
އާޖެންޓީނާ ކޯޗާއި ސިވާޖީވެސް ވިކްޓަރީއަށް އަންނަން އެއްބަސްވެއްޖެ
އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށްޓަކާ ބިދޭސީ ކޯޗެއް ހޯދަން ވިކްޓަރީން ކުރަމުންދާ މަސައްކަތުގައި އެޓީމުން ވާހަކަ ދައްކަމުން ދިޔަ ދެ ކޯޗުންވެސް އަންނަން އެއްބަސްވެއްޖެ ކަމަށް ކްލަބުން ބުނެފި އެވެ.
ވިކްޓަރީގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މަރުޒޫގް ވިދާޅުވީ ކުރިން ބަންގާޅުގެ ކޯޗުކަން ކުރި އާޖެންޓީނާގެ ކޯޗާއި ހޯމް ޔުނައިޓެޑްގެ ކޯޗު ސިވާޖީވެސް ވަނީ އަންނަން އެއްްބަސްވެފައި ކަމަށެވެ. ”އަންނަ ހޮނިހިރު ދުވަހު ބާއްވާ ބޯޑު މީޓިންއެއްގައި ކޯޗާ މެދު ވަކި ގޮތެއް ނިންމާނީ. މި ދެމީހުންގެ ތެރެއިން ކޮންމެ މީހަކުބެސް ފެނިދާނެ. އަގަށް ބަލާއިރު ސިވާޖީ ތަންކޮޅެއް އަގު ބޮޑުކޮށް އުޅެނީ. އެކަމަކު ކޯޗު ނިންމުމުގައި ބަލާނީ ހަމައެކަނި އަގަކަށް ނޫން“ މަރޭ ވިދާޅުވިއެވެ.
މަރޭ ވިދާޅުވީ ސިވާޖީއަކީ ވަރަށް ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރަން ބޭނުންވާ މީހެއް ކަމަށާއި އެހެންކަމުން އަންނަމަހުގެ 7 ވަނަ ދުވަހު އޭނާ ރާއްޖެ އަންނާނެ ކަމަށާއި ބޭނުމަކީ ރާއްޖެއިން ލިބެން ހުރި ވަސީލަތްތައް ބަލާލުން ކަމަށެވެ. ”އޭގެ ފަހުން އޭނާގެ އަގު މުޅިން ފައިނަލު ކުރަން ބޭނުންވަނީ. އެއީ އޭނާ ބޭނުންވާ ގޮތަށް ކަންތައް ކުރިއަށް ގެންދެވޭނެ ވަސީލަތްތައް އެބަހުރިތޯ“ މަރޭ ވިދާޅުވިއެވެ.
މަރޭ ވިދާޅުވީ ދެ މީހުންގެ ތެރެއިން ކޮންމެ މީހަކު ގެންނަން ޖެހުނަސް މައްސަލައެއް ނެތް ކަމަށާއި ދެމީހުންނަކީވެސް ދިވެހި ފުޓްބޯޅަ އެނގޭ ދެމީހުން ކަމަށެވެ. އެގޮތުން ސިވާޖީ ވަނީ މިއަހަރުގެ އޭ އެފް ސީކަޕްގައި ހޯމް ޔުނައިޓެޑްެގެ ކޯޗެއްގެ ގޮތުން ވިކްޓަރީ އާއި ވާދަކުރަން މާލެ އައިސްފައެވެ. އާޖެންޓީނާގެ ކޯޗަކީ 2003 ވަނަ އަހަރުގެ ސާފްޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ ބަލިކޮށް ބަންގާޅު ހޯދިއިރު އެޓީމުގެ ކޯޗެވެ.
ވިކްޓަރީއަށް ބޭރުގެ ކޯޗެއް ގެންނަން މަސައްކަތް ކުރަމުންދާކަން ހާމަކުރީ މިދިޔަމަހުގެ ތެރޭގައި ބޭއްވި ނޫސްކޮންފަރެންސެއްގައެވެ. މި ނޫސްކޮންފަރެންސްގައިވެސް ބުނެފައިވަނީ މަސައްކަތް ކުރަމުންދަނީ ސިވާޖީ އާއި އާޖެންޓީނާ ކޯޗަށް ކަމަށާއި ބޭރު ކޯޗެއް ގެނައުމުގެ ނަމުގައި ކޮންމެ ކޮންމެ ފެންވަރެއްގެ މީހަކު ރާއްޖެއަށް ނުގެންނާނެ ކަމަށެވެ. ”ބިދޭސީއަކު ގެންނަންޏާ ގެންނަން ބޭނުންވަނީ ފުޓްބޯޅައަށް ޗޭންޖެއް ގެނެވޭވަރުގެ މީހެއް. މިސާލަކަށް އެމީހަކީ ޑޭވިޑް ބޫތުމެން ފެންވަރުގެ މީހަކަށްވާން ޖެހޭނެ.“ ވިކްޓަރީގެ އެސިސްޓެންޓް ކޯޗު އަދި އޭރު ބޯޑު މެމްބަރެއްގެ ގޮތުގައި ހުންނެވި އަލީ ސުޒޭން ވިދާޅުވިއެވެ. ވިކްޓަރީ އަކީ ބޮޑެތި ޓީމުތަކުގެ ތެރެއިން ބިދޭސީ ކޯޗުންނާ އެންމެ ދުރު ޓީމެވެ.