އަހަރެންގެ 40 ވަނަ އުފަންދުވަސް....
ދުވަހަކަށް ފަހު ދުވަހެއް ފާއިތުވެ އުމުރުން 40 އަހަރާ ގާތްވުމުން ތިމާ މުސްކުޅިވެ ޒުވާން ކަން ގެއްލެނީ އޭ ހިތަށް އަރާ މިކަމާ ފިކުރު ކުރެވޭގޮތް ވޭތޯއެވެ؟ އަދި ކުރިއަށް އޮތް ދުވަސް ތަކާ ދޭތެރޭ އިތުރަށް ވިސްނޭގޮތް މެދުވެރިވެ މޮޅިވެރިކަން އިހްސާސް ކުރެވޭތޯ؟ ފާއިތުވެ ދިޔަ ދުވަސް ތައް ހޭދަކުރެވިފައިވަނީ ފޫހި، ބޭކާރު ނުވަތަ ޙާސިލް ކުރަން ބޭނުންވާ ކަންތައް ތަކެއް ޙާސިލް ކުރަން ބޭނުން ވާ މިންވަރަށް ނުވަތަ އެއްވެސް ވަރަކަށް ނުވެވިއޭ ހިތައް އަރާތޯއެވެ؟ ތިރީގައި އަޅުގަނޑު މި ދަންނަވާލަނީ މި މޮޅިވެރި ހިޔާލުތައް ނުވަތަ 40-something blues” “ ތައް ދުރުކޮށްލުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ.
އުގެނުންް : ގޭގައި ހުސްވަގުތު ތައް ހޭދަ ކުރެއްވުމުގެ ބަދަލުގައި ތިމާއާ އެއްމެ ގުޅޭހެން ހީވާ ނުވަތަ އެކަމަކަށް ޝައުގުވެރިކަން ހުރި ދާއިރާއަކުން އުގެނުމަށް އެފަދަ ކްލާހަކާ ގުޅިލާށެވެ. މިގޮތުން އަދާ ކުރާ ވަޒީފާ އަށް ފައިދާ ކުރާނެ ހުނަރުތައް، މިސާލަކަށް ކޮމްޕިއުޓަރ ހުނަރު ނުވަތަ "ބުކް ކީޕިންގ ސްކިލްސް" ވެސް ހިޔާރު ކުރެއްވިދާނެއެވެ. ކޮލްޖް ޑިޕްލޮމާއެއް ނުވަތަ ޑިގްރީއެއް، ޓީޗިންގ، ނާރސިންގ ނުވަތަ ބޭނުން ވާ އެހެން ދާއިރާއަކުން ހާސިލް ކުރެއްވުމަށް އެފަދަ އިންސްޓިޓިއުޓެއް ނުވަތަ ކޮލެޖަަކަށް ޒިޔާރަތް ކޮށްލާ ނުވަތަ އެފަދަ ތަނެއްގެ ވެބްސައިޓް އެއް ގޭގައި އިންނަވައިގެން ޗެކް ކޮށްލުމަށްފަހު ކުރިއަށް ދާން ބޭނުންވާ ދާއިރާ އަކާ ގުޅޭ ކޯހެއް ހިޔާރު ކުރައްވާށެވެ. އުގެނި ދަސްވެފައި ހުރުމަކީ ތިމާ ދުނިޔޭގެ އެކި އެކި ކަންކަމަށް ލޯ ހުޅުވި މީހުންގެ މެދުގައި ތިމާގެ ބަސްވިކޭ އަދި އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ އިތުބާރާ ހިތް ހަމަޖެހުން އެތައް ގުނައަކަށް އިތުރު ވެގެން ދާނެކަމެކެވެ.
ހޮބީ : ހުސްވަގުތަތައް ފުރުއްވުމަށް ހޮބީއެއްގެ ގޮތުގައި ކުރުމަށް ޚިޔާރު ކުރެވިދާނެ އަދި އެކަން ހިތްވަރާއެކު ކުރިއަށް ގެންދެވިއްޖެނަމަ ނަފާ ލިބޭނެ ފަދަ ކަންތައްތައް ކިތައްމެހާވެސް ގިނައެވެ. މިސާކަށް ފެހުން، ވިޔުން، ފޮޓޯގްރަފީ ނުވަތަ ކުރެހުން ހިމެނެއެވެ. މިބާވަތުގެ މަސައްކަތްތަކާ ގުޅޭކަހަލަ އެކިއެކި މައުލޫމާތު އިންޓަނެޓުން އަދި ކުތުބުޚާނާ އަކުންވެސް ހޯދާލެވިދާނެއެވެ. މިއީވެސް އަމިއްލަ ހިތްޖެހުމާއި މީހުންގެ ތަރުހީބާއި ރުހުން ލިބޭ އަދި ބޭކާރު ޚިޔާލުތަކާ ފިކުރުތަކާ ދުރުވެހުންނެވުމަށް ވަރަށް ފަސޭހަ ގޮތެކެވެ.
އެހެން ބަހެއް ދަސްކޮށްލުން: މިއީ މަޖާ އަދި ފައިދާހުރި ކަމެކެވެ. ބޭރު ޤައުމުތަކަށް ދަތުރު ކުރާއިރު އާއްމުކޮށް ބޭނުން ކުރާ ބަސްބަހުގެ އިތުރުން އެބަސްބަހުން ވާހަކަ ދައްކާ އަދި "އެމީހުން" ދައްކާ ވާހަކަ އެގުމަކީ އެފަދަ ތަންތަނުގައި އުޅޭއުޅުމުގައި ވަރަށް ފަސޭހަ ތައް ލިބިގެންދާނެކަމެކެވެ.
ދަތުރުކުރުން: ކުރިއަށް އޮތް ފަސްއަހަރު ދުވަހު ތެރޭގައި ދިއުމަށް އެއްމެ ހިތްއެދޭ 5 މަންޒިލެއް (ޤައުމެއް) ޚިޔާރުކުރައްވުމަށްފަހު ދަތުރަށް ހިގާނެ ޚަރަދު، ފިނިހޫނުމިން، އެކުގައި ދާނީ ކޮންބައެއްތޯ ނޫނީ އެކަނިތޯ ވިސްނެވުމަށްފަހު ޕްލޭނެއް ތައްޔާރު ކޮށްލައްވާށެވެ. މިއީ އުފާވެރި ވަގުތު ތަކެއް ހިޔާލާ ފިކުރުތަކާ ދުރުގައި ހުންނަވައިގެން ހޭދަކޮށްލެއްވުމަށް ވަރަށް އެދެވިގެންވާ ވަސީލަތެކެވެ. އެގޮތުން "ސްޓްރެސް" އިން ދުރުވެ ހާޓް އެޓޭކް ޖެހުމުގެ ނުރައްކަލުން ދުރުކޮށްދެއެވެ.
ވަށައިގެންވާ މުޖުތަމައުއާ ގުޅުން: ތިމާގެ ވަށައިގެން ވާ މާހައުލުގައި ހިނގާ ކަންތައްތަކާއި މީހުންނާ ގުޅުން ބަދަހިކޮށް އެކަންކަމުގައި އިސްނަގާ ބައިވެރިވެ ވޮލަންޓިއަރވެ އެހީތެރިކަން ފޯރުކޮށްދީ އުޅުމުން އެކަމުގެ އުފަލާ ހިތްހަމަޖެހުމުގެ އަސަރު ތިމާގެ އަމިއްލަ ނަފްސަށްވެސް ވަރަށް ހެޔޮގޮތުގައި ކުރެއެވެ.
ދުޅަހެޔޮ ދިރިއުޅުމެއް : ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުން ކުރުމާއި ގަވައިދުން ކަސްރަތު ކުރުމުގެ މުހިއްމުކަމަށް އިސްކަން ދެއްވާށެވެ. މިއީ ދުޅަހެޔޮ ދިރިއުޅުމަކަށް ވަރަށް އަސާސީ ދެކަންތަކެވެ. އެކްސަސައިޒް ކްލާހަކަށް ނުވަތަ ޖިމް އަކަށް ދާން އުޒުރުވެރިވާނަމަ ގޭގައި ވެސް އެކަމަށް ހާއްސަ ވީޑިއޯ ޓޭޕްއެއް ނުވަތަ އިންޓަރނެޓް މައުލޫމާތުގެ އެހީގައި ކުރެއްވިދާނެއެވެ. މި ކަމުގެ ހެޔޮ ބަދަލް ތައް ފެނިގެންދާނީ ހަމައެކަނި ހަށިގަޑުގެ ބޭރުން އެކަންޏެއްނޫނެވެ. މިއީ ތިމާގެ މިޒާޖާ ވިސްނުމާ، ކަންކަމާމެދު ވިސްނާ ގޮތް ބަދަލްވެ އުފާވެރިކަމާ ހަމަޖެހުން މަތީ ދެމި ހުރުމުގެ ވަރަށް މުހިއްމު ވަސީލަތެއް ކަމުގައި ވެދެއެވެ.
އަޅުކަން : ދީނުގެ ކަންކަމަށް ވަގުތުން ވަގުތަށް ސަމާލުވެ އިސްކަންދީ އުޅުމަކީ ރޫހާނީ ހިތްހަމަޖެހުމެއްގެ މަތީގައި ތާއަބަދު ތިމާގެ ނަފްސް ދެމިހުރުމަށް ކުރުން ކޮންމެހެން މަޖްބޫރު ކަމެކެވެ. ދިރިއުޅުމުގައި ދިމާވާ އެކިއެކި ހާލަތްތަކާއި ހިތްވަރާއި އިތުބާރާއެކު ކުރިމަތލައި އެކަންކަން އެންމެ އެކަށޭނެ ގޮތުގައި ބަލައިގަތުމާއި ކަންކަމުގެ ހައްލު ހޯދައި ވިސްނައިގަތުމުގެ ޤާބިލްކަން ލިބިގެންދިއުމުގެ އަސްލުވެސްމެއެވެ.
އުމުރުން 40،50 ނުވަތަ 60 އަށް އެޅުމަކީ އަދި މުސްކުޅިވީ ކަމުގައި ނުދެކޭށެވެ. އެއީ ދިރިއުޅުމުގެ ހަޔާތަށް އަންނަ އުފާވެރި "turning point" އެއް ކަމުގައި ދެކޭށެވެ.