އަނެއް ދިވެހިރާއްޖެއަށް ދިއުމަށް ވައިކަރަދޫ ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީއަށް ސޮއިކޮށްފި

އޯގަސްޓް 23، 16:09 0 ޚިޔާލު

އަނެއް ރާއްޖެއަށް ދިޔުމަށްޓަކައި ހދ. ވައިކަރަދޫގެ ގިނައަދަދެއްގެ ޒުވާނުންތަކެއް އެމްޑީޕީ އަށް ސޮއިކޮށްފިއެވެ.

ވައިކަރަދޫގެ ގިނަ އަދަދެއްގެ ޒުވާނުން ‘އަނެއް ދިވެހިރާއްޖެ’ އަށް ދިޔުމަށްޓަކައި ވަރަށް ފޯރީގައި ތައްޔާރުވަމުން ދާކަމަށް ވައިކަރަދޫ އެމްޑީޕީ ގޮފީގެ އިސް މީހަކު ބުނެއެވެ.

އޭނާ ބުނީ އަނެއް ދިވެހިރާއްޖެ އަށް އެމްޑިޕީގެ ރިޔާސީ ކެނޑިޑޭޓު މުހައްމަދު ނަޝީދު ‘އަންނި’ ގެ މާލިމީކަމުގެ ދަށުން ދިއުމުގެ ގޮތުން އެރަށު އެކި ތަންތަނުގައި އެކަމާ ގުޅޭ ޝިއާރުތައް ހަރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން މިހާރު އަންނިގެ ކެމްޕޭންގައި ބޭނުންކުރާ މަލުގު މާސިންގާ ކުރެހުންތައް ކުރަހާ ރަށުގެ އެކި ތަންތަނުގައި ހަރުކުރުމުގެ ބޮޑު މަޝްރޫއެއް ކުރިއަށްދާ ކަމަށްވެސް އޭނާ ބުނެއެވެ.

އޭގެއިތުރުން މާލޭގައި ދިރިއުޅޭ އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ރައްޔިތުންވެސް ދަނީ އަންނިއަށް ކެމްޕޭންކުރުމުގެ ގޮތުން ތަފާތު ބައްދަލުވުންތައް ބާއްވާ އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންކަމަށް އެމްޑީޕީ ވައިކަރަދޫ ގޮފީމެންބަރެއް ބުނެއެވެ. އެގޮތުން ދާދިފަހުންވެސް ވަނީ އެމްޑީޕީ ހަރުގޭގައި އެމްޑީޕީ ވައިކަރަދޫ ގޮފިކަމުގައިވާ ‘ތިލަދުންމަތީ އަޑު’ގެ ފަރާތުން ބައްދަލުވުމެއް ބާއްވާފައި ކަމަށާއި އަދި އެބައްދަލުވުމުގައި އަންނިގެ ފަހަތުން ކުރިއަށް ދިޔުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް ވައިކަރަދޫގެ އެމްޑީޕީ ގޮފީގައި ހިމެނޭ ހުރިހާ މެންބަރުންވެސް ތިބިކަމަށާއި އަދި ކުރިއަށްއޮތް ރިޔާސީ އިންތިހާބު ކުރާނީ އަންނިކަމަށް އެބައްދަލުވުމުގައި އަޑުއުފުލާފައިވާ ކަމަށް އޭނާ ބުނެއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv