

އޯލެވަލް އިމްތިހާނުން ދުނިޔޭގެ އެއްވަނާގައި ދިވެހި ކުއްޖަކު ފުރަތަމަ ފަހަރަށް ހިމެނިއްޖެ
ދުނިޔޭގެ ފެންވަރުގައި ނަގާ ކޭމްބްރޖް އިމްތިހާނުގެ އެއްމާދާއިން ރާއްޖޭގެ ދަރިވަރަކަށް އެއްވަނަ ލިބިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އޯލެވެލްގެ ގަދަދިހައެއް އިއުލާން ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޒާހިޔާ ޒަރީރު ވިދާޅުވީ ވޭތުވެދިޔަ އަހަރު ގަދަ ދިހައެއްގައި ހިމެނުނު ކުދިންގެ އަދަދު ކުރީ އަހަރަށްވުރެ މަދުނަމަވެސް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ވަނަތަކެއް މިދިޔަ އަހަރު ރާއްޖެއިން ހޯދާފައިވާ ކަމަށެވެ. ދުނިޔޭގެ ގަދަދިހައެއްގައި ރާއްޖޭގެ ކުދިންތަކެއް ހިމެނޭ ކަމަށާއި އަދި ކޮންމެވެސް އެއްމާއްދާ އަކުން ރާއްޖޭގެ ދަރިވަރަކު އެއްވަނަ ހޯދާފަައިވާ ކަމަށް ޒާހިޔާ ވިދާޅުވި އެވެ. އެހެންނަމަވެސް އެކަމަނާގެ ވާހަކައިގައި އެއީ ކޮން ދަރިވަރެއް ކަމެއް އަދި އެއްވަނަ ލިބުނީ ކޮން މާއްދާއަކުން ކަމެއްވެސް ހާމައެއް ނުކުރައްވަ އެވެ.
” ދަރިވަރު ބައިވެރިވި މާއްދާތަކުގެ ތެރޭގައި ދުނިޔޭގެ ފެންވަރު އެންމެ ރަނގަޅު ދިހަވަނައިގައި ކުދިން ކޮޅެއް ހިމެނިފައިވާ ކަމުގެ އުފާވެރި ޚަބަރު އިއްޔެ ކޭމްބްރިޖް އިންޓަނޭޝަނަލް އެގްޒަމިނޭޝަނުން ވަނީދެއްވާފައި. މިދަރިވަރުންގެ ތެރޭގައި ކޮންމެވެސް އެއްމާއްދާއަކުން މުޅިދުނިޔެއިން އެންމެ ރަނގަޅު ނަތީޖާއެއް މިއަހަރު ހޯދާފައި ވަނީ ދިވެހިކުއްޖެއް“ މިނިސްޓަރ ޒާހިޔާ ވިދާޅުވި އެވެ.
މީގެ އިތުރަށް މިނިސްޓަރ ވިދާޅުވީ މިއަހަރު ދުނިޔޭގެ ފެންވަރުގައި ވަނަތައް ހޯދާފައިވާ ކުދިންނަށް އިނާމުދިނުމަށްޓަކައި ކޭމްބްރިޖްގެ ޓީމެއް ރާއްޖެއައިސް މިމަހުގެ ތެރޭގައި ރާއްޖެއިން ދުނިޔޭގެ ގަދަދިހައަކަށް ހޮވުނު ދަރިވަރުންނަށާއި އަދި ދުނިއެއިން އެއްވަނައަށްއައި ދަރިވަރުގެ ނަން އިއުލާންކޮށް އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިއަހަރު ރާއްޖޭއިން އޯލެވެލްގައި ބައިވެރިވި ކުދިންގެ އަދަދު މަދުވި ނަމަވެސް ގަދަދިހައަކަށް ހޮވުނު ކުދިންގެ އަދަދު ވަނީ އިތުރު ވެފަ އެވެ. މިދިޔަ އަހަރު އޯލެވެލްގައި 6577 ކުދިންބައިވެރި ވެފަައިވާއިރު 2005ގައި ވަނީ 7666ކުދިން ބައިވެރިވެފަ އެވެ. އަދި ރާއްޖޭގެ ގަދަދިހައަކަށް ހޮވުނުކުދިންގެ އަދަދުވަނީ ކުރީއަހަރާއި އަޅާބަލާއިރު 60 ކުދިން އިތުރުވެފަ އެވެ. މިދިޔަ އަހަރު ގަދަދިހައަކަށް ހޮވިފައިވަނީ 197 ދަރިވަރުން ނެވެ.
ރާއްޖޭގެ 162 ސުކޫލަކުން ބައިވެރިވި ކޭމްބްރިޖް އިމްތިހާނުގައި މިއަހަރު އެއްވަނަ ސުކޫލަކަށް ހޮވިފައިވަނީ އަހުމަދިއްޔާ ސުކޫލެވެ. އެސުކޫލު އެއްވަނައަށް ހޮވިފައިވަނީ ރާއްޖޭގެ އެންމެ ބޮޑު ސުކޫލުކަމަށް ބެލެވޭ މަޖީދިއްޔާއާއި ވާދަކޮށް 34 ޕޮއިންޓްގެ ތަފާތުންނެވެ. ދެވަނައަށް މަޖީދިއްޔާ ހޮވިފައިވަނީ 83 ޕޮއިންޓުން ނެވެ. މިއަހަރު އަތޮޅުތަކުން އެންމެ ރަނގަޅު ސުކޫލަކަށް ހޮވިފައިވަނީ ދ.އަތޮޅު މަދަރުސާ އެވެ.