ގަޑިޖެހެނީ .... ދެން ހަދާނީ ކިހިނެއް؟

އޮކްޓޫބަރ 7 2008، 18:19 1 ޚިޔާލު

ގަޑިއަށް ހުރުމަތްތެރިކޮށް ހިތުމަކީ މީހުންގެ ކުރިމަތީގައި ތިމާގެ އިތުބާރާއި އަގު ހިފެހެއްޓުމުގައި ވަރަށް މުހިއްމު ރޯލެއް އަދާ ކުރާ ކަމެއްކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އެހެނަސް ދިރިއުޅުމުގެ ބައެއް ކަންތައްތައް ހުންނަ ގޮތުން “ގަޑިޖެހިގެން ހާޟިރުވާ މިހާ” ގެ ލަދުވެތި ލަޤަބް ޙާސިލް ކުރަން ޖެހިފައިވާ މީހުން އަޅުގަނޑުމެންގެ ތެރެއިން އަދިވެސް މަދުން ނަމަވެސް ފެންނަމުން ދެއެވެ. ތިބާއީ އަބަދުވެސް ގަޑިއަށް ކޮންމެތަނަކަށްވެސް ހާޟިރުވާ ގަޑިއަށް ޚާއްސަ އަހަމިއްޔަތު ކަމެއް ދޭ ފަރާތެއް ނަމަ އެއާ ޚިލާފަށް ގަޑިޖެހިގެން ނުވަތަ ވަގުތު ކުޑަތަންވާ ފަހުން ހާޟިރުވަނީ ކިހާ މީހުންނެއްކަން ފާހަނގަ ކުރެވި ބައެއް ހާލަތްތަކުގަ އެކަމާ ތިބާއަށް އުދަގޫ އިހްސާސް ވުން ވެސް އެކަށީގެންވެއެވެ. އެހެންނަމަވެސް، އެ ލަހުން ހާޟިރުވާ މީހާއަކީ ޚުދު ތިބާ ކަމުގައިވުންވެސް ދުރެއް ނޫނެވެ. ޚާއްސަކޮށް އަމިއްލަ އަށް ކަންތައް ކޮށް ނޫޅެވޭ ވަރުގެ ކުއްޖެއް ނުވަތަ ކުދިންތަކެއް ބެލުމުގެ ޒިންމާ އުފުލަމުންދާ މަންމަ އެއް ނަމައެވެ. އެހެންކަމުން ތިރީގައި އަޅުގަނޑު މި ހިމަނާލަނީ މިފަދަ ހާލަތްތަކުގައި ދިރިއުޅުމުގެ އާއްމު ބައެއް ކަންތައްތައް ރާވާލާނެ ގޮތުގެ ކުޑަ މިސާލުކޮޅެކެވެ.

1. އަޒުމް ކަނޑައެޅުން

މިސާލަކަށް، ތިޔައީ ޕްރޮގްރާމެއްގެ ޕްރެޒެންޓަރެއް ނަމަ ތިބާ ގަޑީގެ ކުރިން ހާޒިރުވެ އެ ޕްރޮގަރާމް އަށް ވަގުތު ހުސްކޮށްގެން އިނދެ ވަގުތު ފާއިތުވެގެން ދާއިރުވެސް އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ބޭނުން ވާ މެހެމާނުން ހާޟިރުނުވުމުގެ ސަބަބުން ތިބާގެ އަގުހުރި ވަގުތު ތަކެއް ބޭކާރު ވެގެންދާން ޖެހިއްޖެނަމަ އެކަމުގެ ސަބަބުން ޚުދު ތިމާ އިހްސާސް ކުރަން ޖެހޭނެ ހިތްހަމަނުޖެހުމާއި ނުރުހުން ދަނެ އެފަދަ މީހަކަށް ތިމާ ނުވުމަށް ވިސްނާ ޢަޒުމް ކަނޑައަޅާށެވެ. މީޓިން ތަކަށާއި، އޮފީހަށް ނުވަތަ އާދައިގެ އާއިލީ ހަފްލާ އަކަށް ވިޔަސް ގަޑީގެ ކުރިން ދިއުމަށް މަސައްކަތް ކުރާށެވެ.

2. ގަޑި ސެޓްކުރުން

ގޭގައި އެކި ދިމަ ދިމާލުގައި ބެހެއްޓިފައި ހުރި ގަޑިތަކާއި އަތުކުރީގަޑިވެސް 10 މިނެޓް ކުރިއަށް ސެޓް ކޮށްފައި ބަހައްޓާށެވެ. މިހެން ހެދުމުން ޚުދު ތިމާވެސް އެގަޑި އާ އެއްވަރަށް ސެޓް ވެވި ގަޑީގެ 10 މިނެޓް ކުރިން އަބަދުވެސް އެތަނަކަށް ހާޟިރުވާން އާދަ ވެގެން ދެއެވެ.

3. ޕްލޭންކުރުން

ތަނަކަށް ގަޑިއަކަށް ދިއުމަށް ވިސްނާއިރު، ކުރީބައިގައި އެތަނަކަށް ދާނީ ކިހިނެއް ކޮން ގޮތަކަށް ކަމާއި، އެތަނަކަށް ހާޟިރުވެ ހުންނަން ޖެހޭ ވަގުތަކީ ކޮބައިކަމާ، އެތަނަކަށް ދިއުމަށް ދަތުރު ފަށާނީ ކިހާއިރަކު ކަމާ، ދިއުމުގެ ކުރިން ކެއުމަށާއި، ފެންވަރާ، ހެދުން އަޅާ، އިސްތަށިގަނޑު ސެޓް ކުރުމަށާއި ގެންދަން ބޭނުންވާ ސާމާނު ތައް އެއްކުރުމަށް ނަގާނީ ކިހާ ވަގުތެއް ކަން ވިސްނާ ޕްލޭން ކޮށްލާށެވެ. މިހުރިހާ ކަމަކަށް ނަގާނެ ކަމަށް ލަފާ ކުރާނެ ވަގުތު ޖުމްލަ ކޮށްލުމަށްފަހު އެހާ ވަގުތުގެ ކުރިން ތައްޔާރު ވާން ފެށުމުން އެއްވެސް ހާސްކަމެއްނެތި ތައްޔާރު ވެލައިގެން ގަޑިއަށް ހާޟިރު ވުމަކީ ވަރަށް ފަސޭހަ ކަމަކަށް ވެގެންދާނެއެވެ.

4. ކުއްލި ހާލަތްތަކަށް ޕްލޭންކުރުން

: ވަގުތާއި ހަލަތާއި ނުގުޅޭ ފަދަ ދިމާވެދާނެ ކުއްލި ހާލަތްތަކަށް، ACCIDENTIAL/INCIDENTIAL ) ( މިސާލަކަށް، ތަޅުދަނޑިފަތި ބޭއްވުނު ތަނެއް ނޭގުން، ކުޑަދަރިފުޅު ޕުއްޕު ލެވުން ނުވަތަ ޖޫސްތަށި ބަންޑުވުން ފަދަ ކަމެއް ކުރިމަތި ވެދާނެ ކަމަށް ތައްޔާރުވެ ހުރުމުން މިފަދަ ހާލަތެއް ކުރިވުމުގެ ސަބަބުން ގަޑިޖެހިގެން ދާކަށް ނުޖެހޭނެއެވެ. މިހެންދެންނެވި ކަމުގައި ވިޔަސް ގަޑިޖެހުމަށް ބަހަނާތައް ވަރަށް ގިނައެވެ. އެހެންނަމަވެސް ހުރިހާތަނަކަށްވެސް ގަޑިއަށް ދިއުމުގެ އަޒުމް ހިތުގައި ކަނޑައަޅާފައިވާ ނަމަ އެފަދަ ހުރިހާ ކަމަކަށް ޕްލޭން ކުރެވެން ވާނެއެވެ. އެއީ މަގުމަތީގައި ދިމާވެދާނެ ޓްރެފިކްގެ ދަތިތަކަށް ކަމަށް ވިޔަސްވެސް މެއެވެ. އަދި ޕްލޭންއެއް ކޮށްފިނަމަ އެ ޕްލޭންއަކާ އެއްގޮތަށް އަމަލް ތައް ބަަހައްޓަންވެސް އާދަ ކުރަންވަނެއެވެ. އަދި ގަޑީގެ ކުރިން ކުރެވެން ހުރި ކަމެއްނަމަ ތައްޔާރު ވެލުމުގެ ގޮތުން ކުރީބައިގައި އެފަދަ ކުދި ކަންތައްތައް ކޮށް ނިންމާލުންވެސް ވަރަށް ބުއްދިވެރި ކަމަށް ފެނެއެވެ.

ކުރިންވެސް ބުނެވުނު ފަދައިން ގަޑިއަށް ސަމާލުވެ ފަރުވާތެރިކަން ބެހެއްޓުމަކީ މީހުން ތިމާއާދޭތެރޭ ޚާއްސަ ނަޒަރަކުން ދެކޭނެ ކަމެއްކަން ކަށަވަރެވެ. ޚާއްސަކޮށް ތިމާއަކީ އަދާކުރާ ވަޒީފާގެ ގޮތުންނާއި މަޤާމްގެ ގޮތުން އެހެން މީހުންނަށް ނަމޫނާ އަކަށް ވާންޖެހޭ މީހެއްނަމަ އެކަން ދެން ތިބި މީހުންވެސް ބަލައިގަންނާނީ ވަރަށް ވެސް އެދެވޭ ގޮތަކަށް ކަން ގައިމެވެ. މީގައި ގަޑިން ގަޑިއަށް އަޅުގަނޑުމެންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ނަމާދަށް ރައްކާތެރިވުން އެއީ އެއްމެ މުހިއްމު އެއްކަމެވެ. ވަގުތަށް ސަމާލުވުމުގެ އެއްމެ ފުރިހަމަ ރަމްޒެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ވަރަށް ރަނގަޅު އާރޓިކަލްއެއް!!...މި ކަހަލަ އާރޓިކަލްތައް ގިނަކުރުން ވަރަށް މުހިއްމު ކަމަށަ ފެނޭ!!...

    ހޯމަ، އޮކްޓޫބަރ 13 2008، 08:48
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv