ވޯޓާސް ރަޖިސްޓަރީގައި އެއް ނަމެއް 240 ފަހަރު ރިޕީޓް ވެފައި އެބަހުރި: އިލެކްޝަން ކޮމިޝަން

އަންވަރު އިބްރާހިމް އޮކްޓޫބަރ 14 2008، 08:41 0 ޚިޔާލު

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓާސް ރަޖިސްޓްރީގައި އެއް ނަމެއް 240 ފަހަރު ރިޕީޓްވެފައިވާ ކަމަށް ވަގުތީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަލީ ފާއިޒު ވިދާޅުވެއްޖެ އެވެ.

ރޭ ދި ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަލީ ފާއިޒު ވިދާޅުވީ ލިސްޓްގައި އެއް ނަމެއް އެތައް ފަހަރަކު ރިޕީޓްވެފައި ވަނީ މީހަކު ގަސްދުގައި މަކަރު ހަދަންކަން ގަބޫލު ނުކުރެވޭ ކަމަށެވެ.

” އަޅުގަނޑު ހަނދާންވާގޮތުން 240 އަށްވުރެ ގިނަ ފަހަރު އެންމެ ނަމެއް ރިޕީޓްވެފައިވެސް އެބަހުރި. އެއީ މީހަކު ގަސްދުގައި ކުރިކަމެކޭ ބުނެވޭކަށް ނެތް.“ ފާއިޒު ވިދާޅުވި އެވެ.

ފާއިޒު އާއެކު ޕްރޮގްރާމްގައި އިންނެވި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ފުއާދު ތައުފީގު ވިދާޅުވީ އެއްނަމެއް އެތައް ފަހަރަކު ތަކްރާރުވެފައިވަނީ ކީއްވެތޯ ބަލަމުންދާކަމަށާއި އެއީ އަދި ޖަވާބު ހޯދިފައިނުވާ ސުވާލެއް ކަމަށެވެ.

” ރަޖިސްޓްރީން މީހުންތައް އުނިވުމާއި ބުއްދި ގަބޫލުނުކުރެވޭ ވަރަށް ބައެއް ނަންތައް ތަކްރާރުވެފައި ހުރުން އެއީ މޮޔައަކުވެސް ނުކުރާކަހަލަ ކަމެއް. އަޅުގަނޑު ބައެއް ފަހަރު ހިތަށްއަރާ އެއީ ވައިރަސްއެއް ވަދެގެން ވެފައިއޮތް ކަމެއްބާއޭ. އަޅުގަނޑަށް އަދި އޭގެ ޖަވާބެއް ނެތް. އަޅުގަނޑު ބަލާނަން ކޮން ސަބަބަކާ ހުރެތޯ އެހެން ދިމާވީ. އެއްނަން އެތައް ފަހަރަކު ތަކްރާރުވެފައި ވަނީ. ކޮންމެވެސް ސަބަބެއް އޮންނާނެ. އަޅުގަނޑުމެންނަށް އޭގެ ސަބަބު ހޯދޭނެ. ވައިރަސްއެއްގެ ސަބަބުން ވިޔަސް, ސޮފްޓްވެއާގެ ސަބަބުން ކަމަށް ވިޔަސް ބައެއްގެ ފަރުވާ ކުޑަކަމުން ވިޔަސް އޭގެ ސަބަބު އޮޅުން ފިލާނެ. އޮޅުންފިލުވާނަން.“ ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ލިސްޓްގައި އޮންނަން ޖެހޭ ކިތަންމެ ނަމެއް ލިސްޓުން އުނިވެފައިވާ ކަމަށެވެ. ” އަޅުގަނޑަށްވެސް ގަބޫލުކުރަން ދަތި ކީއްވެގެންކަން އެގޮތަށް އެކަން ވާންޖެހުނީ. އެއްގޮތަކަށްވެސް ރަސްމީ ލިސްޓެއްގައި އުނިވެގެން ނުވާނެހާ ގިނައިން އެބަހުރި ނަންތައް އުނިވެފައި.“ ފުއާދު ވިދާޅުވި އެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv