ފަހު ވަގުތު ބައިކޮޅަށް ޖެހި ލަނޑާއެކު ވިކްޓަރީއާއި ހަނޯއީ އެއްވަރު

މުހައްމަދު ޝަނޫން އޭޕްރީލް 13 2007، 21:36 0 ޚިޔާލު

އޭ އެފް ސީކަޕް ފުޓްބޯޅަ މުބާރާތުގައި ވިއެޓްނާމްގެ ހޯޕަޓް ހަނޯއީ މޮޅުވެގެން މެޗު ނިމެން ދަނިކޮށް އެޓީމުގެ ޑިފެންޑަރެއްގެ އަތުން ވަން ބައިގޯލުން 2-2 ލަނޑުން ވިކްޓަރީ އާއި އެއްވަރުވެއްޖެ އެވެ.

އިއްޔެ ހަވީރު ގަލޮޅުދަނޑުގައި ކުޅެވުނު މެޗު ފަށައިގެން ވިކްޓަރީ ކުޅެމުން ދިޔައީ އަވަސް ގޭމެކެވެ. ކުރިން ކުޅުނު ދެމެޗުން އެންމެ ޕޮއިންޓެއް ހޯދިފައިވާ ދެ ޓީމުގެ ކުރިމަތިލުމުގައި ވިކްޓަރީން މަސައްކަތް ކުރަމުން ދިޔައީ ވީހާވެސް އަވަހަކަށް ލަނޑެއް ޖަހަިއގެން ހަމަޖެހިލާށެވެ. ނަމަވެސް ވިކްޓަރީއަށް ލިބުނު ދެ ފުރުސަތެއް ނާކާމިޔާބުވުމުން ދެން ފެނިގެން ދިޔައީ އާއްމުގޮތެއްގައި ފުޓްބޯޅައިގައި ފެންނަ މަންޒަރެވެ. 13 ވަނަ މިނެޓްގައި މާކް ނުކޮށް ދޫކޮށްލެވިފައިހުރި ޑިސިލްވާއަށް ލިބުނު ބޯޅައަށް އިމްރާން މުޙައްމަދު އެރުމުން ކީޕަރުގެ ބޯމަތިން އޭނާ އެއްލީ ގޯލަށެވެ.

ލަނޑަށްފަހުވެސް ވިކްޓަރީގެ ކޮޅަށް ނަތީޖާ އަނބުރާލެވޭތޯ އެޓީމުން މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެން ދިޔައީ އިތުރު ލަނޑެއްވެސް އަދި ނުރައްކާތެރި ފުރުސަތެއްވެސް ނުލިބިއެވެ.

ދެވަނަ ހާފާ ވިކްޓަރީން ކުރިމަތިލީ ދެ ބަދަލަކާއެކުގައެވެ. ސަރީރާއި އިއްޒަތުގެ ބަދަލުގައި މުހައިމިނާއި އާދަމް ލަރީފު)ރޮނާލްޑޯ( ނެރުމެވެ.

ވިކްޓަރީން މެޗު ޑޮމިނޭޓްކޮށްގެން ކުޅެމުން ގޮސް 72 ވަނަ މިނެޓްގައި މުޙައްމަދު ޝައްފާޒުގެ ހުރަހަކުން އިބްރާހީމް ޝިޔާމް)ދޮނާ( ވިކްޓަރީއަށް ފުރަތަމަ ލަނޑު ޖަހާދިނެވެ.

ވިކްޓަރީއަށް ހަމަހަމަކަމުގައި އޮވެގެން ކުޅެލެވުނީ އެންމެ 4 މިނެޓްގައެވެ. 76 ވަނަ މިނެޓްގައި ސަންތޯސް ހަނޯއީއަށް ދެވަނަ ލަނޑު ޖަހާދީ ލީޑް ނަގާދިނެވެ.

ވިކްޓަރީ ބަލިވެގެން ނިމެން ދަނީ ކަމަށް ގިނަބަޔަކު ހީކޮށްގެން ތިއްބާ 90 ވަނަ މިނެޓްގައި އެއްވަރުވީ ހަނޯއީގެ ޑިފެންޑަރ ޕާމް އަތުން ބައިގޯލެއް ވަނުމުންނެވެ. ލަނޑަށް މާގިނައިރެއް ނުވަނީސް މެޗު ނިމުނުކަން ރެފްރީ އިއުލާން ކުރިއެވެ.

ވިކްޓަރީ ތިންމެޗު ކުޅެގެން އެޓީމަށް ހޯދުނީ ދެ ޕޮއިންޓެވެ. ހަނޯއީވެސް ވަނީ 3 މެޗުން 2 ޕޮއިންޓް ހޯދާފައެވެ. ނަމަވެސް ލަނޑުގެ ގޮތުން ކުރީގައި އޮތީ ހަނޯއީ ކަމަށްވާތީ ތާވަލުގެ 3 ވަނާގައި އޮތީ އެޓީމެވެ.

މި މުބާރާތުގައި ސިންގަޕޫރުގެ އާރމްޑް ފޯސް އާއި ވާދަކޮށް ނިއުރޭޑިއަންޓް އިއްޔެ ބަލިވީ 3-1 ލަނޑުންނެވެ. ސިންގަޕޫރުގެ ދަނޑުގައި ކުޅެވުނު މެޗުގެ ފުރަތަމަ ލަނޑު ނިއުގެ ކޮޅަށް ވައްދާލީ 10 ވަނަ މިނެޓްގައި އަލްސެންދުރޯ ޑެލްކު އެވެ. ފުރަތަމަ ހާފު ނިމުނީ 1 ލަނޑުން އާރމްޑް ފޯސް ކުރީގައި އޮވެގެންނެވެ.

ނިއުރޭޑިއަންޓްގެ ހަމައެކަނި ގޯލު 71 ވަނަ މިނެޓްގައި ޖަހާދިނީ އިދުރީހެވެ. އާމްޑް ފޯސްގެ ފަހު ލަނޑު ޖެހީ އަސްރިން ޝަރިފް އެވެ.

މިމެޗު ނިއުއިން ފެށީ އަނިޔާގައި ހުރި ޑިފެންޑަރ އަކްރަމް އަބްދުލް ޤަނީ އާއި ފޯވަޑް އަހްމަދު ތާރިޤް)ޓޮމް( ބެންޗުގައި ބައިންދައިގެންނެވެ. ނަމަވެސް ޓޮމް ފަހުން ކުޅެން ނުކުތެވެ. މެޗުގައި އަންވަރު އަބްދުލް ޤަނީ ފުރަތަމަ 11 ގައި ކުޅެން ނުކުތެވެ. މިމެޗުން ބަލިވުމުން ދެވަނަބުރުގެ ދޮރު ނިއުއަށް ގާތްގަޑަކަށް ބަންދުވީއެވެ. އެޓީމު 3 މެޗު ކުޅުނުއިރު އެންމެ ޕޮއިންޓެއްވެސް ނުލިބެއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv