ކިރިޔަ ކިރިޔާ

އަންވަރު އިބްރާހިމް ސެޕްޓެމްބަރ 18 2008، 12:35 0 ޚިޔާލު

ކޮމެންޑެޑް ރިޕޯޓް ލިބުނު ކުދިންގެ ނަންތައް އިއުލާން ކުރަމުން ދިޔައެވެ. ހިތްތެޅިތެޅި އިން ފިރާޝްވެސް ލިބުނު ހައިރާންކަމާއެކު ގޮނޑިން ތެދުވުމަށް ފަހު ހިނގައިގަތެވެ. އެއީ ފިރާޝް އެނިޔަތުގައި ސްޓޭޖަށް އެރުމަށް ހިނގައިގަތް ފުރަތަމަ ފަހަރެވެ. ތަރުހީބުގެ އަތްތިލަބަޑިއާ އެއްވަރަށް ހިނގަމުން ދިޔަ ފިރާޝްގެ ދެލޮލަށް ކެތެއް ނުކުރެވުނެވެ. ރިޕޯޓް ފޮތް އަތަށް ލިބުނު ވަގުތު ފިރާޝްގެ ލޮލުން ފޭދިގެން ދިޔައީ ހޫނު ކަރުނަ އެވެ.

” އުފާކުރޭ! މީ ފިރާޝްގެ މަސައްކަތް. ތިޔަ ކުރި ހިތްވަރަށް ހަމަ ސާބަސް! އަބަދުވެސް ތިގޮތުގައި ދެމިހުންނާތި! ފިރާޝަށްވާނެ! ތިޔައީ މޮޅުކުއްޖެއް.“ ސެލޯފެން ލާފައި އޮތް ރިޕޯޓްފޮތަށް ވެއްޓުނު ކަރުނަތިކި ފުހެލަމުން ޕްރިންސިޕަލް ފިރާޝަށް ހިތްވަރު ދެއްވި އެވެ. ފިރާޝަށް ރޮވެވުނީ އެވެ. މީގެ ކުރިން ދުވަހަކުވެސް އެފަދަ ކާމިޔާބެއް ލިބިފައި ނެތުމުން ނެވެ. އެފަދަ އުފަލެއް ލިބިފައިނުވާތީ އެވެ.

ހަފްލާ ނިމުމާއެކު ފިރާޝް ނުކުތީ ހޯލުން ބޭރަށެވެ. އިންތިޒާރުގައި މަންމަ ހުންނާނެ ކަމަށެވެ. ކަންތައްވީ ހީކުރި ގޮތާ ޚިލާފަށެވެ. އެތައް އިރެއް ވީއިރުވެސް މަންމައެއް ނައެވެ. ފިރާޝަށް ޖެހުނީ އިންތިޒާރު ކުރާށެވެ.

ފިރާޝްގެ ލޯ އެކި ދިމަދިމާއަށް މިސްރާބު ކުރެއެވެ. ބައެއް ކުދިން އެކުދިންގެ މަންމައާއި ބައްޕަގެ އަތުގައި ހިފައިގެން އެދަނީ ކިހާ ލޯބިކޮށް ހެއްޔެވެ؟ އެކުދިން އެއުޅެނީ ކީހާ އުފަލުގައި ހެއްޔެވެ؟ ބައްޕަ ދުނިޔޭގައި ހުރި ނަމަ މިއަދު މަންމައާއި ބައްޕަވެސް ފިރާޝް ބަލާ އައީހެވެ. އެ ދެމީހުން ކިހާ އުފާވާނެ ހެއްޔެވެ؟ ފިރާޝަށް ވަދެވުނީ ޚިޔާލީ ދުނިޔެއަކަށެވެ. ހަނދާންވީ ބައްޕަ މަތިން ނެވެ. ބައްޕަ މިދުނިޔެ ދޫކުރި ދުވަސް މަތިން ނެވެ.

އެއީ މީގެ ހަތް މަސް ކުރިއެވެ. ކުލާހުގައި އިނުމަށް ފަހު ފާޚާނާއަށް ގޮސްވަނީ ހަތަރު ކުދިންގެ ގްރޫޕެކެވެ. ފިރާޝަށްވެސް ބައިވެރިވާން މަޖްބޫރުވީ އެވެ. ނޫނެކޭ ބުނަން ނުކެރިގެން ނެވެ. އެހެން ހަދައިފިނަމަ ދެން ލިބިދާނެ ލަނޑު މާބޮޑުވެދާނޭ ހިތައެވެ. ކަންތައް ދިމާވީ ގޮތުން ހުރިހާކަމެއް ފަޅާއެރީ އެދުވަހު އެވެ. ފުލުހުން އައިސް ފިރާޝް މެން ފުލުސް އޮފީހަށް ގެންދިއުމުން ނެވެ. ބައްޕައަށް ހުރިހާ ކަމެއް އެނގުމުން ނެވެ.

” ތިއީ ބައްޕަގެ ދަރިފުޅު ދުވަހަކުވެސް ކޮށްފާނެ ކަމަށް, ބައްޕަ ހިތަށް އެރިކަމެއް ނޫން. އެކަމަކު ތިކަންވެސް ދަރިފުޅު ތި ކުރީ. ދަރިފުޅު ދިޔައީ ބައްޕަމެންނާ ވަގަށް ސިނގިރޭޓްވެސް ބޮމުން. އެހެން ކަންކަންވެސް ކުރަމުން. އެކަމަކު ތިކަހަލަ އެއްވެސް ކަމެއް ބައްޕަ ކުރިންތަ؟ ދުވަހަކުވެސް ދަރިފުޅު ދެރަކުރިންތަ؟ އެއްޗެއް ހޯދާ ނުދީ ހުރިންތަ؟ ނަމަވެސް ދަރިފުޅަށް ދޭން އެނގުނު އަގަކީ މީ!“ ބައްޕަގެ އަނގައިން އެންމެ ފަހުން ބުނި ބަސްތައް ފިރާޝްގެ ބޮލަށް އުނދަގޫ ކުރަން ފެށި އެވެ.

ފިރާޝަށް އުޅެވުނީ ރަނގަޅަކަށް ނޫނެވެ. ގޯސްކުދިންނާއެކު ބޭރު ތެރޭގައި އުޅެވުނީ މަންމައާ ބައްޕަ ކެނޑިނޭޅި ދެމުން ދިޔަ ނަސޭހަތްތަކަށް ބީރު ކަންފަތެއް ދެމުން ނެވެ. އެކުދިން ވިނިގިއްޔަށް ދާ ދުވަސް ދުވަހު މަންމައާއި ބައްޕައަށް ސިއްރުން އެރަށްވެސް ގޮސް ހެދީއެވެ. އެކުދިންނާ އެކު މަޖާކުރަމުން ސިނގިރޭޓްވެސް ބުއީ އެވެ. އެފޯރީގައި އެންމެ ފަހުން މަސްތުވާތަކެއްޗާ ހަމައަށް ދެވުނީ އެވެ.

ފިރާޝަށް ހޭވެރިކަންވީ މަންމަ އައިސް ކޮނޑުގައި އަތްޖައްސާ ލުމުން ނެވެ. އޭރު ފިރާޝްގެ ލޮލުން ކަރުނަ ނީރެއެވެ. މަންމަ އަށް ފެނުނީ އެމަންޒަރެވެ. އެހެންވެ ލިބުނު ރިޕޯޓް އަހާކަށް މަންމަ ބޭނުމެއް ނުވިއެވެ.

” ބައެއް ފަހަރު އެހެންވާނެ. ދެރަނުވޭ ދަރިފުޅާ! އަދި ކާމިޔާބުވާނެ.“ މަންމަ ހީކުރީ ފިރާޝް ހިތްހަމަޖެހޭ ފަދަ ރިޕޯޓެއް ނުލިބުނީ ކަމަށެވެ.

” މަންމަ ނުބަލާނަންތަ ރިޕޯޓް ފޮތެއް؟“ ސުވާލުނުކޮށް ފިރާޝަކަށް ނުހުރެވުނެވެ.

” ދަރިފުޅު ދެރަވެފައި އިނުމުން މަންމަވެސް ދަރަވީ. އެހެންވެ ރިޕޯޓް ފޮތް ބަލަން ބޭނުން ނުވީ.“ މަންމަ ދިނީ ވަރަށް ކުރު ޖަވާބެކެވެ.

” ނޫން. މަންމާ! ފޮތުގެ އެތެރެ ބަލައިފިނަމަ މަންމަވެސް އުފަލުން ރޯނެ. ބައްޕަ ހުރިނަމަ މާ އުފާވާނެ. މިއީ ބައްޕަ ދެކެން ބޭނުންވި ދުވަސް. އެކަމަކު އެނަސީބު ނެތީ އަހަރެންނާ ހެދި. ބައްޕަ މިދުނިޔެ ދޫކުރީ އަހަރެންގެ ސަބަބުން.“ ފިރާޝް ބުނި ވާހަކައިން މަންމަ އަށް ހައިރާންކަން ލިބުނެވެ.

” ކީއްވެތަ ދަރިފުޅު ތިހެން ތިބުނީ؟ ތިކަހަލަ ވާހަކަ ނުދައްކާ ދަރިފުޅާ! ދަރިފުޅަކީ ބައްޕަވެސް އަދި މަންމަގެވެސް ހުރި ހަމައެކަނި ދަރިފުޅު. ދަރިފުޅު ކިހާމޮޅު. ކިހާ ބަސްއަހާ. ކުރިން ދަރިފުޅުގެ ކިބައިން ގޯސް ކަންތައްތަކެއް ފެނުނު ނަމަވެސް މިއަދު މަންމަ މި ފަޚުރުވެރިވަނީ ދަރިފުޅަށް. ދަރިފުޅު ތިޔަ ހޯދި ކާމިޔާބީއަށް.“ ރިޕޯޓް ފޮތަށް ބަލަހައްޓައިގެން ހުރެ ފެންކަޅިވެފައިވާ ހާލު މަންމަ ބުނަމުން ދިޔައެވެ.

” ދަރިފުޅާ! މިދުވަސް ދައްކަވާތޯ މަންމަ ވަރަށް ދުއާ ކުރިން. މިއީ ބައްޕަވެސް ދެކެން ބޭނުންވި ދުވަހެއް. އިރާދަ ކުރެއްވީތީ މިއަދު މިދުވަސް މަންމައަށް ދެއްކެވީ. މިއަދު ބައްޕަ ނެތަސް ދަރިފުޅު މަންމައަށް ތިހޯދައިދޭ ހިތްހަމަ ޖެހުމަކީ މަންމަ ހިތްއެދޭ ފަދަ ހިތްހަމަ ޖެހުމެއް. ދަރިފުޅު އިސްލާހުވީތީ މަންމަ ދަރިފުޅަށް ފަޚުރުވެރިވަން. ތިއީ މަންމަގެ ހުރި ހަމައެކަނި ދޫނި.“ ފިރާޝްގެ ނިތްކުރީގައި ބޮސްދެމުން މަންމަ އިހްސާސްތައް ފިރާޝްގެ ކުރިމައްޗަށް ބަނޑުން ކޮށްލި އެވެ. މަންމައަށް ފިރާޝްގައި އޮޅުލައިގަނެވުނެވެ. ބައްޕަ މަތިން ހަނދާން ކުރަމުން ނެވެ.

” ދަރިފުޅާ! ކޮންމެ ކުއްޖަކަށްވެސް ގޯސް ކަމެއް ކުރެވިދާނެ! އެކަމަކު ވިސްނައިގެން އެކަމުން ދުރިހެލިވުމަށް މަސައްކަތް ކޮށްފިނަމަ އެކަމަކުން ދުރުހެލިވާނެ. ދަރިފުޅު މަސްތުވާ ތަކެތި ބޭނުން ނުކުރާނެކަން މަންމައަށް މިއަދު ޔަގީންވޭ. ދަރިފުޅު ދެން ދުވަހަކުވެސް ސިނގިރޭޓް ނުބޯނެކަން މަންމައަށް މިއަދު އެނގޭ. މަންމަ ދަރިފުޅަށް އިތުބާރު ކުރަން. ޓީޗަރުންވެސް ދަރިފުޅަށް އިތުބާރު ކުރާނެ. ގޯސް ކަންކަމަކީ ސަލާމަތް ނުވެވޭނެ ކަމެއްނޫން. މަސައްކަތް ކޮށްފިނަމަ ދަރިފުޅު ފަދައިން ކޮންމެ ކުއްޖަކަށްވެސް އެކަމަކުން ސަލާމަތްވާނެ.“ ފިރާޝްގެ ކޮނޑުގައި ބޯއަޅާލައިގެން އޮތް މަންމަ ނަސޭހަތް ދެމުންދިޔައީ ވައި އަޑުން ނެވެ. ފިރާޝް ސަމާލުކަން ދިނީ އެވާހަކަތައް އަޑުއެހުމަށް ވުރެ ބޮޑަށް އެނަސޭހަތްތައް ހިތުން ގަބޫލު ކުރާށެވެ. އަދި އެއަށް އަމަލު ކުރާށެވެ.

” މަންމާ! މަންމަވާ ލޯބި މިއަދު އަހަރެންނަށް އިހްސާސް ކުރެވޭ! ބައްޕަ ނެތުމުން އެހިތާމަ މިއަދު އަހަރެންނަށް ކުރެވޭ! އަހަރެން ދެކެ އެންމެ ލޯބިވީ ތިޔަ މަންމައާއި ބައްޕަ. މައިބަފައިން ނުބައި ނަސޭހަތެއް ދަރިންނަށް ނުދޭކަން މިއަދު އަހަރެން ގަބޫލުކުރަން.

މަންމާ! އަހަރެންނަށް މައާފްކުރޭ! ދެން ދުވަހަކުވެސް މަސްތުވާތަކެތީގެ ދަލުގައި އަހަރެންނެއް ނުޖެއްސޭނެ! އެއީ އަހަރެންނަށް ހިތާމަތަކާއި އުނދަގޫތައް ޖެއްސި ކެހިވެރިއެއް. އެމަގަށް އަހަރެން ގެންދިޔައީ ދުންފަތުގެ ސަބަބުން. ހުރިހާވެސް މައްސަލައަކީ މަންމައާއި ބައްޕައަށް ކަންކަން ސިއްރުކުރުން. އެކުވެރިންގެ ވާހަކަތަކަށް ހެއްލި, އަމިއްލަ ނަފްސުގެ ޒިންމާ އަހަރެންނަށް ނުނެގުން. އެކުވެރިންގެ ކުރިމަތީ ނޫނެކޭ ބުނަން ނުކެރުން. މިއަދު އެހެނެއް ނުވާނެ. ގޯސްކަމެއް އަހަރެން ލައްވައެއް ނުކުރުވޭނެ. އެއްވެސް މީހަކަށް އެކަމެއް ނުވާނެ.“ ފިރާސްގެ ދުލުން މަންމައަށް ދިނީ ދުވަހަކުވެސް ދިފައިނުވާފަދަ ގެރެންޓީ އެކެވެ. އެ ޔަގީންކަމުގެ ހިންހަމަ ޖެހުމާއެކު މަންމައަށް ބުނެވުނެވެ.

” ދަރިފުޅާއެވެ! ދަރިފުޅު ސަލާމަތްވީ ހަމަ ކިރިޔަ ކިރިޔާއެވެ. މަސްތުވާތަކެއްޗަށް ދެވި ނުހިފަނީސް މަންމަމެންނަށް އެކަން އެނގުންވީ މަންމަވެސް އަދި ދަރިފުޅުގެވެސް ނަސީބަށެވެ. އެހުން ނޫންނަމަ މިދުވަހެއް ނުފެނުނީ ހެވެ. (ނިމުނީ)


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv