މައުމޫން ފިޔަވައި ހުރިހާ ރިޔާސީ ކެންޑިޑޭޓުންނަކީ ނަސާރާ ދީން ފަތުރާ ބައެއްކަމަށް ބުނާ ފޮތެއް ބަހަން ފަށައިފި

މިއުސަމް އައްބާސް އޮކްޓޫބަރ 14 2008، 16:51 4 ޚިޔާލު

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަ ކުރެއްވި ބޭފުޅުންގެ ތެރެއިން ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫނު އަބުދުލް ގައްޔޫމު ފިޔަވާ އެހެން ހުރިހާ ބޭފުޅުންނަކީ ނަސާރާ ދީން ފަތުރަން މަސައްކަތް ކުރާ ބައެއް ކަމަށް ބުނެ ތައްޔާރުކޮށްފައިވާ ފޮތެއް ރާއްޖޭގެ އެތަން މިތަނުގައި ހަލުވި ކަމާއެކު ބަހަމުން އެބަދެއެވެ. މިފޮތަކީ ކޮންބަޔަކު ލިޔެ އާއްމުކޮށްފައިވާ ފޮތެއްކަމެއް އެނގޭކަށް ނެތެވެ. އަދި ފާސްކޮށްފައެއްވެސް ނެތެވެ.

” އަހަރެމެންނަށް މިދެވެނީ ކޮންތާކަށް؟“ މިނަމުގައި ބައެއް ރަށް ރަށަށް ބަހަމުންދާ މި ފޮތުގައި ބޮޑަށް ބަލާފައި ވަނީ އަނެއް ދިވެހި ރާއްޖެއަށެވެ. އަނެއް ދިވެހި ރާއްޖޭގައި ނާސާރާދީން ފަތުރާނެ ކަމަށާއި ރާއްޖޭގައި ފައްޅި އަޅާނެ ކަމަށް ލިޔެފައި ވެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު (އަންނި)ގެ މުޅި އާއިލާއަކީ ދިވެހިންގެ ވެރިކަމާ ތޮޅުނު ބައެއް ކަމަށާއި އަންނިއާއި އިގިރޭސިވިލާތުގެ ފާދިރީއެއް ކަމަށްވާ ޑޭވިޑް ހާޑިންގ ހަމްއާއި އެމެރިކާގެ މިލިޔަނަރ ޖޯޖު ސޯރޯސް އާ ގުޅި ރާއްޖެއިން ބޭރުގެ އެކިތަންތަނުގައި ސަރުކާރު ބަދަލު ކުރުމަށް ޖަލްސާތަކެއް ބޭއްވި ކަމަށްވެސް ބުނެފައި ވެއެވެ. މި ބައްދަލުވުންތަކުގައި އިސްފަރާތްތަކެއްގެ ގޮތުގައި އިބުރާހިމް ހުސެން ޒަކީއާއި ޑރ.މުނައްވަރު ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.

ވިލާ ފައުންޑޭޝަނަކީ ވެރިކަން ވައްޓާލުމަށް ތާއީދު ކުރާނެ ބަޔަކު އުފެއްދުމަށް ހުޅުވި ތަނެއް ކަމަށާއި އަހުމަދު ޝަފީގު (ޑީއޯ ސައްޕޭ) ލަންޑަނުގައި ބަހައްޓައިގެން ނަސާރާދީން ފެތުރުމަށް ހަރަދު ކުރައްވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބުރާހިމް ކަމަށްވެސް ބުނެފައި ވެއެވެ. އަދި އަދާލަތު ޕާޓީގެ އިސްސަފުގައި ތިއްބެވި ބޭފުޅުން ރާ މަނާ ކުރުމަށް ގޮވަމުންދާއިރު އަމިއްލަ ރިސޯޓްތައް ހުންނަ ކަމަށާއި އެޕާޓީގެ ގިނަ މީހުންނަށް ހަރަދު ކުރައްވަމުންދަނީ ގާސިމް އިބުރާހިމް ކަމަށްވެސް ބުނެފައި ވެއެވެ.

އެމްޑީޕީ ހިންގަނީ އިގިރޭސިވިލާތުގެ ފައްޅިތަކުން ހަދިޔާކުރި 40 މިލިއަން ޕައުންޑު (ގާތްގަނޑަކަށް 902.4 މިލިއަން ރުފިޔާ) އިން ކަމަށާއި އިބުރާއަށް ވެސް އެފަރާތްތަކުން 1800 މިލިއަން ޔޫރޯ (32،040 މިލިއަން ރުފިޔާ) ހަދިޔާކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. އަދި ޑރ.ހަސަން ސައީދަށް ހަރަދު ކުރަމުންދަނީ ލާދީނީ ހަރަކާތްތައް ފެތުރުމަށް މައްޝޫރު ޖަމްއިއްޔާއެއް ކަމަށްވާ އޮޕެން ސޮސައިޓީ އެސޯސިއޭޝަނުން ކަމަށެވެ. ރާއްޖޭގައި ފައްޅި އެޅުމަށް ގެރީ ސްޓްރީޓަރ މާލެ ވަޑައިގެން އެމްޑީޕީގެ މީހުންނާއި ކެނެރީގޭގައި ސިއްރު ބައްދަލުވުންތަކެއް ބޭއްވި ކަމަށާއި އެމްޑީޕީއަށް ތާއީދު ކުރުމަށް ނިންމައި އެޕާޓީއަށް ވެރިކަން ލިބިއްޖެ ނަމަ ފައްޅިއެއް ރާއްޖޭގައި އެޅުމަށް ނިންމާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

މި ފޮތުގައި ޖުމްލަކޮށް ހުރި ވާހަކަ ތަކަކީ ޑީއާރުޕީގެ އެކިއެކި ބައްދަލުވުންތަކާއި ނޫސް ކޮންފަރެންސްތަކުގައި ދައްކާފައި ހުރި ވާހަކަތަކެކެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. މީގަ ހެއްވާ ކަމަކީ އިދިކޮޅުފަރާތްތަކުން ނަސާރާދީން ފަތުރާކަން އެނގޭއިރު މައުމޫނު އެމީހުންނާދޭތެރޭ ފިޔަވަޅުނާޅާ ޕާޓީހިންގުމަށޭ ކިޔާފަ ދައުލަތު ފައިސާ ދެއްވާކަމެވެ. ދީނައް ފުރައްސާރަ ކުރާ މީހަކު ދީން ހަތިޔާރަކަށް ހަދައިގެން ދިވެހިން ބިރުގަންނުވާ ވެރިކަން ދަމަހައްޓާއިރު އުމުރުގެ ބާކީބައިގެ ކުޑަކަމާ އެއަށްފަހު ދާ ދުނިޔޭގައި މިކަމާ ސުވާލުކުރެވޭނެކަން ހަނދާން ނުވާކަން އަދި މާ މަޖަލެވެ. -ހައްދޫ-

    އަންގާރަ، އޮކްޓޫބަރ 14 2008، 17:06
  2. ސާބަހޭ.މިއޮތީ ވާ ކަމެއް. އަޅެ ދިވެހިން މިތިބީ ގަމާރު ވެފަތަ.މައުމޫނު ނޫން މީހަކު މިތާގަ އެހެންދީނެއް ފަތުރާކަށް ނޫޅޭ.ބަލަ ކާކު ތަ މިތާ ގަ 35ފޫޓުގެ ބޮޑު ބުދެއް ބަހަޓަން ހުއްދަ ދިނީ.މަދު ފައިސާ ކޮޅަކަށް.މައުމޫނު ގެ ވެރިކަމުގަ އެއް ނޫން ތަ؟ އޭ އެމް ޑީ ސީ ގަ ނަސާރާ ދީން ފަތުރަން އުޅުނީ ކާކުގެ ވެރިކަމެއްގަ ތަ؟ ގުރުއާނު ގެ މާނަ އަކީ ހުއްޖަތެއް ނޫނޭ ބުނީ ކާކުތަ؟ ކޮންމެ ފަހަރަކު އިންތިހާބާ ދިމާ ކޮށް ނަސާރާ ދީނޭ ކިޔައިގެން މިހާވަނީ ކޮން ހަޑިއެބާ؟ =ޙާލިދު=

    އަންގާރަ، އޮކްޓޫބަރ 14 2008، 17:31
  3. މައުމޫން މިހާރު އެއޮލެނީ ބިރުން 2ވަނަ ބުރުން ފޭލި ވާނެތީ . ހޮޔޮނުވާނެ ދެންފައިބާ ؟

    އަންގާރަ، އޮކްޓޫބަރ 14 2008، 17:02
  4. ރާއްޖޭގައި މިއަދާ ހަމައަށް އައިއިރު މުސްލިމެއް ކަމާމެދު ޝައްކުވެގެން ސްޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުނު ހަމައެކަނި މީހަކީ މައުމޫނު.

    އަންގާރަ، އޮކްޓޫބަރ 14 2008، 17:03
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv