ނިދީގައި ގުގުރި ދެމުމާއި އުމުރުން ދުވަސް ވުމާ ގުޅުމެއްވޭބާ؟

ސެޕްޓެމްބަރ 15 2008، 10:33 0 ޚިޔާލު

ރޭގަނޑުގެ ހަމަހިމޭން އަރާމު ނިންޖަށް ބައިވެރިޔާގެ ބާރު ގުގުރި ދެމުމުގެ އަޑުން އަސަރު ކުރޭތޯ؟ އަދި އެފަދަ ވަގުތު ތަކުގައި އޭނާ ހޭލައްވާލުމަށްފަހު ވާ އުނދަގޫ ބަޔާން ކޮށްލަ ދޭހިތްވޭ ތޯ؟

ނިދީގައި ގުގުރި ދެމުމަށް ދިމާވާ ސަބަބުތައް ވަރަށް ގިނައެވެ. ނިދަން އޮވެވޭ ގޮތަކުން ވެސް ގުގުރިދެމޭގޮތް ދިމާވެއެވެ. މީގެ އިތުރުން ނޭފަތާއި ކަރުތެރޭގައި ވައި ދައުރުކުރާ ހޮޅި ބެދި ވައި ފުރިހަމައަށް ދައުރުކުރުމަށް ހުރަސް އެޅުން ހިމެނެއެވެ. މިގޮތަށް އާއްމުކޮށް ދިމާވަނީ ދުންފަތުގެ އިސްތިޢުމާލު ކުރުމާއި، ނިދުމަށް ބޭސް ބޭނުން ކުރުމުންނާއި، ރޯގާ ޖެހިފައި ހުރުމުގެ ސަބަބުން ނޭފަތް ބެދިފައި ހުރުން، ޓޮންސިލް ދުޅަވުމުން، ނޭވާލާ ހޮޅީގައި އައިބު ކަމެއް ހުރުން އަދި އާދަޔާ ހިލާފަށް ހަށިގަނޑުގެ ބަރުދަން އިތުވިރުވުމުގެ ސަބަބުންނެވެ. ގުގުރި ދެމުމަކީ ވަކި އުމުރަކަށް ދިމާވާ މައްސަލައެއް ނޫނެވެ. އެހެން ނަމަވެސް ޒުވާނުންނަށްވުރެ ބޮޑަށް މެދު އުމުރުގެ ފިރިހެނުންނާއި އިއްދައިން ކެނޑިފައިވާ އަންހެެނުންގެ މެދުގައި މިމައްސަލަ ގިނައެވެ.

މާގަދަޔަށް ގުގުރި ދެމުމުގެ ސަބަބުން ސިއްޚީ އެހެނިހެން މައްސަލަތަކާވެސް ކުރިމަތިލާން ޖެހޭ ފަހަރު އާދެއެވެ. މިސާލަކަށް މުޅި ދުވަހު ވަރުބަލިކަން އިހްސާސް ކުރެވި ނޭވާކުރުވެ ހާސްވާގޮތްވެފައި ހުރުމާއި ހަމަ ނިދި ނުލިބުން ހިމެނެއެވެ. އަދި މީގެ އިތުރުން ހަޔާތުގެ ބައިވެރިޔާއަށް މިކަމުގެ އުނދަގޫ ތަހައްމަލު ކުރަން ޖެހި، ކައިވެނީގެ ގުޅުމަށްވެސް މިކަމުގެ ނޭދެވޭ އަސަރު ކުރާ ފަހަރުތައްވެސް މަދެކޭ ނުދެންނެވޭނެއެވެ. އެހެނަސް މިއީ އެކަށީގެންވާ ފަރުވާއާއި އަޅާލުމާއި ބައިވެރިޔާގެ އެހީތެރިކަމާއެކު ކޮންޓްރޯލް ކުރެވިދާނެ ނޫނީ ފަހަރުގައި މުޅިން ރަނގަޅު ވެސް ކުރެވިދާނެ ކަމެކެވެ. ތިރީގައި މިހިމަނާލަނީ މިކަމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތަކެވެ.

1- އުއްޑުން ނުނިދުން: މިހެން ނިދަން އޮތުމުން ނިދީގައި ގުގުރި ދެމުން ބާރުވެ އިތުރު ވެއެވެ. ނިދުމުގައި އަރިއަށް ނޫނީ ބަންޑުން ނިދަން އާދަ ކުރާށެވެ. ނިދީގައިވެސް އުއްޑުން އޮއްވާ ހޭލެވިއްޖެނަމަ އަވަހަށް އަރިއަށް ނޫނީ ބަންޑުން އޮވެ އަލުން ނިދާލާށެވެ. ނުހޭލެވޭނެކަން ގައިމުވާނަމަ ބައިވެރިޔާގެ އެހީތެރިކަމަށް އެދޭށެވެ.. އެއީ ނިދުމުގެ ކުރިން ބައިވެރިޔާ ގާތު ތިމަންނާއަށް ނިދީގައި އުއްޑުން އޮވެވިއްޖެނަމަ ކުޑަކޮށް ގޮވާލާ އަރިއަށް އެބުރި ލުމަށް ބުނެދިނުމަށް އެދޭށެވެ. މިގޮތުން ދެމީހުންގެވެސް އެއްބާރު ލިބިގެން މިކަމަށް ލުޔެއް ހޯދުމަށް މަގު ފަހި ވެގެންދާނެއެވެ. އެހެން ނަމަވެސް އުއްޑުން ނިދަން އާދަވެފައިވާނަމަ އެހެން ގޮތަކަށް ނިދަން އޮތުން ބަދަލު ކުރުން ދަތި ކަމަކަށް ވެދާނެއެވެ. އެކަމަކު މިބުނެވިދިޔަހެން އަމަލުކުރުމުން ނިދީގައި ގުގުރިދެމުން މަދުވާނަމަ. ނިދަން އޮނަންގޮތް ބަދަލުކުރުމަށް އެވާ އުނދަގޫތަކަށްވުރެ ގުގުރި ދެމުމުގެ އުނދަގުލުން ސަލާމަތް ވެވުމުން އެލިބޭ ފަސޭހަތައް މާ އަގުހުރި، އެހެން ނޫންތޯ؟

2- ދުންފަތުގެ އިސްތިޢުމާލް ކުރުމާ ދުރުހެލިވުން: ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓުވުމަށް ގޮވާލާ އެތައް ހާސް ސަބަބު ތަކުގެ ތެރެއިން މިވެސް ވަރަށް ބޮޑު އެއް ސަބަބެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ނޭވާލާ ހޮޅިއަށް ސިނގިރޭޓްގެ ދުމުގެ ސަބަބުން ގެދަބުޅި ޖަހާ ހޮޅިތައް ބެދުމުގެ ސަބަބުން ގުގުރި ދެމުން ބާރުވެއެވެ.

3- ގުދުރަތީގޮތުން ނިދުން: ނިދުމަށް ބޭސް ބޭނުން ކުރުމުން ކަރު ތެރޭގެ މަސްތަކަށް ދޫޖެހި ގުގުރި ދެމުމަށް މަގުފަހިވެއެވެ. އެހެން ކަމުން ބޭސް ބޭނުން ކުރުމުގެ ބަދަލުގައި ނިދާ ކޮޓަރިތެރޭގެ މާޙައުލު ނިދުމަށް އެކަށީގެންވާ އަރާމް ތަނަކަށް ހަދާލާށެވެ. ނުވަތަ ނިދުމުގެ ކުރިން އަތް ފަޔާއި މޫނު ދޮވެލާ ނޫނީ އަރާމް ކޮށް ފެންވަރާލުމަށްފަހު ނިދަން މަސައްކަތް ކުރާށެވެ. އަދި ކޮޓަރިތެރޭގެ އަލި ފަނޑު ކޮށްލާ ހިތްގައިމު މަޑު މިއުޒިކެއް ޖަހާލުމުންވެސް މާބޮޑު އުނދަގުލެއް ނެތި ނިދާލެވޭނެއެވެ.

4- ބަރުދަން ލުއި ކުރުން: ފަހުގެ ހޯދުން ތަކުން ދައްކާ ގޮތުގައި ނިދީގައި ގުގުރި ދަމާ މީހުން ބަރުދަން ކުޑަކޮށް ނަމަވެސް ލުއި ކޮށްލުމުން ގުގުރިދެމުން މަދުވެއެވެ. އަދި ބައެއް ފަހަރު މުޅިން ރަނގަޅުވާތަންވެސް އާދެއެވެ. ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުން ކޮށް ގަވާއިދުން ކަސްރަތު ކުރުމުން އެކަމުގެ ހެޔޮ ބަދަލް ސިއްހަތަށް އެކި ގޮތްގޮތުން ކުރެއެވެ. މިގޮތުން މިއީވެސް ސަމާލުކަން ދޭންޖެހޭ ވަރަށް މުހިއްމު ކަމެކެވެ.

5- ބާލީސް ބަދަލު ކުރުން : ބާރަށް ގުގުރި ދެމޭނަމަ ބޮޑު ނުވަތަ ހަރު ބާލީހަކީ އެއްގޮތަކަށްވެސް ރަނގަޅު އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި ތުނި މަޑު ބާލީހެއް ނުވަތަ އެއްގޮތަކަށް ވެސް ބާލީހެއް ނުލައްވާ އޮވެ ނިދަން މަސައްކަތް ކުރާށެވެ.

6- ނޭފަތަށް ޖަހާ ސްޕްރޭ ( ނެސަލް ސްޕްރޭ ) އެއް ބޭނުން ކުރުން: ރޯގާޖެހި ނުވަތަ އެލާރޖީ އެއްގެ ސަބަބުން ގުގުރި ދެމުން އިތުރުވާނަމަ ނޭފަތަށް ޖަހާ ސްޕްރޭ ( ނެސަލަ ސްޕްރޭ ) އެއް ބޭނުން ކުރުމުން ވަގުތުން ލުއި ވެގެން ދާނެއެވެ. ފުޅީގެ ބޭރުގައިވާ މައުލޫމާތު ( އިންސްޓްރަކްޝަން ) ފަރުވާތެރިކަމާއެކު ކިޔަން ވާނެއެވެ. ބައެއް ފަހަރު ދަންވަރު ގުގުރި ދެމުމުގެ ސަބަބުން ތިމާއަށް ނުވަތަ ބައިވެރިޔާއަށް ހޭލެވުމުން ވަގުތު ހަމަވުމުގެ ކުރިން ދެވަނަ ފަހަރަށްވެސް ސްޕްރޭ ކޮށްލެވޭ ފަހަރު އާދެއެވެ. އެއީ ވަގުތީ ހަމަޖެހުމެއް ލިބުމަށް އެދިގެންނެވެ. އެހެނަސް މިހެން ހެދުމުން ލިބޭ ފައިދާ އަށް ވުރެ ލިބޭ ގެއްލުން ބޮޑުވާނެއެވެ.

ނިދީގައި ގުގުރި ދެމުން ކަމަށްވިޔަސް އަދި ތިމާގެ ހަށިގަނޑުގައި ހުރި އެހެން ބައްޔެއް ނަމަވެސް، އެކަމެއް ދިމާވާން މެދުވެރި ވި ސަބަބު ދެނެގަނެ އެކަމަށް އެއްމެ އެކަށޭނެ ގޮތުގައި ފަރުވާ ކުރުމަކީ ހަމަގައިމުވެސް ލުއި ލިބި ނުވަތަ އެކަމަކުން ސަލާމަތް ވެވެން އޮތް އެއްމެ ފަސޭހަ ގޮތެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv