

އެމްޑީޕީއާއި ޕީއޭއިން ވޯޓްދީގެން ޑީއާރުޕީގެ ބާރު ގަދަވާގޮތަށް އިލެކްސަން ކޮމިޝަން ފާސްކޮށްފި
މައުމޫނު ޢަބްދުލް ޤައްޔޫމާ އެންމެ ބޮޑަށް ދެކޮޅުވެ އެމަނިކުފާނުގެ ވެރިކަން ބަދަލުކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރާ ކަމަށް ބުނާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އާއި މައުމޫނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން ނިސްބަތްވާ ޕީޕަލްސް އެލަޔަންސް (ޕީއޭ) އިން ވޯޓު ދީގެން ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ އަޣްލަބިއްޔަތު އޮންނަ ގޮތަށް އިލެކްޝަން ކޮމިޝަނެއް މިއަދު ފާސްކޮށްފިއެވެ.
ބުރާސްފަތިދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރި އިންތިޤާލީ މަރުހަލާގެ އިލެކްޝަން ކޮމިޝަންގައި ހިމެނެނީ ޑީއާރުޕީން ހުށަހެޅި މުހައްމަދު އިބްރާހީމާއި މޯލްޑިވްސް ސޯޝަލް ޑިމޮކްރެޓިކް ޕާޓީން ހުށަހެޅި މުހައްމަދު މާހިރާއި ޕީޕަލްސް ޕާޓީން ހުށަހެޅި ފުވާދު ތައުފީގާއި, އިސްލާމިކް ޑިމޮކްރެޓިކް ޕާޓީން ހުށަހެޅި އަލީފާއިޒް އަދި އެމްޑީޕީން ހުށަހެޅި އަހުމަދު ޝާހިދެވެ.
މިލިސްޓްގައިވާގޮތުން ޑީއާރުޕީން ހުށަހެޅި ނަމާއި ޑީއާރުޕީއަށް ރިޔާސީ އިންތިޚާބުގައި ތާއީދުކުރުމަށް ނިންމާފައިވާ ރީކޯ އިބްރާހީމް މަނިކުގެ އެމްއެސްޑީޕީން ހުށަހެޅި ނަމާއި ޕީޕަލްސް ޕާޓީން ހުށަހެޅި ނަމުގެ ސަބަބުން 5 މެންބަރުންގެ ތެރެއިން 3 މެންބަރުންނަކީ ޑީއާރުޕީގެ ބާރު ހިނގާ މެންބަރުންނަށްވަނީ ވެފައެވެ. އެހެންކަމުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ ވޯޓުގެ ކަންތައްތައް ބަލަހައްޓާ އިލެކްޝަން ކޮމިޝަންގެ އަޣްލަބިއްޔަތު އޮންނާނީ ޑީއާރުޕީގެ އަތްމަތީގައެވެ.
މައުމޫނުގެ ރަނިންމޭޓް އަދި ބ އަތޮޅު މެންބަރ އަހުމަދު ތަސްމީން އަލީ ހުށަހަޅުއްވާ ޑީއާރުޕީގެ ކައުންސިލް މެންބަރ އަދި ވ އަތޮޅު މެންބަރ ޢަބްދުﷲ ޝާހިދު ތާއީދުކުރެއްވި މިލިސްޓަށް އެމްޑީޕީން ލ އަތޮޅު މެންބަރ މޫސާމަނިކު ފިޔަވާ ހުރިހާ މެންބަރުންވެސް ވަނީ ޑީއާރުޕީން ހުށަހެޅި މިލިސްޓަށް ތާއީދުކޮށް މިލިސްޓް ފާސްކުރުމަށް ވޯޓު ދެއްވާފައެވެ. އެއީ މާލެއަތޮޅު މެންބަރ މާރިޔާ އަހުމަދު ދީދީއާއި ޅ އަތޮޅު މެންބަރ އިބްރާހީމް މުހައްމަދު ޞާލިހާއި ތ އަތޮޅު މެންބަރ ހަސަން އަފީފް އަދި ވ އަތޮޅު މެންބަރ އިސްމާއީލް ޝިހާބެވެ. ލ އަތޮޅު މެންބަރ މޫސާމަނިކު ވޯޓު ދެއްވީ ފެނިވަޑައި ނުގަންނަވާ ކަމަށެވެ.
ޑީއާރުޕީއާއި ޕީއޭ އަދި އެމްޑީޕީގެ އިތުރުން މިލިސްޓަށް ވޯޓު ދެއްވީ ދާދިފަހުން މިނިސްޓަރު ކަމުންނާ ޑީއާރުޕީން ވަކިވެވަޑައިގެންނެވި ކުރީގެ އެނާރޖީ މިނިސްޓަރ އަހުމަދު އަބްދުﷲއެވެ. ވަކިޕާޓީއަށް ނިސްބަތްވެވަޑައި ނުގަންނަވާ ރ އަތޮޅު މެންބަރ އަލީވަހީދު މިއަދުގެ ޖަލްސާއަށް ވަޑައި ނުގަންނަވާއިރު ފ އަތޮޅު މެންބަރ އަހުމަދު ހަމްޒާ ވަކިކޮޅަކަށް ވޯޓެއް ނުދެއްވައެވެ.
މިލިސްޓަށް ތާއީދުކުރައްވާ ވޯޓު ނުދެއްވަނީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ 11 މެންބަރުންނާއި ސޯޝަލް ލިބަރަލް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަދި މާލޭ މެންބަރ އިބްރާހީމް އިސްމާއީލެވެ.
މަޖިލީހަށް ވަޑައި ނުގަންނަވަތާ އެތައް ދުވަހެއް ވެފައިވާ ޑީއާރުޕީގެ މެމްބަރުން ކަމަށްވާ ހދ މެންބަރ އަބްދުއް ޝުކޫރާއި ށ އަތޮޅު މެންބަރ މުހައްމަދު ހުސައިން އަދި ސ އަތޮޅު މެންބަރ އިބްރާހީމް ޝަރީފްވެސް މިއަދުގެ ޖަލްސާއަށް ވަޑައިގެން ޑީއާރުޕީގެ ލިސްޓަށް ވޯޓު ދެއްވިއެވެ.
ފުރަތަމަ ހުށަހެޅުއްވި ޑީއާރުޕީގެ ލިސްޓް ފާސްވިނަމަވެސް ޖުމްހޫރީ ޕާޓީންނާއި އިބުރާވެސް ވަނީ ލިސްޓެއް ހުށަހަޅުއްވަފައެވެ.
ޖުމްހޫރީ ޕާޓީން ޏ އަތޮޅު މެންބަރ މުހައްމަދު އިބްރާހީމް ދީދީ ހުށަހަޅުއްވާ ތ އަތޮޅު މެންބަރ މުހައްމަދު ޝަރީފް ތާއީދު ކުރެއްވި ލިސްޓްގައިވަނީ ޑީއާރުޕީން ހުށަހެޅި މުހައްމަދު އިބްރާހީމާއި މޯލްޑިވްސް ސޯޝަލް ޑިމޮކްރެޓިކް ޕާޓީން ހުށަހެޅި މުހައްމަދު މާހިރާއި ޖުމްހޫރީ ޕާޓީން ހުށަހެޅި އިބްރާހީމް މުހައްމަދާއި, އިސްލާމިކް ޑިމޮކްރެޓިކް ޕާޓީން ހުށަހެޅި އަލީފާއިޒް އަދި އެމްޑީޕީން ހުށަހެޅި އަހުމަދު ޝާހިދެވެ.
އިބުރާ ހުށަހަޅުއްވާ މޫސާމަނިކު ތާއީދު ކުރެއްވި ލިސްޓްގައި ވަނީ ޑީއާރުޕީން ހުށަހެޅި މުހައްމަދު އިބްރާހީމާއި ސޯޝަލް ލިބަރަލް ޕާޓީން ހުށަހެޅި ހުސައިން ޝަމީމާއި ޖުމްހޫރީ ޕާޓީން ހުށަހެޅި އިބްރާހީމް އަހުމަދާއި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީން ހުށަހެޅި އަލީފާއިޒް އަދި އެމްޑީޕީން ހުށަހެޅި އަހުމަދު ޝާހިދެވެ.
ފުރަތަމަ ލިސްޓް ފާސްވުމާ ގުޅިގެން މިދެލިސްޓަށް ވޯޓަކަށް ނާއްސަވައެވެ.
-
އަންގާރަ، ސެޕްޓެމްބަރ 9 2008، 00:17
އައްދޭ ސައްޕޭވެސް އަނެއްކޮޅަށް ޖެހުނީދޯ. އަންނި ދޫކޮށްލީތަ؟ ތީ ހަމަ ކަލޭމެއްނަށް ވާނެގޮތް. ކޮންމެ ފަރާތަކަށް ޖެހުނަސް މިފަހަރު ހަމަ ހޮވޭނީ މައުމޫން. މައުމޫން 2008 ދެން ލަލަލާ ލާ ލާ ލާލާ ލާ
-
ބުރާސްފަތި، ސެޕްޓެމްބަރ 4 2008، 18:22
ހަޖަމް ނުކުރެވޭ މީހުންނަށް ހަޖަމް ނުކުރެވޭނެ އެމް ޑީ ޕީ ކުރާ އެއްވެސް ކަމެއް. ބަލަގަ އެއީ މައްސަލައެއްނުން. ކޮންމެ ގޮތަކަށް ވޯޓް ދިނަސް އެމްޑީޕީއަށް ލިބެނީ އެއްގޮނޑި. އެއީ އެމް ޑީ ޕީ އިން ހުށަހެޅި ނަމެއް ފަސްވުމަކީ ސިޔަސީ ގޮތުން އެމްޑީޕީ އަށް ލިބުނު ބޮޑުކަމިޔާބީއެއް. މަޖިލިސްގެ ރައީސް ހޮވަންވެގެން ޖުމްހޫރީ ޕާޓީ އާ އެއްކޮޅަށް ވޯޓް ދިނީމަވެސް ހުރިހާ ރީތިނަމެއްލިބި އަމިއްލަޔަށް ބޮޑާވެ ރައްޔަތުން ކައިރީ މަޖިލިހުގެ އަގުލަބިއްތަޔު އޮތި ތިމަންނަ މެންނަށޭ އެއީ ތިމަންނަމެންނަށް ލިބުނު ކަމިޔަބެކޭ ބުނީވެސް ޖުމްހޫރީ ޕާޓީ އިން. އެހެންކަމުން މިފަހަރު އެމްޑީޕީ ވޯޓް ދިންގޮތް ގޯހެއްނޫން. ސިޔަސީ ގޮތުން ވަކި މީހަކާ ޖައްސާލުމަކީ ރަގަޅުކަމެއްނުން. އެމްޑީޕީ އަށްވެސް ހެޔޮގޮތް ވިސްނެއްޖެ. =ނައިންޓެ=