ކުށްވެރިންގެ މުޖުތަމައަކަށް ރާއްޖެ ބަދަލުވަނީބާ؟

އިސްމާއީލް ރަޝީދު އޭޕްރީލް 13 2007، 21:55 0 ޚިޔާލު

ފޭރުމާއި ވައްކަންކުރުން އާންމުވަނީ އެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުން ގިނަވަނީ އެވެ. އޭގެ ވިޔަފާރި އިތުރުވަނީ އެވެ. އަހަރުން އަހަރަށް ކުށްކޮށްގެން ހައްޔަރުކުރާ މީހުން ގިނަވެގެންދާއިރު ކުށްވެރިންގެ ސަބަބުން ނުރައްކަލުގެތެރެއަށް މުޖުތަމައު ގެނބިގެން ހިނގައިދާނެ ކަމުގެ ބިރު އިތުރު ވަނީ އެވެ. މިހުރިހާ ކަމެއް މިދިމާވަނީ ކީއްވެ ބާއެވެ؟ މިއީ މިއަދު ކުރަންވެއްޖެ ސުވާލުތަކެކެވެ. އަދި ގިނަމީހުން ކުރާސުވާލުތަކެއްވެސް މެއެވެ.

ހުރިހާ ވެސް ސަބަބަކީ ކުށްކުރާ މީހުން ގިނަވަމުންދިއުމެވެ. ވަގުންނާ ހެދި ރައްކާތެރިކަމެއްނެތް ފަދައިން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ފަރާތުން ދީފާނެ ގެއްލުމެއްގެ ނޭނގޭތީ އެވެ. އަދި ކުށްކޮށްގެން ހައްޔަރުކުރާ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާތީ އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަފާތު ހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި ތަފާތު ކުށްތަކުގައި 11،548 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ މުއްދަތުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރި މީހުންނެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި އެ މުއްދަތުގެ ތެރެގައި 3،522 ވަނީ ހައްޔަރުކޮށްފަ އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި މިދިޔަ އަހަރު ހައްޔަރުކުރި މީހުންގެ އަދަދު ވެސް އޭގެ ކުރީ އަހަރަށް ވުރެ 58 އިންސައްތަ އިތުރުވެފައިވާ ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.

ޕޮލިސް ސާވިސްގެ ތަފާސް ހިސާބުން ދައްކާގޮތުގައި މިދިޔަ އަހަރުތެރޭގައި ވަނީ 1000 އަށް ވުރެ ގިނަ މައްސަލާގައި 1291 މީހުން ހައްޔަރުކޮށްފަ އެވެ. އެ ތަފާސް ހިސާބުން ދައްކާގޮތުގައި 2005 ވަނަ އަހަރު މަސްތުވާތަކެތީގެ މައްސަލަގައި ހައްޔަރުކޮށްފައި ވަނީ 813 މީހުން ނެވެ. އެއީ 600 އަށް ވުރެ ގިނަ މައްސަލައިގަ އެވެ.

ފުލުހުންގެ ތަފާސް ހިސާބުން ދައްކާގޮތުގައި 2004 ވަނަ އަހަރުތެރޭގައި 891 މީހަކު ހައްޔަރުކޮށްފަ ވެ އެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ 720 މައްސަލައެއްގައި ކަމަށް ވެސް އެ ތަފާސް ހިސާބުން ދައްކަ އެވެ.

މިދިޔަ އަހަރު ތެރޭގައި ތަފާތު މައްސަލަތަކުގައި 3،703 މީހުން ހައްޔަރުކޮށްފައިވެ އެވެ. އެ އަދަދަކީ 2005 ވަނަ އަހަރަށް ވުރެ 35 އިންސައްތަ އިތުރު އަދަދެއް ކަމަށް ވެސް ފުލުހުންގެ ރެކޯޑްތަކުން ދައްކަ އެވެ. ދެހާސް ފަސް ވަނަ އަހަރުތެރޭގައި 2،736 މީހުން ހައްޔަރުކޮށްފައި ވެ އެވެ.

މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ އަދަދު އިތުރުވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި ކުށްވެރިން ގިނަވެގެންދިއުމަކީ ހައްލުކުރަން ދަތި މައްސަލަތަކެއް ފެންމަތިވެގެން ހިނގައިދާނެ ކަމެކެވެ.

އިޖުތިމާއީ ކަންތައްތައް ދިރާސާކުރައްވާ ތަޖުރިބާކާރަކު ވިދާޅުވީ ކުށް ކުރާ މީހުން ގިނަވަމުންދިއުމުގައި ގިނަ ސަބަބުތަކެއް ހިމެނޭ ކަމަށާއި މައިގަނޑު އެއް ސަބަބަކީ ބޭނުންވާ ކަންތައްތައް ފުރިހަމަކުރުމަށް ހުރި ފުރުސަތުތައް މަދުވުން ކަމަށެވެ. ”ހުރިހާ ފުރުސަތެއް އޮތީ މާލޭގައި. އެންމެން އަންނަނީ މާލެ އަށް. މާލެ ދަނީ ތޮއްޖެހިފުރެމުން. އެކަމުގެ ސަބަބުން އިޖުތިމާއީ ތަފާތު މައްސަލަތަކަށް މަގު ފަހިވޭ.“ އިޖުތިމާއީ ދާއިރާއިން މަތީ ތައުލީމް ހާސިލުކުރައްވާފައިވާ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތައުލީމް ހާސިލކުރުމަށް ފަހު ގިނަ އަދަދެއްގެ ކުދިންތަކެއް މުޖުތަމައަށް ނުކުންނަ ކަމަށާއި އޭގެ ތެރެއިން އިތުރަށް ކިޔެވުމުގެ ފުރުސަތު ލިބެނީ ވަރަށް މަދު ކުދިންނަށް ކަމަށެވެ. އިތުރަށް ކިޔެވުމުގެ ފުރުސަތު ލިބޭ ފެންވަރުގެ ކުދިން މަދު އިރު ރަނގަޅު ނަތީޖާ ނުހޯދޭ ކުދިން ވެސް ބޭކާރު ނުކޮށް ކުރިއަށްދާނެ އިތުރު ފުރުސަތުތަކެއް ހޯދައިދޭން ޖެހޭ ކަމަށައި ނަމަވެސް އެކަން ނުކުރެވޭ ކަމަށެވެ.

”އެއީ ވެސް ކުށްކުރާ މީހުން އިތުރުވެދާނެ ސަބަބެއް. ކުރިއަށްދާނެ ފުރުސަތު ނުލިބި އެ މީހުންގެ ބޭނުންތައް ހާސިލުކުރެވޭނެ ގޮތްތަކެއް ނެތުމުން އެ މީހުންދާނީ އެ ކަހަލަ ގޯސްދިމަދިމާލަށް,“ ސަރުކާރުގެ އިސް އޮފީހެއްގެ ޑިރެކްޓަރެއްގެ ވަޒީފާ އަދާކުރައްވާ ތަޖުރިބާކާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުށްކުރާ މީހުންގެ އަދަދު އެހާ ބޮޑަށް އިތުރުވާ އިރު އެކަމުގެ ސަބަބު ބެލުމަށް ބަލަންވާ ވަރަށް ކަންތައްތައް ނުބަލާކަމަށެވެ. އޭގެ ސަބަބުން އެކަންތައް ހައްލުކުރުމަށް އަޅާނެ ފިޔަވަޅުތައް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުށްވެރިންގެ އަދަދު އިތުރުވަމުންދާއިރު ކުށް މަދުކުރުމަށް ސަރުކާރުން ތަފާތު މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެކަމަށް މާ ބޮޑު ހައްލެއް އަންނަމުން ނުދާކަން ސަރުކާރުގެ ކަމާ ބެހޭ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެކަމުގެ ސަބަބުން ކުރިމަގަށް ލިބިދޭނެ ގެއްލުން ނުހަނު ބޮޑެވެ.

ކުޑަކުދިންގެ މައްސަލަތައް ދިރާސާކުރައްވާ ތަޖުރިބާކާރެއް ކަމަށްވާ މަޒީނާ ޖަމީލު ވިދާޅުވީ ކުށް ކުރާ މީހުން އިތުރުވަމުންދާ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެކަންތައް ހައްލުކުރުމަށް ބަލަން ޖެހޭވަރަށް އަދި ވެސް ނުބެލޭ ކަމަށެވެ.

” ކުށްކުރާ މީހުން ގިނަވުމުގައި ވެދާނެ ކުރިއަށްވުރެ ބޮޑަށް ބެލެނީކަމަށް. ނުވަތަ ހަގީގަތުގައި ވެސް ކުށްކުރަނީ ކަމަށް. ކުށް ކުރާ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް. އެމައްސަލަ ހައްލުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހޭނެ. ތަފާތު ކުށްތައް ހައްލުކުރުމަށް ތަފާތު ފިޔަވަޅުތައް އެޅިދާނެ,“ އޭނާ ވިދާޅުވި އެވެ.

ކުށް ކުރާ މީހުންގެ އަދަދު އިތުރުވާ އިރު ކުށް މަދުވާނެ ގޮތަކަށް ކަންތައްތައް އިންތިޒާމުކޮށް ހޭލުންތެރިކުރުވަން ޖެހޭ ކަމަށާއި އެކަމަށް ހުރިހާ ފަރާތްތަކުން މަސައްކަތްކުރަން ޖެހިފައިވާ ކަމަށް ވެސް މަޒީނާ ވިދާޅުވި އެވެ.

ތަފާސް ހިސާބުތަކުންނާއި ކަމާ ބެހޭ ފަރާތްތަކުން ދައްކާ ވާހަކަތަކަށް ބަލާއިރު ކުށްކުރާ މީހުންދަނީ ގިނަވަމުންކަން ސާބިތުވާއިރު އެ އަދަދު މަދުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އެންމެ ފުރިހަމައަށް ނުކުރެވޭ ނަމަ ދިވެހި މުޖުތަމައު އަކީ ކުށްވެރިންގެ ހާއްޔަކަށްވެގެން ހިނގައިދާނެ އެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv