ފުލުހުންގެ ބޮލުގައި ދޮގު އިލްޒާމްތަކެއް އެޅުވުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރޭ: ރައީސް

މަސްއޫދު ހިލްމީ އޭޕްރީލް 13 2007، 21:27 0 ޚިޔާލު

ފުލުހުންގެ ވާޖިބްތައް ފުރިހަމައަށް އަދާކުރުމަށް މަސައްކަތް ކުރިއަށް ގެންދާއިރު, ފުލުހުންގެ ޚިދުމަތަށް ހުރަސްއަޅައި އެބައި މީހުންގެ ބޮލުގައި ދޮގު އިލްޒާމްތައް އަޅުވަމުންދާ ކަމަށް ފުލުހުންނާއި ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހުރިއްޔާ އަލްއުސްތާޛް މައުމޫން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ފުލުހުންގެ 74 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ރައީސްގެ ވާހަކަފުޅުގައި ފުލުހުންގެ ވާޖިބްތަކަށް ހުރަސް އަޅަން ބަޔަކު މަސައްކަތް ކުރަމުންދާ އިރު ފުލުހުން އެމީހުންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ފަސްޖެހުމެއް ނެތި ހިތްވަރާއި އެކު އެމީހުންގެ މަސްއޫލިޔަތު އަދާކުރަމުންގެންދާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފުލުހުންނަކީ ރައްޔިތުންނާއި އެކުގައި އެކުވެރި ކަމަށާއި އެކު މަސައްކަތް ކުރަންޖެހޭ ބައެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ފުލުހުންގެ ތަރައްގީއަށް ވޭތުވެ ދިޔަ އަހަރުތަކު ތެރޭގައި ފުލުހުންގެ ތަރައްގީ އަށް ވަރަށް ބޮޑެތި މަސައްކަތް ތަކެއް ކުރެވިފައިވާ ކަމަށާއި ފުލުހުންގެ ދާއިރާއަށް އަންނަމުން މިދާ ކުރިއެރުން މިވަނީ ވަރަށް ހަލުވި ވެފައި ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފުލުހުން ދާއިރާއަށް އައި އެންމެ ބޮޑު ކުރިއެރުމަކީ މިއަދު ފުލުހުންގެ ޚިދުމަތަކީ ބައިނަލް އަޤްވާމީ ފެންވަރަށް ތަމްރީން ކުރެވިފައިވާ ހުނަރުވެރި ގާބިލް ޚިދުމަތަކަށް އެ ޚިދުމަތް ވާތީ ކަމަށެވެ.

” ފުލުހުންގެ ހިދުމަތަށް އައި އެންމެ ބޮޑު ކުރިއެރުމަކީ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފޮރިންސިކް ލެބޯރެޓަރީ އައި.އެސް.އޯ 9001 ގެ މިންގަނޑުތައް ހާސިލް ވެފައިވުން. “ ރައީސް ވިދާޅުވި އެވެ.

މިޖަލްސާގައި މިނިސްޓަރ އޮފް ހޯމްއެފެއަރ އަހުމަދު ތަސްމީން އަލީ ވިދާޅުވީ މިދުވަސް ވަރަކީ ފުލުހުންނަށް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރަށް ބޮޑު ގޮންޖެހުންތަކާއި ކުރިމަތި ވެފައިވާ ދުވަސްވަރެއްކަން ފާހަގަ ކުރެއްވި އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރުގެ ވާހަކަފުޅުގައި ރައީސްލް ޖުމްހޫރިއްޔާގެ މަގުޗާޓުން ދިވެހި ފުލުހުންގެ މިސްރާބް ވަރަށް ރަނގަޅަށް ހާމަ ވެގެންދާ ކަމަށް ވިދާޅުވި އެވެ.

ކޮމިޝަނަރ ވިދާޅުވީ ފުލުހުންނަކީ ނުގުޑާފަދަ އަޒުމެއްގައި ތިބި ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv