
ތުއްތު ދަރިފުޅަށް ފުދޭވަރަށް ގާތުން ދެވެން ހުރޭތަ؟
ދަރިފުޅު ބަނޑުބޮޑުވާވަރަށް ކިރު ނުހުންނަ ކަމުގެ ޝަކުވާ އަކީ ވަރަށް ގިނަ މައިން ކުރާކަމެކެވެ. މިގޮތަށް ކިރު އުފައްދާ މިންވަރު މަދު ވުމުގައިވެސް ސަބަބުތަކެއް ވެއެވެ. އަދި ކިރު އުފައްދާ މިންވަރު ހަޤީޤަތުގައިވެސް މަދުވީ ކަމުގައި ބެލުމުގައިވެސް މިންގަނޑު ތަކެއް ހުރެއެވެ. ފުރަތަމަ ދަރިފުޅަށް ގާތުން ދޭން ފަށާއިރު ލީކްވާ ވަރަށް ހުރެފައި ފަހުން އެގޮތަށް ލީކް ވުން ހުއްޓުމުންވެސް ކިރު އުފައްދާ މިންވަރު މަދުވީކަމަށް ބައެއް މައިން ބަލައެވެ. ނަމަވެސް ހަޤީޤަތަކީ ލީކް ވާވަރަށް ކޮންމެހެން ކިރު އުފައްދާކަށް މުހިއްމެއް ނޫނެވެ. ދެވަނަ ކަމަކީ ދަރިފުޅަށް ގާތުން ދިނުން ކޮންމެވެސް ތާވަލަކަށް އެޅުމުން ދަރިފުޅަށް ކިރުބޭނުންވާ ވަރު މައިމީހާގެ ހަށިގަނޑު ދެނެގަނެއެވެ. އަދި އެވަރަށް ކިރު އުފައްދަން ފަށައެވެ. އަދި ގާތުން ދޭ ގަޑިތައް މަދުވެ ނުވަތަ ދުރުވުމުގެ ސަބަބުން ވެސް ކިރު އުފައްދާ މިންވަރު މަދުވެއެވެ. މިސާލަކަށް ވިހެއުމަށްފަހު މައިމީހާގެ ވަޒީފާއަށް އެނބުރި ދިއުމުން ގާތުންދޭ ގަޑިތަކަށް ބަދަލު އާދެއެވެ. މިގޮތަށް ގަޑިތަކަށް ބަދަލު އައުމުން ބައެއްކުދިން ގާތުން ބޯން ބޭނުންނުވެއެވެ.
މިހެންވުމުގެ ސަބަބުންވެސް ކިރު ހުންނަ މިންވަރު މަދުވެއެވެ. މިއީ ކިރު އުފެއްދުން މަދު ވުމެއް ނޫނެވެ. ބަލަންވީ އަވަސް އަވަހަށް ގާތުން ޖެއްސޭތޯއެވެ. ދުވާލު ނަމަ ކޮންމެ ދޮޅުގަޑި އިރަކުން ނުވަތަ ކޮންމެ ދެގަޑި އިރަކުން ޖައްސާށެވެ. އަދި ރޭގަނޑު ކޮންމެ ތިން ގަޑިއިރަކުން ޖައްސާށެވެ. އަދި ޖައްސާއިރު ދެފަރާތުން އެއްވަރަށް ދޭށެެވެ. ދަރިފުޅު ގިނައިން ބޯން ބޭނުންވާ ނަމަ އެވަރަށް ކިރު އުފެދޭނެއެެވެ.
ނަމަވެސް ބައެއް ޙާލަތްތަކުގައި ދަރިފުޅު ބަނޑު ބޮޑުވާވަރަށް ކިރު ނުހުރެ ދެއެވެ. މިހެން ދިމާވާ ވަރަށް ގިނަ ސަބަބުތަކެއް ހުރެއެވެ. މީގެ އެންމެ މައިގަނޑު އެއް ސަބަބަކީ ފިކުރު ބޮޑުވުމެވެ. ހަށިގަނޑަށް އަންނަ ކޮންމެ ބަދަލަކާއި އެންމެ ބޮޑަށް ގުޅިފައިވަނީ ހާސްވުމާއި ފިކުރުބޮޑުވުމާ ހަށިގަނޑަށް އަރާމް ނުލިބުމެވެ. ވީމާ ހާސްވެ ފިކުރުކުރަންޖެހޭ ކަންތައްތައް ހައްލުކުރާށެވެ. ނުވަތަ އެފަދަ ކަންކަން އެއްފަރާތަަކަށް ޖައްސާލާށެެވެ. ވަޒީފާއެއްގައި އުޅޭނަމަ މަސައްކަތްތައް އެހެން މީހުންނާއި ހަވާލުކުރުމަށްފަހު ކިރުއުފެދުމުގެ މިންވަރު ހަމައަކަށް އެޅެންދެން އެކަންތައްމަތިން ހަނދާން ނައްތާލާށެވެ. ދަރިފުޅަށް ގާތުން ދިނުމަށްޓަކައި އެއްވެސް އުނދަގުލެއްނުވާ ހަމަހިމޭން ތަނެއް ޚިޔާރު ކުރާށެވެ. މިވަގުތަކީ މަންމައާއި ދަރިފުޅު އެކަނި ހޭދަކުރާވަގުތަކަށް ހަދާށެވެ.
އުނދަގުލެއް ނުވާނަމަ ދަރިފުޅު ބަނޑު ފުރެންދެން ބޯން ބާއްވާށެވެ. ދަރިފުޅު ބަނޑު ފުރުމުން ގިނަ ފަހަރަށް ނިދޭނެއެެވެ. އަދި މިވަގުތު އަރާމް ކުރާށެވެ.
ގިނައިން ފެންބޯށެވެ. ހަށިގަނޑުން ފެން މަދުވުމަކީ ކިރުއުފެދުމަށް ހުރަސް އެޅޭކަމެކެވެ. ކޮންމެ ދުވަހަކު އެންމެ މަދުވެގެން 12 ތަށިފެން ބޯން އާދަކުރާށެވެ. އެންމެ ރަގަޅީ ދަރިފުޅަށް ގާތުން ދޭގަޑީގައި ފެން ބުއިމެވެ. އޭރުން ހަނދާންވެސް ހުންނާނެއެވެ. އަދި ހަމައެގޮތަށް ޖޫސް ބުއިމުންވެސް މިކަމަށް އެހީތެރިކަމެއް ލިބޭނެއެވެ.
އުރަމަތި ލުއިކޮށް މަސާޖްކުރާށެވެ. ދަރިފުޅަށް ގާތުން ދިނުމުން ކިރުއުފެދޭ ސަބަބުތަކުގެ ތެރޭގައިވެސް ދަރިފުޅަށް ގާތުން ދޭއިރު އެލިބޭ ލުއި މަސާޖް ހިމެނެއެވެ. ފެންވަރާއިރު ނުވަތަ ދަރިފުޅަށް ގާތުންދޭ އިރު މަސާޖް ކުރާށެވެ. މިގޮތަށް މަސާޖްކުރުމުން ދަރިފުޅު ކިރު ނުބުއި ކަމުގައި ވިޔަސް ދަރިފުޅު ކިރު ބޯކަމުގެ ސިގްނަލް ލިބޭނެއެވެ. އަދި ކިރު އުފެދުމުގެ މިންވަރު އިތުރު ވެއެވެ.
ކެއ
ުމުގައި ހިމެނޭ ބާވަތްތަކަށް ވަރަށް ބޮޑަށް ސަމާލުވާށެވެ. ލުއިކާނާ އާއި ކެފެއިން ހިމެނޭ ބުއިން ތަކަކީ ގާތުންދޭ މައިންނަށް އެއްގޮތަކަށްވެސް ކަމުދާ އެއްޗެއްސެއް ނޫނެވެ. މީގެ ބަދަލުގައި މޭވާ ޖޫސް، ވިޓަމިން އިން މުއްސަދިވެފައިވާ ތަރުކާރި އަދި ގިނައިން ޕްރޮޓީން ހުންނަ މަސް ކެއުމުގައި ބޭނުން ކުރާށެވެ. ގާތުން ދޭމައިންގެ ކެއުމުގައި އާއްމުކޮށް ކާވަރަށްވުރެ އިތުރު 500 ކެލަރީ ހިމަނަން ޖެހޭނެއެވެ. ނަމަވެސް ބައެއްމައިން ޚާއްސަކޮށް އަލަށް މަންމައިންނަށްވާ އަންހެނުންގެ އެންމެ ބޮޑު ބިރަކީ ބަރުދަން އިތުރުވުން ކަމަށްވުމުން ބޭނުންވާ ކާނާގެ މިންވަރު ރަގަޅަށް ނުލިބުމުގެ ސަބަބުން ކިރުއުފެދުމަށް ހުރަސްތަކެއް އެޅެއެވެ.
ހަނދާންކުރަންވީ އެންމެ މުހިއްމު އެއްކަމަކީ މައިމީހާގެ ކެއުމުގައި ހަށިގަނޑަށް ފައިދާހުރި ބާވަތްތައް ހިމެެނިގެން ނޫނީ ދަރިފުޅަށް ރަގަޅު ކާނާއެއް ނުލިބޭނެއެވެ. އަދި ތުއްތުދަރިފުޅު ބަލިތަކުން ދިފާޢު ކުރުމާއެކު މައިމީހާއާއި ދަރިފުޅާއި ދެމެދު އޮންނަ ގުޅުން ވަރުގަދަ ކޮށް ދިނުމުގައި ގާތުން ދޭ ކިރު އަދާ ކުރާ ދައުރަކީ މިހާތަނަށް ސައިންސް ހޯދާފައިވާ ހޯދުންތަކަށްވެސް ގޮންޖަހާވަރުގެ ފުރިހަމަ ދައުރެކެވެ.