ހަށިގަނޑުގެ ބައްޓަމާ ގުޅޭގޮތަށް ހެދުން އެޅުން
އައިޝަތު ރިޒްނާ
އެއްކަލަ އެއްމެ ގަޔަށް ރީތި ހެދުން ހިޔާރު ކުރެއްވުމުގައި ދަތި ތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަނޭތޯ އެވެ؟ “ އެ ރީތި ރީތި ހެދުން އަހަރެންގެ އެއްމެ ގާތް ރަހްމަތްތެރިޔާގެ ގަޔަށް އެހާ ރީތި ވީއިރު އަހަރެން ލީމަ އެހާ ހުތުރީ ކީއްވެބާ އެވެ؟ ކައިވަނީގެ އެ ހާއްސަ ހަފްލާގައި ތުރުކުރައްވާނެ “ވެޑިންގ ގައުން” އެއް ޚިޔާރު ކުރެއްވުމުގައި އެހީ އެއް ބޭނުންތޯ އެވެ؟ މިހުރިހާ ސުވާލެއްގެ ޖަވާބު ވަނީީ އެބޭފުޅެއްގެ ހަށިގަނޑުގެ ބައްޓަމާ ގުޅިފަ އެވެ.
ހަށިގަޑުގެ ބައްޓަން ތައް ބެހިގެންވަނީ 5 ވައްތަރަކަށް، އަދި މީން ކޮންމެ ވައްތަރެއްގެ ބައްޓަމަކަށް ގުޅޭނީ ތަފާތު ވައްތަރުގެ ހެދުން ތަކާ އެވެ. އެއްމެ ގުޅޭ ހެދުމެއް ޚިޔާރު ކުރެއްވުމުގެ އެއްމެ ފުރަތަމަ ހަރުފަތަކީ ތިމާގެ ހަށިގަނޑުގެ ބައްޓަން ދެނެގަތުމެވެ. ތިރީގައި މި ދަންނަވާލަނީ 5 ވައްތަރުގެ ހަށިގަނޑުގެ ބައްޓަން ( BODY TYPES ) އަދި އެބައްޓަމާ އެއްމެ ގުޅޭ ގޮތަށް ހެދުން އަޅާލެވޭނެ ގޮތުގެ ކުޑަ މައުލޫމާތު ކޮޅެކެވެ.
އާފަލު ބައްޓަން - މިބައްޓަމަށް “ޓޮޕް ހެވީ” ބައްޓަމޭވެސް ކިޔައެވެ. އެޕަލް ބޮޑީ ނުވަތަ އާފަލު ބައްޓަމުގެ ހަށިގަނޑަކީ މަތި ހައްޓާއި ބާމަތި ފުޅާ،މޭމަތި ބޮޑުކޮށް،އަތްފައި ހިމަކޮށް އަދި އުނަގަނޑާއި ބުރަކަށީގައި މަސްޖަހާފައި ހުންނަ ހަށިގަނޑެވެ.
މިއީ ހެދުން އެޅުއްވުމުގައި އެއްމެ އުނދަގޫ ތަކާ ކުރިމަތިލާން ޖެހޭ ވައްތަރުގެ ބައްޓަމެވެ. ކަރު ބޮޑު ކޮނޑު ހާމަވާ ކަހަލަ އަދި ފުއްޕި އަތް ލާފަހުންނަ ބޮޑު ނުވަތަ ގަޔަށްދޫ ހެދުން އެއްގޮތަކަށްވެސް ބޭނުން ނުކުރާށެވެ. ވީ ކަރު ނުވަތަ ވަށްކަރު ލީ ޓޮޕަކާއި ދިގު ތިރިއެއް ތުރުކުރެއްވުމުން ހަށިގަނޑުގެ މަތީބަޔަށްވުރެ ތިރިއަށް ސަމާލުކަން ދާނެއެވެ. ޓޮޕް ތުރު ކުރެއްވުމުގައި ވެސް ޖަރީ ކޮށް ދަޅައަޅާ ކަހަލަ ގޮތްގޮތަށް ފަރުމާ ކުރެވިފައި ހުންނަ ޓޮޕް ބޭނުން ނުކުރައްވާށެވެ. ފޮތި ބައްލަވަގަތުމުގައި ވެސް ގައިގަ މާބޮޑަށް ތަތްލަވާ ނުވަތަ ހަރު ފޮތި ނުހޯއްދަވާށެވެ.
ޕެއާރ ބައްޓަން: މިއީ އާފަލު ބައްޓަމުގެ މުޅިން އިދިކޮޅު ބައްޓަމެވެ. އަދި މިއީ ވަރަށް އާއްމު ބައްޓަމެކެވެ. ޕެއާރ ހަށިގަނޑޭ ކިޔަނީ އުނަގަޑުން މަތި އުނަގަޑުން ތިރިއަށް ވުރެ ހަނިކޮށް ކުޑަކޮށް ހުންނަ ނަމައެވެ. މިބާވަތުގެ ހަށިގަނޑު ހުންނަ ބޭފުޅުން ފަލަވާއިރު ބޮޑަށް ބުޑުމައްޗާއި ފަލަމަސްގަޑު ފަލަވުމުގެ ސަބަބުން ހަށިގަނޑު އިންނާނީ ޕެއާރ އެއްގެ ބައްޓަމަށެވެ. ބައެއް މީހުންނަކީ ކަރު ހިމަ ދިގުކޮށް އަދި ބާއިމަތި ކުޑަކޮށް ތިބޭ މީހުންނެވެ.
ޕެއާރ ބައްޓަމުގެ ހަށިގަޑެއްގެ ވެރި ބޭކަނބަލެއްނަމަ ބޮޑަށް ވިސްނަވަން ވާނީ ސަމާލުކަން ތިރިއަށްވުރެ މައްޗަށް ފޯކަސް ކުރުމަށެވެ. މިގޮތުން ތިރިއެއް ) skirt ( ތުރުކުރައްވަން ބޭނުން ނަމަ ވަށް ތިރިއަކާއެކު ) A- Shape ( ފުޅާކަރެއްލީ ނުވަތަ މިނާ ފަދަ ތަކެތިން ކުޑަކޮށް ޖަރީކޮށްފައިވާ ރީތި ޓޮޕެއް ބޭނުން ކުރެއްވުމުން ތިރިއަށް ވުރެ ބޮޑަށް މައްޗަށް ސަމާލުކަން ދެވޭނެއެވެ. އަދި އާއްމު ވަގުތު ތަކުގައި ހެދުން އެޅުމުގައި ބޭނުން ކުރައްވާ ޓޮޕް ތަކުގައި އަލި ކުލަ ކުލައިގެ ޓޮޕް ނުވަތަ މާޖެހި ޓޮޕް އަދި ބޭނުން ކުރައްވާ ޖީންސް ނުވަތަ ބެލް އަށް ގަދަ ކުލައެއް ޚިޔާރު ކުރެއްވާށެވެ.
ރެކްޓޭންގަލް -– ރެކްޓޭންގަލް ބައްޓަމޭ ކިޔަނީ ވަރަށް ހަމަ ހަމައަށް މާބޮޑު ބައްޓަން ތަކެއް ނެތި މޭމަތި ކުޑަކޮށް ހުންނަ ހަށިގަނޑަށެވެ. މިއީ އާއްމުކޮށް ވަރަށް ހިކި އިސޮކޮޅުން ދިގުކޮށް ތިބޭ ހަށިގަނޑަށް ވަރަށް އާއްމު ބައްޓަމެކެވެ. ފަލަ ހިކިމިން ހުރިހާ ހިސާބެއްގައިވެސް އެއްވަރު ވާނެއެވެ.
މިބާވަތުގެ ހަށިގަނޑު ހުންނަ ބޭފުޅުން ހެދުން އެޅުއްވުމުގައި ބޮޑަށް ސަމާލު ވެލައްވަން ވާނީ ބަލާ މީހުންގެ ސަމާލުކަން ހެދުމުގެ ތިރިއަށްވުރެ މައްޗަށް އަމާޒު ކުރުވުމަށެވެ. ކުރިން ބުނެވުނު ފަދައިން މި ޝޭޕް ގެ ހަށިގަނޑަކީ އެއްވެސް ބައްޓަމެއް ނުވަތަ ބަނޑިތަކެއް ނުހުންނަ ހަށިގަނޑަކަށްވާތީ ހެދުން އެޅުއްވުމުގައި ސަމާލު ކަން ދޭންވާނީ އަތްކުރު ހެދުމުގެ ބަދަލުގައި އަތްދިގު ނުވަތަ 4/1 އަތް ހުންނަ، ކަރުކައިރި ގޮތް ހަދާފައި، މަތީބުރި ކުރު ކޮށް ( މޭދަށުން ބުރިކޮށްފައި ) ހުންނަ ހެދުން ތުރުކުރެއްވުމަށެވެ.އަދި ގަޔަށް ބާރު ހެދުމަށް ވުރެ ގަޔަށް ދޫކޮށް އެހެނަސް ބައްޓަންލީ ހެދުން ހިޔާރު ކުރައްވާށެވެ. އެއީ މިހެން ދެންނެވި ކަމުގައި ވިޔަސް ތަފާތު ގޮތްގޮތަށް ފަރުމާ ކުރެވިފައި ހުންނަ ހެދުން ހަށިގަނޑާ ގުޅޭނެހެން ތުރު ކުރެއްވިދާނެއެވެ.
އަވަރ ގްލާސް ނުވަތަ ދަންފުޅި ބައްޓަން- މިއީ ކޮންމެ އަންހެން ބޭފުޅެއްވެސް އެއްމެ ބޭނުން ވެލައްވާނެ ވައްތަރުގެ ބައްޓަމެވެ. މިއީ ވަރަށް ބަނިޔާދަން އެހެނަސް ހަށިގަނޑު ގެ ހުރިހާ ހިސާބެއްގައިވެސް ހަމަހަމައަށް އެއްވަރަކަށް ބެހިގެންދާ ގޮތަށް ބައްޓަން ހުނަން ހަށިގަނޑެވެ.
މިއީ ހެދުން އެޅުމަށް އެއްމެ ފަސޭހަ ވައްތަރުގެ ހަށިގަނޑެވެ. ހެދުން އެޅުމުގައި ފޮރުވަން ޖެހޭ ނުވަތަ ވަކި ގޮތަށް ވިސްނުން ބަހައްޓައިގެން ރަނގަޅު ކުރަން ޖެހޭ ކަމެއް މި ވައްތަރުގ ބައްޓަމުގައި ނުހުންނާނެއެވެ. ކޮންމެ ބާވަތެއްގެ ހެދުމަކާވެސް ގުޅޭނެތީ ބޭނުން ވައްތަރެއްގެ ހެދުމެއް ތުރުކުރެއްވިދާނެއެވެ.
ވަށް ބައްޓަން : މިއީ އާއްމުކޮށް އަންހެން ބޭފުޅުން އުމުރުން ދުވަސް ވުމާއި މާބޮޑަަށް ފަލަވުމުން އަންނަ ބައްޓަމެކެވެ. މި ވައްތަރުގެ ހަށިގަނޑުގައި، ހަށިގަނޑު ގެ އެހެން ހިސާބުތަކަށް ވުރެ ބަނޑާއި އުނަގަނޑު އަދި މޭމަތީގައި އާދަޔާ ހިލާފަށް މަސްޖަހާ ފައި ހުރެއެވެ.
މިބައްޓަމަށް ހަށިގަނޑު ހުންނަ ގިނަ އަންހެން ބޭކަނބަލުން ހެދުން ތުރުކުރެއްވުމުގައި ވިހާވެސް ނިވާ ކަން ބޮޑުކޮށް ހެދުން އެޅުއްވުމަށް ސަމާލުކަން ދެެއްވައެވެ. އެކަމަކު ގިނަފަހަރަށް މިގޮތަށް ހެދުން އެޅުއްވުމުން އިތުރަށް ފަލަކަމަށް ދައްކާނެއެވެ. މިބޭފުޅުން ހެދުން އެޅުއްވުމުގައި ބޮޑަށް ވިސްނަވަން ވާނީ ހިކިކޮށް ދައްކުވައިދޭ ގޮތަށް ހެދުން އެޅުމަށެވެ. އޭ-ޝޭޕަށް ) A-SHAPE ( ހުންނަ ޓޮޕެއް ތުރުކުރެއްވުމުން އުނަގަޑު މަތިން ދޫކޮށް އެކަމަކު ގަޔަށް ރީތިކޮށް އިދެ ހަށިގަޑު ހިކިކަމަށް ދައްކާނެއެވެ. އަދި ފޮތި ބައްލަވައި ގަތުމުގައިވެސް ލޭޔަރޑް ނުވަތަ ބޯ، ހަރުު ފޮތީގެ ބަދަލުގައި މަޑު، ތުނި ( ގައިނޭނގޭ) ނުވަތަ ޓީ- ޝާރޓް މެޓީރިއަލް ފޮތި ބައްލަވައިގަތުން ރަނގަޅެވެ. އަދި ފެހުމުގައި ގަޔަށް ބާރު ނުކޮށް ލައިގެން އުޅެން ފަސޭހަ ވާނެހެން ފައްސަވާށެވެ.
އަޅުގަނޑުމެންގެ ތެރެއިން ގިނަ އަންހެން ބޭފުޅުންނަކީ ހާއްސަކޮށް ހެދުން އެޅުއްވުމުގައި ވަރަށް ހާއްސަ ފަރުވާތެރި ކަމެއް ބަހައްޓަވާާ އަދި ބަދަލުވަމުންދާ ޒަމާނާ އެއްގޮތަށް ހެދުން އެޅުއްވުމްށް ހާއްސަ ސަމާލުކަމެއް ދެއްވާ ބައެއް ކަން ކަށަވަރެވެ. އެހެނީ އެހެން މީހުން ތިމާ ބަލައިގަންނީ ނުވަތަ އެއީ ކޮންކަހަލަ މީހެއްކަން އެއްމެ ފުރަތަމަ ނަޒަރުން ދެނެގަންނާނީ ނުވަތަ ދެނެގަންނަން މަސައްކަތް ކުރާނީ އޭނާ ހެދުން އެޅުމުގައި ގެންގުޅޭ އުސޫލް ތަކެއްގެ މައްޗަށް ބިނާ ކޮށެވެ.