ބޮޑު ނާކާމިޔާބަށްފަހު މަޖިލިސް ކަސޯޓީގެ ދެވަނަ ޕާޓް

އަހުމަދު މުހުސިން އޯގަސްޓް 14، 14:48 1 ޚިޔާލު

ދިވެހި ފިލްމު ”މަޖިލިސް ކަސޯޓީ“ އަކީ މުޅިރާއްޖޭގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ލިބެމުން އައި ފިލްމެކެވެ. ތަފާތު އެޕިސޯޑް ތަކަށް ބަހާލައިގެން ދައްކަމުންދިޔަ މިފިލްމު އެޅުވީންސުރެ ނިމެންދެންވެސް އެންމެ ހިޓް ފިލްމަކީވެސ އެއީއެވެ. އެންމެ ފަހުވަގުތާޖެހެންދެންވެސް ބަލާ މީހުންނަށް ޖެހުނީ ދެންވާނޭ ގޮތަކާ މެދު ނޭވާ ހިފަހައްޓާލައިގެން ތިބޭށެވެ. ކުންނުގައި ވެގެންދާނީ ކިހިނެތްތޯ ބަލަބަލައެވެ.

ފިލްމުގެ ލައިވްޝޮޓްތައް ބޮކުހުގައި ތިބެގެން ބަލާލުމުގެ ފުރުސަތު ބައެއް އާއްމުންނަށާއި ޚަބަރުފަތުރާ ފަރާތްތަކަށް އޮތްއިރު އޭގެ ރެކޯޑިންގ ދިޔައީ ޓީވީ އެމުން ރޭގަނޑު ދަންވަރުގެ ވަގުތުތަކުގައި މުޅިން ހިލޭ ފޮނުވަމުންނެވެ. ހޭލާތިބެ ގިނަ ބަޔަކު ފިލްމު ބެލުމަށްފަހު ދުވާލު ފަޅުއޮޑި ފަހަރުތަކުގައާއި, ހޮޅުއަށިތަކުގައާއި މަސްއޮޑި އަތިރީގައި އަދި މަގުކުނިކަހަން ނިކުންނަ އަންހެންވެރިން ދިޔައީ ފޯރި ނަގަނަގާފައި ފިލްމުގެ ވާހަކަ ދައްކަމުންނެވެ. ކުދިވެރިންވެސް ދިޔައީ ”ނިޒާމީ ނުކުތާއޭ“ ”އިއްޒަތްތެރި ރައީސޭ“ ކިޔަމުން ފިލްމުގެ މަންޒަރުތައް ކުޅެމުންނެވެ.

ފިލްމުގައި ފެނިގެންދަނީ ޤައުމެއްގައި ރައްޔިތުން އުޅެން ބަޔަކުމީހުން 17 އަހަރުދުވަހެއްގެ މަތިން ހަދާފައި އޮތް ޤާނޫން އަސާސީއެއް ކަމުނުގޮސްގެން އެޤާނޫން އަސާސީ އިސްލާހު ކުރުމަށް ބަޔަކު މީހުން އެއްވެ އުޅޭ ތަނެވެ. އެކަމަށް ކުރާ ސައްލާއާއި ނިންމާ ނިންމުންތަކެވެ. ސަރުކާރު ފަޅިއަކާއި ސަރުކަރާ އިދިކޮޅު ފަރާތްތަކުގެ ދެމެދުގައި ކުރިއަށްދާ ވަރުގަދަ މުޤާބަލާއެކެވެ.

ސަރުކާރު ފަޅިން ޤައުމުގައި ވެރިކަން ކުރަން ހުރި މައުމޫނު ޢަބްދުލް ކިޔާ މީހަކު އޭނާގެ އަޣްލަބިއްޔަތާއި ފުރިހަމަ ބާރާއެކު އޭނާއަށް ފަހިވާގޮތަށް ކަންތައްތަކެއް ނިންމަން ފައިވިއްދާފައި ހުންނައިރު އިދިކޮޅަށް ނިކުމެ އުޅޭ ބަޔަކު އެހެންވިޔަ ނުދޭން ކުރާ މަސައްކަތެވެ.

ބަހުގެ ކޯޅުމާއި އަތްއުކުމާއި މޭޒުމައްޗަށް އެރުންފަދަ ލޭކައްކުވާލާފަދަ މިމަންޒަރުތަކުން ބެލުންތެރިން ތިބެނީ ސޮނި އޮހިފައެވެ. މިކަމުގައި އެންމެ އަސަރުގަދަ ރޯލެއް އަދާކުރަނީ އިދިކޮޅު ފަރާތްތަކުންނެވެ. މައުމޫނުގެ ސަރުކާރުގެ ދޯހަޅި ސިޔާސަތާއި ސަރުކާރުގެ ފަތިފުށް ހާމަކުރަމުންދާ މަންޒަރުތައް އަސްލާ އެއްވެސް ތަފާތެއް ނެތްގޮތަށް އެވެރިން ގެނެސްދެމުންދާ މިފިލްމުގައި ބައެއް ފަހަރަށް ދޭތެރެ ދޭތެރެއިން މެދުކަނޑާލަން ޖެހޭތަން އާދެއެވެ. ބައެއް މަންޒަރުތަކުން އަޑުކަނޑާލާފައި ހުންނަކަން ފާހަގަކުރެވޭއިރު ބައެއް މީހުން ބުނެއުޅެނީ އެއީ ޑަބްކުރުމުގެ މައްސަލައެއް ކަމަށެވެ.

އަނގައިންވެސް ނުބުނެ އެއްބަޔަކު ހަނުހިމޭނުން ތިބޭއިރު, އަނެއް ބަޔަކު ހީވަނީ ވިރުވާ އަޅާންނެވެ. ލޭހޫނުވެ ހަތިޔާރު ނަގާ ހިސާބަށް ހިނގައިދާނެހެން ހީވާ އެތައް މަންޒަރެއް އައިނަމަވެސް މުޅި ފިލުމުގައިވެސް އޮންނަނީ ބަހުގެ ހަނގުރާމައެވެ. މިހުރިހާކަމެއްގައިވެސް އިދިކޮޅު ފަރާތްތައް އުޅެނީ މާކުރީގައެވެ.

ތިމާމޮޅުކަން ދައްކަން އެއްބަޔަކު ސައިޑް ކަޓްތައް ޖައްސަމުންދާއިރު ދޭތެރެ ދޭތެރެއިން ސަރުކާރު ފަޅީގެ މީހުންވެސް ހީވަނީ ދެންމެ ދެންމެ އިދިކޮޅު މީހުންނާ ގުޅިދާނެ ހެންނެވެ. ބައެއް ފަހަރަށް ދިމާ ސަރުކާރާ އިދިކޮޅަށްވެސް ވާހަކަދައްކާ އުޅެއެވެ. ދެފަރާތުންވެސް މަސައްކަތް ކުރަނީ އެއްއަމާޒަކަށް ކަމަށް ބުނަމުން އަންނައިރު ވޯޓާ ހިސާބުން އޮންނަނީ ސަރުކާރުކޮޅަށް ޖެހިފައެވެ. ބައިގިނަ ފަރާތުން ހަންފަތުރާލާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް ދުވަސްދުވަހަށް ޝޫޓިންގ ފެށޭގަޑިއަށް ތަރިން ލޮކޭޝަނަށް ނައިސްގެން ޝޫޓިންގ ކެންސަލްކޮށްފައި ހުރިއިރު މަންޒަރުގެ މެދުތެރެއިންވެސް ތަރިން އަމިއްލަ ކަންތައްތަކަށް ޝޫޓިންގ ދޫކޮށްދިއުމުންވެސް ކެންސަލްކޮށްފައި އެބަހުއްޓެވެ. ބޮޑެތި ނިންމުންތައް ނިންމާދުވަސް ދުވަހަށް ހުރިހާތަރިންވެސް ބަރާބަރަށް ހާޒިރުވާ މިފިލްމުގައި ތަރިން ހާޒިރު ނުވާތީ ދެންތިބި ތަރިން ހިތްހަމަނުޖެހިގެން ނިކުމެ ޝޫޓިންގ ކެންސަލް ކުރުވާފައިވެސް އެބަހުއްޓެވެ. ހާޒިރު ނުވާ ތަރިންގެ ތެރޭގައި ގިނައީ ސަރުކާރު ފަޅީގެ ތަރިންނެވެ.

މިމައްސަލަ އެންމެ ބޮޑުވެގެން ދިޔައީ އިސްލާހުކުރި އެއްޗެއް ނިންމާ އެއަށް އަމަލުކުރަން ފަށާއިރު ކަންކުރާނޭ ގޮތެއް އެކުލަވާލި ދުވަސްވަރުއެވެ. ސަރުކާރު ފަޅިން ކުޑަވެސް ދުލެއް ނުދީ ހިފަހައްޓާލި ހިފަހައްޓާލުމަކާއެކު ފިލުމުގެ އެޕިސޯޑް ނިމިގެންދަނީ އިދިކޮޅު ފަރާތްތައް ރޮއްވާލާފައެވެ. ބަރާބަރު 29 މީހުން އިތުރަށްތިބޭ ސަރުކާރު ފަޅިން ދަނީ އެމީހުންކޮޅަށް ފަތަހަކޮށްގެންނެވެ. ސަރުކާރުފަޅިއަށް ކަމިޔާބު ލިބިގެންނެވެ.

ފިލްމުގެ ފުރަތަމަ ޕާޓްނިމި އެއިންލިބުނު މަޝްހޫރު ކަމާއެކުގައިކަމެއް ނޭނގެއެވެ. ނޫންނަމަ ފުރަތަމަޕާޓު ނިމުނުއިރު އޭގައި ދެވަނަ ޕާޓެއް އަންނާނެ ވާހަކަ ބުނެފައި އޮތީކީ ނޫންކަމެއްވެސް ނޭނގެއެވެ. އެފިލްމުގެ ދެވަނަ ޕާޓެއް ހަދަން މިހާރު ވަނީ ފަށާފައެވެ.

ދެވަނަޕާޓް ފެށުމަށްޓަކައި މިމަހުގެ 11 ވަނަ ދުވަހާއި 12 ވަނަ ދުވަހުވަނީ ސްކްރީން ޓެސްޓެއްވެސް ހަދާފައެވެ. މިހާތަނަށް ނިކުތް އެހެން ފިލްމުތަކާ ޚިލާފަށް ސްކްރީން ޓެސްޓްވެސް ހެދީ ކުރީގެ ޕާޓުގައި ފެނިގެންދާ ވާދަވެރި ދެފަރާތުންނެވެ. ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ މެދުގައެވެ. ފުރަތަމަ ދުވަހު ހެދި ޓެސްޓުގައި ކުރީގައި އުޅެނީ ސަރުކާރު ފަޅިއެވެ. ނަމަވެސް އެދުވަހުގެ ޓެސްޓްތަކުގައި ޓެކްނިކަލް މައްސަލައެއް އުޅޭތީ އެދުވަހުގެ ޝޫޓިންގ ޖެހިގެން އައިދުވަހު ބޭއްވި ބައިގައި ސަރުކާރު ފަޅިއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލަން ޖެހި, ކުރި ހޯދީ އިދިކޮޅު ފަރާތުންނެވެ. މިފަހަރުވެސް 8 މީހަކު އިތުރަށް ސަރުކާރު ފަޅިން ނިކުމެފައި ވެއެވެ.

”މަޖިލިސް ކަސޯޓީ ދޭއް“ގެ ޝޫޓިން އަންނަ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާއިރު މިފިލްމު ދިރާސާކުރާ ފަރާތްތަކުން ބުނަނީ މިޕާޓް ވެގެން ދާނީ ކުރީގެ ޕާޓާ މުޅިން ތަފާތު ޕާޓަކަށް ކަމަށެވެ.

”މުޅިން ތަފާތުވާނެ. މިފަހަރު ފެންނާނީ އޭގެ އަނެއްކޮޅު. ކުރިން އިދިކޮޅު ފަރާތްތަކުން ދެއްކިފަދަ ހުޝިޔާރުކަމެއް މިފަހަރު ސަރުކާރު ފަޅިން ދައްކާނެ. ތަރިންގެ ހުނަރުވެރިކަން މިފަހަރު ބޮޑަށް ފެނިގެން ދާނީވެސް ސަރުކާރު ފަޅިން.“ ފިލްމީ ދާއިރާގައި ހިނގާ ކަންތައްތައް ވަރަށް ކައިރިން ބަލަމުންދާ މީހަކު ބުންޏެވެ.

އެހެން ޕްރޮޑިއުސަރަކު ބުނީ ސަރުކާރު ފަޅިން މުޅިން އާ ތަރިންތަކެއްވެސް ފެނިގެން ދާނެ ކަމަށެވެ.

”އެއީ މުޅިން އަލަށް މިދާއިރާއަށް ޖޮއިންކުރި ސްޓާރުންތަކެއް.“ އޭނާ ބުންޏެވެ.

ފިލްމީ ދާއިރާ ދިރާސާކުރާ މީހުން ބުނަނީ ދެވަނަޕާޓު އެހާތަފާތު ގޮތަކަށް ފެންނާނެ ސަބަބަކީ ސްކްރީން ޓެސްޓުގައި ސަރުކާރު ފަޅިއަށް ލިބުނު ނާކާމިޔާބީގެ ސަބަބުން ކަމަށެވެ.

”އެދުވަހު ހެދި ސްކްރީން ޓެސްޓްގައި ސަރުކާރުފަޅިން ބަތޮލަކަށް ނަގަން އުޅުނު އަހުމަދު ޒާހިރު ނުހޮވި އެމަޤާމަށް އިދިކޮޅުން ހުށަހެޅި މުހައްމަދު ޝިހާބު ހޮވުން އެއީ ސަރުކާރު ފަޅިއަށް ލިބުނު ވަރަށްބޮޑު ނާކާމިޔާބެއް. 8 މީހުން އިތުރަށް ތިބިނަމަވެސް އިދިކޮޅު ފަރާތަށް މީހުން ގިނަ ވުމާއި ސަރުކާރު ފަޅީގައިތިބި ބަޔަކު އިދިކޮޅު މީހުންގެ ތެރައަށް ވަދެ ބައިއަތު ހިފުމަކީވެސް ލިބުނު ވަރަށްބޮޑު ގެއްލުމެއް. އެއީ ކުރިއަށް އޮތްތަނުގައި ފޫނުބެއްދޭވަރުގެވެސް ކަމެއް. މިސަބަބުތަކާހެދި ފިލުމުގެ ދެވަނަބައި ފެންނާނީ މުޅިން ތަފާތުކޮށް“ އޭނާ ބުންޏެވެ.

ކުރީގެ ބައިބަލަން ކޮންމެ ދުވަހަކުވެސް ބޮކުހަށް ވަދެ އިންނަ މީހަކު ބުނީ ސްކްރީން ޓެސްޓް ހެދި ދުވަހުވެސް އެކަން ފެނިގެން ދިޔަކަމަށެވެ.

”އެދުވަހުވެސް އެތަފާތު ފެނުނު. މަހްލޫފްމެން ސަލީމްމެން އައްބާހާއި އަބްދުއްރަޝީދު ނާފިޒް އަދި ލުބުނާއާ ޝަރީފްމެންފަދަ ތަރިން ދައްކަމުން ދިޔައީ މުޅިން އެހެން ކުލައެއް“ އޭނާ ބުންޏެވެ.

ކޮންމެއަކަސް ބެލުންތެރިން އުއްމީދު ކުރަނީ ”މަޖިލިސް ކަސޯޓީ ދޭއް“ ވެގެން ދާނީ އޭގެ ފުރަތަމަ ބަޔަށްވުރެވެސް މޮޅު ރީތި އަސަރުގަދަ ބަޔަކަށެވެ.

ބުނެވޭގޮތުގައި މިއަހަރު އޮކްޓޫބަރ ދިހައެއްގެ ކުރިން ހޮވާ މިއަހަރުގެ ނޮވެމްބަރ އެގާރައިގައި އެވޯޑް ހަވާލުކުރުމަށް ހަމަޖެހިފައިވާ ފިލްމް ފެއާ އެވޯޑަށް މިފިލްމުގެ ދެވަނަބައި ވެގެންދާނީ ތަފާތު ނަތީޖާއެއް ދައްކުވައިދޭނެ ފިލްމަކަށެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. މަޖްލިސްގެ މިންބަރަކަށް ވީތީ ލިބިދޭ މިނިވަންކަމެއްގެ ސަބަބުން ބޭނުންކޮންމެ އެއްޗެއް ކިޔާގޮތަށް ނޫސްވެރިއަކަށް ލިބިދޭ ހައްގު ބޭނުންކޮށްގެން ތިޔަފަދަ ދަށުދަރަޖާގެ އެއްޗެއް ނުލިއުމަށް އިލްތިމާސް ކުރަމެވެ. ބައެއް މުއައްސަސާތަކަކީ އެތަންތަނަށް ގަދަރާއި އިހްތިރާމް ދެވިފައިވާ ތަންތަނެވެ. މިފަދަ ތަންތަނުގެ ކަރާމާތާއި އަބުރު އަންނަން އޮތް ޖީލުތަކަށް ތިގޮތަށް ހާމަ ކުރުމަކީ އިންތިހާ އަށް ލަދުވާނެޖެހޭފަދަ ކަމަކެވެ. މުހުސިން ކަހަލަ ނޫސްވެރިން ބިނާކުރެވެނި ލިއުންތައް ލިޔާނީ ކޮންދުވަހަކުންބާވައޭ ހިތައް އަރާ.

    ހޯމަ، އޯގަސްޓް 25 2008، 16:21
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv