ދިވެހި ގައުމީ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ޑރ. ހަސަން ސައީދު ހުށަހުއްވައިފި

އޮކްޓޫބަރ 12 2008، 22:19 1 ޚިޔާލު

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ޑރ. ހަސަން ސައީދު އިސްވެ ހުންނަވައިގެން ދިވެހި ގައުމީ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހަޅައިފި އެވެ.

50 މީހުންގެ ސޮޔާއެކު ޕާޓީގެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ހުއްދައަށް އެދިފައިވަނީ މިއަދު އެވެ. ޕާޓީގެ ކަންތަކުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. ހަސަންގެ ރަނިންމޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވެސް ވާދަކުރެއްވި ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ޕާޓީއެއް އުފައްދަން ނިންމެވީ ޑރ. ހަސަނަށް ތާއީދު ކުރައްވާ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.

ޝަހީދު ވިދާޅުވީ ރިޔާސީ އިންތިޚާބާ ދިމާކޮށް ޕާޓީއެއް ހެދުމުގެ މަސައްކަތް ނުފެށީ އިދިކޮޅު ޕާޓީތަކުގެ ގޮތުގައި މަސައްކަތް ކުރާ ޕާޓީތައް ބައިބައިވެގެން ދާނެތީ އެފަދަ ކަމެއް ކުރަން ބޭނުން ނުވާތީ ކަމަށެވެ.

” މިހާރު މިއޮތީ އެންމެން އެކަތިގަނޑަކަށްވެ އެކައްޗެއް ކިޔައިގެން މިހާރު މިއޮތް ވެރިކަން ބަދަލުކުރުމަށް ނުކުންނަން ނިންމާފައި. މިއީ މިކަހަލަ ކަމެއް ކުރިއަށް ގެންދަން އެންމެ މުނާސަބު ވަގުތުކަމަށް އަޅުގަނޑުމެން ދެކެނީ“ ޝަހީދު ވިދާޅުވި އެވެ.

ޝަހީދު ވިދާޅުވީ ހުއްދަ ލިބުމާއެކު ޕާޓީގެ މަސައްކަތް ވަރަށް ބާރަށް ފަށައިގަންނާނެ ކަމަށާއި ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވެސް ތައްޔާރުވުމަށް މަސައްކަތް ފަށާނެ ކަމަށެވެ.

” ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ހަމައަށް ދާއިރު ޕާޓީގެ މުހިންމުކަން ވަރަށްބޮޑު“ ޝަހީދު ވިދާޅުވި އެވެ.

ކުރީގެ ފޮރިން މިނިސްޓަރުކަމުން އިސްތިއުފާދެއްވި ޑރ. ޝަހީދު ވިދާޅުވީ އެ ބޭފުޅުން ތިބީ އެމްޑީޕީ އިއްތިހާދުގެ ކެންޑިޑޭޓް މުޙައްމަދު ނަޝީދަށް ތާއީދުކޮށް މިހާރު މިއޮތް ޒަމާންވީ ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމަށް އަތުކުރި އޮޅާލައިގެން ކަމަށެވެ. އެކަމަށް ޚާއްޞަ ކެމްޕޭނެއް ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

” މައުމޫނަށް ނޫނެކޭ “ ބުނާ ކެމްޕޭނެއް އަޅުގަނޑުމެން ވަރަށް އަވަހަށް ފަށާނަން“ ރިޔާސީ އިންތިޚާބުގައި ވާދަކޮށް ތިން ވަނަ މަގާމް ހޯދި ޑރ. ހަސަންގެ ރަނިންމޭޓް ޝަހީދު ވިދާޅުވި އެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ހަސަނު ބުނީ ޕާޓީ ވެރިކަމެއް ބޭނުމެއްނޫނޭ! ހަސަން ބޭނުން ވަނީ ހުރިހާ ޕާޓީތައް ބައިވެރިވާ ރައްއިތުންގެ ވެރިކަމެއް! އެކަމަކު މިހާރު މިއިވެނީ ކޮންއަޑެއްތަ!

    ހޯމަ، އޮކްޓޫބަރ 13 2008، 18:57
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv