ދަތުރުވެރިޔާ 5
(ދަތުރުވެރިޔާ 4 އާއިގުޅޭ)
ޒޫނާ އިބްރާހިމް
ސިތާރާ ހާސްކަމާއެކު އެންމެންގެ މޫނަށް ވަކިވަކިން ބަލައިލިއެވެ. އޭނާގެ ނޭވާ ހީވަނީ އުފުރެން އުޅޭހެންނެވެ. މިއަދުގެ މުބާރާތުން އެމީހުން ބަލިވެއްޖެނަމަ ސިތާރާގެ ދުވަސްދިޔައީއެވެ. އޭނާ ހާސްވަނީ މިހެންވެއެވެ. ހަމައެޔާއެކީގައި ޝާހު އޭނާއަށް ގެއްލުމަކީވެސް ހިތަށް އިތުރު ހިތްދަތިކަމެއް ލިބގެންދާނެ ކަމެއްކަން ޔަގީނެވެ. އޭނާ ޝާހަށް ބަލައިލިއެވެ. މުޅިން ހުދުކުލައިގެ ޓީޝާޓެއް ލައިގެން ހުދުކުލައިގެ ސޯޓެއްލައިގެން ހުރިއިރު ޝާހު ފެންނަނީ ވަރަށް ފުރިހަމަކޮށެވެ. ވަރަށް ނަލައެވެ. އޭނާގެ މޫނުމަތީގައި އެއްވެސް ހާސްކަމެއްނެތް ކަހަލައެވެ. އޭނާ ވަރަށް އިތުބާރާއެކު ތައްޔާރުވެގެން ހުއްޓެވެ.
ދެވަނަ ފަހަރަށްވެސް ރެފްރީ ކަށިގަނޑު ފުމެލައިފިއެވެ. އެޔާއެކު ފުރަތަމަވެސް އަރަންޖެހުނީ ޝާހުމެންގެ ޓީމުންނެވެ. ޝާހިދު ވަރަށް ފޮނިވެލާފައި އަރަމުން ސިތާރާގެ މޫނަށް ބަލައިލިއެވެ. އެމޫނުގައިވާ ހާސްކަމާ ނުތަނަވަސްކަން އޭނާއަށް ފާހަގަކުރެވުނެވެ. ޝާހިދު ވަރަށް ފާޑުވެރިކަމާއެކު ގޮސް އެމީހުންގެ ތެރެއަށް ޖެހިގަތުމާއެކު ދެތިންމީހުން އައިސް އޭނާގެ ގައިގާ ބައްދައިފިއެވެ. އަދި ދެންތިބި މީހުން އައިސް އޭނާގެ ގައިމައްޗަށް ޖެހިގަންފިއެވެ. ޝާހިދު ސަލާމާތްވާން ވަރަށް ތެޅިފޮޅުނެވެ. އެހެންނަމަވެސް އޭނާއަކަށް ސަލާމަތެއް ނުވެވުނެވެ. ކަށިގަނޑާއެކު ޝާހިދު ނުބައިވީކަން އެންގިއެވެ. ހާޝިމާއި އޭނާގެ އެކުވެރިން ފުމެއަރަންފެށިއެވެ. ސިރާޖުމެންނަށް ހަޕޮއިންޓް ލިބުނުއިރު ޝާހިދުމެންނަށް ލިބިފައިވަނީ ސުމެކެވެ. ސިތާރާ ދުރުގައި ހުރެގެން ޝާހިދަށް އިޝާރާތުން އެއްޗެހިގޮވަމުންދިޔައެވެ. އެމީހުން ނުބައިވެއްޖެނަމަ އޭނާ ގެންދާނެކަން އެންގިއެވެ. މިހުރިހާ ތަނެއް ޝާހިދަށްފެނެއެވެ. އެއާއެކު ޝާހުއެރިއެވެ. އަދި ދެމީހުން ނުބައިކުރުމަށްފަހު ފޭބިއެވެ. އެހެންނަމަވެސް ދެން އެރިމީހުންވެސް ވީ ނުބައެވެ. ޝާހިދު ރުޅިއައިސްފައިވާ ސިންގާއެއްހެން އެރިއެވެ. އޭރު އޭނާގެ ކުރިމަތީގައިހުރި ސިތާރާގެ ލޮލުން އޮހެމުންދާ ކަރުނަތަކުން އޭނާ އަށް އިތުރުހިތްވަރެއްލިބިއްޖެއެވެ. ޝާހިދު އެރުމާއެކު އެންމެން އައިސް އޭނާ ހިފަހައްޓައިފިއެވެ. ސޭޓް އަޙުމަދާއި ފަރުޙާން ނޭވާ ހިފަހައްޓާލައިގެން މިތަން ބަލަންތިއްބެވެ. ޝާހިދު ކަށިން ހިތްވަރުނެރެމުން ރޮނގުގައި އަތްލެވޭތޯ މަސައްކަތްކުރަމުންދިޔައެވެ. ސިތާރާ ހާސްކަމާއެކު މޭގައި ހިފަހައްޓާލިއެވެ. އަދި އުޑާދިމާއަށް ބަލާލަމުން ތުންތަޅުވާލިއެވެ. އެވަގުތު ޝާހިދު އެންމެ ފަހު ވަގުތުކޮޅުގައި ރޮނގުގައި އަތްލާ އަނެއްބައިގެ އެންމެން ނުބައިކޮށްލިއެވެ. އެޔާއެކު މުޅިތަންހީވީ އުތުރި އަރައިގަތްހެންނެވެ. އެންމެން އުފަލުން ހަޅޭއްލަވަމުން ކޫޅޭތަނަށް އައިސް އެމީހުން އުރާލިއެވެ. ފަރުޙާން ލޮލުގައިވާ އުފާވެރިކަމުގެ ކަރުނަތަކާއެކު ސިތާރާއަށް ބަލާލަމުން ދެއަތްދިއްކޮށްލިއެވެ. އެވަގުތު ސިތާރާ އުފަލުން ދުވަމުން އައިސް ބައްޕަގެ މޭގައި މޫނުފޮރުވިއެވެ.
ފަރުޙާންމެންގެ ގޭތެރޭގައި ވަނީ އުފާވެރިކަމާއި ހިތާމަވެރިކަމުގެ ކުލަތައް އެއްވެފައެވެ. އެއްކޮޅުން ސިތާރާގެ އެންގޭޖްމެންޓްގެ އުފާވެރިކަން ފާޅުކުރާއިރު އަނެއްކޮޅުން އޭނާ ކުޑަދުވަސްކޮޅަކަށް ނަމަވެސް ވަކިވެގެންދާ ކަމުގެ ހިތާމައެވެ. ޞަފިއްޔާގެ ލޮލުން ކަރުނަ ހިކޭ އެންމެ ހިނދުކޮޅެއްވެސް ނާދެއެވެ. އެހެންނަމަވެސް އޭނާ ސިތާރާގެ އެއްޗެހި ތައްޔާރު ކުރުމައިގެން އަވަދިނެތި އުޅެއެވެ. މިހުރިހާ ތަނެއް ބަލަން ޝާހިދު ގޭގެ ކަނެއްގައި ތަނބެއްގައި ލެގިލައިގެން ހުއްޓެވެ. އޭނާގެ މޫނުމަތީގައިވަނީ ސީރިޔަސްކަމެވެ. އެހެންނަމަވެސް ތުންފަތްމައްޗަށް ހިނިތުންވުމެއް ގެނެސްގެން އޭނާ މަންޒަރު ބަލަންހުއްޓެވެ.
ސިތާރާ ފުރާ ދުވަސްއައިސް ޖެހިއްޖެއެވެ. އޭނާ ފުރަން އެއާޕޯޓަށް ގޮސް ވަށައިގެން ތިބި މީހުންނަށް ބަލައިލިއެވެ. އެތަނުން ޝާހިދު ނުފެނުމުން ސިތާރާ ވަރަށް ހާސްވިއެވެ. އޭނާ ދެކޮޅަށް ހިނގަންފެށިއެވެ. އިނގިލީގައި ދޯޕައްޓާ އޮޅާލައިގެންހުރެ އެނބުރެމުން ފެށިއެވެ. އެހެންނަމަވެސް އެއްވެސް ތާކުން ޝާހިދެއް ނުފެނުނެވެ. އޭރު ބައްޕައާއި އަޙުަމދު ކަރާކަރުޖައްސާ އެތައްފަހަރަކު ސަލާންކުރަނީއެވެ. ފަރުޙާން ރޮވިފައިވާ އަޑަކުން އަޙުމަދު ގާތުގައި އޭނާގެ ދަރިފުޅު ރަގަޅަށް ބަލާދިނުމަށްއެދެނީއެވެ. އެހެންނަމަވެސް ސިތާރާ މީން އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެއެވެ. އެންމެ ފަހުން ސިތާރާ ހަދާނެގޮތެއް ނޭގިގެން ގޮނޑިއެއްގައި އިށީންނަން ހިނގައިގަތެވެ. އެވަގުތު ފަހަތުން ޝާހިދު ގޮވާލިއަޑުއިވިގެން ސިތާރާ ފަސްއެނބުރި ބަލައިލިއެވެ. އޭރު ޝާހިދު މާބޮނޑިއެއް ހިފައިގެން ދުވަމުން އާދެއެވެ. ޝާހިދު ފެނުމާއެކު ސިތާރާގެ މޫނުމައްޗަށް އުފާވެރިކަމުގެ ކުލަވަރު އެރިއެވެ. އޭނާ ހިނިއައިސްފައި ބަލަންހުއްޓާ ޝާހިދު އައިސް ފިނިފެންމަލުގެ ވަރަށް ރީތި ދެމާބޮނޑި ދިއްކޮށްލިއެވެ.
“ ވަރަށްބޮޑަށް ސޮރީ ލަސްވީމަ. މިއޮތީ ސިތާރާއަށް. މީ ޝާހިދަށް. ވަރަށް އުފާވެރި ދަތުރަކަށް އެދެން. “ ޝާހިދު އަސަރުކޮށްފައިވާ އަޑަކުން ބުންޏެވެ.
“ ދެން ކަލެޔޯ. އަހަރުންނާއެއްކޮށެއް ނުދަންތަ؟ “ ސިތާރާ ހައިރާން ކަމާއެކު އެހިއެވެ.
“ އާނ! އަހަންނެއް ނުދަން. އަހަރެން ރަށަށް ދާންޖެހޭނެ. އެތާގައި ވަރަށް ބައިވަރު މަސައްކަތް ކުރަންޖެހިފަ އެބަހުރި. ބައްޕަގެ ވަސިއްޔަތް ފުރިހަމަކުރަންޖެހޭ. އެހެންނޫނަސް ވަރަށް ގިނަކަންތައް އެބަހުރި ކުރަން. “
“ ތިވާހަކަ ކުރިން ނުބުނީ ކީއްވެތަ؟
“ ފުރުސަތެއް ނުލިބުނީ. އެހެންވެ ނުބުނެވުނީ. އެކަމަކު މިހާރު މިބުނީނު. “
“ ހާދަހެއްވައޭ. އަހަރެން ފުރަތަމަފަހަރަށް އަހަރެންއެކަނި ރާއްޖޭން ބޭރަށް މިދަނީ . “
“ ކީއްވެތަ އެކަނިވާންވީ. ބައްޕަވެސް އެހެރީ . އެހެންނޫނަސް ޝާހުވެސް އެހެރީނު. ބޮޑުދައްތަވެސް އެހެރީނު. އަނެއްކާ އެތާގައި ތިމާގެ މީހުންވެސް ތިބޭނެ. އެމީހުން ނުލާހިކު ރަގަޅުވާނެ.”
“ އެކަމަކު ޝާހިދެއް ނުހުންނެނު. ކިހާރީތިކޮށްބުނިތަ އަހަރެންނާއެކު އެމެރިކާގައި ހުންނާނަމޭ. މިހާރު ކިހިނެއްވީ. “ ސިތާރާ ދޫކުރާކަށް ބޭނުމެއްނޫނެވެ. އޭނާހުރީ ޝާހިދު ނުދާތީ ވަރަށް ދެރަވެފައެވެ. ރުޅިއައިސްފައެވެ. ޝާހިދު ހަދާނެ ގޮތެއް ނޭގިގެން ތުންފަތުގައި ދަތްއަޅާލަމުން އަނެއްފަރާތަށް ބަލާލިއެވެ. އޭނާ ސިތާރާއަށް ދޭނެ ޖަވާބެއް ނޭގިގެން އުޅޭކަހަލައެވެ.
“ އަހަރެން އެމެރިކާއަށް ދާންމިއުޅުނީވެސް ޝާހިދުގެ މައްޗަށް އިތުބާރުކޮށް.........”
“ މަޑުކޮށްބަލަ. ބުނަން ރަގަޅުވާހަކައެއް. އަހަރުމެން މިހިސާބުން މިވަކިވީ. އެތާގައި އުފާވެރިކަމާއެކު އުޅޭ. “
“ ކީއްވެތަ ތިހެންތިބުނީ. “
“ އެއީ. އެއީ ... މިހާރު ތިއީ އެމީހުންގެ ޅީދަރިފުޅު. މިހާރު ހުރިހާ ޒިންމާއެއް ކޮނޑުގައި އަޅަންޖެހޭނީ ސިތާރާ. އެތަނުގައި ރަގަޅަށް އުޅޭތި.” ޝާހިދު ސިތާރާއަށް ވިސްނައިދެވޭތޯ ބެލިއެވެ.
“ ހެޔޮ މަށަށް. ކަލޭ މަށަށް އޮޅުވާލީ. މަށަށް ހެޔޮނަޔަސް. މަށެއް ވާހަކައެއްވެސް ނުދައްކާނަން. “ ސިތާރާ ރުޅިއައިސްގެން ބުންޏެވެ. އެވަގުތު ބޮޑުދައިތަ އައިސް ސިތާރާގެ އަތުގައި ހިފާ ދަމަން ފެށިއެވެ. އެހެންނަމަވެސް އޭނާ ޝާހިދާ ޒުވާބުކުރަން ހުރީއެވެ. ދާކަށް ނޫޅެއެވެ. އެހެންނަމަވެސް ބޮޑުދައިތަ އައިސް އެތައްވަރަކަށް ވާހަކަދައްކައިގެން އޭނާ ގޮވައިގެން ހިނގައިގެންފިއެވެ. އެހެންނަމަވެސް އޭރުވެސް ސިތާރާ އެއްޗެހިކިޔަމުން އަނގަތަޅުވަމުންދިޔައެވެ. ޝާހިދު އޭނާ ދާ ދިމާއަށް ބަލަހައްޓައިގެންހުއްޓެވެ. ރަންވޭ މަތިން ބޯޓު ނައްޓާލިއިރުވެސް އޭނާ ހުރީ ބަލާށެވެ. އެވަގުތު އޭނާގެ ލޮލުން އައިސްފައިހުރި ކަރުނަ އަތުގެ ނުފުށުން ފޮހެލިއެވެ. އަދި އެންމެ ފަހު ފަހަރަށް ބޯޓު ގޮސް އޮބާލިދިމާއަށް ބަލައިލިއެވެ. އެވަގުތު ފަހަތުން އަންހެން ކުއްޖަކު ގޮވާލިއަޑަށް އޭނާ ފަހަތް ބަލައިލިއެވެ. އޭރު ސިޓީއެއް ހިފައިގެން އެއާރޕޯޓުގައި އުޅޭ ކުއްޖަކު ހުއްޓެވެ.
“ ތިޔައީ ޝާހިދުތޯ؟ “ އޭނާ ވަރަށް ރީތި އަޑަކުން އަހާލިއެވެ.
“ އާނ ކިހިނެއްވީ؟ “
“ މިއޮތީ ފުރަން ދިޔަ އަންހެންކުއްޖަކު ޝާހިދަށް ދޭށޭ ކިޔާފައި ދިން އެއްޗެއް.”
“ އެހެންތަ ޝުކުރިއްޔާ. “ ޝާހިދު އެއަންހެންކުއްޖާ އަށް ޝުކުރުވެރިވަމުން ސިޓީގައި ހިފާ ނިއުޅުވާލިއެވެ. އެއީ ލިޔެފައިވާ ނޯޓެކެވެ. ތިރީގައި ސިތާރާގެ ފޮޓޯއެއް ހަރުކޮށްފައި އޮތެވެ. އަދި ސްމައިލީ ފޭސް އެއް ކުރަހާފައި ހުއްޓެވެ. “ ޝާހިދު އަވަހަށް އަންނާތި” މިހެން އޭގައި ލިޔެފައި އޮތެވެ. ދެންއޮތީ ނުފޮޅޭ ރަތް ފިނިފެންމަލެކެވެ. އެއީ ދެންމެ އޭނާ ސިތާރާއަށް ދިން މާބޮނޑިން މަލެކެވެ. ޝާހިދު މާނަގާފައި ވިސްނުންތެރިކަމާއެކު ބަލައިލިއެވެ. އަދި އަނެއްކާވެސް ގަނޑުގައިވާ ލިޔުންކޮޅު ތަކުރާރުކޮށްލިއެވެ. އަދި މާނަގާ ޖީބަށް ޖަހާލަމުން އެން،މެ ފަހު އުދަރެހާ ދިމާއަށް ބަލައިލިއެވެ. އަދި ފުންނޭވާއެއްލަމުން ދާން ހިނގައިގަތެވެ.
--
ސިތާރާ ފްލައިޓްގައި އިނދެގެން ވަށައިގެން ތިބި މީހުންނަށް ބަލަމުންދިޔައެވެ. އޭނާ އަށް މީންކޮންމެ އެއްޗަކީވެސް އާ އެއްޗިއްސެވެ. އޭނާ ޙައިރާންވެގެން ވަށައިގެން ބަލަމުންދާތަން ފެނުމުން ޝާހު އޭނާއަށް އެކަން މަނާކުރިއެވެ. އަދި ލަވަޖަހާފައި އޭނާގެ ކަންފަތުގައި ވާގަނޑުޖެއްސިއެވެ. ވުމާއެކު އޭނާ ދެލޯމަރާލަމުން ގޮނޑީގައި ބޯޖައްސާލިއެވެ.
ރަންވޭގެ މައްޗަށް ބޯޓުޖެއްސުމާއެކު ސިތާރާ ޙައިރާންކަމާއެކު ބޭރުބަލައިލިއެވެ. ކުލަކުލައިގެ ބޮކިތަކުން ދިއްލާފައިފާ އެރަށް ހީވަނީ ރީތިކުލަ ހުވަފެނެއްހެންނެވެ. މުޅިމާޙައުލުވަނީ ކުލަކުލައިގެ ބޮކިތަކުން ފުރިފައެވެ. ސިތާރާ ހައިރާންކަމާއެކު ތަންތަން ބަލަމުން އާގަމަވެފައިހުރެގެން ހިނގަމުންދިޔައެވެ.
ސިތާރާ އައުމުގެ އުފަލުގައި އަހުމަދުގެގޭގައި ޕާޓީއެއް ބޭއްވެނީއެވެ. ތަފާތުވައްތަރުގެ ހެދުންތައް ލައިގެން އެކިވައްތަރުގެ ބުއިންތައް ހިފައިގެން މީހުންތައް ކޮޅުކޮޅަށް ހަރަކާތްތެރިވަނީއެވެ. ސިތާރާ އާއި އަޙުމަދާއި ތިބީ މަތީގައި މިމަންޒަރު ބަލާށެވެ. އަޙުމަދު ސިތާރާއަށް އެކިމީހުން ވަކިވަކިން ތަޢާރަފްކުރަނީއެވެ. ސިތާރާ ހީހީފައި އަޙުމަދު ކިޔައިދޭ އެއްޗެހި އަޑުއަހަމުން އެމީހުންނަށް ބަލަމުންދިޔައެވެ. އެވަގުތު އަހުމަދަށް މީހަކު ގޮވާލުމުން އޭނާ ސިތާރާގެ އަތުގައި ހިފައިގެން ތިރިއަށްދާން ހިނގައިގެންފިއެވެ. އަދި ފަހަރަކު މީހަކަށް އޭނާ ތަޢާރަފްކޮށްދޭން ފެށިއެވެ. މިތަން ފެނުމުން އަޙުމަދުގެ ތިމާގެ މީހުން ފާޑުފާޑުގެ ބަސްބަހުން ދިމާކުރަންފެށިއެވެ. އެހެންނަމަވެސް ސިތާރާ އަޑުއިވޭކަމަކަށް ނުހަދައެވެ. އެވަގުތު މަރީނާ އައިސް ސޭންޑީ ގާތަށް ހުއްޓިއްޖެއެވެ. އޭނާހުރީ އަތުން ކޯކުތަށްޓެއް ހިފައިގެން އޭނާގެ ރައްޓެހިންނާ ވާހަކަދައްކާށެވެ. ސޭންޑީގެ އަސްލު ނަމަކީ ސަކީނާއެވެ. އެހެންނަމަވެސް އޭނާގެ ނަން ސަކީނާއިން ސޭންޑީއަށް ބަދަލުވެފައިވަނީ އެމެރިކާއަށް އައިފަހުންނެވެ. ކުރިން ދިގުހެދުން އަޅާއުޅުނުމީހާ މިހާރު ލަނީ ވާފައްކޮޅު ލާފައި ހުންނަ ހެދުން ނުވަތަ އަތްކެނޑި މެކްސީއެވެ. މަރީނާ އޭނާގެ ގާތަށް އައިސް ހުއްޓިފައި އަހާލިއެވެ.
“ ދައްތާ ! މިތަނުގައި އުޅޭ އެންމެންވެސް ލަނީ ތިކަހަލަ ހެދުންތަ؟ “
“ ކީކޭ؟ ކަލެޔަށް އަހަރެން ފެންނަނީ ދައްތައެއްގެ ސިފައިގާތަ؟ ހާދަހެއްވައޭ. “ އޭނާ އިނގިރޭސި ގޮތްގަނޑަކަށް ވާހަކަދެއްކިއެވެ. އެތަނުގައި މުޅިންހެން ތިބީ އެމެރިކާގެ ރަޙުމަތްތެރިންނެވެ. ދިވެހިން ތިބީ ދާދި މަދުންނެވެ. އެއީވެސް އެތާގައި އުޅޭ ބައެއް ޢާއިލާތަކުގެ މީހުންނެވެ. ސޭންޑީ މަރީނާއާ ދިމާއަށް ހަޅޭއްލަވައިގަތުމުން އޭނާ ވަރަށް ލަދުގަތެވެ. އެހެންނަމަވެސް އެއްޗެއްނުބުނެވޭތޯ ބެލިއެވެ. އެގޮތަށް މީހަކު އެއްޗެކޭ ބުނާއިރަށް އަނގައިން ނުބުނެ ހުރުމަކީ މަރީނާގެ އާދައެއްވެސް ނޫނެވެ. ނަމަވެސް މިކަހަލަ ބޭރުތަނެއްގައި ހަޅޭއްލަވާކަށް އޭނާ ބޭނުމެއްނޫނެވެ.
ސިތާރާ ގޮވައިގެން އަހުމަދު އެކިމީހުންނަށް ތަޢާރަފްކޮށްދެނިކޮށް އެތަނަށް ދިވެހި އަންހެންކުއްޖަކު އައިސް ހުއްދަ ހޯދައިގެން ސިތާރާ ގޮވައިގެން ހިނގައްޖެއެވެ. އަދި އޭނާގެ ރައްޓެހިކުދިންނަށް ތަޢާރަފްކޮށްދިނުމަށްފަހު ޝާހު ނަށަން ހުރި ތަނަށް ހިނގައްޖެއެވެ. އޭރު އެމެރިކާގެ ޒުވާން އަންހެން ކުދިންކޮޅަކާ ފިރިހެންކުދިންކޮޅެއްގެ މެދުގައި ޝާހު ނަށަން ހުއްޓެވެ. އޭނާ އަށް ސިތާރާ ފެނުމާއެކު ނަށަން އައުމަށް އިޝާރާތްކޮށްލިއެވެ. އެހެންނަމަވެސް ސިތާރާއަށް ނަށަން ދާކަށް ނުކެރުނެވެ. އޭނާ ލަދުން ނޫނެކޭ ބުނުމުގެ ގޮތުން ބޯހަލުވާލިއެވެ. އެހެންނަމަވެސް ޝާހު ދުލެއް ނުކުރެއެވެ. އޭނާ އެދެމުން ދަނީ ނަށަން ދިއުމަށެވެ. އެންމެފަހުން ސިތާރާ އެތަނުން ދުރަށް ދުއްވައިގަތެވެ. މިތަންފެނުމުން ޝާހު ހޭންފެށިއެވެ. އެންމެފަހުން ސިތާރާއަށް އުނދަގޫވެގެން އެތަނުން ދުރަށްދާން ހިނގައިގަތެވެ. ޝާހުގެ ކަންތަކާހެދި އޭނާ ހުރީ ވަރަށް ލަދުންނެވެ. އެވަގުތު ޒުވާން ފިރިހެންކުއްޖަކު އައިސް އޭނާއާ ސަލާންކޮށްލަމުން ކޮލަށް ދޮނެއްދޭން އުޅުނެވެ. މިތަންފެނުމާއެކު މަރީނާ ގައިގާ ހުރި ބާރަކަށް އެކުއްޖާގެ ގައިގާ އަޅާކޮށްޕާލިއެވެ. އެޔާއެކު އެޒުވާނާ ގޮސް ވެއްޓިއްޖެއެވެ. މަރީނާ ގޮތެއް ގޮތެއް ނުބަލާ އެއްޗެހި ގޮވަންފެށިއެވެ.
“ ކަލެޔަށް ނުފެންނަނީތަ؟ ތަނަކުން ފެންނަހާ އަންހެންކުއްޖެއްގެ ކިސްކުރަމުން ތިޔަދަނީ ކަލޭގެ ގޭގައި މައިންބަފައިން ނެތީތަ؟ “ މަރީނާ އެކުއްޖާ ކޮށްޕާލުމާއެކު ކެމެރާކުރަންހުރިމީހާ އެމީހުންނާ ދިމާއަށް ކެމެރާ ދިއްކޮށްލިއެވެ. އޭނާ ކިޔަނީ ކީކޭކަން ނޭގުނަސް ހުރީ ރުޅިއައިސްފައިކަން އެންމެނަށްވެސް އެނގެއެވެ. އޭނާ ސިތާރާއަށްވެސް އެއްޗެހިކިޔެވެ. އޭނާ އަގައިންވެސް ނުބުނެ ހުރީތީއެވެ. މަރީނާ ސިތާރާގެ އަތުގައި ހިފައިގެން ރުޅިއައިސްގެން ހިނގައިގަތްތަނާ އެތާގައިހުރި އެމެރިކާ މީހަކު “ ޝީއިޒް ފަނީ އޭ “ ބުނުމުން އެންމެން ހޭން ފެށިއެވެ. އެވަގުތު ސޭންޑީ ހުރެލާފައި ބުންޏެވެ.
“ ކީއްކުރާނީ. ބޭބެ މާލެއަށް ގޮއްސަ ގެންނަން އެނގުނީވެސް ފޮތިބޮނޑިއެއް ވިއްޔަ. ބަލައިލަ ހުރި ވައްތަރު. “ ސޭންޑީ ތުންއަނބުރާލަމުން މަލާމަތް ކޮށްލިއަޑު އިވުމުން ސިތާރާ ވަރަށް ލަދުގަތެވެ. އޭނާ ދުވެފައިގޮސް މާމަގެ ކައިރިއަށް ހުއްޓުނެވެ. އޭނާއަކީ ނުހިގޭ މީހެކެވެ. އިންނަނީ ފުރޮޅުލީ ގޮނޑިއެއްގައި ނަމަވެސް މޫނުމަތީގައި ހަރުދަނާކަމާއި މާތްކަން އެކުލެވިފައިވެއެވެ. އޭނާ އެމެރިކާއަށް އައި ކަމުގައިވިޔަސް ފާޑު ފާޑުގެ ހެދުންތަކެއްނާޅައެވެ. ލަނީ ދޫދޫ ހެދުމެވެ. މުޅިބޮލާއެކު ބުރުގާ އަޅާލާފައިވެއެވެ. ހުދުކުލައިގެ ފޮއްޗަކުން ފަހާފައިވާ ހެދުމެއްލައިގެން ގައިގާ ސާލެއް އޮޅާލައިގެން އިންއިރު މާމަ ފެންނަނީ ވަރަށް ނަލަކޮށެވެ. ސިތާރާ އައިސް ހުއްޓުމާއެކު މާމަ އޭނާގެ ގާތުގައި ތިބި މީހުންނަށް އޭނާ ތަޢާރަފްކޮށްދިނެވެ. ސިތާރާ އެމީހުންނާ ސަލާންކޮށްލިއެވެ. އެވަގުތު މާމަ އޭނާ ގާތުގައި ބައިންދަމުން މާބޮޑަށް ބަނޑުހައިވީތޯ އެހިއެވެ. އަދި އޭނާގެ ލޮލުގައިވާ ކަރުނަތައް ފޮހެލައިދިނެވެ. އެވަގުތު މާމަ ބަޓްލަރއަށްގޮވާލިއެވެ.
“ ޕީޓަރ . ކާއެއްޗެހި ގެނޭ. މިއަދު އަހަރެން ކާނީ އަހަރެންގެ ދަރިފުޅާއެއްކޮށް. “
ފަތިހުގެ ވަގުތެވެ. ސިތާރާ އަށް ހޭލެވުނީ ފިނިވެގެންނެވެ. އޭނާ ތެދުވެ ހޫނުފެނުން ފެންވަރާލިއެވެ. އަދި ފަތިސްނަމާދުކޮށްގެން ބޭރަށް ނުކުތެވެ. ކުޑަކޮށް ކިޔަވާލުމަށްފަހު ނުކުމެ ބޭރު ބަލައިލިއެވެ. އޭރު ވަރަށް ދުރުން ކިޔެވުމުގެ އަޑު އިވެއެވެ. އޭނާ ބެލްކަނީގައި އަތްއަޅައިގެން ދުރުން އިވެމުންދާ އަޑަށް ކަންފަތްދީގެން ހުއްޓެވެ. އެވަގުތު ފަހަތުން މީހަކު އެއްޗެކޭ ބުނެލިއަޑަށް ފަސްއެނބުރި ބަލައިލިއެވެ. އޭރު މާމަ ގޮނޑި ކޮށްޕަމުން ކައިރިއަށް އަންނަނީއެވެ.
“ ދަރިފުޅާ ! ސިތާރާ. ކޯންޗެއް ތިބަލަނީ. ބޭރުތަނެއްވީމަދޯ. މިތަނުގައި އަޑުގަދަވެއްޖެނަމަ އެހާ އަޑުގަދަވާނެ. އަދި ހަމަހިމޭންވެއްޖެނަމަ އެހާ ހަމަހިމޭންވާނެ. މީހާ އެކަނިވެރިވެއްޖެނަމަ އެހާ އެކަނިވެރިވާނެ. ނުވަތަ މީހުންގިނަނަމަ އެހާ މަޖާވާނެ. މީ އެކަހަލަތަނެއް. ރޭގައި ސޭންޑީ ކަލެޔާ ދޭތެރޭ ކަންތައްކުރިގޮތުން އަހަރެން ވަރަށް ދެރަވި. އަހަންނަށް އެހުރިހާ މަންޒަރެއްވެސް ފެނުނު. އަދި އަޑުއިވުނު. “
“ މާމާ. އެކަމުގައި ދައްތަގެވެސް އެއްވެސް ކުށެއްނެތް. “
“ ދަރިފުޅާ! އަހުމަދު ކަހަލަ ރަގަޅު ބޭބެއެއްގެ ގޭގައި އެއުޅެނީ އެއްބައި އިނގިރޭސި އަނެއްބައި ދިވެހި މީހުން. އެމީހުންގެ ތެރޭގައި އަދިވެސް ކަލެޔަށް ކިތަންމެ ފަހަރަކު އެކަހަލަ ކަންތަކާ ކުރިމަތިލާންޖެހޭނެ. އަދި އެކަންތަކަށް ކެތްކުރަންވެސް ޖެހޭނެ. އެހެންވެ މާމަ މިބުނަނީ އެއީ ދަރިފުޅަށް މުރިމަތިވާ އިމްތިޙާނެކޭ.” މާމަ ލޯބިން ސިތާރާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. އޭރު ސިތާރާ އިނީ ޓައިލްސްމަތީގައި އިށީދެލައިގެން މާމަގެ އުނގުގައި އަތްއަޅުވާލައިގެންނެވެ.
“ މާމާ. އަހަރެންގެ މަންމަ ބުނޭ އަންހެންކުދިން ދުނިޔައަށް އައިންސުރެވެސް މަރުވަންދެން އުޅެންޖެހޭނީ އަބަދުވެސް ކޮންމެވެސް ކަހަލަ އިމްތިޙާނެއްގައޭ. “
“ ހޫމ. ހޫމ. ދަރިފުޅަށް ވަރަށް ވިސްނޭ. އަހަރެންގެ ހެޔޮއެދުންތައް ވަނީ އަބަދުވެސް ދަރިފުޅާއެކުގައި.”
“ އައްދޭ މަންމާ! އަހަރެންގެ ދަރިފުޅުކައިރީގައި ތިޔަދައްކަނީ ކޮން ވާހަކަތަކެއްތަ؟ ދެމާމައިންވެގެން މާއޮލަވާހަކައެއްގައި ތިޔަ ތިބިއްޔޯ؟ ސޭޓް އަޙުމަދު އޭނާގެ ގައުންގެ ބަންދު އައްސަމުން އެމީހުންނާ ދިމާއަށް އަންނަމުން ބުންޏެވެ. މިތަން ފެނުމުން ސިތާރާ ކޮޅަށްތެދުވެ ހަމަޖެހިލިއެވެ.
“ ބަލާލަބަލަ. އަހަރުމެންގެ ސިތާރާ އައުމާއެކު ގޭތެރޭގެ ކަންތައް ހަމައަކަށް އަޅުވާލައިފި. “
“ ނޫނޭ މަންމާ. މަގޭ ދަރިފުޅުލައްވާ ގޭތެރޭގެ އެއްވެސް ކަމެއް ކޮށްގެން ނުވާނެ. އޭނާ އަދި އެމެރިކާވެސް ބަލަންޖެހޭނެ. ކެނެޑާވެސް ބަލަންޖެހޭނެ. ނޫންތަ ދަރިފުޅާ.! “ ސިތާރާ ދިމާއަށް ހެމުން އަޙުމަދު ވާހަކަދެއްކިއެވެ.
“ އަދި ބުނަން ދަރިފުޅާ! ވަރަށް އުފާވެރި ޚަބަރެއްވެސް އެބައޮތް. މިތަނުގައި ދިވެހި އެމްބަސީއެއް ހުޅުވާތީ އެތަނަށް ހުރިހާ ދިވެހި މަތީމީހުންނަށް ދަޢުވަތު ލިބިފައި އެބައޮތް. ދަރިފުޅާ ޝާހާ ދެމީހުންވެސް ދާންވާނެ. އެތަނަށް ވަރަށް ގިނަ ޢިއްޒަތްތެރިން ދާނެ. “
“ ބައްޕާ! ޝާހިދެއްނާދޭތޯ؟ “
“ މޮޔައެއް އެއީ. ނޭގެ. ފަހަރެއްގައި ދެތިންދުވަސް ތެރޭގައިވެސް އަތުވެދާނެ. “
“ އެންމެ ރަގަޅު ބައްޕާ! މާދަމާ އަޅުގަނޑުލާނީ ކޮންކަހަލަ ހެދުމެއްތޯ؟ “
“ ރީތި ދިވެހި ހެދުމެއް ލާންވާނީ. “ އަޙުމަދު ސިތާރާއާ ދިމާއަށް އިނގިލި ދިއްކޮށްލަމުން ބުންޏެވެ.
ޢިމާރާތުގެ ބޭރުގައިވާ ހުސްމައިދާނުގައިވަނީ ގޮނޑި އަތުރާފައެވެ. މުޅިތަން ޒީނަތްތެރިކޮށްފައިވަނީ ތަފާތު ކުލަކުލައިގެ މާތަކުންނެވެ.
ސްޓޭޖްގައިވާ މީހުންގެ ތެރޭގައި ސޭޓް އަޙުމަދުވެސް އިނެވެ. ހާޒިރުވެފައިވާ މީހުންގެ އެންމެ ކުރީސަފުގައި ޝާހާއި ސިތާރާ އަދި ބޮޑުދައިތަ މަރީނާވެސް އިނެވެ. އެވަގުތު މީހަކު އައިސް މައިކް ކައިރިއަށް ހުއްޓި ވާހަކަދައްކަންފެށިއެވެ.
“ އަހަރުމެން މިއަދު އަދި އެހެންމީހަކަށްވެސް މަރުޙަބާ ކިޔަން އެބަޖެހޭ. އެއީ ފުރަތަމަ ފަހަރަށް މިގައުމަށް އައި ކުއްޖެއް. ނަމަކީ ސިތާރާ. ސިތާރާއަކީ ސޭޓް އަޙުމަދުގެ ވާންއުޅޭ ޅީދަރިފުޅު. ވުމާއެކު އަޅުގަނޑުމެން އެދެނީ ސިތާރާ މިތަނަށް އައިސް ކޮންމެވެސް ވާހަކަކޮޅެއް ދައްކާލުން. ސިތާރާ މައިކް ކައިރިއަށް ވަޑައިންދެއްވުންއެދެން. “ އެމީހާގެ ވާހަކަކޮޅާއެކު މުޅިތަން ގުގުމާލީ އަތްތިލަބަޑީގެ ހޫނު ތަރުޙީބަކުންނެވެ. ސިތާރާ ލަދުވެތިކަމާއެކު ހެދުން ރަގަޅުކޮށްލަމުން ޝާހަށް ބަލައިލިއެވެ. އެޔާއެކު ޝާހުވެސް ލޮލުގެ އިޝާރާތުން އާއެކޭ ބުނަމުން އޭނާގެ ބުރަކަށީގައި އަތްއަޅާލިއެވެ.
“ ކަލާގެ ޅީދަރިފުޅު ވަރަށް ލޯބި. “ އެމްބެސަޑަރ އަހުމަދަށް ބުންޏެވެ.
“ ޝުކުރިއްޔާ.”
“ އަޅުގަނޑު ކީކޭތޯ ކިޔާނީ.” ސިތާރާ މައިކްކައިރިއަށް ހުއްޓެމުން ފޮނިފޮނި އަޑަކުން އެހިއެވެ.
“ ދަރިފުޅާ! ކަލެޔަށް މިތަނަށް އައިސްގެން ކުރެވުނު އިޙްސާސް އަހަރުމެންނަށް ކިޔައިދީ. އޭރުންއެވީ.” އެމްބެސަޑަރ ލޯތްބާއެކު ބުނެލިއެވެ. މިތަންފެނުމުން ސޭންޑީ އިނީ ވަރަށް ރުޅިއައިސްފައެވެ. އެމީހުން ތިއްބާ ހުރިހާ ޝަރަފަކާ ޢިއްޒަތެއް ސިތާރާއަށް ލިބޭތީކަންނޭގެއެވެ. ސިތާރާ ޝާހުގެ މޫނަށް ބަލައިލިއެވެ. އޭނާ ބަލައިލުމާއެކު ޝާހު ޓައީގެ ގޮށަށް ދަމާލިއެވެ. އަދި ގޮނޑީގައި ރަގަޅަށް ހަމަޖެހިލިއެވެ. ސިތާރާމަޑުމައިތިރިކަމާއެކު ބުންޏެވެ. އަލުގަނދުގެ ލޯބި އެތަނެއްގައިވާ ތަނަކަށް އައުމަކީ އަޅުގަނޑަށް ލިބެ އުފަލެއް. އެތަނެއްގައިވަނީ އަޅުގަނޑުގެ ފުރާނަވެސް ގުޅިފައި.” އެވަގުތު މާދުރުން ޝާހިދު އަންނަތަން އޭނާއަށް ފެނިއްޖެއެވެ. އެޔާއެކު ސިތާރާއަށް ހުރެވުނުތަންވެސް ހަދާންނެތުނު ކަހަލައެވެ. ދުވެފައިގޮސް ޝާހިދުގެ ގާތަށް ހުއްޓިއްޖެއެވެ. އަދި އެތައްވާހަކައެއް ދައްކަންފެށިއެވެ. އައީ ކޮންއިރަކުތޯއާ އެތައްވާހަކައެކެވެ. މިތަންފެނުމުން ހާޒިރުވެ ތިބި އެންމެން ހައިރާންވެއްޖެއެވެ.
އެމްބެސަޑަރުވެސް ހައިރާންވެގެން އެއީ ކާކުތޯ އަހައިފިއެވެ. އެޔާއެކު އަހުމަދު އެއީ އަހަރެންގެ ދެންހުރި ދަރިފުޅޭބުންޏެވެ. އަދި އެއީ އޭނާގެ ބޭބެއެއްގެ ކުއްޖެއްކަމާއި ގެންގުޅެނީ ދަރިއެއްފަދައިން ކަމުގައި ބުނެ ކިޔައިދިނެވެ. އެހެންކަމުން އޭނާގެވެސް މޫނުމައްޗަށް އެރި ކުލަވަރުފިލާ ހިނިތުންވެލިއެވެ. ސިތާރާ ޝާހިދު ފެނުމާއެކު ވީ އުފަލުން އައިސް އެމީހުންގެ އެންމެ މަޝްހޫރުލަވަ އައިލަވް މޯލްޑިވްސް މިލަވަ އަހުމަދުގެ އެދުމުގެ މަތިން ކިޔައިދިނެވެ. މިލަވަ ކީ އިރު މުޅިތާގައި ތިބި އެންމެން ލަވައިގާ ބައިވެރިވެ ކިޔަމުންދިޔައެވެ. މިހަފްލާ ނިމުނީ ވަރަށް އުފާވެރިކަމާ މަޖަލުގައެވެ.
އެރޭ ސިތާރާ ލޯގަނޑުގެ ކުރިމަތިގައި ހުއްޓާ ޝާހު އައިސް ފުރަގަހުން ސިތާރާގެ ކޮންޑުގައި ބޯއަޅާލަމުން އަތުގައި އޮތް ނޫސް ދައްކާލިއެވެ.
“ ބަލާލަބަލަ. މިއޮތީ މިތަނުގައި ނެރޭ އެންމެ ބޮޑު ނޫސް. މީގައި މިއޮތީ އަހަރުމެން ދެމީހުންގެ ފޮޓޯޖަހާފައި. “
“ ޖަހާނެނު. ތީވެސް މިތަނުގެ ޕްރިންސެއްވިއްޔަ.”
“ އެހެންދޯ . އެހެންވިއްޔާ މިނޫސްޖެހޭނެ ހަނދާނަކަށް ފޮރުވަން.އަދި މާދަމާ ހޮލީވުޑަށް ދާން ތައްޔާރުވޭ. އަދި އަވަހަށް އަހަންނަށް ކިސްއެއްދީ . އަހަރެންދާންވެއްޖެ. “
“ ކޮންބައެއްތަދަނީ. “
“ ގައިމުވެސް ސޭންޑީ ދައްތައެއް ނުދޭ. އެކަމަކު އަހަރުމެން ދެމީހުންދަން. އުފާވެއްޖެތަ.؟”
“ ހޫމް. ޝާހިދެއްވެސް ނުދޭތަ؟”
“ އާނ . ޝާހިދެއްވެސް ނުދާނެ. އޭނާއަކީ ވަރަށް ހެއްވާ މީހެއް. މާދަމާ ކޮންމެވެސް މަސައްކަތެއް އެބައޮތޭ ކިޔާފައި ނުދިޔަ. “ ޝާހު ތަފްސީލުދެވޭތޯ ބެލިއެވެ. އެހެންނަމަވެސް އޭނާ ބަލަނީ ސިތާރާއާ ކަމެއް ކޮށްލެވޭތޯއެވެ. ނަމަވެސް އޭނާގެ މިއެދުން ފުރިހަމަވާގޮތެއްނުވިއެވެ. މަރީނާދައްތައާ އެގޭ ދެންހުރި ބޭބެގެ އަންހެނުން އެއްޗެއް ކަމުން ތަށި ހިފައިގެން އައިސް ވަދެއްޖެއެވެ. އެމީހުން ފެނުމާއެކު ޝާހު އަވަސް އަވަހަށް ނުކުމެގެން ހިނގައްޖެއެވެ.
“ އާންޓީ ވާހަކައެއް އަހާލަންތަ؟ ޝާހިދު އުޅެނީ މިގެއަކުނޫންތަ؟ “
“ ޝާހިދޭ. މިގެއަކީ މަހަލްއެއްކަހަލަ ގެއެއް. މަސައްކަތުމީހުން ތިބޭ ކުވާޓަރ އެއްނޫން.”
“ އޭގެ މާނައަކީ ޝާހިދަކީ މިގޭގެ މަސައްކަތްކުރާ މީހެކޭތަ.؟
“ މަސައްކަތުމީހެއްކަހަލަ މީހެއް. އެހެންނޫނަސް ބޭބެ އޭނާއަށް ނުލާހިކު ގިނަ އެއްޗެހިދީފި. އަހަރުމެން ކޮމްޕެނީގެ ގަރާޖުގެ ތިރީގައި ކާރުގެ މަސައްކަތްކުރާނީ. މަތީގައި އޭނާގެ ސްޓޫޑިއޯ ހިންގާނެ.”
“ އެހެންވިއްޔާ އޭނަ ކައިހަދަނީ ކޮންތާކުން؟ “
“ ކޮންމެވެސްތާކުން ކައިހަދާނެނު. ހޮޓާތަކުންވެސް ކައިފާނެނު. އެހެންނޫނަސް އޭނަ މިގެއަށް އައިމ އަހަރުމެންވެސް ކާންދީހަދަން. ފަގީރެއްކަމަށް ވިސްނާލާފަ.” އާންޓީ ބޮޑާކަމާ ފޮނިކަމާއެކު ވާހަކަދައްކަމުން ފަރާޓާ ކަމުން ދިޔައެވެ.
“ ސާބަހޭ. ކަލޭ ކީއްކުރަންތަ އެ ޝާހިދާ ދޭތެރޭ ވިސްނަނީ. ކަލެޔަށް ކޮންކަމެއްތަ އޭނާއަށް ކޮންމެ ކަމެއްވިއްޔާ. ނިކަން މީގެން ފަރާޓާ ކޮޅެއްކާލަބަލަ. މި ހިހޫވެދާނެ. އަހަރެން މިހާ މީރު ފަރާޓާއެއް ދުވަހަކުވެސް ނުކަން. “ މަރީނާ ބަލަނީ ފަރާޓާ ކޮޅެއް ކާލެވޭތޯއެވެ. އެހެންނަމަވެސް ސިތާރާ ހުރީ ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. އެވަގުތު ގެގައި އުޅޭ ނޯކަރަކު އައިސް އޭނާއަށް ފަރާޓާއެއް ދިއްކޮށްލިއެވެ.
“ ހަމީދު އަހަންނަށް ކަމެއްކޮށްދީފާނަންތަ؟ “ އޭނާ އެމީހާ ކުރެން އެހިއެވެ. ހަމީދަކީ ރާއްޖޭގެ މީހެކެވެ. އެގޭގައި ކައްކަން އުޅޭ މީހެކެވެ. ބޭރުގެ ކާއެއްޗެހި ކިތަންމެ ވަރަކަށް ކޭ ކަމުގައި ވިޔަސް ރާއްޖޭގެ ކާނާ ކެއުމަށް އަޙުމަދު ވަރަށް ފޯރިހުރެއެވެ. ވުމާއެކު މޮޅުކައްކާއެއްވެސް އޭނާ ހުންނަނީ ގެނެސްފައެވެ.
ޝާހިދު އޭނާގެ ސްޓޫޑިއޯގައި އިނެވެ. މޭޒުގެ ވަށައިގެން އޭނާގެ ރަޙުމަތްތެރިން ތިއްބެވެ. ހަމީދު އައިސް މޭޒުމަތީގައި ރޮށިއަޅާފާޑުގެ ޕްލާސްޓިކް ތަށްޓެއް ބެހެއްޓިއެވެ. އެޔާއެކު ޝާހިދު ހަމީދަށް ޝުކުރު އަދާކުރަމުން ތަށީގެ މަތި ނެގިއެވެ. ދުންއަރަ އަރާހުރި ފަރާޓާޔާ ރިހަޔާ ފެނުމުން ހުރިހާ އެންމެންގެ ކުޅުދިޔާވެއްޖެކަހަލައެވެ. އަވަސް އަވަހަށް ތަށި ދަމައިގަންފިއެވެ. އޭގެ މަތީގައި ސިޓީއެއް އޮތެވެ. މިތަން ފެނުމުން އެންމެން ދިމާކުރަން ފަށައިފިއެވެ. އަދި ސިތާރާ ޝާހިދަށް ފޮނުވި ސިޓީދީފައި އެމީހުންނަށް ފަރާޓާ ކަމުގައި ބުންޏެވެ. އެހެންނަމަވެސް ޝާހިދު އެމީހުން އަތުން ތަށި އަތުލިއެވެ. އަދި ސިޓީއަކީ އެމީހުންނަށް ވީ އެއްޗެއްކަމުގައި ބުންޏެވެ. ޝާހިދުގެ އެންމެގާތް ރަޙުމަތްތެރިޔާ މަޓޭ ސިޓީނަގައިގެން ކިޔަންފެށިއެވެ.
“ ސިޓީގައި މިއޮތީ ލިޓްލް މާސްޓަރ ޝާހިދު. މިކަލެގެ ބައްޕަގެ އަމުރު. މިއަމުރަށް ކިޔަމަންތެރިވެގެން ފަރާޓާ ކައިގެން އަވަހަށް މިގެއަށް އާދޭ. އަދި މީ އަހަރެންގެ އަމުރެއްވެސްވެ. އަވަހަށްއަންނާތި. ސިތާރާ. “
“ އަޅެ އަހަންނަށް މިކަހަލަ ސިޓީއެއް ފޮނުވާނެނަމަ . އެހެންނަމަ އަހަރެން އޭނަޔާ އެކީގައި ނަރަކައަށްވެސް ހިނގައިދާނަން. “ މަޓޭ މޭގައި އަތްއަޅާލަމުން އިޝްގީރާގަކަށް ބުންޏެވެ.
“ ބަލަ މޮޔަޔާ. ސިތާރާއަކީ ޝާހުގެ ވާންއުޅޭ އަނބިމީހާ. އެނގިއްޖެތަ؟” ޝާހިދު ސިތާރާއާ ޝާހުގެ ފޮޓޯޖަހާފައިވާ ނޫހަށް ބަލަމުން ބުންޏެވެ. ފަރާޓާތައް އަޅައިގެން ގެނެސްފައި ހުރީ އެ ނޫހަށެވެ.
“ ވާންއުޅެނީނު. އަދިއެއް ނުއެއްވޭނު. “
(ނުނިމޭ)
-
ހުކުރު، އޮކްޓޫބަރ 17 2008، 17:15
ހީކުރަން ދަތުރުވެރިޔާ 6 ވެސް ވަރަށް އަވަހައް ނިކުންނާނެ ކަމަށް
-
ހޯމަ، އޮކްޓޫބަރ 20 2008، 15:48
ވަރަށް ނަަސް
-
ހުކުރު، އޮކްޓޫބަރ 17 2008، 21:07
ވަރަށް ސަޅި
-
އަންގާރަ، އޮކްޓޫބަރ 21 2008، 01:24
ދެން އޯކޭ އެކަމު އަދި ބޮޑަށް ރޮމޭންޓިކް ކޮށްލަބަލަ ޕްލީޒް..
-
އާދިތްތަ، ނޮވެންބަރު 2 2008، 09:26
ވަރަށް ސަޅި ވާހަކައެއްމީ ވާހަކައެއް ކިޔަންފަށައިފިއްޔާ އެވާހަކައިގެ އަނެއްބަޔައް އަބަދުވެސް އިންތިޒާރު ކުރެވޭ އެގޮތުން މިވާހަކައިގެ އަނެއްބަޔައް އިންތިޒާރުކުރާތާ މިހާރު ހަފުތާއެއް މިވަނީ ދެން ކޮންމެ ވެސް ގޮތަކުން މި ވާހަކައިގެ އަނެއްބައި އަޕުޑޭތު ކޮއްދޭން ވީނުން
-
އާދިތްތަ، ނޮވެންބަރު 2 2008، 19:41
މިއީ ޝާރުކު ޚާން ކުޅެފައިވާ 3 ފިލްމެއްގެ ކޮޕީ .ހައްހައްހައްހާ