ވައުދު
ސިޔާސީ ކަންކަމުގެ ތެރެއަށް އަހަރެން ވަންނާކަށް ބޭނުމެއް ނުވެއެވެ. އެކަމުގައި ވަގުތުތައް ދުއްވާލުމަށްވުރެ, ކުރަން ރަނގަޅު އެތައް ކަމެއް އެބަހުއްޓެވެ. އަހަރެންގެ ލޯބިވެރިޔާއާއެކު ވަގުތުތައް ހޭދަކުރިޔަސް އެއަށްވުރެ މާރަނގަޅުވާނެ އެވެ.
ނަދީމް ވިސްނާލިއެވެ. މުޖްތަމައާމެދު ފިކުރު ހިންގާލި އެވެ. ތެދެކެވެ. އެއީ ދެން ކޮންކަމެއް ހެއްޔެވެ؟ ހުރިހާ އެންމެން ސިޔާސީ ވެގެން މިއުޅެނީ ކީއްވެހެއްޔެވެ؟ އެކަމުން ކޮން ފައިދާތަކެއް ލިބޭތީ ހެއްޔެވެ؟
ނަދީމްގެ ޚިޔާލުތައް ހުއްޓުވީ އޭނާގެ މޯބައިލް ރިންގުވުމުން ނެވެ. ނަދީމްކުރަމުން ދިޔަ އިންތިޒާރުގެ ވަގުތުއައިސް ޖެހުމުން ނެވެ.
ފޯން ކުރީ ހަނާ އެވެ. އެއީ ނަދީމްގެ ލޯބިވެރިޔާ އެވެ. އެ ފޯނުގައި ކިތަންމެ އިރަކުވެސް ތިބެދާނެ އެވެ. ވާހަކަ ހުހެއްނުވާނެ އެވެ. ލޯބީގެ މަސްތުގައި މުޅި ރޭ ހޭދަކޮށްފާނެ އެވެ.
” ބޭރަކަށް ނުދާނަންތަ؟ ހިނގާބަލަ ދުއްވާލަން. ކިހާ ދުވަހެއްވެއްޖެ ދުއްވާލަން ނުދަނީ.“ ހަނާ ބޭނުންވީ ނަދީމާއެކު ސައިކަލް ދުއްވާލަން ދާށެވެ.
” ކޮންތާކަށް ދާނީ؟ މިކުޑަކުޑަ މާލޭގައި ކިހިނެއް ދުއްވާނީ. އެކްސިޑެންޓެއް ވެއްޖެނަމަ ކިހާދެރަ؟“ ނަދީމް ބޭނުންވީ ހަނާ ލައްވާ އާދޭސް ކުރުވާށެވެ.
” އެހެން ވިއްޔާ ހިނގާ ހުޅުމާލެއަށް. އެރަށް ބޮޑުވާނެ އެއްނު. އެރަށުގައި ދުއްވާނީ. އޭރުން ވަރަށް މަޖާވާނެ.“ ހަނާ ދިނީ ނަދީމްގެ ހިތަށްވެސް ނާރާ ޚިޔާލެކެވެ.
” ހުޅުމާލެއަށް ދެވިދާނެ. އެކަމަކު ސައިކަލް ގެންދިއުން އެއީ ފަސޭހަކަމެއްނޫނެއްނު. ދެން އެދޯންޏަށް އަރުވައިގެން އެހެން މީހުންނަށް ކިހާ އުނދަގޫވާނެ. އެހެން ގޮތެއް ބުނޭ.“ ނަދީމް އަނެއްކާވެސް ފުރުސަތުދިނީ ހަނާ އަށެވެ.
” އެހެން ވިއްޔާ މަޑުކުރާނީ. މާލެއާއި ހުޅުމާލެއާ ދެމެދު ބްރިޖް އެޅިދުވަހަކުން ދެން ބުރުޖަހާނީ. އޭރުން ރަނގަޅުވާނެ އެއްނު.“ ހެމުން ހެމުން ހަނާ ޖަވާބު ދިނެވެ. ނަދީމްވެސް އެހުނުމުގައި ބައިވެރި ވިއެވެ.
” ހަނާވެސް ހާދަ ސިޔާސީ ވެއްޖޭދޯ. ތިޔޭ މައްސަލަ އަކީ. ކޮންމެ މީހަކުވެސް މިހުންނަނީ ސިޔާސީ ވެފައި. ތިކަމާހެދި މުޅި ގައުމު މި އިނދަޖެހެނީ.“ ހަނާގެ ވާހަކައަށް ބޯޖަހާލަމުން ނަދީމް ބުންޏެވެ.
” އެހެންތާ ވާނީ. އެއްބަޔަކު އެ ބުނަނީ މުޅި ރާއްޖެ ފެރީގެ ނިޒާމަކުން ގުލާލާނެ ވާހަކަ. އަނެއްބަޔަކު ބުނަނީ ހަތަރު ސިޓީއެއް ހަދާވާހަކަ. އަނެއްބަޔަކު އެ ބުނަނީ އެއާޕޯޓްތައް އަޅާދޭ ވާހަކަ. އެހެންވީމާ އެކަމުގެ ފައިދާ ވަންޏާ އެވާހަކަތައް ނުދައްކަންވީ ސަބަބެއް ނެތެއްނު. އަހަރެމެންނަށް ބުރިޖެއް މަތީ ހުޅުމާލެއަށް ދެވުނިއްޔާ ކިހާރަނގަޅު.“ ހަނާ ދެއްކި ވާހަކަތައް އަޑުއަހަމުން ނަދީމް ދިޔައީ ހެމުން ނެވެ.
އެ ހުނުމާ ސަކަރާތުގެ ވާހަކަތަކުގައި ނަދީމްގެ ވަގުތައް ދުއްވާލީ އެނދުމަތީ އޮށޯވެ ވެއެވެ.
ނަދީމަށް ފެންނަމުން ދިޔައީ ހުޅުމާލެ އެވެ. ހުޅުމާލެއަށް ބަދަލުތަކެއް އައިސްފައި ހުއްޓައެވެ. އެއީ ޚިޔާލެއް ނޫނެވެ. ހަގީގަތެވެ. އެކަން ހަގީގަތަކަށް ހެދިދާނެ ކަމަށް ހީނުވިނަމަވެސް މިއަދު އެކަން އެވަނީ ހަގީގަތަކަށް ހަދާފަ އެވެ.
ހަނާއާއި ނަދީމް ދަތުރު ކުރީ ހުޅުމާލެއާއި މާލެއާއި ދެމެދު އަޅާފައިވާ ބްރިޖުން ނެވެ. އޭރު އެތައް ބަޔަކު ސައިކަލް ތަކުގައި އެމަގުން ދަތުރު ކުރެއެވެ. ބައެއް މީހުން ކާރުތަކުގައި ދުއްވަމުންދާއިރު ބައިސްކަލްތަކަށް ކަނޑައެޅިފައިވާ ސަރަހައްދުން ބައިސްކަލްތައްވެސް ދުއްވާތީ ފެނެއެވެ. ހިނގާއުޅޭމީހަކު ފެންނަން ނެތަސް ސަރަހައްދުގައި ފޯރިމަރާ މީހުން ޚާއްސަ ޔުނީފޯމެއްގައި ތިއްބެވެ.
ނަދީމްގެ ސައިކަލްގައި ހުޅުމާލެއަށް ދިއުމަށް ނެގީ އެންމެ 10 މިނެޓެވެ. ބާރުދުވެއްޔެއްގައި ދަތުރު ކުރިނަމަ އެއަށްވުރެވެސް އަވަހަށް ދެވުނީހެވެ. ކަނޑައެޅިފައިވާ ސަރަހައްދުގައި ސައިކަލް ޕާކުކޮށްލުމަށް ފަހު ހަނާއާއި ނަދީމް ހިނގައިގަތީ އަތިރިމައްޗާ ދިމާއަށެވެ. ނަދީމާއި ހަނާ ގޮސް މަޑުކޮށްލީ މާލެއާ ގުޅާލެވިފައިވާ އުސް ބްރިޖާއި ދާދި ގާތުގައެވެ.
ފެންނަމުން ދިޔައީ އޮއްސެމުންދާ އިރުގެ ހިތްގައިމު މަންޒަރެވެ. ޖަޒްބާތީ ކުލަތަކުން ދުރުގައިވާ އުދަރެސް ފަވާލެވިފައިވާ ތަނެވެ. ހަނާއަނައަކަށް ނުހުރެވުނެވެ. މަޑުމަޑުން މޫދާ ދިމާއަށް ހިނގައިގަތެވެ. އޭނާ ގޮސް ރާޅު ޖެހޭ ފަށުގައި މަޑުކޮށްލި އެވެ.
ނަދީމް ހުރީ ހަނާ ހަދާގޮތް ބަލާށެވެ. ހަނާ ދިޔައީ އޭނާގެ ފައި ރާޅުޖެހޭ ފަށުގައި ކާއްތަމުން ނެވެ. އިސާހިތަކު ކުރިއަށް ދިއުމަށް ފަހު ހަނާ ހުއްޓުނެވެ. އަދި ދިމާ ތިރިއަށް ބަލަހައްޓައިގެން ހިނދުކޮޅަކު ހުއްޓެވެ. އެއަށް ފަހު ހަނާ ނަދީމަށް ހަނާ އަޅާލި އެވެ. އެ އިޝާރާތަށް ނަދީމް މަޑުމަޑުން ހަނާއާ ދިމާއަށް ހިނގައިގަތެވެ.
ނަދީމް ހިނގައި ގަތުމާއެކު ހިނގަނޑެއް ދިނުމަށް ފަހު ހަނާ ހިނގަން ފެށި އެވެ. ހަނާ މަކަރު ހެދީކަން ނަދީމަށް ވިސްނުނެވެ.
” މަޑުކޮށްބަލަ؟“ ފަހަތުން ހިނގަމުން ދިޔަ ނަދީމް ބުންޏެވެ. ނަދީމަށް ދެވެ ނުދެވޭ ތަނެއް ނޭނގެއެވެ. މާދުރު ހިސާބަކަށް ދެވޭ ހެނެއް ހިއެއް ނުވެއެވެ. އެކަމަކު އެތައް އިރަކު ހިނގިއްޖެ އެވެ.
ނަދީމަކަށް ހަނާއަކާ ހަމައެއް ނުކުރެވުނެވެ. ނަދީމް ވަރުބަލިވި އިރުވެސް އޭނާއަށް އެކަމެއް ނުވި އެވެ. އެހެންވެ ނަދީމް ނިންމީ ހިނގުން ހުއްޓާލާށެވެ. ނަދީމްގެ ހިނގުން ހުއްޓާލުމާއެކު ހަނާވެސް މަޑުކޮށްލި އެވެ. އަދި އެނބުރު ފަހަތް ބަލާލި އެވެ.
ނަދީމް ހުރީ ހަނާއާ ދިމާއަށް ބަލަހައްޓައިގެން ހެވިފައެވެ. ހަނާ އުޅޭ ސަކަ ގޮތުން ނެވެ. ނަދީމް ރުޅިއަރުވަން އެކުރާ މަސައްކަތުން ނެވެ. އެކަން އެނގުމުން ނަދީމް ބޭނުންވީ ކޮންމެ ކަމެއް ކުރިނަމަވެސް ރުޅި މަތަކުރާށެވެ.
އިރުކޮޅަކުން ފެނުނީ ހަނާ މޫދާ ދިމާއަށް މިސްރާބު ޖަހާތަނެވެ. ނަދީމަށް ހައިރާންކަން ލިބެން ފެށިއެވެ. ހަނާ ބޭރަށް ދާތީ އެވެ. އެއީ ދުވަހަކުވެސް ހަނާ އުޅުނު ގޮތެއް ނޫނެވެ.
” ކިހިނެއް ތިހަދަނީ. ދެން ސަކަރާތް ނުޖަހާ. އާދޭ މިކޮޅަށް.“ ހަނު ނުހުރެވިގެން ނަދީމަށް ބުނެވުނެވެ.
އެއަޑު ހަނާއަށް ނުއިވޭ ފަދައެވެ. ހަނާ ދިޔައީ މަޑުމަޑުން ބޭރަށެވެ. ކަކުލާ ހަމައަށް ތެމިއްޖެ އެވެ. ނަދީމް ހީކުރީ ހެނދުން ތެންމާލަން ނުކެރޭނެ ކަމަށެވެ. ނަމަވެސް ކަންވީ އެހެންނެއް ނޫނެވެ. ހަނާގެ ހެނދުންވެސް ތެމެން ފެށީއެވެ. ނަދީމަކަށް ނުހުރެވުނެވެ. ހަނާއާދިމާއަށް ދުއްވައިގަތެވެ. ހަނާ ގާތަށް އައީ ހިންޏެވެ. ނަދީމް ހަނާއާ އަރާ ހަމަވުމުން އުއްޑުންވަތަށް ހަނާ ފުންމައިގަތީ ބޭރަށެވެ.
ނަދީމަށް ހަޅޭއްލަވައި ގަނެވުނެވެ. ލިބުނު ހާސްކަމާއެކު ސިއްސައިގެން ގޮސް ހޭވެރިކަން ވިއެވެ. މެރިފައިވާ ދެލޯބޮޑުކޮށްލުމަށް ފަހު ފަރާތްފަރާތަށް ބަލާލިއެވެ. އެއްވެސް މީހަކު ނެތެވެ. ދެ ފަރާތަށް ބޯހޫރާލުމަށް ފަހު ފުންނޭވާއެއް ނަދީމްގެ ހަށިން ބޭރުކޮށްލި އެވެ.
ނަދީމް ވިސްނާލި އެވެ. ފެނުނު ހުވާފެނާ މެދުއެވެ. އޭރު އޭނާގެ މޭމަތީ ޖަޒީރާ އޮތެވެ. ނަދީމަށް ނިދުނީ އެ ޖަޒީރާ ކިޔަން އޮއްވަ އެވެ. އޭގައި އޮތީ ރިޔާސީ ވައުދެއްގެ ވާހަކަ އެވެ. މާލެއާއި ހުޅުމާލެ އާ ދެމެދު އަޅާދޭން ބުނާ ބްރިޖްގެ ވާހަކަ އެވެ. އެވާހަކަތަކުގެ ތެރޭގައި އޮވެ, ނަދީމަށް ނިދުނީ އެވެ. ހުވަފެން ފެންނަން ދިމާވީ އެހެންވެ އެވެ. އޭގެ ކުރިން ހަނާވެސް ދެއްކީ އެވާހަކައެވެ. އެބްރިޖް އެޅުނު ދުވަހަކުން ބުރެއް ޖަހާލަން ދާވަހަކަ އެވެ. އެހެންވެ އެކަން ހިތަށް ވަނީ އެވެ. ހަނާގެ އެވާހަކަށް ވައުދު ވެވުމުން އެކަން ހިތުގައި ހިނގީ އެވެ. އެއީ ރިޔާސީ ވައުދެއްނަމަވެސް މިފަހަރު އެވައުދުން އުފެދިގެން ދިޔައީ ދުވަސްވީ ލޯބީގެ އަހުދަކަށެވެ.