

ބެހެއްޓި ބޮޑު ބުދު : ބޭރަށް ދިޔަ ޑޮލަރުތަކެއް
މީގެ ދުވަސް ކޮޅެއް ކުރިން އުފަން ދުވަސް ފާހަގަ ކުރުމަށް އައި އިނގިރޭސި މަހުޖަނު ސަރ ފިލިޕްސް ގުރީން ޕާޓީ ބޭއްވި ރާއްޖޭގެ ރިޒޯޓް ރަށެއް ކަމުގައިވާ ލަޑާ ގިރާވަރުގައި 35 ފޫޓްގެ ބޮޑު ބުދުން ރާއްޖެ އަންލިބުނީ ކޮން އެޗެއްބާ އޭ މިއީ އުފެދޭ ސުވާލެކެވެ.
ފާހަގަ ކޮށްލެވޭ ކަމަކީ މި ބުދު ބެހެއްޓި މައްސަލާގައި ދިވެހި ރައްޔިތުންގެ ރުޅިވެރިކަން ކޮޅުން ދިޔަ ކަމެވެ. ނޫސްތަކުގެ ފަލަ ސުރީތަކުގައި ގަދަ އަކުރުން މިކަމާއި ދެކޮޅަށް ލިޔުންތައް ލިޔެވިގެން ދިޔަކަމެވެ. ނަތީޖާ އަކަށް ވީ އެންމެ ފަހުން ދިވެހިރައްޔިތުންގެ ކިބައިން ރިޒޯޓްގެ މެނޭޖްމަންޓުން މާފަށް އެދެން ޖެހުމެވެ.
ދުނިޔޭގެ މަޝްހޫރު ނޫސް މަޖައްލާ ތަކުގަ އާއި އެކި އެކި އިންޓެނެޓް ވެބްސައިޓްތަކުގައި %100 އިސްލާމީ ގައުމުގައި ބޮޑު ބުދެއް ބެހެއްޓި ވާހަކަ ލިޔެވިގެން ދިޔަކަމީ މިއަދު އަޅުގަނޑުމެން ދިވެހިންގެ މާތްވެގެންވާ އިސްލާމް ދީނަށް ލިބިގެންދިޔަ ބޮޑު ނުތަނަވަސް ކަމެއްކަން ޔަގީނެވެ.
ބޭރުގެ އެކިއެކި އިންޓަނެޓް ވެބްސައިޓްތަކުގައި ބުނެފައިވާ ގޮތުން ދިވެހިންގެ އަގީދާ އަކީ ވަރަށް ބަލިކަށި އަގީދާ އެއްކަން ފާހަގަ ކޮށް އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީން މަދު ފައިސާ ކޮޅަކަށް ގަނެލެވިދާނެ ކަންމަށް ލިޔެފައި ވެއެވެ.
އެ އިންޓަނެޓް ސައިޓްތަކުގައި ލިޔެފައިވާ ރާއްޖޭގެ ރައްޔިތުން މިމައްސަލާގައި ކިތަންމެ ނުރުހިގެން ތިބި ނަމަވެސް އެބުދު ހަދާފައިވަނީ އެރިޒޯޓްގައި މަސައްކަތް ކުރާ ދިވެހިންގެ އަތުން ކަން ފާހަގަ ކޮށްފައި ވެއެވެ.
މިމައްސަލަ އާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ މަހުމޫދު ޝައުގީ ވިދާޅުވީ މައްސަލަ ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށާ މުސްތަގީލް ފަޑިޔާރުންގެ ކޮމެޓީއަކުން މިމައްސަލަ ބައްލަވާނެ ކަމަށެވެ.
”އަޅުގަނޑު އިންޑަސްޓްރީ މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ގޮވާލަން ބޭނުންވަނީ ރާއްޖޭގެ ރައްޔިތުންގެ އެއްބާރުލުމާއި އެކުގައޭ މިއިންޑަސްޓްރީއަށް މިހާ ބޮޑު ކާމިޔާބީ އެއް ލިބިގެން ގޮސްފައިވަނީ. އެހެން ވުމުން ރައްޔިތުން ރުޅިއަންނަ ފަދަ ކަންތައްތައް ނުކުރުމަށް.“ މިނިސްޓަރ ވިދާޅުވި އެވެ.
ޓޫރިޒަމް ދާއިރާގައި ގިނަދުވަސްތަކެއް ވަންދެން ހަރަކާތްތެރިވެފައިވާ މީހަކު ބުނީ މިކަމަކީ ދިވެހިރާއްޖޭގައި ގިނަދުވަސްތަކެއް ވަންދެން ހިފަހައްޓަމުން އައި ކަމަކަށް ލޮޅުން އަރުވާލައި ހިންގާފައިވާ ވަރަށް ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ގޮންޖެހުންތަކެއް ކުރިމަތިވެގެން ހިގައިދާނެ ކަމަށެވެ.
” އަޅުގަނޑުމެންގެ ގައުމަށް ހަމައެކަނި ފަތުރުވެރިން އަންނަނީ ޔޫރަޕުން އެކަންޏެއް ވެސް ނޫން. އަރަބި ގައުމުތަކުން ވެސް ޓޫރިސްޓުން އެބަ އާދޭ. އެހެން ވުމުން ދީނާ ލޯބި ކުރާ ފަރާތަކުން މިފަދަ އިންސާފް ނުހިފޭ މީހުން ދިރިއުޅޭ ތަނަކަށް ނައިސް ވެސް ދާނެ.“ އޭނާ ބުންޏެވެ.
އޭނާ ބުނީ މިކަމުގެ ސަބަބުން ފަތުރުވެރިންގެ ރާއްޖެއަށްނަ ފަތުރު ވެރިންނަށް އެހައި ބޮޑު ބަދަލު ތަކެއް އައިނަމަވެސް ރިޒޯޓްތަކުގެ މެދުގައި މިކަމުގެ ސަބަބުން ކޯޅުންތަކެއް ހިނގައި ދިޔުމަކީ ވެދާނެ ކަމެއް ކަމަށެވެ.
އޭނާ ބުނީ އެންމެ ފުރަތަމަ ބަގުރާ ވިއްކަން ދިވެހިން ހަރަކާތްތެރިވަނީ ކީވެސް ހިތުން ރުހުމަކުން ނޫން ކަމަށާ އެހެން ނަމަވެސް އެވަޒީފާ ދޫކޮށްލާފައި ދެން ގޮސް އުޅޭނެ ވަޒީފާއެއް ވެސް ނޯންނަ ކަމަށެވެ.
” ބުދު ހެދުމަށް ރައްޔިތުން ކިތަންމެ ނުގަބޫލު ވިޔަސް އެނަހަދައި ވަޒީފާއިން ކެނޑިގެންދާނެ ތަނެއް ނެތް. މިތާގައި ލޭބަރ ޔޫނިއަންއެއް އޮތީ ކީނޫން. އެކަމާއި މެދު މައްސަލަ ޖެއްސިއަސް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ.“ އޭނާ ބުންޏެވެ.
އިގިރޭސި މަހުޖަނުގެ އުފަންދުވަސް ފާހަގަ ކުރުމަށް ޓަކައި ބުދު ބަހައްޓައިގެން ގިނައަދަދެއްގެ ފައިސާ ރާއްޖެއަށް ލިބިފައިވާ ކަމަށް ގިނަފަރާތްތަކުން ދެކޭ އިރު ހަގީގަތުގައި މިފައިސާ ތަކުގެ ތެރެއިން ރާއްޖެއަށް ލިބިފައިވަނީ ކޮން އެއްޗެއް ތޯ ބަލާލަން ޖެހެ އެވެ. ހަގީގަތުގައި މިޕާޓީގެ ސަބަބުން އެރިޒޯޓަށް ބޮޑު އާއްމުދަނީ އެއްލިބިގެން ދިޔަ ނަމަވެސް ޖުމްލަ ގޮތެއްގައި ރާއްޖެއަށް މާބޮޑު ފައިދާ އެއް ލިބިފައި ނުވާ ކަން ފާހަގަ ކޮށްލަންޖެހެ އެވެ.
ރިޒޯޓަށް މިލިޔަށް ޑޮލަރުތައް ލިބިގެން ދިޔަ ނަމަވެސް އެރިޒޯޓްގެ މެނޭޖްމަންޓަކީ ބޭރުގެ މެނޭޖްމަންޓަކަށް ވެގެން ދިއުމީ މިދެންނެވި ބަހުގެ ހަގީގަތެވެ.
ކޮރަލް ބީޗް ހޮލިޑޭސްގެ މެނޭޖިންގ ޑިރެކްޓަރ މޫސާ މުސްތަފާ ވިދާޅުވީ މިއީ ވަރަށް ސީރިއަސް ކޮށް ސަރުކާރުން ވިސްނަންވީ މައްސަލައެއް ކަމަށާ އެހެން ނޫން ނަމަ ގެއްލުތަކެއް ކުރިމަތި ވެގެން ހިގައިދާނެ ކަމަށެވެ.
” މިސާލަކަށް ތާޖް ކޮރަލް ފަދަ ރިޒޯޓަކީ އިންޑިޔާ މެނޭޖްމެންޓަކުން ހިންގާ ރިޒޯޓެއް އެމީހުން ވަރަށް ބޭނުންވާނެ ބުދު ފަދަ އެކަހަލަ އެއްޗެހި ބަހައްޓަން.“ މުސްތަފާ ވިދާޅުވި އެވެ.
މިކަމުން ރާއްޖޭގެ ނަމަށް ލިބިގެން ދިޔަ ހުތުރާއި ރައްޔިތުންގެ ހިތުގައި އުފެދިގެން ދިޔަ ރުޅިވެރިކަމާއި ހިތަށްވެރި ވެގެން ދިޔަ ބިރުވެރި ކަމުގެ ބަދަލު މިމައްސަލަ ބަލައި ހޯދައި ދިނުމަށް ސަރުކާރަށް ލާޒިމްވެ އެވެ.