

އެއަރ މޯލްޑިވްސްގެ މައްސަލާގައި އެތަނުގެ ވެރިން ޚިޔާނާތްތެރިވެފައިވޭތޯ ބެލުމަށް 7 އަހަރު ފަހުން ގާނޫނީ ލަފާ ހޯދުމަށް ހުށަހަޅައިފި
މެލޭޝިޔާގެ ކުންފުންޏަކާއި ދިވެހި ސަރުކާރު ހިއްސާވެގެން އުފެއްދި ޤައުމީ އެއަރލައިން އެއަރމޯލްޑިވްސް ބަނގްރޫޓް ވިތާ 7 އަހަރުފަހުން, އެކުންފުނި ހިންގަންތިއްބެވި އިސްވެރިން ޚިޔާނާތްތެރި ވެފައިވޭތޯ ބެލުމަށް ކޯޓަށް ފޮނުވުމުގެ ޤާނޫނީ ލަފައެއް ހޯދުމަށް ބަންޑާރަ ނައިބަށް މިމަހުގެ 9 ވަނަދުވަހު ހުށަހަޅައިފި ކަމަށް ފިނޭންސް މިނިސްޓަރ ޤާސިމް އިބްރާހީމް ވިދާޅު ވެއްޖެ އެވެ
އެމަނިކުފާނު މިހެން ވިދާޅުވީ އެއަރމޯލްޑިވްސްގެ މައްސަލަ އޮތްގޮތް ސާފުކުރުމަށްޓަކައި ލ. އަތޮޅު މެންބަރު މޫސާމަނިކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
މިކުންފުނި ބަނގުރޫޓްވި އިރު ޗެއަރމަންގެ މަގާމުގައި ހުންނެވީ ކުރީގެ މިނިސްޓަރ އޮފް ސްޓޭޓްފޮރ ޑިފެންސް އަދި ސިފައިންގެ ވެރިޔާގެ ނައިބުގެ މަގާމުގައި ހުންނެވި އަންބަރީ އަބުދުއްސައްތާރެވެ. މިހާރު އޭނާ ހުންނެވީ ދިވެހިރާއްޖެއިން އިންޑިޔާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ ގޮތުގަ އެވެ.
އެއަރމޯލްޑިވްސް ބަނގްރޫޓްވިތާ 7 އަހަރު ވެފައިވާއިރު, އެ ކުންފުނި ބަނގްރޫޓްވިއިރު ކުންފުނި ހިންގެވުމަށް ވެރިންގެ ގޮތުގައި ތިއްބެވި ދިވެހި ސަރުކާރުގެ އެއްވެސް މުވައްޒަފަކު ޚިޔާނާތްތެރި ވެފައިވޭތޯ ބެލުމަށް އެއްވެސް ކޯޓަކަށް ހުށަހަޅާފައިވޭތޯ ދެންނެވުމުން ޤާސިމް ވިދާޅުވީ އަދި ހުށަހަޅާފައި ނުވާކަމަށާއި މިމަހުގެ ވަނަ ދުވަހު އެކަމަށް ޤާނޫނީ ލަފައެއް ހޯދުމަށް އެދިފައިވާ ކަމަށެވެ. އަދި މިއަހަރުގެ ފެބްރުއަރީ 12 ގައި އެމައްސަލަ ބެލުމަށް ޓެކްނިކަލް ކޮމިޓީއެއް ހައްދަވާފައިވާ ކަމުގައި ޤާސިމް ވިދާޅުވިއެވެ.
2001 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރ އަދި އެމްޑީޕީގެ މިހާރުގެ ޗެއަރޕާސަން ގ ކެނެރީގޭ މުހައްމަދު ނަޝީދު ކުރެއްވި ސުވާލަކަށް އޭރު ދެއްވި ޖަވާބުގައި އެކަމުގެ ޒިންމާ އަޅުވަމުން ގެންދެވީ ނަލޫރީ ބަރުހާތު ކިޔާ ކުންފުންޏަކާ ކަމަށާއި މިހާރު އެކުންފުނި ގޮވައިގެން ކޯޓަށް ހިނގައްޖައިންތޯ މާލޭ މެންބަރ އިބްރާހީމް އިސްމާއީލް މިއަދު ސުވާލު ކުރެއްވުމުން ޤާސިމް ވިދާޅުވީ ދިވެހި ސަރުކާރުން ހަދާފައިވާ ޖޮއިންޓް ވެންޗަރ އެގްރީމެންޓް ހަދާފައިވަނީ އެކުންފުންޏަށް ރަނގަޅަށް ސާފު ނުވާތީ އެކުންފުނި ގޮވައިގެން ކޯޓަށް ދެވެން އަދި ނެތް ކަމަށެވެ.
ޤާސިމް ވިދާޅުވީ އެއަރމޯލްޑިވްސް ހިންގާ ބޯޑުގައި ރާއްޖޭގެ ސަރުކާރު ހިމެނޭ ކަމަށާއި އެބޯޑުން ޒިންމާ އުފުލުމުގައި ބަލަންވާވަރަށް ނުބަލާކަން އެނގެން އެބައޮތް ކަމަށެވެ.
މީގެ 7 އަހަރު ކުރިން 2000 ވަނަ އަހަރު ބަނގް ރޫޓްވެ މިހާރު ހުއްޓިފައިވާ ރާއްޖޭގެ ޤައުމީ އެއަރލައިން, އެއަރމޯލްޑިވްސްގެ މައްސަލަ ޙައްލުކުރުމަށްޓަކައި މެލޭޝިއަން އެއަރލައިން އާބިޓްރޭޝަން އުޞޫލުން )ވާހަކަދައްކައިގެން ޙައްލުކުރުން( ކުރިއަށް ގެންދިއުމަށް ޤާނޫނީ ލަފާ ލިބިފައިވާ ކަމަށް ރާއްޖޭގެ ފިނޭންސް މިނިސްޓަރ ޤާސިމް އިބްރާހީމް ވިދާޅުވި އެވެ.
މިނިސްޓަރ ޤާސިމް ވިދާޅުވީ އެއަރމޯލްޑިވްސްގެ މައްސަލަ ބެލުމަށްޓަކައި ސިންގަޕޫރުގެ އެންމެ ބޮޑު ލޯފާމާއި އަދިވެސް އިތުރު ލޯފާމްތަކާއި ހަވާލުކޮށްގެން ބައްލަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އެއަރމޯލްޑިވްސް ހިންގި ކުންފުނީގެ މެނޭޖްމަންޓް އެގްރީމަންޓް ހަދާފައިއޮތް މެލޭޝިއަން އެއަރލައިނަރ ވާހަކަދައްކައިގެން ޙައްލުކުރެވިދާނެކަމަށް ފެންނަކަމަށް ސިންގަޕޫރުގެ ލޯފާމުން ލަފާދެއްވާފައިވާ ކަމަށެވެ.
ޤާސިމް ވިދާޅުވީ އެއަރމޯލްޑިވްސް ކުންފުންޏަކީ ސަރުކާރުން ޤަވާއިދުން އޯޑިޓްކުރަންޖޭހޭ ކުންފުންޏަކަށް ވީނަމަވެސް ރާއްޖޭގެ އޮޑިޓް އޮފީހުން މިހާތަނަށް އެކުންފުނި އޮޑިޓްކޮށްފައި ނުވާކަމަށެވެ.
ނަމަވެސް އެމައްސަލަ ބަލަން ހަވާލުކުރި ލޯފާމްތަކުން ބެލިބެލުމުން ކުންފުނީގެ 69 މިލިއަނަށްވުރެ ގިނަ ޑޮލަރު ދަރަނީގެ ގޮތުގައި އެބައޮތެވެ. އަދި 2000 ވަނަ އަހަރުގެ މެއި މަހު އޮޑިޓްކުރި ފަހުންވެސް 69.73 ޑޮލަރުގެ ކްލައިމްތަކެއް އެކިމީހުން ފޮނުއްވާފައިވާކަމަށެވެ. އޮފީހުގެ ކުރީގެ ލިޔެކިޔުންތައް ބަލައިގެން އެއީ ޞައްޙަ އެއްޗެއްތޯ ބައްލަވަމުން ގެންދަވާކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
”އޭގެތެރެއިން 8.6 މިލިއަން ރުފިޔާ ކުންފުނީގެ ފައިސާއިންވަނީ އެކިފަރާތްތަކަށް ދެވިފަ.“ ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ މިމަހު 9ގައި އޮޑިޓްކުރި އިރު އެނގުނު ގޮތުގައިވެސް ދުވަހުން ދުވަހަށް އިންޓަރެސްޓް އަރާ ދަރަނި އެބަހުއްޓެވެ.
ޤާސިމް ވިދާޅުވީ ކުންފުނީގެ 51 ޕަސެންޓް ހިއްސާއަކީ ދިވެހި ސަރުކާރުގެ އެއްޗެއް ކަމަށާއި ދިވެހިސަރުކާރުން ކުންފުނީގެ ހިއްސާއަށްވާ 7.4 މިލިއަން ޑޮލަރު އޭރު ކުންފުންޏަށް ކެޕިޓަލް އިތުރުކުރުމުގެ ގޮތުން ދެވިފައިވާ ކަމަށެވެ.
ޤާސިމް ވިދާޅުވީ މެލޭޝިއަން އެއަރލައިނާ ވާހަކަދައްކައިގެން އެކަން ހައްލުކުރުމަށް ސިންގަޕޫރުގެ އެންމެބޮޑު ލޯފާމާއި ހަވާލުކޮށްގެން ކުރިއަށް އެބަދާ ކަމަށާއި އެކަމަށް ދެލައްކައާއި 4 ލައްކައާ ދެމެދުގެ އަދަދަކަށް ޑޮލަރު ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެހެން އެއަރލަނަކާ ވާހަކަދައްކައިގެން ޤައުމީ އެއަރލައިނެއް އުފެއްދޭތޯ ވާހަކަދައްކަވަމުން ގެންދަވާ ކަމަށައި ނަމަވެސް އެދެވޭފަދަ ރަނގަޅު ޑީލެއް އަދި ނުހެދޭ ކަމުގައި ޤާސިމް ވިދާޅުވިއެވެ.