ދަތުރުވެރިޔާ 6

ޒޫނާ އިބްރާހިމް ނޮވެންބަރު 4 2008، 12:14 6 ޚިޔާލު

(ދަތުރުވެރިޔާ 5 އާއިގުޅޭ)

އެއާއެކު އެންމެން ހޭންފެށިއެވެ. “ ކަލޭތީ މޮޔައެއް. ޝާހިދު ނޫސްޕޭޕަރުގައިވާ ސެދެމީހުންގެ ތަސްވީރުދައްކާލަމުން މަޓޭއަށް ބުންޏެވެ. އެހެންނަމަވެސް ޝާހިދުގެ މިބަސް އެމީހުން އަޑުނާހާކަހަލައެވެ. އެމީހުންތިބީ ވަރަށް މަޖާވެފައެވެ. ހުއްޓާނުލާ މަޖާހިންޏެއް ހެމުންދާތަން ފެނުމުން ޝާހިދުގެ އަނގަ ސަކަރާތްވާގޮތްވިއެވެ.

“ އަހަރެން މިއަހަނީ އެނޫސްކޮބައިހޭ؟ “ ޝާހު މުޅިތަނުގައި އަތްފުނާއަޅާ ނޫސް ހޯދަނީއެވެ. ސިތާރާ ހަދާނެގޮތް ހުސްވެފައި ހުއްޓެވެ. އެނޫސް ލެވުނީ ކޮންތާކަށްކަމެއް އޭނާ އެއްގޮތަކަށްވެސް ހަނާނެއްނެތެވެ. އޭނާވެސް ޝާހާއެކު މުޅިތަން ހޯދަމުންދިޔައެވެ. އެހެންނަމަވެސް ޝާހު ރުޅިއައިސްފައިވާތީ އޭނާ ހުރީ ވަރަށް ކަންބޮޑުވެފައެވެ. ކުއްލިއަކަށް ސިތާރާ ކަމެއްހަނދާންވެގެން އަނގަމަތީގައި އަތްއަޅާލާ ގޮތަށް އަނގަމަތީގައި އަތްއެޅިއެވެ.

“ އާން ހަނދާންވެއްޖެ. އަހަރެން އެނޫހަށް ފަރާޓާ އަޅާފައި ފޮނުވީ ޝާހިދަށް.”

“ ކީކޭ. ޝާހިދަށޭ؟ އޯހ ޝިޓް!!! ޝާހު އަތުގައިވާ ކަރުދާސްގަނޑު އަތުގެ ކޮޅަށް ހޫރުވާލިއެވެ.

“ އާން އޭގެމާނައަކީ ކަލޭ އަހަރުމެންގެ އެފޮޓޯގަނޑުވެސް ފަރާޓާ އަޅާފައި ޝާހިދަށް ފޮނުވިއްޔޭ އެހެންނު.! ކަލޭތީ ދިވެހިރާއްޖޭގެ ފައްކާ ޖާހިލެއް. އިޑިއަޓެއް.” ޝާހަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭގޭކަހަލައެވެ. ޝާހުގެ މިވިހަގަދަ ބަސްތައް އަޑުއިވުމާއެކު މިއޮއްހުރިހާއިރު އަނގައިން ނުބުނެ ހުރި ސިތާރާގެ ގާތަށް ވަރަށް ރުޅިއައެވެ. އެހެންނަމަވެސް އޭނާ ރުޅިކޮންޓްރޯލް ކުރެވޭތޯ ބަލަމުން ބުންޏެވެ.

“ މިފަހަރު ތިޔަބުނެވުނީ. އެކަމަކު ދެވަނަ ފަހަރަށް ތިހެން ބުނެގެންނުވާނެ. ތީ އެންމެ ފަހު ފަހަރު އެނގިއްޖެތަ؟ “

“ އެކަމަކު ކަލެއަށް އެނގޭތަ؟ ދެން އޭގެ އެންމެ ކޮޕީއެއްވެސް އަހަރެންގެ އަތަކު ކޯންނާނެ.”

“ އެކަމަކު އަހަރެންގެ އަތުގައި އެބައޮތް” ކޮޓަރިތެރެއަށް ވަދެވަދެހުރި ޝާހިދުގެ އަޑަށް ސިތާރާއާ ޝާހާދެމީހުން އެއްފަހަރާ ބަލާލިއެވެ. ސިތާރާހުރީ ސުވާލުމާކްޖެހިފައެވެ.

“ އަހަރެންގެ އަތުގައި މިއޮތީ ނޫހުގެ އޮރިޖިނަލްއެއް. މިއަދު މަށަށް ފަރާޓާ އަޅާފައި ފޮނުވާފައި ސިތާރާ ފޮނުވީމެއްނު ސިޓީއެއް. މީގެ އޮރިޖިނަލް ހޯދާފައި ފްރޭމް ކޮށްދޭށެ ކިޔާފަ. މިހާރު ހަނދާން ނެތުނީ. ސާބަސް. ބަލާލަ. މިއޮތީނު. “ ޝާހިދު ސިތާރާގެ ހައިރާންވެފައިވާ މޫނަށްބަލަމުން ގަމީސްތެރޭން ފޮޓޯ ފްރޭމެއް ނަގާފައި ދެއްކިއެވެ. އޭގައިވަނީ ނޫހުގައިވާ އެދެމީހުންގެ ފޮޓޯގަނޑު ޚަބަރާއެކީ ކަނޑާ ނަގާ ފްރޭމްކޮށްފައެވެ. މިތަންފެނުމުން ސިތާރާއަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. ޝުކުރުވެރިކަމުގެ ލޮލަކުން ޝާހިދާ ދިމާއަށް ބަލަންހުރެވުނީއެވެ. މިއަދު ޝާހިދު އޭނާ އެސަލާމަތްކޮށްދިނީ ކިހާ ދަތި ވަގުތަކުންހެއްޔެވެ؟ މިކަހަލަ ކޮންމެ ފަހަރަކު ޝާހިދު އޭނާގެ ގާތުގައި އެހީވެދޭންހުންނާތީ ސިތާރާ ވަރަށް އުފާވެއެވެ. ހިތްހަމަޖެހެއެވެ. އޭނާއަށްޓަކައި ޚާއްސަކަމެއް އުފެދެއެވެ.

ސިތާރާމެން އެންމެން ޕިކްނިކް ދިއުމަށްޓަކައި ނުކުމެއްޖެއެވެ. ހުރިހާ މީހުންވެސް ތިބީ ވަރަށް އުފަލުންނެވެ. އެހެންނަމަވެސް އެންމެނަށްވުރެވެސް އުފަލުންހުރީ ސިތާރާއެވެ. އޭނާ އުފަލުން ފުމެމުން މަޖާކުރަމުންދިޔައެވެ. އެރޭ އެމީހުން ޑިސްކޯއަކަށް ދިޔައެވެ. ސިތާރާ ހައިރާންކަމާއެކު މާހައުލަށް ބަލަމުންދިޔައެވެ. އެހެންނަމަވެސް ޝާހިދު ގާތުގައި ހުރުމުން އޭނާހުރީ ވަރަށް އުފާވެފައެވެ. ހިތްހަމަޖެހިފައެވެ. އެވަގުތު އެއްލިކަޅިއަކުން ޝާހު އަންހެންކުދިން ތަކެއްގެ ތެރޭ ސިގިރޭޓްބޯން ހުއްޓާ ފެނިއްޖެއެވެ. އެމީހުންނާއެކު އޭނާ މިތަނަށް އައިކަމުގައިވިޔަސް އޭނާ ހުރީ ރައްޓެހި އަންހެންކުދިންތަކުގެ ތެރޭގައެވެ. މިތަންފެނުމާއެކު ސިތާރާ ވަގުތުން ޝާހިދު ދަމާގެނެސް އޭނާ ސިގިރޭޓް ބޯންހުރިތަން ދެއްކިއެވެ.

“ ބަލާލަ. އަދިވެސް ކަލޭ ބުނާނެ އޭނާ ސިގިރޭޓެއް ނުބޮޔޭ. މަށަށް ދޮގުހެދީދޯ. “

“ ސިތާރާ . ސިތާރާ ހަމަޖެހިބަލަ. މިތަންތަނަށް އައިއްސަ ސިގިރޭޓް ބޯންޖެހޭނެ . އެއީ ފެޝަނެކޭ. އެހެންނޫނީ މީހުން މަލާމަތްކުރާނެޔޭ. ބަލާލަބަލަ. ނުވަދިހަ ޕަސެންޓް މީހުން އެތިބީ ސިގިރޭޓް ޖަހައިގެން. “

“ ޝާހުވެސް ހިމެނެނީ އެނުވަދިހަ ޕަސެންޓްގެތެރޭގައިތަ؟ “ ސިތާރާ އަދިވެސް ހުރީ ހިތްހަމަނުޖެހިފައެވެ. އެހެންނަމަވެސް ސްޓޭޖްމަތިން ގޮވަންފެށިއެއްޗަކާ ބެހޭ ގޮތުން އޭނާގެ ޝައުގުވެރިކަން އެދިމާއަށް ހުއްޓިއްޖެއެވެ.

“ ކީކޭތަ އެކިޔަނީ”

“ އެއީ މިތާގައި ބާއްވާ ކޮންޓެސްޓެއް. އޭގައި ޖެހޭނީ ކަޕްލް އެއް އަރާ ނަށަން. އެތަނުން އެއްވަނައަށްދާ ޖޯޑެއް ޖެހޭނީ ގޮސް އޭދަ ހޭވަންގަ ނަންނޯޓްކުރަން. އޭގެ މާނައަކީ މިދުނިޔޭގަ އެއްކޮށްއުޅެފަވެސް އެމީހުން ސުވަރުގޭގަވެސް އުޅޭނީ އެއްކޮށޭ.”

“ އެހެންތަ ހާދަ މަޖާ ގޭމެއް. މަބޭނުން ބައިވެރިވާން.” ސިތާރާ އުފަލުން ބުންޏެވެ. އަދި ޝާހިދު ގޮވައިގެން ޝާހުގެ ގާތަށް ހިނގައްޖެއެވެ. އަދި އެކަމުގައި ބައިވެރިވާންބޭނުންކަމުގައި ބުންޏެވެ. އެހެންނަމަވެސް ޝާހު ދާ ޚިޔާލެއްނުކުރިއެވެ. ތިމަންނައަކީ ކުޑަކުއްޖެއްހޭ ކިޔާފައި ހުރީއެވެ. އެންމެފަހުން ސިތާރާ ކިޔާވަރުން ޝާހިދާއެކުގައި ނެށުމުގައި ބައިވެރިވުމަށް ބުންޏެވެ. ނަމަވެސް ސިތާރާ ގޮތްދޫކުރާކަށް ބޭނުމެއްނޫނެވެ. އޭނާވެސް ކަނޑައެޅިގެން ބުނަމުންދިޔައީ ދަންޏާ ދާނީ ޝާހާއެކުގައި ކަމަށެވެ.

“ އަސްލުގައި އަހަރެންދާކަށް ނުޖެހޭނެ. އެހެންވީމާ އަހަރެންދާނީ ޝެލީއާއެކު ދޯ ޝެލީ. “

ޝާހިދު ، ޝާހު ގާތުގައި ހުރި ދޮން އަންހެންކުއްޖާގެ އަތުގައި ހިފާލަމުން އޭނައާއެކު ނަށަންދިއުމަށް ދަޢުވަތުދިނެވެ. އެހެންނަމަވެސް ސިތާރާ އޭނާ ބަހައްޓާފައި ޝާހިދު ގޮވައިގެންދާން ހިނގައިގަތެވެ. އެނޫން އެހެން ގޮތެއްނެތުމުންނެވެ. އެއީ ޝާހު ނުދާނެކަން އޭނާއަށް އެނގޭތީއެވެ. ޝާހު އެމީހުންދާތަން ބަލަންހުއްޓެވެ. އޭނާއަށް މާބޮޑުކަމެއް ނުވާކަހަލައެވެ.

ޝާހިދު، ސިތާރާ ގޮވައިގެންގޮސް ސްޓޭޖްމައްޗަށް އެރިއެވެ. ސިތާރާއަކީ އަބަދުވެސް ވަރަށް ނަށާހިތްވާކުއްޖެކެވެ. ވުމާއެކު އޭނާހުރީ ވަރަށްއުފާވެފައެވެ. އެމީހުންގޮސް ސްޓޭޖްމައްޗަށް އެރިއިރުވެސް ކަޕްލްއެއް އެދެގޮނޑީގައި އިށީދެގެން ތިއްބެވެ. އެހެންނަމަވެސް ނަމްވަރު އެރިއިރު އެދެމީހުން ބާތިލްވީކަން އަންގައިފިއެވެ. އެޔާއެކު ހުރިހާ ޒުވާނުން ހަޅޭއްލަވަންފަށައިފިއެވެ. ޒުވާނުންގަނޑުގެ ފޯރިގަދަވުމާއެކު ދެންއެރީ ޝާހިދާއި ސިތާރާއެވެ. އެމީހުންގެ ނެށުން ނިމުމުން ގޮސް ގޮނޑީގައި އިށީދެއްޖެއެވެ. އެވަހުތު ސްކްރީނުން އެދެމީހުންގެ ނަމްބަރު އަރައިފިއެވެ. އެޔާއެކު ސިތާރާ އުފަލުން ހަޅޭއްލަވައިގަތެވެ. މިރޭގެ ސުވަރުގޭގެ ކަޕްލް އަކަށް ހޮވުނީ އެދެމީހުންނެވެ. ޒުވާނުންގަނޑު ފޯރިއާއެކު އައިސް ސިތާރާގެ ބޮލުގައި ތާޖެއްބެހެއްޓިއެވެ. އަދި އެކިކުދިން ވަކިވަކިން އައިސް އޭނާއަށް މަރުޙަބާކިޔަމުންދިޔައެވެ.

އެވަގުތު އެތަނުގައި ތިބިމީހުންނަށް ހާސްކަމެއްލިބުނީ ފަހަތުން މީހަކު ހަލޭއްލަވަންފެށުމުންނެވެ. އޭރު ޝާހު މަސްތުވެފައިވާ ހާލުގައި ރުޅިއައިސްގެން ހަލޭއްލަވަމުން އެއްޗެހިގޮވަމުންދެއެވެ. އޭނާގެ ގާތަށް ރުޅިއައީ ޝާހިދު އޭނާގެ މަގާމް ހޯދުމުންނެވެ. ސިތާރާއާ ޝާހިދާ ދެމީހުންނަށް އެމަގާމް ލިބޭކަށް އޭނާ ބޭނުމެއްނޫނެވެ. އެހެންނަމަވެސް އެކަންތައްވެނިމިއްޖެއެވެ. ތަނުގައި ތިބި މީހުންގެތެރެއިން ދެތިންމީހުން ޝާހު ހިފޭއްޓޭތޯ މަސައްކަތްކުރަމުންދިޔައެވެ. އެހެންނަމަވެސް އޭނާ ބަލަނީ ފޮޅުވާލާފައި ދެވޭތޯއެވެ. ސިތާރާއަށް މިމަންޒަރު ބަލަންހުރެވުނީ ހައިރާންކަމާއި ބިރުވެރިކަމާއެކުގައެވެ. ސިތާރާއަށް ވަމުންދާގޮތް ފެނުމާއެކު ޝާހިދު އަވަސް އަވަހަށް އައިސް ޝާހު އެތަނުން ގެންދަން މަސައްކަތްކުރަންފަށައިފއެވެ. އަދި ގަދަކަމުންކަހަލަ ގޮތަކަށް އޭނާ އެތަނުން ނެރެގެން ގެންގޮއްސިއެވެ.

“ އެއީ ކޮންމެ ފަހަރަކުވެސް ފަދަ. އޭނާ ރާބޮއިގެން މަސްތުވެގެން އުޅޭއިރަށް ޝާހިދު އައިސް އޭނާ ގެންދާނެ. އޭނާގެ އެކަހަލަ ހުރިހާ ކަމެއްވެސް ފޮރުވަނީ ޝާހިދު.” އެތަނުގައި ތިބި ދެޒުވާނުން ދައްކަމުންދިޔަ ވާހަކަތައް އަޑުއިވުމުން ސިތާރާއަށް ކަމުގެ ހަގީގަތް އެގެންފެށިކަހަލައެވެ. އޭނާ ކުޑައިރުކޮޅަކު މަޑުކޮށްލިއެވެ. އަދި ގެއަށްދާން ނުކުމެއްޖެއެވެ.

އެރޭގެ އެއްވެސް ކަމަކާ ސިތާރާ ވާހަކައެއްނުދައްކައެވެ. އެހެންކަމުން ޝާހުވެސް ހީކުރީ ސިތާރާ އެކަމާއަޅާނުލީކަމުގައެވެ. އެހެންވެ އެކަމާ މާބޮޑު ވިސްނުމެއްވިސްނާކަށް ނަހަދައެވެ. އޭނާ އާދައިގެ ގޮތަކަށް އުޅެންފެށިއެވެ. އެހެންނަމަވެސް ސިތާރާއާ ހަތަރުކަޅި ހަމަކޮށް ވާހަކަދައްކާކަށް އޭނާއަކަށް ނުކެރެއެވެ.

އޭގެ ދެދުވަސްފަހެވެ. ސިތާރާ ހުރީ ޝާހުގެ ކޮޓަރި ސާފުކުރުވާށެވެ. އޭނާގެ ކައިރީގައި ގޭގައި ގެންގުޅޭ ނޯކަރު އަންހެންކުއްޖާ ހުއްޓެވެ. “ ނެންސީ. ކީއްވެތަ ސާހަބްގެ ކޮޓަރި ސާފުނުކުރަނީ؟ “

“ މީހަކު ވަންނަންދީގެންނޫންތޯ؟ އެއްވެސް މީހަކު މިކޮޓަރިއަށް ވަންނާކަށް އަމުރެއްނޯންނާނެ! ކޮޓަރީގެ އެއްޗެއްސާ ކުޅުން މަނާވާނެ. ކޮޓަރި ސާފުކުރާނީ ޝާހުއަމިއްލައަށް.” ނޯކަރުކުއްޖާ އޮޅުންފިލުވައިދެވޭތޯ މަސައްކަތްކުރިއެވެ. ސިތާރާ އެއްޗެކޭ ނުބުނެ ހުރެގެން މަޖައްލާތަކާއި ފޮތްތައް ހާވާ ސާފުކުރަމުންދިޔައެވެ. އެތަނުގައިހުރީ އަންހެންކުދިންގެ ތަފާތުވައްތަރުގެ މަޖައްލާތަކެވެ. ފާޑުފާޑުގެ ފޮޓޯތަކެވެ. ސިތާރާއަށް އޭއްޗިހިފެނުމުން ލަދުގަންނަގޮތްވިއެވެ. އަދި އަމިއްލަ އަމިއްލައަށް ހުރެގެން ކުދިކިޔަމުން އޭއްޗިހި ނަގަމުންދިޔައެވެ. އެވަގުތު ފޮތުގެ ތެރެއިން އޭނާއަށް ފެނުނީ ޝާހު އެމެރިކާގެ އަންހެންކުއްޖަކާއެކު ނަގާފައިހުރި ފޮޓޯތަކެކެވެ. އޭގައި ދެމީހުންތިބީ ވަރަށް ހުތުރުގޮތްގޮތަށްކަމުގައި ސިތާރާއަށް ގަބޫލުކުރަންޖެހުނެވެ. އޭނާ ހައިރާންކަމާއެކު ފޮޓޯއަށް ބަލަންހުއްޓާ ފަހަތުން އާންޓީގެ އަޑުއިވުނެވެ.

“ ތިޔައީ ޝާހު ފުރަތަމަ ރައްތެހިވި އަންހެންކުއްޖާ ކެލީ. “

“ ކީކޭ؟ ފުރަތަމަ ރައްޓެހިވިކުއްޖާއޭ. އެކަމަކު ޝާހު ތިޔަކަހަލަ އެއްވެސް ވާހަކައެއްނުބުނޭ. “

“ ތީ މީހުން ބުނަންޖެހޭކަހަލަ ވާހަކަތަ؟ ތިކަހަލަ ކިތައްކަންތައް ހުންނާނެތަ؟ ބަލަ މީއެމެރިކާއޭ. މިތަނުގައި ތިކަހަލަ ކިތަންމެ ކަމެއް ކޮންމެ ދުވަހަކު ހިގާނެ. ޝާހަކީ ފުރިހަމަ އެމެރިކަންއެއް. އޭނާއަށް ތީ އާކަމެއްނޫން.” އާންޓީގެ ވިހަ ބަސްތަކުގެ އަޑުއިވުމުން ސިތާރާއަށް ނުރޮވުނީ ކިރިޔާއެވެ. އޭނާ ހައިރާންކަމާއެކު ހުންނަތަން ފެނުމުން އާންޓީ އަދިވެސް އިތުރުކޮށްލިއެވެ.

“ ކެލީ ޝާހުދެކެ ވަރަށް ލޯބިވާނެ. އަދި ޝާހުވެސް ކެލީދެކެ ވަރަށް ލޯބިވޭ. އެދެމީހުން އިންނަން އޮތީ ހުރިހާކަމެއް ހަމަޖެހިފަ. އެކަމަކު ކަލެޔަކީ ވަރަށް ނަސީބުގަދަ ކުއްޖެއް. ކެލީގެ ބަދަލުގައި ޝާހު ތިޔަލިބުނީ ކަލެޔަށް. ކަލެޔާ ކައިވެނިކުރަނީ. ބިލިއަނަރ އަހުމަދު އަލީގެ ދަރިފުޅާ ކައިވެނިކުރަން ލިބުން އެއީ ކަލޭމެންކަހަލަ ކުއްޖަކަށް ކުޑަކަމެއްތަ؟ އާންޓީގެ ވާހަކަތައް އަޑުއަހަން އެތާގައި ސިތާރާއަށް ހުރެވުނީ ކިރިޔާއެވެ. އޭނާ ދުވެފައިގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އޭރު ޝާހު އެނދުމަތީގައި އިށީދެލައިގެންއިނެވެ. ސިތާރާ ދުވެފައި އައިސްވަންތަންފެނުމާއެކު ބަލައިލިއެވެ. އެހެންނަމަވެސް މާބޮޑުފަރުވާލެއްނުބަހައްޓާ އެހެންދިމާއެއް ބަލަންފެށިއެވެ.

“ ތެދެއްތަ؟ ކެލީ އެއީ ޝާހުގެ ފުރަތަމަ ލޯބިވެރިޔާތަ؟ “ ސިތާރާގެ މިޖުމްލައަށް ޝާހަކަށް ނުބަލައެއް ނީދެވުނެވެ. އޭނާ ދިޔައީ ސިއްސައިގެންނެވެ. އެހެންނަމަވެސް ސިތާރާއަށް އެކަން ފޮރުވަން މަސައްކަތްކުރިއެވެ. ނަމަވެސް ދެވަނަ ވަގުތުގައި އޭނާ ހަމަޖެހިލިއެވެ. އަދި ސިތާރާއާ ހަތަރުކަޅި ހަމަކޮށްލަމުން ބުންޏެވެ.

“ އާނ. ކެލީއެއީ އަހަރެންގެ ފުރަތަމަ ލޯބިވެރިޔާ. ދެންކިހިނެއްވީ؟ “

“ ޝާހު ކެލީދެކެ ވަރަށް ލޯބިވޭތަ؟”

“ އާނ.”

“ ކެލީވެސްތަ؟”

“ އާނ.”

“ ދެމީހުންގެ ގުޅުން ވަރަށް މައްޗަށްދިޔަތަ؟ “

“ އާން. އެކަމަކު އެއީ އެހެނެއްނޫން. މިހާރު އަހަރެން އޭނަޔާ ރުޅިވެއްޖައިން. ދެންކީއްވެ ސިތާރާ އެކަމާ ވިސްނަންވީ.” ޝާހު ހަމަޖެހިލާފައި އައިސް ސިތާރާގެ ކޮނޑުގައި އަތްބާއްވަންއުޅުނެވެ.

އެހެންނަމަވެސް ސިތާރާ ހުރީ އެއަށްވުރެ މާބޮޑަށް ރުޅިއައިސްފައެވެ. ޝާހުގެ އަތްފޮޅުވާލުމާއެކު އޭނާ ރޮމުން އެއްޗެހިކިޔަންފެށިއެވެ. ޝާހު ހަމަޖެހިލާފައި ދާންހިނގައިގަތެވެ. އޭނާ ކޮންމެހެން ސިތާރާ ރުއްސާކަށް ނޫޅެއެވެ. އެވަގުތު ފޯނުގެ ރިންގުވާންފެށުމުން ޝާހުގޮސް ފޯނުނެގިއެވެ.

“ ހަލޯވ. އާނ ކީކޭ ކެލީތަ؟ ކިހިނެއްވީ. ފުރަނީއޭ. ކޮންތާކަށް؟ މިރޭ އަހަންނާ ބައްދަލުކޮށްލަންބޭނުންވަނީ. އެހެންތަ؟ އެހެންވިއްޔާ އަހަރެންގެ އޮފީހަށްއާދޭ. އަހަރެންމިދަނީ އެތަނަށް. “ ޝާހު ފޯނުބާއްވަމުން ހައިރާންވެފައިހުރި ސިތާރާއަށް ބަލައިލިއެވެ.

“ އެއީ ކެލީ. އޭނާ ފުރާތީ އަހަރެންމިދަނީ އޭނާޔާ ބައްދަލުކޮށްލަން. ފަހަރެއްގައި އަހަންނަށް ލަހުންވެސް އާދެވިދާނެ. ކަލޭ އަހަރެން އަންނަންދެން މަޑުކުރާނެކަމެއްނެތް. ކައިގެންނިދާ” ޝާހު އަސަރެއްނެތްގޮތަކަށް މިހެން ބުނުމަށްފަހު ކޯޓް ނަގައިގެން ދާން ހިނގައިގަތެވެ. އޭނާ ޖެހިބުދެއްހެން ބަލަހައްޓައިގެން ހުއްޓެވެ. އެވަގުތު ސިތާރާއަށް ފަހަތުގައި މިހުރިހާ ވާހަކައެއް އަޑުއަހަންހުރި ޝާހިދު ފެނުމުން އިންތިހާއަށް ރުޅިއައެވެ. އަދި އައިއްސަ ހުރި ރުޅިއާ ދެރަވުން ޝާހިދަށް ބާލަންފެށިއެވެ.

“ ފަހަރެއްގާ އަހަންނަށް މިއާދެވުނީ ނުބައިގަޑިއެއްގާ ކަންނޭގެ.” ޝާހިދު ދާންހިނގައިގަންނަމުން ބުންޏެވެ. މިހުރިހާ މަންޒަރެއްފެނި އަޑުއިވުމުން ޚުދު ޝާހިދުވެސް ހުރީ ވަރަށް ދެރަވެފައެވެ. އެހެނީ ސިތާރާގެ ލޮލުން އެންމެ ކަރުނަތިއްކެއްވެއްޓޭތަން ދެކޭކަށްވެސް އޭނާ ބޭނުމެއްނޫނެވެ.

“ އޭތް ކަލޭ މަޑުކޮށްބަލަ. މިހުރިހާ ނުބަޔަކީވެސް ކަލޭ. ކަލޭ މަށަށް އޮޅުވާލީ. މަކަރުހެދީ ދޮގުހެދީ. އަހަރެން މީން އެއްވެސް އެއްޗެއް ބޭނުމެއްނޫން. އަހަރެން ބޭނުމީ އާދައިގެ މީހެއް. އަހަރެންދެކެ ލޯބިވާ މީހެއް. މިހާރު އަހަންނަށް ހީވަނީ އަހަންނަކީ ރީތިފްރޭމަކަށްލާފައި ހުރި ތަސްވީރެއްހެން. މިތަނުގައި އެއްވެސް އުފަލެއްނެތް. ހިތްހަމަޖެހުމެއްނެތް. “ ސިތާރާ ރޮމުން ޝާހިދާ ދިމާއަށް އެއްޗެހިގޮވަމުންދިޔައެވެ. ޝާހިދު ބުނާނެ އެއްޗެއް ނޭގިފައި ހުއްޓެވެ. އޭނާ ބުނާނީވެސް ކީކޭހެއްޔެވެ؟ ހުރިހާ ކަމެއް ވެދިޔައީ އޭނާގެ ކުރިމަތީގައެވެ. ނަމަވެސް އޭނާ ސިތާރާ ރުއްސޭތޯ ބެލިއެވެ.

“ ސިތާރާ. ނިކަންވިސްނާލަބަލަ. މީއެމެރިކާއޭ. މިތަނުގައި ރައްޓެހިވެސްވާނެ. އެއީކީ އާކަމެއްނޫން. އެކަމަކު މިގޭ އެންމެންވެސް ސިތާރާދެކެ ކިހާ ލޯބިވޭ. އެކަން ގަބޫލުކޮށްބަލަ. “

“ އަހަރެން އެއްވެސް އެއްޗެއް ގަބޫލުކުރާކަށް ބޭނުމެއްނޫން. މީތަ ޝާހިދު ތިބުނާ ލޯތްބަކީ މިފޮޓޯގަނޑުތަ؟ ބަލާލަބަލަ. ޝާހިދަށް މިގޮތަށް އަންހެންކުއްޖަކާއެކު ފޮޓޯނަގަންކެރޭނެތަ؟ ބުނެބަލަ ކެރޭނެތަ؟ މިގޭމީހުން އަހަރެންދެކެ އެއްވެސް ލޯތްބެއްނުވާކަން އަހަންނަށް އެނގޭ. އެކަމަކު ކަލޭވެސް ތިޔަ އަހަރެން ދޫކޮށްލާފައިދަނީ. ކީއްވެ ޝާހިދު މަށަށް އޮޅުވާޅީ. މިހުރިހާ ދެރައެއްވެސް މަށަށް މިލިބެނީ ޝާހިދުގެ ސަބަބުން. އެނގިއްޖެތަ؟ “

“ އެހެންވިއްޔާ ސިތާރާ ބޭނުންވަނީ ކޮންކަހަލަ ލޯތްބެއްތަ؟

“ ތިސުވާލު ކަލޭގެ އަމިއްލަ ހިތާ ކޮށްބަލަ. އަހަރެން ބޭނުމީ ޝާހިދު އެހެންމީހުންދެކެވާކަހަލަ ލޯތްބެއް. އަހަރެން ބޭނުމީ ތިކަހަލަ މީހެއް. “ ސިތާރާ އެއްވެސް ވިސްނުމެއް ޚިޔާލެއްނެތި ހުރެގެން ވާހަކަދައްކަމުންދިޔައެވެ. އެހެންނަމަވެސް އޭނާގެ މިބަސްކޮޅުން ޝާހިދުގެ ހިތަށް އިންގިލާބެއް އައި ކަހަލައެވެ. އޭނާގެ މޫނުމަތިން ހިތާމައިގެ އަސަރުފާޅުވާން ފެށިއެވެ. ސިތާރާއަށް ޖެހިފައިވާ ނިކަމެތި ހާލުފެނުމުން ހަދާނެގޮތް ހުސްވިއެވެ. އޭނާ މުޅި ކޮޓަރިތެރޭގައި އެނބުރެމުން އެއްޗެހި ގޮވަމުން ރޮމުން ދިޔައެވެ. އެހެންނަމަވެސް ޝާހިދަށް ކުރެވޭނީވެސް ކީއްހެއްޔެވެ؟ އޭނާ ދާންހިނގައިގަތެވެ. އެހެންނަމަވެސް އޭނާ ހިނދުކޮޅަކަށް ހުއްޓުނެވެ.

“ އަހަރެން ތިކަމާ ޝާހާ ވާހަކަދައްކާނަން. އޭނާއަށް ވިސްނައިދޭނަން. ހަމަޔަގީން. “ ޝާހިދު ނުކުމެގެންދަމުން އޭނާ ސިތާރާއަށް ގެނައި ޗޮކްލެޓް އެތާ މޭޒުމަތީގައި ބޭއްވިއެވެ. އަދި ބާރުބާރަށްނުކުމެގެން ހިނގައްޖެއެވެ. އެރޭ ޝާހިދަކަށް އެއްގޮތަކަށްވެސް ނުނިދުނެވެ. އޭނާގެ މޭގައިވަނީ އަލިފާން ހިފާފާ ކަހަލައެވެ. ދެއަތަށް ފުރޮޅި ފުރޮޅި އޮތުމަށްފަހު އޭނާ އުޅޭ ގަރާޖުގެ ތެރެއަށް ނުކުތެވެ. އޭރު މަޓޭ ސޯފާގައި ސިނގިރޭޓެއް ބޯންއިނެވެ. ޝާހިދު އަޅާވެސްނުލާ ގޮސް ޕިއާނޯ ކައިރީގައި އިށީނެވެ. އެނާ މާޔޫސްކަމާއެކު ޕިއާނޯގައި ރާގު ކުޅެމުންދިޔައެވެ. އެހެންނަމަވެސް މަޓޭ އަޅާއެއްނުލައެވެ. މަންޒަރު ބަލަން ސިގިރޭޓް ބޯލަބޯލާ އިނީއެވެ. ޝާހިދު އެތައް އިރަކު ޕިއާނޯކުޅުމަށްފަހު އޭގެމަތީގައި ބޯއަޅާލިއެވެ.

“ ކިތަންމެ ނުބުނާން އުޅުނަސް ކަލެޔަށް ލޯބިވެވިއްޖެ. “ މަޓޭ ހަރުދަނާކަމާއެކު ބުންޏެވެ.

“ ނޫން އަހަރެން ލޯތްބެއްނުވަން. “

“ އެހެންނުވާނެ. “

“ އެހެންނުވާނެ.” މިބުނީ ލޯތްބެއްނުވަމޭ. މީހެއްގެ ޙައްގެއް.”

“ އަހަރެން ވަކިމީހެއްގެ ނަމެއް ނުބުނަން. ކަލޭކީއްވެ ތިހެންބުނަންވީ. “ މަޓޭ ދޫކުރާކަށް ބޭނުމެއްނޫނެވެ. އޭނާގެ ރަޙުމަތްތެރިޔާގެ އިހުސާސްތައް އެންމެ ރަގަޅަށް އެނގޭ މީހަކީ އޭނައެވެ. މަޓޭ މިހެން ބުނުމާއެކު ޝާހިދަށް ބުނާނެއެއްޗެއް ނޭގިގެން ހުއްޓާލިއެވެ. ކޮންމެ ގޮތެއްވިޔަސް އޭނާ ބޭޒާރުވެއްޖެއެވެ. ވުމާއެކު ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. މިރޭ ސިތާރާއަށްވެފައިހުރިގޮތާ އޭނާ ރޮމުން ގެންދިޔަގޮތް އަދިވެސް ފިލްމެއްހެން އޭނާގެ ލޯކުރިމަތީގައި އެނބުރެނީއެވެ. ޝާހިދު ހާސްވެގެން ދެއަތުން ބޮލުގައި ތަޅައިގަތެވެ. މިތަންފެނުމުން މަޓޭ އައިސް އޭނާގެ އަތުގައި ހިފޭއްޓިއެވެ. އަދި ބޯގެނެސް ގައިގާ ޖައްސާލިއެވެ. ޝާހިދު ކުޑަކުއްޖެއްފަދައިން އޭނާގެ ރަހުމަތްތެރިޔާގެ ގައިގާ ލެގިލައިގެން އިނެވެ. މިގޮތުގައި އިރުކޮޅެއްވުމަށްފަހު މާޔޫސްކަމާއެކު ބުންޏެވެ.

“ އަހަރެންދެން އެގެއަކަށް ނުދާނަން. އޭރުން މައްސަލައެއްނުޖެހޭނެއެއްނު.”

“ ޓި ޝާހިދަށް ފެންނަގޮތެއްނު. އަހަރެން ތިކަމަކާ އެއްޗެކޭނުބުނާނަން. އެކަމަކު ސިތާރާ ކަލޭ ހޯދާނެއެއްނު. “

“ ހޯދިޔަސްހެޔޮ. ބުނޭ އަހަންނެއްނޫޅެޔޭ. “ ޝާހިދު ތެދުވެގެން ދާންހިނގައިގަތެވެ.

އަނެއްދުވަހުގެ މެންދުރުގެ ވަގުތެވެ. ޝާހިދު ޝާހާ ބައްދަލުކުރަން އޭނާގެ އޮފީހަށްދިޔައެވެ. ޝާހިދު ގޮސް ވަރަށް ވާހަކަދެއްކިއެވެ. ސިތާރާއަށް އެހެން ނުހެދުމަށް އެދުނެވެ. އޭނާއަކީ ރާއްޖޭގެކުއްޖެއްކަމާއި އަމްދުން ރަށްރަށުގެ ކުދިން އެކަހަލަ ކަންތަކަށް އާވާނެކަމުގައި ބުންޏެވެ. އެހެންނަމަވެސް ޝާހު ހުރީކީ އޭނާ ދައްކާ ވާހަކައަޑުއަހާކަހަލަ ގޮތަކަށްނޫނެވެ. އެންމެފަހުން އޭނާގެ ފަހުބަސް އިއްވިއެވެ.

“ ޝާހިދު ބުނަން ރަގަޅުވާހަކައެއް. ކަލެޔަކީ އަހަރެންގެ ރަޙުމަތްތެރިއެއް. ކަލޭވެސް ކަލޭގެ މަގާމުގައިހުރޭ. މިކަންތަކުގެ ތެރެއަށްވަދެ ބެހެންނޫޅޭ. ސިތާރާއަށް ކަންތައް ކުރަންވާގޮތް އެނގޭނީ މަށަށް. މިކަމުގައި ކަލޭގެ ރޯލަކީ އެނާ އަހަންނަށް ސެޓްކޮށްދިނުން. އެމީހުންނާ ކައިވެނީގެ ވާހަކަދައްކައިދިނުން. އެކަންތައް ކަލޭ ކޮށްފީމު. އެހެންވީމާ މިހިސާބުން ކަލޭގެ ބައި ނިމުނީކަމުގައި ހީކުރޭ. “ ޝާހު އޭނާ ދައްކަން ބޭނުން ހުރިހާ ވާހަކައެއް ދެއްކުމަށްފަހު ކާރަށް އަރައިގެން ނައްޓާލިއެވެ. ޝާހިދު ބުނާނެ އެއްޗެއް ނޭގި އަނގަހުޅުވިފައި ހުއްޓެވެ.

(ނުނިމޭ)


    ކިޔުންތެރިންގެ ޚިޔާލު

  1. ވަރަށްރީތި އަވަހައް 7 ވެސް އަޕު ޑޭޓު ކޮއްލާ

    އަންގާރަ، ނޮވެންބަރު 4 2008، 14:01
  2. 7ވަނަ ބަޔައް އިންތިޒާރު ކުރަން.ވަރަށް ރީތި

    އަންގާރަ، ނޮވެންބަރު 4 2008، 17:56
  3. ޖަޒީރާއަށް މި ގެނެސްދެވެނީ މަހަކު ޕާޓެއް ކަހަލަ ގޮތަކަށް. މި ފަހަރު ތަންކޮޅެއް އަވަހަށް އަޕްޑޭޓްކޮށްދޭނެކަމަށް ހީކުރަން. ކިޔުންތެރިން މި ވާހަކައަށް ވަރަށް އިންތިޒާރުކުރޭ. އެހެންވީމާ ޖަޒީރާއިން މިކަމާމެދު ވިސްނާނެ ކަމަށް އުންމީދުކުރަން "ޖަޒީރާގެ ކިޔުންތެރިއެއް"

    އަންގާރަ، ނޮވެންބަރު 4 2008، 18:00
  4. މި އީ ހިންދީ ވާހަކައެއްގެ ތަރުޖަމާއެއް ދޯ؟؟؟

    އަންގާރަ، ނޮވެންބަރު 4 2008، 18:57
  5. މިއީ ހންދީ ފިލްމް "ޕަރްދޭސް" ގެ ކޮޕީ އެއް. މިވާހަކަ ކިޔުންތެރިންގެ މަޢުލޫމާތަށް ޓަކައި ހިމަނާލުން ރަނގަޅު. މީ އޮންލީ

    ބުދަ، ނޮވެންބަރު 5 2008، 08:48
  6. ތިވާހަކައިގެ ކަންތައް ވާގޮތް ދިވެހިންގެ އާދަކާދަޔާ ވަރަށް ތަފާތު.

    ބުދަ، ނޮވެންބަރު 5 2008، 20:20
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv