މައުމޫނުގެ އާއިލީ ވެރިކަން ނިންމާލުމަށް އިދިކޮޅު ކެންޑިޑޭޓުން އެއްގަލަކަށް

އޮކްޓޫބަރ 13 2008، 20:41 2 ޚިޔާލު

އަހުމަދު މުހްސިން އަދި އަންވަރު އިބްރާހީމް

ވެރިކަމުގައި ހުންނަވާތާ 30 އަހަރު ވެފައިވާ މއ ކިނބިގަސްދޮށުގޭ މައުމޫނު ޢަބްދުލް ޤައްޔޫމް ކުރައްވަނީ އާއިލީ ވެރިކަމެއް ކަމަށާއި އެވެރިކަން ނިމުމަކަށް ގެންނަންވެއްޖެ ކަމަށް ބުނެ އިދިކޮޅު ކެންޑިޑޭޓުން ގުޅިގެން ކުރާ މަސައްކަތް ރަސްމީކޮށް ރޭ ފަށައިފި އެވެ.

އެކަމަށްޓަކައި ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާއަކީ މިހާތަނަށް އެންމެ ގިނަބަޔަކު އެއްވެގެން ބޭއްވި އަދި އެންމެ ގިނަބަޔަކު އެޖަލްސާގައި ބައިވެރިވި ޖަލްސާއެވެ. ދަރުބާރުގޭގެ އެންމެބޮޑު ރަންނަ ބަނޑޭރި މާލަމުގެ އިތުރުން އިތުރު ދެ މާލަމެއްގައި ޖަހާފައިވާ ހުރިހާ ގޮނޑިތައް ވަނީ ފުރިފަ އެވެ. އަދި ވައްޓަކަށް ކަނޑޫ ޖަހާފައި ހުންނަ ބީދައިން ގިނައަދަދެއްގެ ބަޔަކު މާލަމްތަކުގައި ކޮޅަށް ތިބެގެންވެސް ވަނީ ބައިވެރިވެފައެވެ.

ދަރުބާރުގޭގެ މާލަންތަކުން ޖާގަ ނުލިބިގެން ދަރުބާރުގޭ ބޭރު ސަރަހައްދު އެއްކޮށް ވަނީ ފުރި ތޮއްޖެހިފައެވެ.

”ވަތަން އެދޭގޮތަށް“ މިޝިއާރާއެކު އިދިކޮޅު ކެނޑިޑޭޓުންނާއި އިދިކޮޅު ޕާޓީތަކުން ފެށި މިހަރަކާތުގައި ރޭ ޖުމްހޫރީ ޕާޓީން އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމާއި, އެޕާޓީގެ އަންހެނުންގެ ކައުންސިލްގެ ރައީސާ ދިޔާނާ ސައީދާއި އެޕާޓީއާއެކު އުފައްދާފައިވާ ގުޅުމުގައި ހިމެނޭ އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ އަބްދުލް މަޖީދު ޢަބްދުލް ބާރީއާއި އެމްއެންސީގެ ލީޑަރ މުހައްމަދު ނައީމާއި, ލިބަރަލް ޕާޓީގެ ލީޑަރ އަދި ރިޔާސީ ކެނޑިޑޭޓް އިބްރާހީމް އިސްމާއީލާއި އަމިއްލަގޮތުން އިންތިޚާބުގައި ބައިވެރިވެވަޑައިގެންނެވި ކުރީގެ ބަންޑާރަ ނައިބު ޑރ ހަސަން ސައީދުގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދާއި އޭނާގެ ރަނިންގމޭޓް ޤައުމީ އިއްތިހާދުގެ ލީޑަރ ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވާހަކަދެއްކެވިއެވެ.

މައިގަނޑުގޮތެއްގައި އެބޭފުޅުން ދެއްކެވި ވާހަކަފުޅުތަކުގެ ތެރޭގައި ހިމެނެނީ އިދިކޮޅު ލީޑަރުން އެއްގަލަކަށް އަރައި މިފެށި މަސައްކަތަކީ މިހާރު މިއޮތް އާއިލީ ވެރިކަން ބަދަލުކުރުމަކީ ޤައުމީ ކަމަކަށް ވާތީ އެކަން ކުރުން ކަމަށާއި އެކަން ނުކުރެވި އިތުރު ފަސްއަހަރަކަށް މައުމޫނު ހޮވިއްޖެނަމަ ޤައުމަށް އިސްލާހެއް ނައިސް ޤައުމު ވެއްޓޭނެ ފުންވަޅުގަނޑު ސަލާމަތް ކުރުމަށް ކަމަށެވެ. އަދި އިދިކޮޅު ލީޑަރުން އެއްކޮށް ނިކުތުމަކީ މިއަދު ވީކަމެއް ނޫން ކަމަށާއި ދެވަނަ ބުރަކަށް ގޮސްފިނަމަ މިކަން ކުރަން މާކުރިންވެސް ނިމިފައިވާކަމަށް ވިދާޅުވެ ވާހަކަދެއްކެވި އެވެ.

މުހައްމަދު ނަޝީދު އައްނިގެ ރަނިންގމޭޓް ޑރ މުހައްމަދު ވަހީދު ހަސަންމަނިކު ރޭ ވިދާޅުވީ ” ވަރަށް ސާފު ބަހުން ރައްޔިތުން އެއޮތީ ހުކުމް އިއްވާފައި. ތިމަން ބޭނުމެއް ނޫނޭ މިހާރު މިސަރުކާރު ބައްވާކަށް. ކޮންމެ 10 މީހަކުން 6 މީހުން އެބުނަނީ މިވެރިކަން ބޭނުމެއް ނޫނޭ. އެއަށްވުރެ ބޮޑަށް ނެގޭނެ އިތުބާރު ނެތް ކަމުގެ ވޯޓެއް ދެން ނުނެގޭނެ. ޑިމޮކްރެޓިކް ވެރިކަމެއް ހިންގާ ތަންތާ މިފަދަ ވޯޓެއް ނަގައިފިއްޔަ އޭގެ އަނެއް ދުވަހު އޭނާ އިސްތިއުފާ ދެއްވާނެ“ ކަމަށެވެ.

މިކަމުގައި އެންމެގަދައަށް ފައިވިއްދާ ޖާނާ މާލުން ވެސް އެހީތެރިވާނެކަމަށް ވިދާޅުވާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވީ ”ނަންހުސްކޮށް. ކަން ހުސްކޮށް ތަރައްޤީއާއި ތަހުޒީބަށް ދިވެހިރައްޔިތުން މިވަނީ އިންތިހާ ދަރަޖައަށް ބޭނުންވެފައި. މިމިނިވަންކަން ބޭނުންވެގެން މިވަނީ ފެންބޮވައިގެންފައި.“ ކަމަށެވެ

”ބަޔަކު ކޮންމެ އެއްޗެއް ބުންޏަސް މިއިއްތިހާދު މިގޮތަށް ގުޅިގެން ދިޔައިމާ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ މިވާގޮތެއް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބަޔަކު ކިތަންމެ ފައިސާއެއް ބަޔަކު ބެހިއަސް ކިތައްމެ ހުވައެއް ކުރުވިއަސް ތިޔަބޭފުޅުން އެއަށް ހެއްލިވަޑައި ނުގަންނަވަށޭ. އެއީ ބޮޑު ފާފައެކޭ އެނގޭތޯއޭ. ބަހަމުން އެގެންދަނީ ތިޔަބޭފުޅުންގެ ފައިސާއޭ އެނގޭތޯ. ދަރިންނާ ދަރިފަސްކޮޅާ އަންނަން އޮތް ޖީލުތަކައި އަންނަންއޮތް މުސްތަޤްބަލް ވިއްކަވާ ނުލައްވާށޭ. މަދުފައިސާ ކޮޅަކަށް އާއިލީވެރިކަމަކަށް ގައުމު ދޫކޮށްނުލާށޭ “ ޤާސިމް ވިދާޅުވިއެވެ.

ޑރ ހަސަން ސައީދާ އެއްކޮށް އުޅުއްވާ ކުރީގެ ޖަސްޓިސް މިނިސްޓަރ ޑރ ޖަމީލް ވިދާޅުވީ ”މިދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި އެއްވެރިއަކު ފެނުނު މީހުން މިތިބީ. ހެނދުނު ހޭލަނީ އެބޭފުޅާގެ އަޑުން. ނިދަންދަނީ އެބޭފުޅާގެ އަޑުއެހުމަށްފަހުގައި. ހުވަފެނުގައި ފެންނަނީ އެބޭފުޅާ. ނަތީޖައަކަށް ވެގެންދަނީ. ގިނަ ބަޔަކަށް ހީވެފައި އޮންނަނީ އެހެންބަޔަކީ ތެދުވެރި ބައެއް ބާވައޭ. އެހެންބަޔަކު މިދައްކަނީ ހަޤީގަތެއް ބާވައޭ. މއީ ވިސްނާލަން ޖެހޭ ކަމެއް.“ ކަމަށެވެ.

”ރޭޑިޔޯއާއި ޓީވީގެ 24 ގަޑިއިރުގެ މަސައްކަތަކަށް ވެފައި މިއޮންނަނީ ވަކި މީހަކު ބައްޓަން ކުރުން. ވަކިބޭފުޅަކު ވަކިގޮތަކަށް ދެއްކުން. އެއީތޯއޭ ހަޤީގަތަކީ. އިންތިޚާބާ ދޭތެރޭ މިއޮތް ދުވަސްކޮޅު ވެގެންދާނީ ދޮގާއި ތެދު އޮޅުވާލާ ދުވަސްތަކަކަށް. ހައްޤާއި ބާތިލް އޮޅުވާލާ ދުވަސްތަކަކަށް. މިއީ އަޅުގަނޑުމެން ކަނބޮޑުވާން ޖެހޭ ކަމެއް.“ ޖަމީލް ވިދާޅުވިއެވެ. ޖަމީލް ވިދާޅުވީ ރައީސަކަށް ހުންނަ މީހާ ނުވަތަ އަންނަ މީހާއަކީ ތެދުބުނާ މީހަކަށް ވާންޖެހޭ ކަމަށާއި ތެދުވެރި ބޭފުޅަކަށް ވާންޖެހޭ ކަމަށެވެ.

”ކޮބާތޯ އެތެދަކީ. މެންބަރަށް އަރާ ވިދާޅުވަނީ ވަކިވާހަކައެއް. އިހްޔާ ޕްރޮގްރާމުގައި ވިދާޅުވަނީ ވަކިވާހަކައެއް. ޑީއާރުޕީގެ ޖަލްސާގައި ވިދާޅުވަނީ އެހެންވާހަކައެއް. ޑީއާރުޕީގެ ނޫސް ހަމަރޯޅީގައި ކިޔަނީ ވަކި އެއްޗެއް. އަޅުގަނޑުމެންނަށް އެބަފެނޭ ތިޔައީ އަޅުގަނޑުމެންގެ އަހުންނޭ ބުނާއިރު އަނެއްކޮޅުން ޑިއާރުޕީގެ ޖަލްސާތަކުގައި, އެޕާޓީގެ ނޫހުގައި, އެޕާޓީގެ ޕްރެސް ކޮންފަރެންސްތަކުގައި އަނެއް އަހާ އަށް މަލާމާތްކުރާތަން, ރުޅިއަރުވާތަން, އަނެއް އަހާއާ ގުޅުވައިގެން ސާބިތުނުވާ ދޮގު ވާހަކަތައް ދައްކާތަން. މިއީބާއޭ އަޅުގަނޑުމެންނަށް ދައްކުވައިދޭ ނަމޫނާ އަކީ. މިއީ ދިވެހިން ބަލައި މިކަމާ ސާބިތުވެ ތިބެން ޖެހޭ ކަމެއް“ ޖަމީލު ވިދާޅުވި އެވެ. ”އަޅުގަނޑުމެން އެންމެން ގުޅި ދިވެހި ރައްޔިތުންނަށް އަހުދުވެ ބައިޔަތު މި ހިފަނީ މިތާގަ އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގައެއް ނުދޭނެ ކަމަށް“ ޖަމީލް ވިދާޅުވި އެވެ.

އަދާލަތުޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ ޢަބްދުލް މަޖީދު ޢަބްދުލްބާރީ ވިދާޅުވީ މިހާރު މިއޮތީ އާއިލީ ވެރިކަމެއް ކަމަށާއި މިވެރިކަން ނިމުމަކަށް ގެންނަން ވެއްޖެ ކަމަށެވެ.

”ގާތްތިމަގެ ބެފުޅަކު ނުވަތަ ޅިޔަނަކު ތިމާގެ މަސްއޫލިއްޔަތަށް ޚިޔާނާތްތެރިވެއްޖެ ކަމުގައިވާނަމަ އަދި ޚިޔާނާތްތެރިވެގެން އެއްފަރާތް ކުރެވިއްޖެ ކަމުގައި ވީނަމަވެސް އަނެއް ފަރާތުން ތިމާގެ އަންހެނުން މަޖްބޫރު މިކުރަނީ ވެރިކަމަށް ގެންނަން . ނުވަތަ ހުރި މަޤާމަށް އަނބުރާ ގެންނަން. މިއީ ތިމާގެ މީހުން މަޤާމްތަކަށް ގެނައިމާ ނިކުންނަ ކޮރަޕްޝަނަކީ.“

މަޖީދު ވިދާޅުވީ މިޤާނޫން އަސާސީގެ ދަށުން ހެދި މިނިވަން މުއައްސަސާތަކާމެދު ރައްޔިތުންގެ އިތުބާރު ގެއްލުވާލަންވެސް ސަރުކާރުން ވަނީ މަސައްކަތް ފަށާފައި ކަމަށެވެ.

”އެމްޓީޑީސީގެ އޮޑިޓް ރިޕޯޓް ނެރުމުން އެއީ މިނިވަން މުއައްސަސާއެއް ކަމުގައި ވެއްޖެ. އެހެންނަމަވެސް ރައީސް އޮފީހުގެ އޮޑިޓް ރިޕޯޓް އައުމުން ވެގެން ދިޔައީ އެއީ ނުފޫޒު ފޯރުވާފައިވާ އެއްޗަކަށް. ބޭނުމަކީ މުއައްސަސާތަކުގެ އިތުބާރު ކަނޑުވަލުން. އެހެންކަމުން ރާއްޖެއަށް އިސްލާހީ ހެޔޮ ބަދަލުތަކެއް ގެނެވޭނީ މިހާރު މިއޮތް ސަރުކާރު ބަދަލުކުރެވިގެން“ މަޖީދު ވިދާޅުވިއެވެ.

ޖުމްހޫރީ އގުޅުމުގައި ހިމެނޭ އަނެއް ޕާޓީ ކަމުގައިވާ އެމްއެންސީގެ ލީޑަރ މުހައްމަދު ނައީމް ވިދާޅުވީ މުޖުތަމައު ދީނާ ދުރުކުރުވީ މިސަރުކާރުން ކަމަށެވެ.

”ޒައީމް ވިދާޅުވީ ދީނީ ތައުލީމް ބޭނުން ނޫންކަމަށް. އެކަމަށް މަންހަޖުން ޤުރުއާން މާއްދާއެއްގެ ގޮތުގައި ނުބާއްވާ އުވާލެއްވީ. ދެން މައުމޫނު ކުރެއްވި ކަންތައްތަކުން އިސްލާމްދީނާ ދިވެހިންގެ ތެރެއިން ގިނަބަޔަކު ފެއަށް ޖެހިއްޖެ. އޭނާގެ މަސައްކަތުން ލައްކަ ގިނަ ކަންތައްތައް ހާސިލް ވެއްޖެ. އޭގެ ތެރެއިން އެއްބައެއް މޭން ފޯރ އޯލް އައިލެންޑް ފޮތާއި, ބޮޑު ސޮލީބުގެ ލަޤަބު“ ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ ”މިރާއްޖޭގެ ޚަޒާނާ މިދަނީ ހުސްވަމުން. ހަމަގައިމުވެސް ރިޒާވްގައި މިއަދު 35 މިލިއަން ޑޮލަރެއް ނުހުންނާނެ. ތަފާސް ހިސާބުތަކަށް ބަލާއިރުގައި 15 ދުވަހުގެ ކާޑުގެ ވާހަކަ މިދައްކަނީ. އެބޭފުޅާ އެބަ ވިދަޅުވޭ އެމަނިކުފާނު ވެރިކަމާ ހަވާލުވިއިރު, 23 ދުވަހުގެ ކާޑޭ ހުންނާނީ. 23 ދުވަހުގެ ކާޑުގެ އިތުރުން އަތޮޅުތަކުގެ އެކައުންޓްތަކުގެ ފައިސާވެސް ދެއްވާފައި އިބްރާހީމް ނާސިރު ވަޑައިގަތީ ބޭރުޤައުމުތަކުގައި ދަރަންޏެއްވެސް ނުހުންނާނެ. މިއަދު ރާއްޖޭގެ ދަރަނީގެ ގޮތުގައި 500 މިލިއަން ޑޮލަރު ނަގާ 42 ޕަސެންޓަށް އަރައިގެން ދިޔައިރު އެމަނިކުފާނުގެ ދުރު ވިސްނުންފުޅާއި ރައްޔިތުންގެ މައްޗަށް އޮތް ހަމްދަރުދީ ކޮބައިތޯ“ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރ އަދި ލިބަރަލް ޕާޓީގެ ލީޑަރ އިގްރާހީމް އިސްމާއީލް ވިދާޅުވީ ރާއްޖޭގައި ފަރުދީ މިނިވަންކަން އޮތީ އިހުވެސް އޮތްގޮތަށް ކަމަށާއި މިދިޔަ 30 އަހަރުގެ ތެރޭގައި ދެމީހަކު އިންނަން ރަން ކިއުމުން ދައުލަތުގެ ވެރިއަކު އެތަނުން އަންހެން މީހާއާ ހިތްޕުޅާ ހަމަވެ ފިރިހެންމީހާ ހައްޔަރުކޮށްގެން ގެނެސް އެއަންހެންމީހާ ހުރި ރަށަށްވެސް އަތޮޅަށްވެސް ނޭރޭގޮތް ހަދާފައިވަ ކަމަށެވެ.

”މިމިނިވަންކަން މިއަދު ލިބިގެން މިތިބީ އެންމެ ސަބަބަކަހެދި. އެއީ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ބަޔަކު މިއަނިޔާގައި ދެން ދެމި ނުތިބޭނަމޭ ބުނެ އެމިނިވަންކަން ލިބިގަތީމާ“ އިބުރާ ވިދާޅުވިއެވެ.

އިބުރާ ވިދާޅުވީ ފުރަތަމަ ޤާނޫން އަސާސީގައިވެސް އެއްވެއުޅުމާއި ޚިޔާލު ފާޅުކުރުމަކީ އޮންނަ ހައްގެއް ކަމަށާއި މިހުރިހާދުވަހު އޮވެފައި އެކަން މިހާރު ލިބިގަތީ ބަޔަކު ބޭނުންވެގެން އެހައްޤު ހޯދީމާ ކަމަށެވެ.

”އަޅުގަނޑު ދަންނަވަން ބޭނުންވަނީ. މިބަދަލު ގެނެވޭނީ އަޅުގަނޑަކަށް ނޫނޭ. އަންނިއަކަށްވެސް ނޫނޭ. މިޤައުމަށް ބަދަލެއް ގެނެވޭނީ ރައްޔިތުންނަށޭ.އަޅުގަނޑާ ޤާސިމާ އަންނިއާ މިމީސްމީހުންނަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ވާހަކަދައްކައިގެން ޖަލަށް ވަދެ ނިކުމެ އުޅުނު މީހުން. އެކަމަކު މިއަދު މިތަ މިވަހަކަ ދައްކާފައި ގޮސް އަނބިދަރިން ކައިރީ މި އޮށޯވެލެވެނީ ރައްޔިތުން އެހައްގު ހޯދީތީ“ އިބުރާ ވިދާޅުވިއެވެ.

އިބުރާ ވިދާޅުވީ މައުމޫނު ވެރިކަމާ ހަވާލުވި އިރު މަލެ ތެރޭގައި ގަންޖާ ކިޔާ ފަތެއް ބިނޑިއަނބުރައިގެން އުޅޭ އުޅެނީ ދޮޅަހަކަށް މީހުން. މައުމޫނުގެ ވެރިކަމަށް 30 އަހަރު ވީއިރުގައި އަހަރަކަށް ހާހެއްގެ މަގުން ހެރޮއިން ކިޔަ މަސްތުވާ އެއްޗެހި ބޭނުންކޮށްގެން އޭގެން ނުނެއްޓެވިފައި 30 ހާސް މީހުން އެބަތިބި ކަމަށެވެ.

”މީގެ 30 އަހަރުކުރިން ބަނގުރާ ފުޅިއެއްގައި އަޅައިގަނެ ވެއްޓުނަސް ނޭނގޭނެ މިއަޅައިގަނެވުނީ ބަނގުރާ ފުޅިއެއްގައިކަން. މިހަރު މިތާހުރެ ފޯނެއް ކޮށްލީމާ 10 މިނިޓް ތެރޭގައި ތަބަކަކަށް ލައިގެން ބަނގުރާފުޅިއެއް ގެނެސްދޭނޭ މީހުން މިމާލޭގައި އެބަތިބި. އެއީތޯ އިސްލާމްދީން“ އިބުރާ ވިދާޅުވިއެވެ.

އިބުރާ ވިދާޅުވީ ރާއްޖޭގެ މީހަކު ޣައިރު ދީނަށް އެނބުރޭކަމުގެ މައުލޫމާތު ލިޔެ ސިޓީއަކުން މައުމޫނަށް ދެންނެވިން ކަމަށާއި ފިޔަވަޅެއް އެޅުއްވީ އޭގެ އެތައް އަހަރެއްގެ ފަހުން އެކަން އެތައް ވަރަކަށް ފުޅާވި ފަހުން ކަމަށެވެ.

”މިއަދު އެވިދާޅުވަނީ ތިމަންގެ ވެރިކަމެއްގައި މިރާއްޖޭން އިސްލާމްދީން ނޫން ކަމަކަށް ވެލިފުކެއްވެސް ނުދެއްވާނަމޭ. މިރާއްޖޭގައި ބިދޭސީން އެމީހުންގެ ދީންތަކަށްވެސް އުޅޭ. ވަސްދުވާ ހިސާބުގައި ރާވެސް ބޮއެ. އެކަމަކު އަޤީދާއަކީ އެމީހަކު އަމިއްލައަށް ހިފެހެއްޓީމާ ހިފެހެއްޓޭ އެއްޗެއް. ދަންނަވަން މިއުޅެނީ މިސަރުކަރުން އަޤީދާ ވަރުގަދަކުރުމަށް ކަންތައްތަކެއް ކުރައްވާފައެއް ނެތޭ“ އިބުރާ ވިދާޅުވިއެވެ.

އިބުރާ ވިދާޅުވީ ”މީގެ 30 އަހަރު ކުރިން ރަށްމެދަށް ވިހަނީ ކިތައް މީހުންތޯ. މިއަދު ކިތައް މީހުންތޯ. އެއްޖިއްސުން ގުޅުން ހިންގަނީ ކިތައް މީހުންތޯ. މިއަދު ކިތައް މީހުންތޯ. އެމީހުން ތިއްބެވީ ދައުލަތުގެ ކިހާ ހިސާބެއްގައިތޯ. މިވާހަކަ މިގޮތަށް ދައްކާއިރު, އަމިއްލަ ދަރިއާ އުޅެގެން ދައުވާ ކުރެވިފައި ދައުވާ ނުނިމި ހުރި މީހަކު ދޫކޮށްލެވިފައި އެބަހުރި“ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ކައުންސިލްގެ ރައީސާ އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދު ވާހަކަދެއްކެވީ މިވެރިކަން ނިމުމަކަށް ގެންނަންޖެހޭ މައިގަނޑު ތިން ސަބަބެއް ފާހަގަކޮށް އެ 3 ސަބަބަ ބެހޭގޮތުންނެވެ. އެއީ މަސްތުވާތަކެތީގެ ހާލަތާއި އަދްލު އިންސާފް ނެތުމާއި ޤާނޫނީ ވެރިކަން ނުހިންގުން ކަމަށެވެ.

” މައުމޫނު ވެރިކަމުގެ 30 އަހަރުގެ ވެރިކަން ފެއްޓެވީ ޣައިރު ޤާނޫނީ އަމަލަކުން ކަމަށް ބަލާނެ ޖާގައެއް އޮތްކަމަށް ވަނީ އިއުތިރާފްވެފައި. 1 ޖެނުއަރީގައި 1998 ގައި އަމަލުކުރަން ފެށި ޤާނޫން އަސާސީއަކީ އާ ޤާނޫން އަސާސީއެއް ކަމަށް ވަންޏާ އެއަހަރުގެ ނޮވެމްބަރާ ހަމައަށް އާ ހުވައެއް ނުކުރައްވާ ވެރިކަމުގައި ހުންނެވީ ކީއްވެތޯ. ޤާނޫނީ އެއްވެސް ހަމައެއްނެތް. ދެފަހަރެއްގެ މަތިން ޣައިރު ޤާނޫނީ ވެރިކަމެއް ކަމަށް ބެލެވިދާނެ ދެފަހަރެއް ހިނގައްޖެ. މިހެން ބުނެގެން ހައްޔަރު ކުރަންޏާ ހައްޔަރު ކުރަންވީ“ ދިޔާނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 3 ވަނަ ލިބުނު ޑރ ހަސަން ސައީދު ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާތައް އިއުލާން ކުރުމުގެ ކުރިން އެމްޑީޕީ އިއްތިހާދުގެ ކެންޑިޑޭޓަށް ތާއީދު ކުރީ ރާއްޖެއަށް އިސްލާހު ގެނައުމަށްޓަކައި އަދާކުރަންޖެހޭ ދީނީ, ގައުމީ އަދި ގާނޫނީ ވާޖިބު އަދާކުރުމުގެ ގޮތުން ކަމަށެވެ. އަދި ހަސަނު ކުރިންވެސް ވިދާޅުވާ ފަދައިން ރާއްޖެ މިހާރު މި އޮތް ހާލަތުން އެއް ޕާޓީއަކުން ރާއްޖޭގައި ހުރި މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

” މިމަހުގެ 28 ވަނަ ދުވަހު އަޅުގަނޑުމެން މިނިންމާ ނިންމުމަކީ ގައުމުގައި ވެރިކަން ކުރާނީ މުހައްމަދު ނަޝީދުތޯ ނުވަތަ މައުމޫނު އަބުދުލް ގައްޔޫމުތޯ އެއް ނޫން. އަދުވަހު އަޅުގަނޑުމެން ވޯޓް ދެނީ އަޅުގަނޑުމެންގެ މުސްތަގުބަލަށް. އަޅުގަނޑުމެން ވޯޓް މިދެނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ތަހުޒީބީ ސިޔާސަތަކަށް ޖާގަ އޮންނާނެ ތޯ؟ ނުވަތަ ނޫންތޯ؟ މިހާރު ރާއްޖޭގައި މިއޮތް ސަރުކާރު އަލުން އިންތިހާބު ކޮށްފިނަމަ ތަހުޒީބީ ސިޔާސަތަކަށް ޖާގައެއް ނޯންނާނެ“ އެޓާނީ ޖެނެރަލް ކަމުން އިސްތިއުފާދެއްވި ޑރ.ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ކުރިއަށް އޮތް ފަސްއަހަރުގެ ދައުރަށް މައުމޫނު ހޮވައިފި ނަމަ އިދިކޮޅު ފަރާތްތަކުން އިސްލާހަށް ކުރިއަށް ގެންދާ މަސައްކަތްތައް ހުއްޓުވުވައި އިދިކޮޅު ފަރާތްތައް ވުޖޫދުން ނައްތާލުމަށް ގަސްތުކުރާނެ ކަމަށާއި އެކަން މައުމޫނު ކުރައްވާނެ ކަމަށެވެ.

ހަސަން ވިދާޅުވީ މައުމޫނު ހޮވައިފިނަމަ ދައުރުވާނެ ވެރިކަމެއް ކުރިއަށް އޮތް ދިހައަހަރުގައިވެސް ނުލިބޭނެ ކަމަށާއި މައުމޫނު ހޮވައިފިނަމަ މިހާރުވެސް މިއޮތް އިސްރާފް އެގޮތަށް ކުރިއަށްދާނެ ކަމަށެވެ.

ހަސަން ސައީދު ވިދާޅުވީ މައުމޫނު ހޮވައިފިނަމަ ވެރިކަން ކުރާނީ މައުމޫނެއް ނޫން ކަމަށައި މައުމޫނުގެ ކޮއްކޯފުޅު ޢަބްދުﷲ ޔާމީން ކަމަށެވެ.

”ވެރިކަން ކުރައްވާނީ ކޮއްކޯފުޅު ޢަބްދުﷲ ޔާމީން. މިއީކީ ސަމާސައަށް ދައްކާ ވާހަކައެއް ނޫން. އުމުރުން 75 އަހަރުވެފައިވާ ބޭފުޅެއް އަބްދުﷲ ޔާމީން ޝަރުތުކަކާއެކު އެގްރިމެންޓްގައި ހުރި ލިޔެކިޔުންތަކައެކު ކެބިނެޓަށް ގެންނެވީ. އަބްދުﷲ ޔާމީން ބޭނުންވަ މީހަކު ކެބިނެޓްގައި ބަހައްޓަވާނީ. ބޭނުންވާ ސިޔާސަތެއް ދަމަހައްޓަވާނީ.“ ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ޔާމީނުގެ ވިސްނުންފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތު ހޯދައިގެން ޤާނޫން އަސާސީ އިސްލާހުކުރުން ކަމަށެވެ.

”އެހެންވީމާ ރައީސް މައުމޫނަށް ވޯޓު ދެއްވާ ބޭބޭފުޅުން ގާތު ވަރަށް އިޚްލާސްތެރިކަމައެކު ވަރަށް އާދޭހާ އެކު މިއެދެނީ ތިބޭފުޅުން ތިދެއްވަ ވޯޓަކީ ޢަބްދުﷲ ޔާމީނަށް ދެއްވަ ވޯޓެކޭ. މައުމޫނަށް ދެއްވާ ވޯޓެކޭ އެކަން އެގޮތަށް ނުކުރައްވާށޭ“ ހަސަން ވިދާޅުވިއެވެ.

އެންމެފަހުން ވާހަކަދެއްކެވި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވީ މިސަރުކާރުގައި ރެނދުއަޅައިފިކަން އެނގިއްޖެ ކަމަށެވެ.

”މާލެއާއި އައްޑޫގައި އެއްގޮތަކަށްވެސް ވޯޓް ދިނީކީ ނޫން. އޭނާއަށް އެގިއްޖެ 8 އޮކްޓޯބަރ ގައި ރެނދު އަޅައިފިކަން. މިވެރިކަން ވައްޓާލެވިދާނެކަން. އެމީހުން މައުމޫނަށް ވޯޓް ދިނީ ދިވެހި ވެރިކަން ބަދަލު ކުރުމަކީ ވާވަރުކަމެއް ނޫނޭ. ރާއްޖޭގެ ރައްޔިތުންނަށް ޔަގީންކަން ލިބިއްޖެ. ދިވެހި ރައްޔިތުންނަށް މިވެރިކަން ބަދަލުކުރެވިދާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ލިބުނު ތާރީޚަކީ 8 އޮކްޓޯބަރ.ގައިކަން“ އަންނި ވިދާޅުވިއެވެ.

އަންނި ވިދާޅުވީ އިންތިޚާބުން އަޅުގަނޑުމެންނަށް އެނގުނީ ”ރާއްޖޭގެ ގިނަ ބަޔަކު އެދެނީ މިވެރިކަން ވަތަން އެދޭ ގޮތަށް ވައްޓާލަންކަން. އެންމެން ގުޅިގެން ވައްޓާލަން ކަން.އަޅުގަނޑުމެން ނިކުތީ ހެޔޮވެރިކަމުގެ ނިޒާމެއް މިރާއްޖޭގައި ގާއިމް ކުރުމަށް. އިރާދަ ކުރެއްވިއްޔާ 28 އޮކްޓޯބަރގައި އޮންނަ ދެވަނަ ބުރު ސާފުސީދާ ގޮތަށް ކާމިޔާބު ކުރާނަން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން މިއެދޭ ފޮނިފަތިހަށް އަލިވިލޭނެ. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ ރާއްޖެ ވާނީ ރަނގަޅު.“ ކަމަށެވެ.

”އަޅުގަނޑު މިތާ މިހުންނަނީ ތަގުދީރު ކުރެހި ޕްލޭނެއް އޮތީތީ. ފެށުނީއްސުރެ ފަށައިގެންވެސް އަޅުގަނޑުމެން ބޭނުންވީ ރާއްޖޭގެ ވެރިކަން ހެޔޮފާލަ އެޅުމަށް. އަޅުގަނޑުމެންނަށް ނެތް ރައީސް މައުމޫނު ވެރިކަމުގައި ބަހައްޓައިގެން މިކަން ކުރެވޭކަށެއް. އަޅުގަނޑުމެން އެބަޖެހޭ ޒަމާންތަކެއް ވަންދެން ރާއްޖޭގައި ވެރިކަން ކުރަމުން އައި ގޮތާއި މީހުން ބަދަލު ކުރަން. އަޅުގަނޑުމެންނަށް ތި ދައްކަވާ ގަދަ ފަސްއަހަރު ދައްކަވަން ނޫޅުއްވާ. ފިސާރި ގަދަކޮށޭ މި ފާއިތުވި 30 އަހަރުވެސ ފެނިފަ އޮތީ. ހަމަ ގައިމުވެސް އަޅުގަނޑާ ދިމާވި ވިއްސަކަށް އަހަރު އޮތީ ވަރަށް ގަދައަށް. ރައީސް މައުމޫނަށް އަޅުގަނޑު ދަންނަވަން އޮތީ މަނިކުފާނޭ ދެން ތި ގަދަކަން ނުދައްކަވާށޭ.“ އަންނި ވިދާޅުވިއެވެ.

އަންނި ވިދާޅުވީ އަޅުގަނޑުމެންނަށް ގުޅިފައިވާ ސަރުކާރެއް ހެދުމަށް ނޫންގޮތަކަށް ރައްޔިތުން ލަފައެއް ނާރުވާ ކަމަށާއި އިންތިޚާބްގެ ނަތީޖާ ވަރަށް ސާފު ކަމަށެވެ.

”ރައްޔިތުން ބުނީ ކަލޭ އެކަނި މިކަން ކުރަން ނޫޅުއްވައްޗޭ. އަޅުގަނޑު ނޫޅެން. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެން އެންމެން އެކީގާ މިކަން ކުރެވޭނެ އިންތިޒާމެއް ގާއިމް ކުރަން.“ އަންނި ވިދާޅުވިއެވެ.

އަންނި ވިދާޅުވީ ”އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ޑިމޮކްރަސީގެ ފުރިހަމަ ހަމަތަކަށް. ރައްޔިތުންގެ ވެރިކަމެއް ކުރުމަށް ކަންތައް ގެންދާންޖެހޭ ތަރުތީބުތަކެއް އެބައޮވޭ. މާދަމާ ނުވަތަ 28 އޮކްޓޯބަރ ގައި މިރާއްޖޭގައި ރިޔާސީ އިންތިޚާބްގެ ދެވަނަ ބުރު އޮންނާނެ. އެވަރަކުންނެއް މިރާއްޖެއަކަށް ޑިމޮކްރަސީ ގާއިމް ކުރެވުނީ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރާނަން. ކުރަން ހުރި މަސައްކަތް ވަރަށް ބައިވަރު. ހަމަ އެއާއެކީގަ ފެބުރުއަރީ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބް އެބައޮތް. އަޅުގަނޑުމެން ރައްޔިތުންގެ ނިންމުން އެބަ ހޯދަން ޖެހޭ އެއިންތިޚާބްގައި ރައްޔިތުން އެދޭ ގޮތަކީ ކޮބައިކަން އެބަ އެގެންޖެހޭ. ސިޔާސީ މަސްރަހު ދެނެގަނެވޭނީ މިނިވަން އިންތިޚާބަކުން. އަޅުގަނޑުމެން ވިސްނަންވީ އަޅުގަނޑުމެން މިއެދޭ ބަދަލަށް ދިއުމަށް އިންތިޚާބުތަކަކީ އަޅުގަނޑުމެން ފަސްޖެހޭ އެއްޗެހިތަކަކަށް ވެގެން ނުވާނެ. އިންތިޚާބަކީ އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑުމެން ބޯލަބަންޖެހޭ އެއްޗަކަށް ވާންޖެހޭނެ. އަޅުގަނޑު ޔަގީން ކަން އަރުވަނީ އަޅުގަނޑު ވެރިކަމުގައި ހުންނަ އިރެއްގައި އިންތިޚާބެއްގައި އެންމެ ހިނދުކޮޅަކަށްވެސް ރައްޔިތުންގެ ކުރިމައްޗަށް ނިކުތުމަކަށް ފަސް ނުޖެހޭނަމޭ“ އަންނި ވިދާޅުވިއެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. މަމޫނުގެ ވެރިކަމުގަ ފިރިހެނުން ފަޓްލޫނު ކުރުވެގެން ބަންދުކުރޭ.އެކަމަކު އަންހެނުން ނިވާނުވާ ހެދުން އަޅާ ޖީސްތރީންގް ދެއްކިޔަސް މައްސަލައެއް ނޫން. މައްމޫނުގެ ވޯޓް "ކާމިޔާބު" ފާހަގަކުރި ޕާޓީގާ ވެސް ސްޓޭޖް މަތިން މީކަހަލަ މަންޒަރު ފެނުނު. މިއީތޯ ދީންކުރި އަރުވާ ގޮތަކީ؟

    އަންގާރަ، އޮކްޓޫބަރ 14 2008، 06:36
  2. ހިތާމަޔަކީ އަޅުގަޑުމެންގެ ތެރޭން ވަކިބަޔަކު އަދުލްއިންސާފް ވެސް ބޭނުމެއްނޫނެވެ، ބޭނުމީ އެންމެމީހެކެވެ.

    އަންގާރަ، އޮކްޓޫބަރ 14 2008، 04:05
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv