީވެސް ވިހަމަނާފުށީގައެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ރައީސް އިބްރާހީމް ނާސިރު, ވެރިކަން އިތުރަށް ބޭނުންފުޅު ނުވާކަމަށް ވިދާޅުވީ އަމިއްލަ ފުޅަށެވެ. ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނަށް ބައިއަތު ހިއްޕަވައި އޭރުގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ހަމީދު އެމަނިކުފާނުގެ ދެފައިންޕުޅުގައި ހިއްޕަވާ ރޮއެ އާދޭސް ކުރެއްވުމުންވެސް މަޑު ނުކުރައްވާ ވަޑައިގެންނެވިގޮތަށް އަދި އަދަށްވެސް ހުންނެވީ ސިންގަޕޫރުގައެވެ. ދިރިއުޅުއްވަން ކީއްކުރަން ހެއްޔެވެ؟ ދަތުރުވަރެއްގައިވެސް މާލެއަށް ވަޑައިގަންނަވާފައެއް ނުވެއެވެ. ގޯއްޗާއި މުދާ ނީލަންކިޔާ އެމަނިކުފާނުގެ މިލްކިއްޔާތުގެ އެއްވެސް އެއްޗެއް މިހާރު މާލެއަކު ހުރިހެނެއް ހިއެއް ނުވެއެވެ.

ދެން ހުންނެވީ މިމަހު 10 ވަނަ ދުވަހަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ އަޖަލް ހަމަވާ މއ. ކިނބިގަސްދޮށުގޭ މައުމޫން ޢަބްދުލް ޤައްޔޫމެވެ. ސުވާލަކީ 11 ނޮވެމްބަރުގެ ފަހުން މައުމޫނު މާލޭގައި ހުންނަވަފާނެ ބާވައެވެ؟ އެކިއެކިގޮތްގޮތުން މައުމޫނުގެ ސަރުކާރުން ނާއިންސާފުން އަނިޔާ ލިބިފައިވާ އާއްމު ފަރުދުން ދައުވާތައް ހުށަހަޅަން ފެށީމާ ކެތްކުރެވިދާނެ ބާވައެވެ؟

”ކޮންމެ ގޮތެއްގައިވިއަސް ހުންނާނީ ރާއްޖޭގައި. ދެން އަދި މިހުރީ ޑީއާރުޕީގެ ޒައީމްގެ މަޤާމުގައި. ޑީއާރުޕީން ބޭނުންވަނީ އަޅުގަނޑު އެމަޤާމުގައި ހުންނަން ކަމުގައި ވަނީނަމަ އަޅުގަނޑު މިހުރީ އެމަޤާމުގައި އަދިވެސް ޚިދުމަތް ކުރަން. ޑީއާރުޕީ ދެން ބަދަލުވެގެންދާނީ އިދިކޮޅު ޕާޓީއަކަށް. އިދިކޮޅު ޕާޓީއަކީވެސް ވަރަށް މުހިއްމު ބައެއް. އެހެންވީމާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ދާން އަޅުގަނޑު ބޭނުންވަނީ“ މިދިޔަމަހުގެ 29 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއްގައި މައުމޫނު ވިދާޅުވިއެވެ.

މިމަހުގެ 11 އިން ފެށިގެން ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ވެރިކަން ކުރެއްވުމަށް ރައްޔިތުން ހޮއްވެވި މުހައްމަދު ނަޝީދު ވިދާޅުވީ ” ރައްޔިތުންގެ މަޖިލީހުގެ އެންމެ ބޭފުޅުންނަށް އެދެން އޮތް އެދުމަކީ ރައީސް މައުމޫނަށް ދައުލަތުން ޕެންޝަނަކާއި އެބޭފުޅާގެ ހިމާޔަތާއި އެބޭފުޅާގެ ދިރިއުޅުމުގެ ކަންކަމާއި އެކަންކަން މި ރާއްޖޭގައި އަޅުގަނޑުމެންނަށް ވީ އެންމެ ފުރިހަމަކޮށް ހަމަޖައްސައިދިނުމުގެ އެންމެހާ ކަންކަން ވީހާވެސް އަވަހަށް ނިންމަވައި ދެއްވުމަށެވެ“.

ނަޝީދު މިހެން ވިދާޅުވެފައިވަނިކޮށް ކުއްލިއަކަށް އަޑުއިވިގެން ދިޔަ ޚަބަރަކީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ޚާއްޞަ އިނާޔަތްތަކެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ މިނިސްޓަރކަން ކުރައްވާފައިވާ އަދި މައުމޫނުގެ ޑީއާރުޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރ މ އަތޮޅު މެންބަރ އަނީސާ އަހުމަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލެއްގެ ވާހަކައެވެ. މިބިލުގައިވާ ގިނަ ކަންތައްތަކަށް ބަލާއިރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ މުސާރައާއި އިނާޔަތްތަކާ ހަމަހަމަ މުސާރައެއް އަދި އެވަރުގެ އިނާޔަތްތަކެއް ހިމެނެއެވެ.

ބިލުގެ ދެވަނަ މާއްދާގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން ވަކިވާ މީހަކީ ދައުލަތުގެ އިއްޒަތްތެރިންގެ ތެރެއިން އެންމެ އިސް އިއްޒަތްތެރިޔާކަމުގެ ޝަރަފާއި ލަޤަބު ކަނޑައެޅިފައިވާ މީހާކަމުގައެވެ. އެމާއްދާގެ )ށ( ގައި ބުނަނީ އެފަދަ ދެމީހުން ތިބިނަމަ އެންމެ އިސް އިއްޒަތްތެރިޔާގެ ޝަރަފް ދޭނީ އެންމެ ގިނަދުވަހު ވެރިކަން ކުރެއްވި މީހާއަށެވެ.

މިމައްދާއަށް ނަޒަރު ހިންގާލާއިރު މިޝަރަފް ލިބޭނޭ މީހަކު މައުމޫނު ނޫން މީހަކު ނުހުންނާނެއެވެ. ސަބަބަކީ 30 އަހަރުދުވަހު ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ އަދި ކުރެއްވޭނެ މީހަކު ދެން ނުހުންނާނެކަމެވެ. އެންމެގިނައިން ކުރެއްވުނަސް ކުރެއްވޭނީ 10 އަހަރުކަމެވެ. މިމާއްދާގެ )ނ( ގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން ވަކިވެފައިވާ މީހަކަށް ރަސްމީގޮތުން މުޚާތަބު ކުރުމުގައި ނަމުގެ ކުރިއަށް ”ރައީސް“ މިލަޤަބު ބޭނުން ކުރަން ވާނެ ކަމަށެވެ.

މި ބިލުގެ 3 ވަނަ މައްދާގައި ބުނަނީ ޕެންޝަންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާކަމުން ވަކިވެފައިވާ ކޮންމެ މީހަކަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނަ މީހަކަށް ލިބިދޭ މުސާރައާއި އެއްވަރުގެ އަދަދެއް ލިބިދޭން ޖެހޭނެ ކަމަށެވެ. މިހާރު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މުސާރައަކީ 75000 ރުފިޔާއެވެ.

އަދި އޭގެއިތުރުން ސަރުކާރުގެ ޕެންޝަން ދިނުމުގެ އުސޫލާ ގުޅޭގޮތުން ހަމަޖެހިފައިވާ އުސޫލުގެ ދަށުން އެހެން ޕެންޝަނެއް ދިނުމަކަށް ހުރަހެއް ނާޅައެވެ.

ބިލުގެ 4 ވަނަ މައްދާގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާކަމުން ވަކިވެފައިވާ މީހަކު ދިރިއުޅުމަށްޓަކައި އެފެންވަރުގެ މީހަކު ދިރިއުޅުމަށް އެކަށީގެންވާ ފެންވަރުގެ ގެއެއް ނުވަތަ ތަނެއް އެތަން ބެލެހެއްޓުމާއި މަރާމާތު ކުރުމާ ބެހޭ އެންމެހާ ކަންކަމާއެކު ދައުލަތުގެ ފަރާތުން އެމީހަކަށް ހަމަޖައްސައިދޭން ވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާކަމުން ވަކިވެފައިވާ މީހަކަށާއި އެމީހެއްގެ އަނބިމީހާއަށް ބޭނުންވާ އެންމެހާ ސަލާމަތީ ކަންތައްތައް ދިވެހިރާއްޖޭގެ ދިފާއީ ބާރުން ކަނޑައަޅާ ގޮތެއްގެ މަތިން ހަމަޖައްސައި ބަލަހައްޓައިދޭން ވާނެ ކަމަށް ބިލުގެ 5 ވަނަ މާއްދާގައި އޮވެއެވެ. ބިލުގެ 6 ވަނަ މާއްދާގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުން ވަކިވެފައިވާ މީހަކު ރާއްޖޭގެ އެތެރޭގައި އެއްގަމު މަގުންނާ ކަނޑުމަގުން ކުރާ ހުރިހާ ދަތުރުފަތުރުގެ އެންމެހާ ކަމެއް ކުރާނީ ދައުލަތުގެ ޚަރަދުގައި އެމްއެންޑީއެފްއިންނެވެ.

ރާއްޖެއިން އަދި ރާއްޖެއިން ލިބެންނެތް ސިއްޙީ ޚިދުމަތް ދައުލަތުގެ ޚަރަދުގައި ދޭން ޖެހޭނެކަމަށް ބިލުގެ 7 ވަނަ މާއްދާގައި އޮންނައިރު, އެފަދަ މީހަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުރި ދުވަސްވަރު ވަކިބައްޔަކާ ގުޅޭގޮތުން ޚާއްޞަ ފަރުވާދޭ ޑޮކްޓަރެއްގެ ފަރުވާ ހޯދާފައިވާނަމަ އެބައްޔަކަށް އެފަދަ ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތް ދައުލަތުގެ ޚަރަދުގައި ހަމަޖައްސައިދޭން ވާނެކަމަށްވެސް އެމާއްދާގައި ވެއެވެ.

ދިރާސާ ކުރުމަށާއި މުޖުތަމައަށް ފައިދާހުރި މަސައްކަތެއް ކުރުމަށްޓަކައި އެކަށީގެންވާ އިމާރާތަކާއި 10 މުވައްޒަފުންނަށްވުރެ ގިނަ ނޫން އަދަދަކަށް އިދާރީ މުވައްޒަފުން ސަރުކާރު ޚަރަދުގައި ހަމަޖައްސައިދިނުމަށް ބިލުގެ 8 ވަނަ މާއްދާގައި އޮވެއެވެ.

ބިލުގެ 9 ވަނަ މާއްދާގައި ބުނަނީ ކޮންމެ އަހަރަކު އެއް މަސްދުވަހުގެ ޗުއްޓީއެއް އެމީހަކު އެދޭތަނެއްގައި ހޭދަކުރުމަށްޓަކައި އެންމެހާ ޚަރަދުތައް ދައުލަތުން ދޭންވާނެ ކަމަށެވެ. މީގެ އިތުރުން އެފަދަ މީހަކަށް ޕެންޝަންގެ ގޮތުގައި ލިބޭ އަދަދުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އެލަވަންސެއް އެމީހަގެ އަނބިމީހާއަށް ދޭން ޖެހޭނެކަމަށް 10 ވަނަ މައްދާގައި އޮވެއެވެ.

މިހާރު އަމަލުކުރަމުންދާ ޤާނޫން އަސާސީގެ 128 ވަނަ މާއްދާގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުރި މީހަކު ކުށްވެރިނުވެ ޤާނޫނީ ހަމަތަކުގެ މަތިން އެމަޤާމުން ވަކިވެއްޖެނަމަ ދައުލަތުގެ އެންމެމަތީ ވެރިކަންކޮށްފައިވާ މީހަކަށް ދޭންޖެހޭ އިއްޒަތާއި ޤަދަރާއި އެކަށީގެންވާފަދަ ރައްކާތެރިކަމާއި މާލީ އިނާޔަތްތާއި އެހެނިހެން ޢިނާޔަތްތައް އެމީހަކަށް ހައްޤުވާނެއެވެ. މިގޮތުން ދެވޭ ރައްކާތެރިކަމާއި ޢިނާޔަތްތައް ޤާނޫނުގައި ބަޔާންކުރާން ވާނެ“ ކަމަށެވެ.

އަނީސާ އަހުމަދަކީ މައުމޫނުގެ ސަރުކާރުގެ ގިނަ ގޮނޑިތަކެއް ފުރުއްވާ އެސަރުކާރުގެ ފޮނިމީރުކަން ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެހެންކަމުން ކޮށްދިން ހެޔޮކަމުގެ ބަދަލުގައި ތެޔޮހަމެއް ނުދީ ހެޔޮކަމެއް ކޮށްދިނުމުގެ ގޮތުން ހުށަހެޅި މިބިލުގައިވާގޮތަށް ހުރިހާ ކަމެއް ފާސްވެދާނެ ކަމަށް މިހާރު ޝައްކެވެ. ނުވަތަ މިބިލު މިއޮތްގޮތަށް މަޖިލީހަށް ބަލައިގެންފާނޭ ކަމީވެސް ސުވާލު އުފެދޭ ކަމެކެވެ. ސަބަބަކީ ބިލު ބަލައިގަނޭތޯ ބެލުމަށް ކުރާ ބަހުސްގެ މަރުހަލާ ފެށޭއިރު މިހާރު މިއޮތް މައުމޫނުގެ ސަރުކާރު އޮންނާނީ ނިމިފައެވެ. އަދި ޒަމާނުއްސުރެ ރައްޔިތުންގެ މަޖިލީހުގައި އޮތް މައުމޫނުގެ ބާރު ގެއްލިގެން ދާނެއެވެ.

މިހާރު އޮތް ރައްޔިތުންގެ މަޖިލީހަށް ބަލާއިރު ރައީސް މައުމޫނު އައްޔަންކުރައްވާފައިވާ 8 މެންބަރުން ލައިގެން 9 ކިޔާފައި ފަށައިގެން ހަމަވަނީ ޑީއާރުޕީއާއި ޕީއޭ އަށް ނިސްބަތްވާ 22 މެންބަރުންނާއެކު ޖުމްލަ 30 މެންބަރުންނެވެ. އަދި މައުމޫނާ އިދިކޮޅަށް މިހާރު ތިއްބަވާނީ ވަކިޕާޓީއަކަށް ނިސްބަތް ނުވާ ދެމެންބަރުންނާއެކު އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އަދި ލިބަރަލް ޕާޓީއަށް ނިސްބަތްވާ މެންބަރުންނާއެކު ޖުމްލަ ތިއްބަވާނީ 19 މެންބަރުންނެވެ. މަޖިލީހުގެ މިހާރުގެ ރައީސް ހިމަނައިފިނަމަ 20 މެންބަރުންނެވެ.

މިމަހު 11 ގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ މުހައްމަދު ނަޝީދުހުވާކުރެއްވުމުން ލިބިދޭ ޤާނޫނީ ބާރުގެ ދަށުން މިހާރު ތިއްބަވާ 8 މެންބަރުން ވަކިކޮށް މުޅިންއާ 8 މެންބަރުން އައްޔަން ކުރެއްވުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. ނަތީޖާއަކަށް ވެގެންދާނީ 19 އަށް އެކުވާ 8 ކާ އެކު ޖުމްލަ 27 މެންބަރުން އިދިކޮޅަށް ލިބިގެން ދާނެއެވެ. އަދި ނުވިތާކަށް މައުމޫނުގެ ސަރުކާރުގެ ނިމުމާގުޅިގެން ޑީއާރުޕީގެ ތެރެއިން ބަޔަކު އައުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމަށް ވެއްޖިއްޔާވެސް އެއަދަދު ދާނީ އިތުރުވެގެންނެވެ. ކޮންމެއަކަސް ނޮވެމްބަރ 11 ގެ ފަހުން މަޖިލީހުގެ އަޣްލަބިއްޔަތު އެކޮޅުކޮޅުން ޖެހި މައުމޫނަށް މިހާރު ލިބިފައިވާ މެޖޯރިޓީ ގެއްލިގެންދާނެއެވެ. ބިލުގެ ބަހުސްގެ މަރުހަލާ އޮތީ މިމަހުގެ 17 ވާ ހޯމަ ދުވަހު ކަމަށްވާއިރު މިބިލު ބަލައިގަތުމަކީ ވެދާނެ ކަމެއް ހެނެއް ހީއެއް ނުވެއެވެ. ބިލު ބަލައިނުގަންފިނަމަ ފަހުވަގުތު އަނީސާ ކޮށްދެއްވަން އުޅުއްވި ކަންތައްތައް ދާނީ ފެނަށެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. dެދެރަކަމެއްނުން. އަދިވެސް މައުމޫނު ރައީސްކަމުގަ ބަހައްޓަންވީނު ރައްޔިތުން ބަނޑަށްޖެހޭ އިރުވެސް މިޤައުމުގެ ހުރިހާ ޢިއްޒަތަކާ ޝަރަފެއް ދޭންޖެހެނީ މައުމޫނަށްދޯ. އަނީސާ ތިވަރު ތަންފުކެއް ބޮޑު

    ބުދަ، ނޮވެންބަރު 5 2008، 13:17
  2. މިކަހަލަ ޤަޢުމީ ކަންކަން ނިންމާއިރު ވަކިބޭފުޅަކަށްވީތީ ވަކިއިނާޔަތް ތަކެއްދޭން ނުވަތަ ނުދޭން ވިސްނުމަކީ އެންމެ ރަގަނޅު ގޮތްކަމަކަށް ނުބެލެވޭނެއެވެ. އަދި މިކަންކަމާމެދު ހިޔާލު ދެއްވާއިރުވެސް ވަކި ބޭފުޅަކަށް ވީތީ ދެއްވާ ހިޔާލުތައް ބަދަލު ނުކުރައްވާށެވެ. މިއީ ދެން މުސްތަގު ބަލުގައި މިކަން ހިގާނެ، އަދި ހިގާނެޖެހޭނެގޮތްވެސްމެއެވެ. އަޅުގަނޑު ގަބޫލުކުރާގޮތުގައި ރައީސްކަމުން ވަކިވާބޭފުޅުންގެ ތަޖުރިބާއަކީވެސް ވަރަށްމުހިންމުއެއްޗެކެވެ. އަދި އެބޭފުޅުން އެކުރެއްވި ހިދުމަތަކީވެސް ވަރަށްމުހިންމު އަގުހުރި ހިދުމަތްތަކެކެވެ. އެހެންވެ އެފަދަ ބޭފުޅުންނަށް ރަނގަޅު ފެންވަރެއްގެ އިނާޔަތްތަކެއް ހަމަޖެހިފައި ހުންނަން ވާނެއެވެ. މިއިނާޔަތްތަކަކީ ވަކިބޭފުޅެއްގެ ނަންލިޔެވިފައި ލިޔެވިފައި ހުންނަ އިނާޔަތްތަކެއްނޫނެވެ. ރާއްޖޭގައި ވެރިކަން ކުރައްވާ ކޮންމެ ބޭފުޅަކަށްވެސް ހައްޤުވާ އިނާޔަތްތަކެކެވެ. މިފަދަ ކަމެއް ފަށަށަން އުޅޭއިރު މިކަން ބަލައިގަނެ، މަރުހަބާ ކިޔަންޖެހޭ އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުންނަށް މިކަންތައްތައް ހަޖަމް ކުރަން ދަތިވާނެއެވެ. ނަމަވެސް ކުޑަކޮށް ކެއްކޮށްލަނިކޮށް ރަގަޅު ވާނެއެވެ ތ.އ. ލތފ

    ބުދަ، ނޮވެންބަރު 5 2008، 13:51
  3. މީ އާފަލްސަފާއެއްނޫން. ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ނިސްބަތްކޮށް ނުވަތަ ފައިދާވާގޮތަށް ޤާނޫނުތައް ހެދުމާއި، މަޤާމުތައް އުފެއްދުމާއި، އޮފީސްތައް ހުޅުވުމަކީ މައުމޫން، އަނީސާމެންނަށް ދަސްކޮށްދީފައިވާ ފަލްސަފާއެއް. މީ މިފަދަ ކަމެއް އަނީސާމެނަށް ކުރޭނެ ފަހު ފަހަރުކަމަށްވެސް ވެދާނެ. އެހެންވީމަ، ރައްޔިތުންގެ ޙާލަކަށް، ޤައުމުގެ އިޤްތިޞާދަކަށް، ކުރިމަގަކަށް ނުބަލާ ހަމައެކަނި މައުމޫނުގެ މޫނަށް ބަލާފަ މިފަދަ ކަންކަން ކުރާކަށް ޖެހިލުމެއް ނުވާނެ. ލަދުޙަޔާތާއި ބިރު އެއީ މިހާރު އޮންނަ ކަމެއްނޫން...

    ބުދަ، ނޮވެންބަރު 5 2008، 13:59
  4. އަޅުގަނޑު ހަމަ ޙައިރާންވެ އަންތަރީސްވެއްޖެ. ދެން، ވެރިކަމުގައި ހުންނަ ރައީސަކާ ކުރިން ރައީސްކަން ކޮށްފައިވާ ރައީސަކާ ހުރި ތަފާތަކީ ކޮބައިބާބައޭ ހިތަށް އަރާ. އެއް މުސާރައެއް، އެއް ޢިނާޔަތެއް. ނުވިތާކަށް އަދި ވެސް ރައީސޭ ކިޔައިގެން މުޚާޠަބުކުރަން މިޖެހެނީ މިބިލުގައި ވާގޮތުން. ކީކޭ ދެން ބުނާނީ؟ ތަންފުކެއް ބޮޑު ވަރު މީ. އަހަރެމެން މިފަހަރު މައުމޫނު ނޮހޮވީ އޭނަޔަށް ދެން ރައީސޭ ނުކިޔަން ވެގެންނޭ ބަލަ އަނީސާ. ޙައިރާނުން ޙައިރާން.

    ބުދަ، ނޮވެންބަރު 5 2008، 13:59
  5. މުހުސިނުގެ ވާހަކަ މާނުބައެއްނޫނެވެ. އެކަމަކު ފެންނަނީ މައުމޫނު ގުއި ވެގެން އުޅޭކަމުގެ އަސަރެވެ. އެހެން ނުހަދާ ތެދުވެރި ހިތަކާއެކު ލިޔާށެވެ. އަހަރެމެންގެ ބައެއް މީހުން މަރުހަނދާނެއް ނުކުރެއެވެ. މައުމޫނަށް ކަމެއް ކޮށްދެން ޖެހުމަކީ ކަންބޮޑުވާންވީ ކަމެއް ނޫނެވެ. މައުމޫނު އަވަހާރަ ވާނެއެވެ. އެހިސާބުން އެ ހުރިހައި ކަމެއް ކެނޑުނީއެވެ. އެހެންވީމާ މީހަކަށް ރަނގަޅެއް ވެދާނެތީ ދެރަވަނީ ކީއްކުރަން ހެއްޔެވެ؟ މައުމޫނުގެ މައްސަލައެއް ޝަރީޢަތަށް ހިނގައްޖެ ނަމަ ކޯޓަށް ވަޑައިގަންނަވާނެއެވެ. ތިޔަ ބުނާ ބިލުގައި ޝަރީޢަތަށް ގޮސްގެން ނުވާނެއޭ އޮތް ނަމަ އަހަރެންވެސް ދެކޮޅު ހަދާނަމެވެ. އެކަމަކު ރައީސްކަން ކުރި މީހަކަށް އެއްޗެއް ދޭން އޮތުމަކީ ދެކޮޅު ހަދާ ކަމެއް ނޫނެވެ. އަދި ފަހުންވެސް ރައީސުން އަންނާނެއެވެ. އަންނިވެސް ވެރިކަމުން ފައިބާނެއެވެ. އޭނާވެސް މަގުމަތި ކޮށްގެން ނުވާނެއެވެ. ދުނިޔޭގެ ހުރިހައި ތަނެއްގައިވެސް ރައީސްކަން ކުރާ މީހުންނަށް ޢިއްޒަތާއި ޤަދަރާއި ޢިނާޔަތާއި ތަނަވަސްކަން ހޯދައި ދެއެވެ. ދެން ބުނާނީ މައުމޫނަކީ ޚުދުމުޚްތާރު އަނިޔާވެރި ރައީސަކަށް ވާތީ ދުނިޔޭގެ އެހެން ގައުމުތަކުގެ ވެރިންނަށް ދޭ އެއްޗެއް ދީގެން ނުވާނެ ކަމަށެވެ. ކޮއިފުޅާއެވެ. މިހާރު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ވެއްޖެއެވެ. އެހެންވީމާ ޝަރީޢަތުން މައުމޫނަކީ ޚިޔާނާތްތެރިއެއް ކަމަށް ނުވަތަ ވަގެއް ކަމަށް ނުވަތަ އަނިޔާވެރިއެއް ކަމަށް ޙުކުމް ކުރަންދެން މަޑުކޮށްލަމާ ހިނގާށެވެ. ހިތް ސާފު ކުރާށެވެ. ލިޔުންތެރިންނަކީ ތަޢައްޞުބުން އެއްކިބާވެގެން ތިބޭ ބަޔަކަށް ވާން ވާނެއެވެ. މައުމޫނަކަސް، އަންނިއަކަސް،ގޯނިބޭ ކުޑައައްޔަކަސް އެމީހުންގެ ކުރިމަތީގައި ތަފާތު ވެގެން ނުވާނެއެވެ. ޒާތީ ގޮތުން މައުމޫނު ދެކެ އަންނަ ރުޅި އަކީ ގައުމީ މައްސަލައަކަށް ނުހަދާށެވެ. ޒާތީ ކަންތައް އެކަމުގެ މަގާމުގައި ހިފަހައްޓަން ދަސްކުރާށެވެ.

    ބުދަ، ނޮވެންބަރު 5 2008، 14:58
  6. ބަލަ އަނީސާ ވެރިކަމުގަ ހުންނަވާ ވެރިއަކާ އެއްވަރަށް ބާރުތައްވެސް ލިބިދޭން ޖެހޭނޭ ނުލިޔުނީ ކީއްވެތަ؟ އަޖައިބުވެ އަންތަރީސް ވާވަރުގެ ބިލެއް. ނިކަމެތި ރައްޔިތުންނާ މެދު ހަމްދަރުދީ ވެބަލަ. ދެންވެސް ތި ގޮނޑީގަ އިނދެވެން އޮތީ އޭރުން. =ރޫގުޅަ=

    ބުދަ، ނޮވެންބަރު 5 2008، 15:27
  7. އަޅުގަނޑަށް ހީވަނީ ޙިޔާލްތިދެއްވާ ބޭފުޅުން ކިތަންމެ ރުޅިއެއް އައި ނަމަވެސް މައުމޫން ވަރުގެ ވެރިއެއް ދެނެއް މިރާއްޖެއަކަށް ނާންނަހެން.އަޅުގަނޑު ހަނދާނުގަ ހުރޭ ރާއްޖޭ މީހުން މަގޫފަތް ކައިގެން އުޅުނޭ ކާބަފައިން ބުނާ ވާހަކަ.އެކަމަކު މިހާރު އެހެންތޯ. އަޅުގަނޑު ގައިމުވެސް ހަނދާނަށް އައި އިރު އެހެންނެއް ނޫން މިރާއްޖެ އޮތީކީ ބޭނުންހާ އެއްޗެއް ކައިގެން އުޅެނީ. މިޤައުމަށް މިހާ ތަރައްޤީ މިއައީ ރަަށް އަބަދުއީސް މައުމޫންގެ ސަބަބުންކަން އަޅުގަނޑުމެން ހަނދާންކުރަންޖެހޭ. ރައީސް މައުމޫން ވަރުގެ އިއްޒަތްތެރިއެއް ދެނެއް ގައިމުވެސް މިޤައުމަކަށް ނާންނާނެ އެހެންވީމަ ރައީސް މައުމޫނަށް ޕެންޝަނާއި، އެލަވަންސް، ދިރިއުޅޭނެ ތަނާއި ހިމާއަތް ދޭންޖެހޭނެ. ގައިމުވެސް އަޅުގަނޑަށް އަދިވެސް ކިޔޭނީ ހަމަ ރައީސް މައުމޫން.އރ

    ބުދަ، ނޮވެންބަރު 5 2008، 15:58
  8. މި ގާނޫނު އާސާސީ ގެ ދަށުން އަދި މަައުމޫން ވެރިކަމެއް ނުކުރޭ. ޥީމާ ތީންއެއްކަމެއް ވެސް ކޮްއދޭކަށެއް ނުޖެހޭނެ.

    ބުދަ، ނޮވެންބަރު 5 2008، 16:02
  9. ފޮނުވި ޚިޔާލަށް ޝުކުރިއްޔާ، ތިޔަ ޚިޔާލު ޖަޒީރާއިން ބެލުމަށްފަހު ވެބްސައިޓްގައި ޝާއިއުކޮށްދެވޭނެ. އަނީސާ ހުށަހެޅި ބިލަކީ ތާކުންތާކު ޖެހޭބިލެއްކަމަކަށް ނުދެކެމެވެ. އަނީސާ ހުށަހެޅި ބިލައްވުރެ މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު އަސީގެ 128 ވަނަ މާއްދާ މާފުރިހަމައެވެ. ވީމާ، ދެން ކޮންޢިނާޔަތް ތަކެއްހޭ އިތުރަށް ދޭކައްޥި؟ ފަސްލު ކުރީކޮމެންޓް ހިސާބު ކުށެއް އިސްލާހު ކޮއްފައިމިވަނީ މިކޮމެންޓް ޝާއިރުކޮއްދެއްވާ (ކުރީކޮމެންޓް ކެންސަލް ކޮއްދެއްވާ)

    ބުދަ، ނޮވެންބަރު 5 2008، 17:11
  10. އެބޭފުޅާ ތިޔައިނާޔަތާކަންތައްތައް ބޭނުންފުޅުނަމަ އާޤާނޫނުއަސާސީއޭ ވިދާޅުނުވެ މިހާރުތިމަންނާއަށް 30އަހަރު ވެރިކަންކުރެއްވިއްޖެކަމަށް ޤަބޫލުފުޅުކުރެއްވީސް! މާލޭގަ ގޯއްޗެއްނެއްނަމަ ޕެންޝަނާއި އެލަވަންސް އަދިހިމާޔަތާ ހުންނަވާނެތަނެއް އޯކޭ! އެބޭފުޅާވެސް އަދި ރައިއްޔަތުންވެސް މިހާރުގެހާލަތައް ވިސްނަވާލައްވާ!!!

    ބުދަ، ނޮވެންބަރު 5 2008، 17:40
  11. މައުމޫނަށް އިނާމު ދޭންއެބަޖެހޭ އޭނާ ކޮށްދިން އަގު ނުކުރެވޭފަދަ ހިދުމަތަށް. ރައްޔިތުން ގެދޮރު ނެތް ބަޔަކަށް ހަދާ މަގުމަތިކުރީތީ، ޑުރަގާއި ކަރަޕްޝަން އާންމު ކުރީތީ. 50 މިލިއަން ޑޮލަރުގެ ގަނޑު ވަރެއްގައި އުޅުއްވީތީ. އެހެންވީމާ މިކަންކަމުގެ އަގު ވަޒަން ކުރަން މައުމޫނަށް ހަމަ ރައީސާ އެއްވަރުގެ ނުވަތަ އެއަށްވުރެ ބޮޑެތި އިނާޔަތްތަކެއް ދޭންވާނީ.

    ބުދަ، ނޮވެންބަރު 5 2008، 17:54
  12. ކޮންމެކަމެއްގަވެސް ހައްދެއްއޮންނަން އެބަޖެހޭ ވެރިކަމުން ވަކިވާ ކޮންމެ ރައީސަކަށްވެސް ޤާނޫނުން އެބޭފުޅަކަށް ލިބިދޭއިނާޔަތެއް ލިބެންޖެހޭނެކަމަށް ހުރިހާދިވެހި ރައްޔިތުން ޤަބޫލުކުރޭ\ އެކަމަކު ކޮންމެވެސް މިންވަރަކަށް މިޤައުމާމެދު ވިސްނުން ރަނގަޅުކަމަށް ފެނޭ އެގޮތަށް ވިސްނާބަޔަކު އަނީސާ ތިގެންގުޅޭ ފަތިވަރު ނުގެންގުޅޭނެކަންގައިމު، ދެންގައިމު ވިސްނާލީމަވެސް އެގޭނެ މައުމޫނު ވެރިކަން ކުރީވެސް އެހެން ޤާނޫނެއްގެ ދަށުންކަން،ވީމަ ގިނަދުވަހުވެރިކަންކުރިއޭ އެއަށްވުރެ ޙިދްމަތްތެރިއަކުމިޤައުމަށް އުފަންނުވެއޭ މިކަކަހަލަ ހާސިރެއްނުދަމާނެ އަނީސާމެންކަހަލަމީހުން ގިނަވެގެންގޮސް މައުމޫނަށް ނާކާމިޔާބާކުރިމަތިވީވެސް،އަދިވެސް ތިއުޅެނީ އެންމެފަހުވަގުތުވެސް ހަދިޔާބަދިޔާބަދަލުކުރާއުސޫލުން ކަންކުރަން ކުރީކަންކުރިގޮތަށް އެހެންނުވާނެ ދެނެއް =ބެއްޔާ=

    ބުދަ، ނޮވެންބަރު 5 2008، 18:08
  13. މިއުޅެނީ މައުމޫނު ދެކެ ރުޅިއައިސްގެނެއް ނޫން .. އަދި މައުމޫނު އިއްޒަތްތެރި ނޫންވާހަކައެއްވެސް އަހަރެމެން ނުދައްކަން.. މައްސަލައަކީ އަނީސާއަށް ނުވިސްނުނީމަ... މިފަދަ ބިލެއް ހުށެހެޅި އިރު މުސަތަގުބަލަށް އެއްވެސް ވަރަކަށް ވިސްނިފަ ނެތީމަ. ވެރިކަމުން ފައިބާ ކޮންމެ މީހަކަށް އިނާޔަތައް އޮންނަންވާނެ.. އެކަމަކު ހައްދުން ނައްޓައިގެންދާހާ ވަރަކަށް ނޫން... ވެރިޔަކަށް ހުންނަ މީހާޔަށް ލިބޭވަރު މުސާރައެއް ލިބެންޔާ ހުވާ ކޮށްފަ އިސްތިއުފާ ދިނީމަ މާ ރަގަޅުވާނެ ދޯ؟ އޭރުން މަސައްކަތެއް ވެސް ކުރާކަށް ނުޖެހޭނެ ...މައުމޫނަށް ވެސް 75000/- އަންނިއަށް 75000/- ދެންއަންނަ މީހަކަށް 75000/- ...މައުމޫނު މުސްކުޅިފުޅު ވެފަ ހުއްޓަސް އަންނިއަށް ހާދަ ގިނަ އަހަރެއްވަންދެން އެމުސާރަ ލިބޭނޭ.. އަދި އަނީސާގެ ބަހުންނަމަ 3 މީހުންނަށް ކާރާއި 3 މީހުންގެ ސެކިއުރިޓިއާ 3ގެދޮރާއި ސަރުކާރުން ހަރަދު ކުރާ ގޮތައް ބޭނުން ތަނަކަށް ޗުއްޓީ ދަތުރާއި 3 މީހުންގެ އާއިލާއަށް ބޭސްފަރުވާއާއި ނުވިތާކަށް 3 މީހުންނަށް ''ރައީސް'' ކަމުގެ ލަގަބް ވެސް ދޭން ޖެހޭނެ އެއްނު.. މިހުރިހާ އެއްޗެއް ވެރިންނަށް ދީފަ އަހަރެމެން ރައްޔިތުންނަށް ވާނީ ކިހިނެއްބާ؟ ސުނާމީގަ ހާލުގަ ޖެހުނު މީހުން 5 އަހަރު ވެގެން ދިޔައިރުވެސް އަދިވެސް އެހާލުގަ ..އަނީސާއަށް ހަމަ ނުވިސްނެނީ ބާ؟ އެހެން ނޫނީ އަމިއްލަ އެދުން އިސްކުރެވެނީބާ؟

    ބުދަ، ނޮވެންބަރު 5 2008، 18:12
  14. އަޖާއިބު ހީވޭ. އަޅުގަނޑަށް ފެންނަނީ އެންމެ ގިނަދުވަހި ވެރިކަންކުރެއްވި ބޭފުޅާގެ ލަގަބޫ ދީފައި އާސާރީތަރިކައެއްގެ ގޮތުގައި ދާރުލްއާސާރަށް މައުމޫން ލާން. އޭރުން ހުރިހާ ދިވެހިންވެސް ފަހުރުވެރިކަމާއެކުގައި ބުނެވޭނެ އެހެރީނޫންތޯއޭ އަޅުގަނޑުމެންގެ ވެރިކަމުގެ ތަރިކަ. އޭރުން ހުންނާނީ ހިމާޔަތާއި ރައްކާތެރިކަމާއި އެހުރިހާ ކަމެއް ފުރިހަމަ ވެފަ.. ޅ.އަބްދުއްރަހީމް

    ބުދަ، ނޮވެންބަރު 5 2008، 18:34
  15. މަގޫފަތް ކައިގެން އުޅުނީ މާކުރިން މައުމޫން ހެޔޮހިތުން ރައްޔިތުންގެ ފައިދާއަކަށް ކަމެއް ނުކޮށްދޭ އޭނަ ވެރިކަމުގައި ހުރިއިރު އަރާމުގައި އުޅުމަށް ގެއަކާ ޗުއްޓީ ހޭދަކުރާނެ ރަށަކާ ބޮޑުމުސާރަޔާ ގައިގާހުރިކޮންމެ އިސްތައްޓަކަށް މުވައްޒަފުންވެސްތިބީ ނުވިތާކަށް 100 ލޯންޗްވެސް އޮތީދީފަ ސުނާމީގަ ހާލުގަޖެހުނުމީހުން ހާލުގައި ތިބިއިރުވެސް އެމަނިކުފާނު ސަރުކާރުގެ ހަރަދުގައި ޑީއާރުޕީ ޕްރޮމޯޓް ކުރަންއުޅުނީ، ގައުމުގެ ހުރިހާ މުއައްސަސާއެއް އޯޑިޓް ރިޕޯޓްގައި ބޯހިކޭކަށް ނެތް އަދިވެސް އެމަނިކުފާނައްތަ އަހަރެމެންނައްއޮތީ ކޯއްޗެއް މަރުވީމަ ދަރިންނައްވެސް ލަގަބުދެވޭތޯބަލާ އަނީސާ ސާބަސް

    ބުދަ، ނޮވެންބަރު 5 2008، 19:06
  16. ބިލުގެ 6 ވަނަ މާއްދާއިން އަނީސާ ބުނަން އުޅޭހެން އަޅުގަނޑަށް ދޭހަވީ މައުމޫނު މީގެ ފަހުން އަވަސް އަވަހަށް ޑީއާރުޕީގެ ދަތުރު ތަކުގައި އަތޮޅުތަކުތެރެއަށް ދާނެޔޭ... އެ ދަތުރު ތަކުގެ ޚަރަދު ސަރުކާރުން ކޮށްދެއްވަން ޖެހޭނެޔޭ... ބޭލިޔަސް ސަލާމަތެއް ނެތެއްނު!!! މިދެން ކިހާ ދެރަކަމެއް... "އެކްސް އެމް"

    ބުދަ، ނޮވެންބަރު 5 2008، 19:07
  17. އޮޅުވާނުލާށެވެ. މައުމޫނަށް ޢިނާޔަތްނުދޭކަށް އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އެދައްކާވާހަކައަކީ އެބިލުގައި އެވާ ކަންތައްތައް، އަހަރެމެންގެ ފުދުންތެރިކަމާ ނުބައްދަލުވާހަކައެވެ. ބަލަ މައުމޫނަކީ އަލްމަރުޙޫމް ސައިކުރާ އިބްރާހީމް ނައީމް، 'އެއް އުރައިގައި ދެކަނޑިއަކަށް ނޯއްވެވޭނޭ' ބުނެގެން ޙުކުމްކޮށަފއި އަރުވާލި މީހެކެވެ. މިއަދުވެސް އެކަން އެގޮތަށް އޮންނަންވާނެކަމަށް ފެންނަ ވާހަކަ މިދައްކަނީ. މައުމޫނޭ ބުނާއިރަށް ބަޔަކު ބިމުން ފައިކެޑެނީ ކީއްވެތަ؟

    ބުދަ، ނޮވެންބަރު 5 2008، 19:31
  18. މައުމޫނު ވެރިކަމުގައިހުރިއިރު ބޮޑުމުސާރައާއި އިނާޔަތްތައް ދިނީ އެހުރިމަގާމްގެގޮތުން އިއްޒަތާއި ގަދަރުވެރިކަމުގައިބެހެއްޓުމަށް ވެރިކަމުން ފޭބިޔަސް އިއްޒަތާއިގަދަރު ދޭންޖެހޭނެ އަހަރެން ހިތައްއަރަނީ މައުމޫން ރައްޔިތުންނާއި ދޭތެރޭ ކަންތައްކުރެއްވީ އެންމެ ރަގަޅަށްބާވައޭ ެމަނިކުފާނު ހަމަހަގީގަތުގައިވެސް އެކިޔާވަރަށް ރައްޔިތުންނަށް ވަފާތެރިބާވެއޭ މިގައުމުގެ ގިނަމީހުން މައުމޫނުދެކެ ފޫހިވަނީ ކީއްވެބާ އެމަނިކުފާނު ދ=ތިބުނާވރަރަށް ކަންތައްތައް ކޮށްދިންނަމަ މިއަދު ރައްޔިތުންދޭނީ އެފަދަ ލަގަބެއްބާ ވޯތުގައި އެދައްކުވައިދިނީ އެލަގަބުބާ އާރާ ބާރާ ނުފޫޒުގެ ކުރިމަތީގައި އެމަނިކުފާނައް އެދިނީ ހައްގުލަގަބުބާ އަނީސާ އެހެންބުންޏަސް އެހެންމީހުން ގަބޫލް ކުރާނެބާ އެގޮތް = ދަޓް =

    ބުދަ، ނޮވެންބަރު 5 2008، 19:45
  19. އެކަމަކު ސާބަސް ހަނދާނެއްނެއްތަ ރައީސްކަންކުރެއްވި ނާސިރަށް މައުމޫން ސަރުކާރުން ހެދިގޮތް އެމަނިކުފާނުގެ ގެސަރުކާރަށް ނަގައި ހުރިނަމަހުރި މުދަލެއް ނީލަންކިޔާ ފާޑުފާޑުގެ ލަވަތައް ހަދައިގެންކިޔާ ހީވަނީ އެހެންފަދަ ކަމެއްހެން.މައުމޫން ސަރުކާރުގެ ފައިސާތަކަށް އަރުވާލާފަ އޮތްވަރު ތިއޮތީ ވަރަށް ސާފުކޮށް އެގެން. އެކަމަކު އަދިވެސްވީ ދެން ބަޖެޓްގަ ބާކީހުރި ފައިސާކޮޅުވެސް 30 އަހަރު މައުމޫން ވެރިކަން ކުރިއްޔޭ ކިޔާފަ ދޭންތަ؟ ނޫނޭ ތިގޮތަށް އަނީސާ އަށް ފެނުނަސް އަހަރުމެންނަކަށް އެއްބަހެއް ނުވެވޭނެ.އަނީސާ މާތްކަލާކޯ!ހާދަވަރެކޭ ވެފަ ތިހިރީ.

    ބުދަ، ނޮވެންބަރު 5 2008، 19:54
  20. ދައްތަ އަނީސާ ތިވަރުން ތިކަމާ ނޫޅުއްވިޔަސް އަޅުގަނޑުމެންގެ ހިތުގައި އެމަނިކުފާނަށް އޮތްގަދަރެއް ހަމަގައިމުވެސް ކުޑައެއްނުވާނެ ދުވަހަކުވެސް. އެކަންވާނީ ފާއިތުވި ތިރީސް އަހަރު ސާބިތުވެސްކޮށްދީފަ. ދައްތަ ތިގޮތަށް އުޅުއްވުމުން މީހުން ހީކުރާނީ އަޅުގަނޑުމެންނަކީ، ވެރިންނަށް ބޭވަފާތެރި ޚިޔާނާތްތެެރިން ކަމަށް. ނޫނީ އެމަނިކުފާނު އަޅުގަނޑުމެންގެ ކިބައިން ގަދަރާއިހްތިރާމް ފޭރުނީކަމުގަ. އެމަނިކުފާނަށް ދެރަގޮތެއް ވުމަކަށް އަޅުގަނޑުމެން ދިވެހިން ތާއީދެއްނުކުރާނަން. އެމަނިކުފާނުގެ މުޅިއުމުރު އެހޭދަކުރެއްވީ އަޅުގަނޑުމެންނަށްޓަކައި، ދެންމީ އަރާމް ކުރައްވަންވީ ދުވަސް. ރާއްޖޭގެ ވެރިކަމުން ތިރީސްއަހަރަށްފަހު މިންޖުވާއިރު، އެއްވެސް ފަރާތެއެްގެ ފައިސާގެެ އެހީތެރިކަމެއްނެތި ނޫޅުއްވޭ ފެންވަރުގައި އެމަނިކުފާނު އެހުންނެވީ ހަމަގަސްދުގައި، ރާއްޖޭގެ ނިކަމެތިންނާ ޚާއްސަކޮށް ސުނާމީކާރިސާގައި ނިކަމެތިވިޢާއިލާތައްމަތިން ހަނދާން ކުރުމަށްޓަކާ. މަޖިލީހުން ތިޔައިނާޔަތްތައް ދެއްވިއަސް އެމަނިކުފާނު ޤަބޫލުފުޅު ކުރެއްވިއްޔާނު..!!

    ބުދަ، ނޮވެންބަރު 5 2008، 22:26
  21. ތިކުރާ ބޭކާރީ ޚަރަދަށްވުރެ ރަަޅުވާނެ ގައުމުގެ އަމަން ބަލަހައްޓާ އިދާރާތަކުގައި މަސައްކަތްކުރާ މީހުންނަށް ތިޚަރަދުކުރަން، އާއިލާ އާއި ވަކިން 24 ގަޑިއިރު މަސައްކަތްކުރަންޖެހޭ ލިބެނީ އެންމެ 7 ހާސް ރުފިޔާ. އެކަމަކު ނަސީދު އިންފޯމޭސަން މިނސްޓަރަކަށް ހުރިއިރު ޓީ.ވީ އެމް އަދ އަޑުގެ ބިއުރޯއަކަށ ލިބޭ 12 ހާސްރުފިޔާ، މިބިއުރޯތަކުގައި ތިބޭ މީހުންކުރާކަމެއް ނުއޮވޭ، އެކަމަކު ރާއްޖެތެރައި ސްޓޭސަންވެގެން ތިބި ސިފައިންނާއި ފުލހުންނަށް 24 ގަޑިއިރު ހަށިގަނާއި ފުރާނައިް ގުރުބާންވެގެން މަސައްކަތްކުރީމަ ލިބެނީ އާއިލާއަް ޚަރަދުކުރުމަށް ދެކޮޅު ނުޖެހޭއެއްޗެއް. އެއްފަހަރުވެސް އަހަރެންމާއި މެދު ވިސްނާލަށްވީއެންނޫން. ރިޔާސީ ކެނޑިޑޭޓުންގެ ތެރެއިންވެސް ސިފައިންނާއި ފުލުހުންނަށް ހެޔޮ އެދިގެން އެއްޗެއް ބުނި މހަކަށްހުރީ ހަަ އެކަނި ''އަންނީ''. އަންނީއަށް އަހަރެން ގޮވާލާނީ ވިދާޅުވި ބަސްތަކުގެ ތެދުކަން ހިފަހައްޓާށޭ، ޗައިނާ ސަރުކާރުން ދިވެހީންނަށް ދޭނެކަމަށް ބުނި 25 ހާސްގޭގެ ތެރެއިން ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް 2 ހާސްގެ ދެއްވުމަކީ ބޭއިންސާފަކަށްނުވާނެކަން ޔަގީން. ރާއްޖެތެރޭގައި ސްޓޭސަން ވެގެން ތިބި ސިފައިންނާއި ފުލުހުން އާއިލާތަކާއި ވަކިން އުޅެންޖހުމުގެ ސްބަބުން އާއިލާތަށް ވަރަށް ބާރު ސްޕީޑެއްގައި ރޫޅެމުންދާކަން ''އަންނި''ގެ ސަރުކާރުގެ ސަމާލުކަމަށް ގެންނަން.

    ބުރާސްފަތި، ނޮވެންބަރު 6 2008، 02:14
  22. ކަލޭމެންތީ ވަރަށް އަމިއްލަ އެދުން ބޮޑުބައެއް! ވިސްނާބަލަ! ކަލޭމެންގެ ވެރިކަން ކޮށްދޭ މީހުން މިޖެހެނީ ސިންގަޕޫރުން ނޫނީ އިގިރޭސިވިލާތުން މުސްކުޅިކަންމަތީގަ އަމިއްލަ ފަސްގަޑުން ޖާގައެއްނުލިބުނީމާ ދުވަން! ތިކަހަލަ ބަޔަކަށް ވާނެ މާމޮޅުތަކެއް ނޯންނާނެ. ރައީސް މައުމޫނު ކިޔަން ކަލޭމެން ނުރުހޭކަމަށްވާނަމަ އަދިވެސް ގޮޅާބޯ އޭ ގޮވަންވީނު. ތިކަހަލަ އަމިއްލަ އެދުމުން ފޯވެފަތިބޭ ބަޔަކަށް ކީއްކުރާ ޤާނޫނެއް.އެމީހެއްގެ ހިތުގައި އަނެކާގެ މައްޗަށް މިނަށްވުރެ ޙަސަދަވެރިކަން ބޮޑުވެއްޖެނަމަ ވާނީ މިކަހަލަ ގޮތެއް.އަމީނަށް ހެދިގޮތަށް ވިހަމަނާ ފުއްޓަށް އަރުވާލަމާދޯ؟ އެއިރުން މައުމޫނަށް ވުރެ ރީތި ލިގަސީ އެއް އެއޮތީ ތަޢާރަފުކޮށްދެވިފަ! މިނޫސްވެސް މިއޮންނަނީ ވަކި ކޮޅަކަށް ޖެހިފަވިއްޔަ ދޯ؟ މަށަށް ޔަޤީން މިޚިޔާލު ނުޖަހާނެކަން. އެމްޑީޕީގެ އެކްޓިވިސްޓެއް.އެހެންވެ ސްކްރީންޕްރިންޓެއް ނަގާފަ ޕޯސްޓް ކޮށްލީ. މިއަދުއަހަރެންމައުމޫނަށްހަމްދަރުދީވަން.އަނިޔާމަށަށްވެސްލިބުނު.

    ބުރާސްފަތި، ނޮވެންބަރު 6 2008، 05:51
  23. އރ އަށް ވެދުންސަލާމް. އަވަހަށް ތައުބާވޭ. ތިލިޔެވުނު އެއްޗަކާ މެދު ނިކަންވިސްނާލަބަލަ. މައުމޫނޯ އަހަރެމެނަށް ރިޒުގު ތަނަވަސް ކޮށްދިނީ.އެހެންނު ތިޔަ ކިޔެނީ. ކީއްކުރާނީ މި ފެންނަނީ 30 އަހަރު ވަންދެއް މައުމޫނު ބަޔަކު މަގު ފުރައްދައިފައިވާ ކަމުގެ ނަތީޖާ. ހެޔޮނުވާ ނެއްނު އެކަހަލަ ވާހަކަ ދަށްކަން. ނަސީބެއްނު މައުމޫން ކަލާނގެ ކިޔަން ނުނިންމާ ރައީސް ކިޔަން ހިތަށް އެރިކަން. ކޮންމެ ވާހަކަ އެއް ދެއްކިޔަސް މިކަން މިއޮތީ ނިމިފަ.އރ ގެވެސް ވެރިޔަކަށް ދެންވާނީ އަލްމުންތަހަބް މުހަންމަދު ނަޝީދު. ޝުކުރު ކުރަންޖެހޭނި. މީ މިވަގުތަށް މާތްރަސްކަނލާގެ މިންވަރު ކުރެއްވިގޮތް.

    ބުރާސްފަތި، ނޮވެންބަރު 6 2008، 05:58
  24. މައުމޫނަކީ އަނިޔާވެރިޔެކެވެ. ޚުދުމުޚުތާރު ވެރިޔެކެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ވެރިކަމުން ބޭލީ އެހެންވެގެންނެވެ. ގެދޮރު އެބަހުއްޓެވެ. ގެދޮރު ހުރީ ކުއްޔަށް ދީފައެވެ. އަނބިމީހާގެ ގެދޮރު އެބަހުއްޓެވެ. ހުރީ ބުރި ބުރިއަށް ހަދާ ކުއްޔަށް ދީފައެވެ. ދިވެހި މާލިއްޔަތުން ހޯދި ތަނަވަސްކަމުން ، އިއްލަބޭ ވަނީ ، މައުމޫނުގެ 4 ދަރިންނަށްވެސް ގޯތިގެދޮރު ގަނެދީފައެވެ. ކޮންމެ ދަރިޔަކަށް ކާރެއް ހޯދައިދީފައެވެ. އަދި ނުވިތާކަށް ބާރާއި ނުފޫޒުގެ ހިޔަލުގައި ހޯދި ފުރުޞަތުތަކުން ކޮންމެ ދަރިޔަކު ވަނީ ވިޔަފާރި ފަށާފައެވެ. ތިމާގެ މުޅި ޢާއިލާއާއި އެކުވެރި ރައްޓެހިން އަދި ތިމާ ހިތް އެދޭ ކޮންމެ މީހެއްގެ ބޭހާއި ޗުއްޓީ ދަތުރުތައް ވަނީ ރައްޔިތުންގެ ލާރިން ކޮއްދީފައެވެ. ފަޤީރުންނަށް ގޯތިގެދޮރު ހޯދައިދޭން ބިސްމި ކިޔާފަ އެޅި ފަސްކޮޅުން ހިއްކި މާލޭގެ ބިމުން ، ރައްޓެހިންގެ ރައްޓެހިންނާއި ޑްރައިވަރުން އަދި ތީމުގެޔާއި ތިމާގެ އަމިއްލަ އޮފީހުގެ ނަގާކިޔާ އެންމެންނަށް ވަނީ ނުހައްޤުން ގޯތި ދީފައެވެ. ސަރުކާރުގެ ވަޒީފާތައް އުފައްދާފައިވަނީ ، ވަކި ބަޔަކަށެވެ. ދީފައިވަނީ ބޭނުން ބަޔަކަށެވެ. ވެރިކަމަށް ބޫތުކައިފަހުރި ވަރުން ޤާނޫނު އަސާސީ ބާއެއްޗަކަށް ހަދައި ، 30 އަހަރު ކީއްކުރަން އެއް އަހަރުވެސް ވެރިކަން ނުކުރާ ކަމަށް ހަދައިގެން އާ އުސްމިން ތަކަކަށް ދިވެހިން ގެންދަން މިފަހަރުވެސް އެވަނީ އިންތިޚާބަށް ކުރިމަތިލައިގެން މޮޔަ ގޮވާފައެވެ. މައުމޫނަށް އެއްޗެއް ދޭން ވަކި ޤާނޫނެއް ފާސްކުރާނެ ކަމެއް ނެތެވެ. މިހާރު އޮތް ޤާނޫނު އަސާސީ އަކީވެސް އަނީސާމެން މޮޑުނު ފުށް ގަނޑެއް ނޫންހެއްޔެވެ. އޭގައި އޮތް ވަރަކުން ފުއްދާމާ ހެއްޔެވެ. އެހެން ނޫނަސް 30 އަހަރުގެ ވެރިކަމުގައި އަނިޔާ ލިބިފައި ތިބި މީހުންނާއި ޙައްޤު ގެއްލިފައިވާ މީހުން އަދި ޚާއްޞަކޮށް މަރުވެފައި ތިބި މީހުން ނޮވެމްބަރ 11 ގެ ފަހުން ތެދުވާނެއެވެ. އޭރަށް ދެންވާނެ ގޮތެއް ނުވެސް އެނގޭ ނޫން ހެއްޔެވެ. އެއްޗެއް ދޭން ނުޖެހޭގޮތަށްވެސް ހަމަޖެހިދާނެއެވެ. -ބަދަލު-

    ބުރާސްފަތި، ނޮވެންބަރު 6 2008، 06:01
  25. މުހުސިނަށް ހަމަސާބަސް ތިޔައި "ނޫސްވެރިންގެ ތެރެއިން ގައުމަށް ރަނގަޅުމަގުދައްކާ "ނޫސްވެރި ބަތަލެއް" އެވެ. ރައީސަކަށް ހުރިއިރު މައުމޫނާއި އޭނާގެ އާއިލާ އާއި ގާތްތިމާގެ މީހުންނާއި ނަސްރީނާ އަށާއި އޭނާގެ އާއިލާ މީހުންނަށް ސަރުކާރުން އަޅާފައިވާ ބައިކުޑައީހެވެ. ނުވަތަ އެބޭފުޅުންނަށް ސަރުކާރުން ކޮށްފައިހުރި ޚަރަދުތައް އަދިވެސް ކުޑައީހެވެ. 30 އަހަރު ޚިދުމަތް ކޮށް އޭނާ ވަކިވެގެން އެދިޔައީ ރިތިކޮށް ބާއެވެ؟ ގައިމު އޭނާއަށް ކަންތައް ތަކެއް ގޯސްކޮށް ކޮއްފައިހުރުމުން ރައްޔަތުން އޭނާ ވެރިކަމުން ބޭލީއެވެ. އޭނާ އަށް ވޯޓޫ ނުދިނީއެވެ. މައުމޫނާއި ވާދަކުރުރި "ބާޣީ" އެއްގެ ގޮތުގައި މައުމޫނުމެން ސިފަކުރާ އަންނިއަށް ދިވެހިން ވޯޓުދިނީ "ބާޣީ" އަކަށްވުރެވެސް މައުމޫނު ގޯސްވީމާނޫންހެއްޔެވެ.؟ މިކަންކަން އަނީސާމެންނަށް ހަޖަމުނުކުރެވެތީވެ ދިވެހިންނަށް އަދިވެސް އޮޅުވާލަނީއެވެ. މިހެންކަމުން އަދިވެސް އޭނާ އަށް ގަދަރާ މާލެއިން ގޮއްޗަކާއި (ގޮއްޗެއް އޮއްވާ( ދަތުރު ކުރަން ހެލިކޮޕްޓާރަކާއި ސަބްމެރިންއަކާއި މަހައްދާން ދޯންޏަކާއި ރުކަށް އަރަން ޅާނބަކާއި، އާރަށް ފަދަ ރަށަކާއި ސިފައިންގެ ފޯހަކާއި----- އަދިވެސް ދޭންވީހެވެ. މައުމޫނަށް ސަރުކާރުން ދީފައިވާ މުސާރައާއި އިނާޔަތްތަކާއި އަޅާކިޔާ އެކަން ރަނގަޅަށް އޮޑިޓްކުރުމަށްފަހު ކޮންމެވެސް ރަނގަޅު ކަންތަކެއް މައުމޫނަށް ކޮށްދިނުން އެންމެރަނަގަޅެވެ. އެހެން ނަމަވެސް ހަމަކުރިންވެސް އުޅުއްވިހެން ކޮތަރި ބަރި ހިއްލާލައިގެން އުޅެކަށް މިހާރު ދިވެހިންގެ މެޖީރިޓީ ގަބޫލެއް ނޫނެވެ. އަނީސާ މިފަދަ ބިލެއް ހުށަހަލާއިރު ޑިމޮކްރަސީއަށް ވުރެ ބޮޑަށް އަމިއްލަ އެދުމަށް އިސްކަން ދޭތީ އޭނާއަށް ޑިމޮކްރަސީ ހަޖަމުކުރަން ދަސްކުރުމަށް ގޮވާލަމެވެ.

    ބުރާސްފަތި، ނޮވެންބަރު 6 2008، 10:15
  26. މައުމޫނަށް ތިފަދަ އިނާޔަތްތަކެއް ދީފަ ދެން ވެރިކަމުން ވަކިވާ ވެރިންނަށް ތިފަދަ އިނާޔަތްތަކެއް ދެވިދާނެތޯ އަނީސާ ވިސްނަވާލެއްވިންތޯ؟ހަމަޔަގީނުންވެސް މުސްތަގުބަލުގަ ވެރިކަމުން ވަކިވާ ހުރިހާއެއްމެންނަކަށް ތިފެންވަރުގަ ތިއިނާޔަތްތަކެއް ނުދެވޭނެ.އަނީސާ ތިފަދަ އެއްޗެއް ހުށަހެޅުއްވިއިރު އަހަރުމެންނަށް ވުރެ ކުރިއަރާފައިވާ ގައުމުތަކުގައި ތިފަދަ ކަންތައްތައް އޮންނަގޮތް ބެއްލެވި ނަމަ ތިހުށަހެޅުން އަންނާނީ ތިނޫން ކޮއްމެވެސް އެހެން ގޮތަކަށް.ތިމާއަށް ލިބުނުފައިދާ އަކަށް މީހަކަށް އިނާމެއް ދޭންއުޅޫނަސް ތީތަންކޮޅެއް ބޮޑުވަރެއް.އަނެއްކާ ތިއިނާމުތިދެނީ ތިމާގެނަމުގަ އެހެންބައެއްގެ މުދަލުން.ރައީސުކަމުން ގާނޫނާއި އެއްގޮތަށް ވަކިވާމީހަކަށް އިނާޔަތެއް ދިނުން ރަގަޅު.ރައްޔިތުންގެމ މަޖިލސްމެމްބަރުންނަށް އަހަރެން ބުނަންއޮތީ ތިބިލް ތިއޮތްގޮތަށް ގޮތަށްފާސް ނުކުރާށޭ.ރާޖޭގެ ހާލަތަށްބައްލަވާށޭ.

    ބުރާސްފަތި، ނޮވެންބަރު 6 2008، 11:17
  27. މައުމޫނު ވެރިކަންކުރަމުން ދިޔައީ އޭނާގެ މުޅިޢުމުގައި މިރާޖޭގައި ވެރިކަން ކުރުމަށެވެ. އޭނާގެ ފަރާތުން، ހަމައިންނާއި ނަހަމައިން ބާރާއި ނުފޫޒު ލިބުނު މީހުން މަސައްކަތްކުރީ އޭނާގެ ވެރިކަން ދަމަހައްޓާށެވެ. މިކަން ސަރުކާރުގެ އެކިއެކި އިދާރާތަކުން، މިހިނގާދިޔަ ދިގުމުއްދަތުގައި އެކިއެކި ރައްޔިތުންނާމެދު އަމަލުކޮށްފައިވާގޮތުން އެނގޭނެއެވެ. ކްލާސްމޭޓް އަޙްމަދު އާދަމާއި. ބީއޭ ނަސީމާއި، ބާބުލްޢަވާލީ މުޙައްމަދު އިބްރާހީމާއި، ތަނޑިރަތްމާގޭ ޝަފީގާއި، ޝައިޚް ފަރީދަށް ބައްލަވާށެވެ. މިފަދަކިތަންމެ މީހެކެވެ. ކުށެއްކޮއްފިނަމަ ދޭންވީ އަދަބު ކީރިތި ގުނުއާނާއި، މިވެރިން ހަދާފައިވާ ގާނޫނުގައިވެސް އެބައޮތެވެ. ފުވައްމުލަކުގައި، ކަރަންޓްގެ އަގު ބޮޑުކުރުމާގުޅިގެން އެރަށު ހައެއްކަ ޒުވާނުން، އެކަމާވާހަކަދައްކަން ބޯޅަދަނޑަށް ދާންގޮވާލުމުން، އެއީސިޔާސީ ކަމަކަށް ހަދައިގެން، ފާރޫގުހަސަނާއި، އަބްދުއްރަޝީދު ހުސައިނާއި، އަންބަރީމެން ގޫޅިގެން ރޭވި ކުޅިގަނޑުގައި، އޭރު އެރަށުގައިތިބި ފޫގުގުރޫޕާ ނުގުޅޭ 24 މީހުންގެނެސް 10 ވަރަކަށް މަސްދުވަހު ޖަލުގަޔާ ގޭބަންދުގައި ބޭތިއްބިއެވެ. ބަޔާނެއްވެސް ނެގުމެއްނެތި ގިނަމީހުން ދޫކޮށްލީ ތުހުމަތަށް ގެނެވުނީއޭ ބުނެފަވެ. ވީމާ، ރައްޔިތުންނަށް ކިހައި އޯގާތިވެރިތޯއެވެ. ވީމާ، ރައްޔިތުންގެ މުދަލާއި ފައިސާއިން މައުމޫނަށް އަރުވަންވީ އިއްޒަތް ކިހައި ބޮޑުވާނެތޯއެވެ. އަނީސާއޭއެވެ. އެންމެފަހުވަގުތުވެސް މަރުދޭސެވެ. ތިޔަބޭފުޅުންނަށް ތިވަރެއް ނޯންނާނެކަން އެނގެއެވެ.

    ބުރާސްފަތި، ނޮވެންބަރު 6 2008، 11:59
  28. ގާނޫނުއަސާސީގައި އޮތީ މިގާނޫނުއަސާސީގެ ދަށުން ވެރިކަންކުރާމީހުންނަށް ލިބިދެންޖެހޭ އިނާޔަތްތަކުގެ ވާހަކަ. މައުމޫނު ވިދާޅުވީ މީއާގާނޫނުއަސާސީއެކޭ، ވީމާ، މައުމޫނަކަށް ހަގީގަތުގައި އެއްވެސް އިނާޔަތެއް ލިބިދޭކަށް ނުޖެހޭނެ. ނަމަވެސް އެހެން ރައްޔިތުންހެން މައުމޫނަށްވެސް ޕެންޝަން ލިބެންޖެހޭނެ އަދި މިގައުމުގައި ވެރިކަންކުރީތީ ކޮންމެވެސްވަރެއްގެ ސެކިއުރެޓީއެއްވެސް ދޭންޖެހޭނެ. އެއްކަލަ އިއްބެ

    ބުރާސްފަތި، ނޮވެންބަރު 6 2008، 12:13
  29. އެންމެ ކުރިންޖެހޭނީ ކުށްވެރިވޭތޯ ބަލާށެވެ. އެއަށްފަހު ރާއްޖޭގެ އާންމު ހާލަތަށްބަލާ ދައުލަތަށް ގިނަދުވަހު ޚިދްމަތްކުރެއްވި ޢިއްޒަތްތެރީންގެ މުސާރައަށްވުރެ ތަންކޮޅެއް ރަގަޅު މުސާރައެއް ކަނޑައަޅާނީއެވެ. އަދި މާލޭގެ ގޯއްޗަކުން ކިތަންމެ ކުޑަތަންކޮޅެއްވެސް ލިބެންއޮތްނަމަ (8 ފޫޓް 4 ފޫޓް ގޮޅިއެއްވިޔަސް)އުޅޭނެތަނެއް ދޭކަށް ނުޖެހޭނެއެވެ. އެހެން އާންމުރައްޔިތުންވެސް އުޅޭގޮތަށް އުޅޭނީއެވެ. ރާއްޖޭގައި އުޅޭވެރިން އެންމެންނަށް އާންމުކޮށް ހަދާފަހުންނަ ގަވައިދުތަކުން ވެރީންވެސް ބަރީޢަކުރެވޭގޮތަށް ޤާނޫނެއް ހަދައިގެން ނުވާނެއެވެ.މިހާރު މާލޭންބިމެއްދެވޭކަށްނެތެވެ. އެހެންވީމާހުޅުމާލެއިންދެވިދާނެއެވެ.

    ބުރާސްފަތި، ނޮވެންބަރު 6 2008، 12:57
  30. އަޅުގަނޑަށް ހީވާގޮތުގައި މި ޤާނޫނު އަސާސީ ގެ ދަށުން މައުމޫން އަދި ވެރިކަމެއް ނުކުރައްވާ އެހެންވީމާ ޤާނޫނު އަސާސީ ބުނާ ގޮތުން މައުމޫނަށް އެއްވެސް އިނާޔަތެއް ދޭކަށްނުޖެހޭ ކަމަށް ފެންނަނީ ނަމަވެސް އަޅުގަނޑު އަމިއްލައަށް ވިސްނާލާ އިރު ދިވެހި ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅަކަށް ސެކިއުރެޓީ ދިނުން ރަގަޅު އެއީ ވެރިކަމަކީ އެންމެން ރުހޭހާގޮތަކަށް ކުރެވޭކަމަކަށް ނުވާތީ މީހެއް ނުވަތަ ބައެއްގެ ފަރާތުން ދިމާވެދާނެ ނުރައްކަލަކުން ސަލާމަތް ކުރުމަށްޓަކައި އަދި މީގެ އިތުރުން ލިވިންގ އެލަވަންސް އެއް ހަމަޖައްސައި ދިނުމަކީވެސް ރަގަޅުކަމެއްކަމަށްފެނޭ މީގެ އިތުރުން ގެދޮރާއި ރައީސްކަމުގެބާރާއި ދަތުރުފަތުރު ޚަރަދު ދިނުމަކީ ވަރަށް ބޭ އިންސާފެއް ކަމަށް އަޅުގަނޑަށް ފެންނަނީ އ.ހ

    ބުރާސްފަތި، ނޮވެންބަރު 6 2008، 13:50
  31. އަނީސާއަށް ހީވާކަހަލަ ދޯ ރާއްޖޭގައި ރައިސްކަމުގެ ދައުރު ފުރިހަމަކުރާނީ ހަމަ އެކަނި މަޢުމޫނޭ... ތިބުނާ ހުރިހާ މުސާރަޔަކާ އިންޔާތްތަކާ، ގެދޮރާ، ސެކިއުރިޓީއާ ހުރިހާ އެއްޗެއް ދޭންޖެހޭ މީހުންގެ ލިސްޓަށް ކޮންމެ 5 އަހަރަކުން މީހަކު އިތުރު ވެދާނެކަމަކަށް ނުވިސްނަން ދޯ. ދެންހެޔޮދޯ ކުރީގެ ރައީސުންނަށް އެއްޗެތިދީފައި، ޗުއްޓީއަށް ތަންނަނަށް ފޮނުވާފައި ރައްޔިތުން ނުކައި، ނުބޮއި ތިއްބަސް...... މީހުން ބިލު ހުށަހަޅާތީ ހުށަހަޅަނީ ދޯ..... ކީކޭ ފަހެ ބުނާނީ...... ތީދެން ތަންފުކެއް ބޮޑުވަރު........ ސިކުނޑީގަ ހަމަ އެއްގޮތަކަށް ވެސް ނެތޭ ދޯ ތެތް ކަމެއް...... އަޅެ ކީއްވެ ބިލެއް ހުށަނޭޅީ މިނިސްޓަރުކަން ކޮށްފަވާ މީހުނަށް މިނިސްޓަރުންނާ އެއްވަރުގެ އިނާޔައްތަކެއް ދޭން.....އެއަށް ވުރެ މޮޅު ކާރަކާ.....

    ބުރާސްފަތި، ނޮވެންބަރު 6 2008، 18:17
  32. ބަލަ މިއަށްވުރެ މުއްސަދި، ތަނަވަސް ގައުމުތަކުގައި ވެސް ތިބުނާވަރުގެ ކަންތައްތަކެއް ފައިބާ ރައީސަކަށް ނޮއޮވޭ! އޮސްޓްރޭލިޔާ،އެމެރިކާގައި ފައިބާ ބޮޑުވަޒީރަކަށް ދައުލަތުން ގެއެއްނުދޭ. ދެން ހުންނަ ރައީސް، ބޮޑުވަޒީރު އާ އެއްވަރު މުސާރައެއް ނުދޭ... މިހެން ގޮސް ކިޔާނެ ކަމެއްނެތް، ތިބިލުގައިވާ ގިނަކަންތައްތަކެއް އެހެންގައުމުތަކަކުން ނުފެބޭ... އަދިވެސް ވަކިމީހަކަށް ވީތީ އަންބޮޑި ބޮޑުކޮށް ދެވޭތޯ އަނީސާމެން އުޅޭކަން މިބިލުން ވަރަށް ސަރީޙަކޮށް އަންގައިދޭ...-މާސް-

    ބުރާސްފަތި، ނޮވެންބަރު 6 2008، 19:15
  33. އެގެއާއި ލޯންޗް ފަހަރަކީ މައުމޫނުގެ އަމިއްލަ އެއްޗެއްކަމެއް ނުދެނަހުރިން ބަލަ އެއީ ކޮންމެ ބޭފުޅަކު ވެރިކަމަށް އަޔަސް އެ ބޭފުޅަކު ދަތުރު ފަތުރު ކުރުމަށާއި ހުންނެވުމަށް ޢިމާރާތް ކޮށްފައިހުރި ދިވެހިސަރުކާރުގެ މިލްކު ތަންތަނާއި ތަކެއްޗެވެ. ރައީސް މައުމޫން 30 އަހަރުދުވަހު މި ޤައުމުގެ ހުންގާނުގައި ހިއްޕަވައިގެން މި ޤައުމަށް ކޮށްދެއްވައިފައިވާ ގިނަގުނަ އަގުނުކުރެވޭ މަސައްކަތް ޕުޅުތަކާއި ޤައުމަށް އައިސްފައިވާ ކުރިއެރުމާއި ތަރައްޤީ ވަރަށް ސާފެވެ. ނަމަވެސް މައުމޫން އަމިއްލަފައިދާއަށް ކުރި އެއްވެސް ކަމެއް މިހައިތަނަށް ފެނިފައިނެތެވެ. މިއީ ޙަޤީޤަތެވެ. ތިޔައިން ކޮންމެ ބޭފުޅަކުވެސް ވަކިފަރާތަކަށް ބުރަނުވެ އެކަނިއިދެ އަމިއްލަ ޟަމީރާ ސުވާލުކޮށްލަބަލާށެވެ. މީގެ 30 އަހަރުކުރިން އަޅުގަނޑުމެން އުޅުނީ ކޮންފަދަ ދަތި ޙާލެއްގައިހެއްޔެވެ؟ މިހާރު ..................؟

    ބުރާސްފަތި، ނޮވެންބަރު 6 2008، 22:44
  34. ރައްޔިތުން އުޅޭ ދަތި ހާލު މައުމޫން ތަޖުރިބާ ކުރަން ފުރުސަތު ދޭންވާނެ މިފަހަރު. މައުމޫން އަމިއްލަ ގޭގަ ހަދާފަހުރި ގުދަނުގަ އުޅެން ބޭނުން ނެތިއްޔާ، އެހެން ރައްޔިތުން ވެސް އުޅޭ ގޮތަށް ކުށްޔަށް އުޅެން ބަހައްޓާ. އޭރުން އެނގޭނެ އަހަރެމެން 30 އަހަރު އުޅުން ދަތި ހާލު. މައުމޫން މިފަހަރު ކުރިމަތިލީ އައުޤާނޫނު އަސާސީ ގައި ވާގޮތުން 30 އަހަރު ވެރިކަން ނުކުރާތީ. ދެން އެހެން ވީމަ އިނާޔަތް ދޭކަށް ނުޖެހޭނެ.

    ހުކުރު، ނޮވެންބަރު 7 2008، 03:32
  35. މިއީ މައުމޫނަށް ސީދާ އަމާޒުކޮށް ހުށަހަޅާފައިވާ ބިލަކަށްވާކަށް ނުޖެހޭ.މިހާރު އަލަށް އެކުލަވާލެވުނު ޤާނޫނު އަސާސީގައި ކަނޑައެޅިގެން އޮވޭ ވެރިކންކުރެވޭނީ އެންމެ ގިނަވެގެން ވިދިވިދގެން 5 އަހަރުގެ 2 ދައުރަށް ކަމަށް . އެއީ 10 އަޙަރު. އެހެންވީމަ 10 އަހަރަށްވުރެ ގިނަ އަހަރު ވެރިކަން ކުރިޔަސް އިތުރ އިނާޔަތް ދޭގޮތަށް ހަމަޖެއްސުމަކީ އެހާ އިންސާފުވެރި ގޮތެއްނޫން. ރާއްޖޭގެ ގައުމީ އިސްރާފު ބޮޑުވެ މއަުމޫނުގެ 30 އހަރު ދައުލަތުގެ ބަޖެޓުން 30 އަހަރުވަންދެން އޭނަގެ އެންމެހާ ޙަރަދުތައް ބެލެހެއްޓުމަށްފަހު އަނެއްކާވެސް އޭނާއަށް ގިނަ އިނާޔަތްދޭގޮތަށް ހަމޖެއްސުމަކީ ކޮށްގެންވާނެކަމެއްނޫން.ވިސްނަންވީ ގައުމުގެ ފުދުންތެރިކަމާމެދު، ހުރިހާ ރައްޔިތުންނަށް އުފާ ފާގަތި ދިރިއުޅުމެއް ފެންނާނީ އަދިވެސް އިސްރާފު މަދުކޮށް ގައުމަށް ފައިސާ ލިބޭނޭ ގިނަކޮޅުތައް ހުޅުވިގެންނެވެ.

    ހުކުރު، ނޮވެންބަރު 7 2008، 06:44
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv