ހިތަދޫ ވަގުންގެ ހާއްޔަކަށް ވެއްޖެ

އިސްމާއީލް ރަޝީދު އޭޕްރީލް 13 2007، 19:37 0 ޚިޔާލު

ހިތަދޫ ވަގުންގެ ހާއްޔަކަށް ވެއްޖެ ސ. ހިތަދޫ މިހާރު ވަނީ ވަގުންގެ ހާއްޔަކަށްވެފައި ކަމަށް އެ ރަށުގެ ވިޔަފާރިވެރިންނާއި ބައެއް އާންމުން ބުނެފި އެވެ.

ހިތަދޫގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ފަޒާ އިންވެސްޓްމަންޓުގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ މާލޭ ފިޔަވާ އެންމެ އާބާދީ ބޮޑު ހިތަދޫގައި ފަހަކަށް އައިސް ވައްކަންތައް ގިނަވެ ވަގުންގެ ދުއްތުރާ އިންތިހާ އަށް ބޮޑުވެފައިވާ ކަމަށެވެ.

” މެންދުރެއް ރޭގަނޑެއް ނެތް ވަގުންނަކަށް. ވަރަށް ރަނގަޅަށް ސެކިއުރިޓީ ބަލަހައްޓާ ތަންތަން ވެސް ދަނީ ފަޅާ, ވައްކަން ކުރަމުން,“ ފަޒާ އިން ހިންގާ އެފް ވަން ފިހާރަ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އޭނާ ބުނީ އެ ފިހާރަ ވެސް މިދިޔަ މަހުގެ 30 ވަނަ ދުވަހު ފަޅާލައި 11 މޮބައިލާއި ސްކޭނަރަކާއި ކެމެރާއެއް ވަގަށް ނަގާފައިވާ ކަމަށެވެ. އެ ތަކެތީގެ އަގު ގާތްގަނޑަކަށް 65،000 ރުފިޔާ އަށް އަރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ އެ ފިހާރަ ފަޅާލާފައިވަނީ ހުކުރު ދުވަހުގެ ހަތަކާއި ދޭކާ ދެމެދުގައި ކަމަށާއި އެ ނޫން ހުރިހާ ވަގުތެއްގައި ސެކިއުރިޓީ ބަލަހައްޓަމުން ގެންދާ ކަމަށެވެ.

”މި ފިހާރައަކަށް ނޫން ހުރިހާ ފިހާރައަކަށާއި މީހުން އުޅޭ ގޭގެ އަށް ވެސް ވަނީ ވަގުންގެ އުނދަގޫ ބޮޑުވެފައި,“ ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ. ހިތަދޫގައި މިދިޔަ ހަފުތާގައި ފަޅާލާފައިވާ ދެ ވަނަ ފިހާރައަކީ އެ ރަށު ނައީމީ ސްޓޯރު ކަމަށާއި އެ ތަނުން ވެސް ވަގަށް ނަގާފައިވަނީ މޮބައިލް ކަމަށް އެ ފިހާރައިން ބުންޏެވެ.

އެ ފިހާރައިގެ ވެރިޔާ އަލި މަނިކުފާނު ބުނީ އޭނާގެ ފިހާރަ ފަޅާލާފައި ވަނީ މަތިން ޓިނު ނަގައިގެން ކަމަށާއި ވަގުން އެކަން ކޮށްފައިވަނީ ސެކިއުރިޓީ ބެލުމަށް ބޭނުން ކުރާ ކެމެރާގައި ފޮތި އަޅާފައި ކެމެރާތަކަށް އެ މީހުން ނާރާގޮތަށް ހެދުމަށް ފަހު ކަމަށެވެ. އެ ފިހާރައިން ވަގަށް ނަގާފައިވާ ތަކެތީގެ އަގު 28،550 ރުފިޔާ އަށް އަރާނެ ކަމަށް އަލި މަނިކުފާނު ބުންޏެވެ.

ހިތަދޫ ބޮޑު ކަތީބު ހަސަން ލަތީފު ވިދާޅުވީ 13،000 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ހިތަދު އަށް މިހާރުވަނީ ވަރަށް ބޮޑު ބިރުވެރިކަމެއް ވެރިވެފައި ކަމަށެވެ. އެ ބިރުވެރިކަމަކީ ގިނަ އަދަދެއްގެ ކުށްވެރިންތަކެއް ދޫކޮށްލުމާ ގުޅިގެން ވައްކަންތައް ގިނަވެގެން ގޮސް ވައްކަން އާންމުވާ ހިސާބަށް ކަންތައްތައް ދިއުމުން ކަމަށެވެ.

އޭނާ ވިދާޅުވީ މަހެއްހާ ދުވަހުގެ ތެރޭގައި ގިނަވައްކަންތަކެއް ކޮށްފައިވާ ކަމަށާއި މީގެ 10 ވަރަކަށް ދުވަހުގެ ތެރެގައި މާ ބޮޑަށް ވައްކަން އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ ދެ ދުވަހުގެ ތެރޭގައި ވައްކަންތައް މަދުވެފައިވާ ކަމަށް ބޮޑު ކަތީބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވައްކަންކުރުން ގިނަވުމާއެކު ރަށު ތެރެބެލެހެއްޓުން އިތުރުކުރުމަށް ފުލުހުންނާ ވާހަކަ ދައްކައިގެން އެކަން ވެސް ކުރަމުންގެންދާ ކަމަށެވެ.

”އެ ބޭފުޅުންގެ އަތުގައި ވެހިކަލް މަދުވާހަކަލަ ވިދާޅުވުމުން ރަށު އޮފީހުގެ ވެހިކަލް ވެސް އޮޕަރޭޝަނުގައި ބޭނުންކުރަން ދީގެން މިއުޅޭނީ. މިއީ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން އުޅޭ ކަމެއް ކަމަށް ބެލެވެނީ.“ ބޮޑުކަތީބު ވިދާޅުވި އެވެ.

ލަތީފު ވިދާޅުވީ ނުއަގުގައި އަޑުބޮޑެތި ފޯނާއި އެ ނޫން ވެސް ތަކެތި ވިއްކާކަމުގެ މައުލޫމާތު ލިބޭ ކަމަށާއި އެ ފަދަ ކަންތައްތައް ގިނައިން ކުރަނީ މަސްތުވާތަކެތީ ބޭނުން ކުރާ މީހުންކަމަށް ލަފާކުރެވޭ ކަމަށެވެ.

އެ ރަށުން ވާހަކަ ދެއްކި މީހުން ބުނާގޮތުގައި ރަށު ތެރެ ބެލެހެއްޓުމަށް ވަނީ އެ މަސައްކަތް ކުރާ ބަޔަކަށް ނުކުޅެދިފަ އެވެ. އެކަމުގެ ސަބަބުން މުޅި ރަށުގައި ވަގުންގެ ބާރު ގަދަވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ރަށު އޮފީހުން ބުނީ މިދިޔަ އަހަރު ތެރޭގައި ވެސް ރަށު ތެރޭގައި ވައްކަމުގެ މައްސަލަތައް އިތުރުވެގެން އުޅުނު ކަމަށާއި އެ ފަހަރު ވެސް މައްސަލަ ހައްލުވީ ރައްޔިތުން ނުކުމެ ވަގުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ފެށުމުން ކަމަށެވެ.

”އެ ނޫން ގޮތެއް މިފަހަރު ވެސް އޮތް ކަމަކަންނުފެނޭ. ފުލުހުންނަށް މި ރަށު ތެރެ ނުބެލެހެއްޓޭ ކަމަށް ފެންނަނީ. މިއީ ވެސް ކުޑަ ތަނެއް ނޫން,“ އެ ރަށުން ވާހަކަ ދެއްކި އިބްރާހީމް ހުސައިން ކިޔާ މީހަކު ބުންޏެވެ.

އޭނާ ބުނީ ވަގުންގެ ކަންތައްތައް ހައްލުނުވާ ނަމަ ރައްޔިތުން ނުކުންނަ ހިސާބަށް ދިއުމަކީ ވަރަށް ކައިރީގައިވާ ކަމެއް ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނީ ހިތަދޫގައި ހިނގާ ވައްކަންތައް ހުއްޓުވުމަށް މަސައްކަތް ކުރަމުންގެންދާކަމަށެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv