
ޑީއާރުޕީ : ޑިމޮކްރަސީގެ ނަމޫނާ މިސާލެއް | ކޮންމެ ކަމެއް ނިންމާފައިވަނީ ޒައީމަށް ފަހިވާ ގޮތަށް
ރާއްޖޭގެ ހާލަތު ސިޔާސީވެގެން އައިސްފައި ވަނީ ވަރަށް އެހެން ކަހަލަ ގޮތަކަށެވެ. ސިޔާސީ ބަދަލުތަކެއް ގެނައުމަށް އެތައް ބަޔަކު ބޭނުންވެގެން ތިއްބާ ސަރުކާރުން ވަނީ ފުރަތަމަ ހަދަން އުޅުނު ޕާޓީއަށްވެސް ހުއްދަ ނުދީ ސިޔާސީ ކުރި މަރާލާފައެވެ.
އެހެން ނަމަވެސް މާލެތެރޭގައި އުފެދުނު ހަމަނުޖެހުންތަކަކާއި ބޭރާއި އެތެރޭގެ ޕްރެޝަރުން ޑރ.ހަސަން ސައީދުގެ ބަންޑާރަ ނައިބު ކަމުގައި ޕާޓީ އުފެއްދުމަށް ހުއްދަ ދެވުނެވެ. އެ ހިސާބުން ރާއްޖޭގެ އުދަރެހުން އިސްލާހުގެ ބަސް ވިދަން ފެއްޓިއެވެ. އޭގެ ކުރީގައި އިސްލާހަކީ މީހުން ދަންނަ އެއްޗެއް ކަމުގައިވެސް ނުވެއެވެ.
ސަރުކާރު ހިންގުމާއި ހަވާލުވެތިއްބެވި ބޭފުޅުން އިސްލާހީ އެޖެންޑާގެ ނަމުގައި އިސްލާހުތަކެއް ކުރުމަށް ހުށަހެޅިއެވެ. އަދި އެބޭފުޅުން އިސްވެ ތިއްބަވައިގެން ޕާޓީއެއް އުފައްދައި ސަރުކާރު މުވައްޒަފުންނާއި އިސް ސަފުގައި ތިއްބެވި ހުރިހާ އެންމެން ކަހަލަ ގޮތަކަށް ޕާޓީއަށް ވަދެ ރަޖިސްޓްރީ ކުރިއެވެ. ގޯހެއް ނޫނެވެ. 30 އަހަރުގެ ވެރިކަން އިތުރަށް ދެމެހެއްޓުމަށް ދެން ބޭނުންވާ ފަންޑިތަވެސް ހެއްދެވީއެވެ.
ދެން ފެނިގެން ދިޔައީ އިސްލާހީ އެޖެންޑާގައިވާ ގޮތަށް ގާނޫނޫ އަސާސީ އިސްލާހު ކުރުމާއި ގިނަ ސިޔާސީޕާޓީ ހިމެނޭ ނިޒާމެއްގައި ވޯޓް ނެގުމަށް ތައްޔާރު ވުމަށް ކުރަން ޖެހުނު ކަންތައްތަކެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަ ވެގެން ދިޔައީ އިންތިގާލީ މަރުހަލާގެ ކަންތައްތައް ހިނގާނޭ ގޮތުގެ ނިންމުން ތަކެވެ.
މަޖުލީހުގެ މުގުލުގައި ޑީއާރުޕީން ތިބެ ގިނަ މެމްބަރުންތަކެއް އެޕާޓީން ކޮންޓްރޯލް ކުރަމުންދާއިރު ފުރަތަމައަށް ފެނިގެން ދިޔައީ އިސްލާހު ކުރެވުނު ގާނޫނަށް އިންތިގާލީ ބާބެއް ނުވެއްދުމަށް މަސައްކަތް ކުރި ތަނެވެ. އެހެން ނަމަވެސް އިދިކޮޅު ގިނަ މެމްބަރުންތަކެއްގެ ހަޅޭކާއި ކުރި މަސައްކަތުން އިންތިގާލީ ބާބެއް ހިމެނިއިރުވެސް އެބާބަށް ވަނީ ކިލަނބުކަން ގެނުވާފައެވެ.
އިންތިގާލީ ބާބެއް ހުށަހެޅުމުގެ އެންމެ ބޮޑު ރޫހަކީ އިންތިގާލީ މަރުހަލާގައި ކުރިއަށް އޮތް އިންތިހާބުގައި ވާދަ ނުކުރައްވާނެ ބޭފުޅަކު ވެރިކަމުގައި ބެހެއްޓުމެވެ. އެއީ އިންތިހާބުގެ ތެރޭގައި ވަކި މީހަކަށް ނުފޫޒު ފޯރުވުމުގެ ބާރުތައް ނުދިނުމަށެވެ. އެހެން ނަމަވެސް ކަންތައްތައް ވެގެން ދިޔައީ މުޅިން ތަފާތު ކޮށެވެ. އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ބޭއްވި ހާއްސަ މަޖުލީހުގެ ޖަލްސާގައި ފާސްކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫނާއި އޭނާގެ ކެބިނެޓް އިންތިގާލީ މަރުހަލާގައިވެސް ވެރިކަން ކުރުމަށެވެ. މ. އަތޮޅު މެންބަރު އަނީސާ އަހްމަދު ހުށަހަޅުއްވައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރު މުހައްމަދު އަނިލް ތާއީދުކުރެއްވި, އިންތިގާލީ ކަންތައްތަކާ ބެހޭ ބާބުގެ 32 ނަންބަރު ހުށަހެޅުން, އިދިކޮޅު މެންބަރުންގެ ދެކޮޅު ހެދުމާއި ހަޅޭއްލެވުމުގެ ތެރެއިން ފާސްވެގެން ދިޔައީ, 61 ވޯޓު ލިބިގެނެވެ. މިއީ ދުނިޔޭގެ އެހެން ޑިމޮކްރަސީތަކާ ހިލާފަށް އިންތިގާލީ މަރުހަލާއެއްގައި ދެން އޮންނަ އިންތިހާބެއްގައި ވާދަ ކުރައްވާނެކަން އިއުލާން ކޮށްފައިވާ ބޭފުޅަކު ވެރިކަން ކުރައްވާ ފުރަތަމަ ފަހަރެވެ.
ދެން ފެނިގެން ދިޔައީ މަޖުލީހުގައި ތިއްބަވާ ރައީސްގެ 8 މެމްބަރުންވެސް އިންތިގާލީ މަރުހަލާގައި ބޭތިއްބުމަށް ފާސްކުރި ތަނެވެ. މިއީ އިންތިގާލީ މަރުހަލާގައި ނިންމަން ޖެހޭ ކަންތައްތަކަށް މަޖުލީސް މެދުވެރިކޮށް ނުފޫޒު ފޯރުވުމަށް ކުރި ކަމެކެވެ.
އިންތިގާލީ ބާބުގެ ކަންތައްތައް އަމިއްލަ ޕާޓީއަށް ފަހިވާ ގޮތަށް ފާސް ކުރުމަށްފަހު ދެން ފެނިގެން ދިޔައީ އިންތިގާލީ މަރުހަލާގައި އުފައްދަން ޖެހޭ މިނިވަން މުއައްސަސާތައްވެސް އަމިއްލަ ޕާޓީއަށް ފަހިވާ ގޮތަށް ފާސްކުރި ތަނެވެ.
މަޖުލީހުގައި ތިބޭ މެމްބަރުންގެ އަދަދު ފުރަތަމަވެސް 9 އަކުން ގުނަން ފެށޭ ޑީއާރުޕީން އިންތިހާބުގައި ބޭނުން ގޮތަކަށް ކަންތައްތައް ކުރުމަށް ކަންކަން ފާސްކުރަމުންދަނީ ހަލުވިކަމާއެކުގައެވެ. އިންތިގާލީ އިލެކްޝަން ކޮމިޝަނަށް ޕާޓީތަކުން މެމްބަރުން ނަގައިގެން އެކުލަވާލުމަށް ނިންމާފައި ވަނިކޮށް ގާނޫނު އަސާސީގައި ބުނާ ރޫހާ ހިލާފަށް ގޮނޑި ކޮއްކޮ ދެ ޕާޓީއެއްގެ ދެ މެމްބަރުން ހިމެނޭ ގޮތަށް ވަނީ އެކުލަވާލާފައެވެ.
މިމަހުގެ ހަތަރު ވަނަ ދުވަހު އެމްޑީޕީންވެސް ތާއީދުކޮށްގެން ހޮވާފައިވާ އިލެކްޝަން ކޮމިޝަނުގައި ހިމެނެނީ ކުރިއަށް އޮތް އިންތިހާބުގައި ޑީއާރުޕީއަށް ވާގިވެރިވުމަށް ނިންމާފައިވާ ޕީޕަލްސް ޕާޓީއާއި މޯލްޑިވިއަން ސޯޝަލް ޑިމޮކްރަޓިކް ޕާޓީއާއި އިދިކޮޅު އެމްޑީPީއާއި އައިޑީޕީގެ މެމްބަރެއްގެ އިތުރަށް ޑީއާރުޕީގެ މެމްބަރެކެވެ. އެހެން ކަމުން އިލެކްޝަން ކޮމިޝަނުގެ އަގުލަބިއްޔަތު ގޮސްފައި ވަނީ ޑީއާރުޕީއަށެވެ. ދެން ފެނިގެން ދިޔައީ އިންތިގާލީ މަރުހަލާގެ ސްޕްރީމް ކޯޓްވެސް އެޕާޓީއަށް ފަހިވާ ގޮތަށް ފާސްވެގެން ދިއަ މަންޒަރެވެ.
މީގެ އިތުރަށް އެންމެ ބޮޑު ހައިރާން ކަމެއް ގެނުވީ މައުމޫނުގެ މެނިފެސްޓޯ އިއުލާން ކުރެއްވި އިރު އޭގައި 160 ވައުދު ހިމެނިފައިވީ އިރު އެއިގެ ތެރެއިން އެއްވެސް ވައުދެއް ނުފުއްދިއްޖެ ނަމަ އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވި ވިދާޅުވުމެވެ.
” އަޅުގަނޑުގެ މެނިފެސްޓޯގައިވާ ކަންތައްތައް ހާސިލް ކުރެވޭތޯ ބަލާނަން. އަޅުގަނޑު އިސްތިއުފާއެއް ނުދޭނަން. އެއީކީ ކުރަންޖެހޭނެ ކަމެއް ނޫން. ރައްޔިތުން އަޅުގަނޑު އިންތިހާބު ކުރާނީ ކުރިއަށް އޮތް ފަސް އަހަރަށް. ވަކިކަމެއް ނުކުރެވިގެން އިސްތިއުފާއެއް ނުދޭނަން“ މައުމޫނުގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތައް ވަގުތައް ނުކުރެވިއްޖެ ނަމަ ދައުރު ހަމަނުވަނީސް އިސްތިއުފާދެއްވާނެތޯ ދެންނެވި ސުވާލަށް މައުމޫނު ވިދާޅުވި އެވެ.
މީގެ އިތުރަށް ޑީއާރުޕީން ވަނީ ޑިމޮކްރާސީގެ ފުރިހަމަ ނަމޫނާއެއް ދައްކާލާފައެވެ. އެޕާޓީން ހިތްހަމަ ނުޖެހޭ ގޮތަކަށް ލިއުނު ތިން ނޫހެއް އެންމެންގެ ކުރިމަތީގަ ވީދާލާފައެވެ. މިއީ ވަރަށް ރީތި ޑިމޮކްރަސީގެ އުސޫލެކެވެ. މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އަދި ކޮށްފައިވާ ކަމެއް ނޫނެވެ.
ޑީއާރުޕީން ހިންގި މިއަމަލުން ދޭހަވެގެން ދަނީ އިސްލާހީ އެޖެންޑާއެއް ހުށަހަޅައި އިސްލާހު ގެނައުމަށް މަސައްކަތް ކުރާ މީހުން ޑިމޮކްރަސީއަށް ހުރަސްއަޅާ ކަމެވެ. ޑިމޮކްރަސީއެއްގެ ތެރޭގައި މިނިވަން ނޫސްވެރިކަމެއް އޮންނަން ބޭނުންނުވާ ކަމެވެ. މިހާތަނަށް ދުނިޔޭގައި ގާއިމްވެފައިވާ ޑިމޮކްރަސީތަކުގައި ފާޅުކަން ބޮޑުގޮތެއްގައި މެނިފެސްޓޯގައި ހިމެނިފައިވާ ކަންތައްތައް ނުކުރެވިއްޖެ ނަމަ އިސްތިއުފާ ނުދެއްވާނެ ކަމަށް އެއްވެސް ލީޑަރަކު ވިދާޅުވެފައެއް ނެތެވެ. އެހެން ނަމަވެސް ކޮމިއުނިސްޓް އުސޫލުތައް ގެންގުޅޭ ބައެއް ފަރާތްތަކުން މިގޮތައް ކަންތައްތައް ކޮށްފައި އެބަހުއްޓެވެ. އެއީ ފަހަރެއްގައި ޑީއާރުޕީއާއި ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާ ގުޅެން ޖެހުނު އެއް ސަބަބު ކަމުގައި ވެދާނެ އެވެ.
-
ހުކުރު، އޮކްޓޫބަރ 3 2008، 19:07
ރަނގަޅުވާހަކައެއް! ހަމަޖެހޭ އެއްޗެހި ލިޔާނީ ހަމަ ރޯޅީގައިއެކަނި..