
ގައުމީ ޓީމު އޮތީ މައުމޫނުގެ ކެމްޕޭންގެ ފަހަތުގައި ކަމަށް ހާނިމް ބުނުމުން އެކަމާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް އެފްއޭއެމުން ބުނެފި
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް މައުމޫން އަބްދުލް ގައްޔޫމްގެ ކެމްޕޭން ލޯންޗު ކުރުމަށް ރޭ އަލިމަސް ކާނިވަލުގައި ބޭއްވި ރަސްމިއްޔާތުގައި ޤައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރ މުހައްމަދު ހާނިމް ޤައުމީ ޓީމު އޮތީ ކެމްޕޭންގެ ފަހަތުގައި ކަމަށް ބުނުމުން އެ މައްސަލަ ބަލާނެ ކަމަށް އެފް އޭ އެމުން ބުނެފި އެވެ.
އެފް އޭ އެމުގެ ޕްރެޒިޑެންޓް އަލީ އާޒިމް ވިދާޅުވީ ޤައުމީ ޓީމުގެ ނަމުގައި އެއްވެސް ފަރާތަކަށް ވާހަކައެއް ނުދެއްކޭނެ ކަމަށާއި އެ މައްސަލަ ބަލާނެ ކަމަށެވެ. ”އެފް އޭ އެމުގެ ފަރާތުން އަދި ޤައުމީ ޓީމުގެ ފަރާތުންވެސް އެއްވެސް ސިޔާސީ ކަމެއްގައި ބައިވެރިއެއް ނުވާނެ. އެހެނެއް ނޫން ވަކި ކުޅުންތެރިއަކު ނުވަތަ ވަކި މީހަކަށް ބުނެވިދާނެ ތިމަންނައަކީ ރަންމެޑަލް ހޯދި ޓީމުގެ މީހެކޭ. ތިމަންނަ ވަކި މީހަކަށް ސަޕޯޓް ކުރަމޭ.“ އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެފް އޭ އެމަކީ ދީނީ ނަސްލީ އަދި ސިޔާސީ ކަންތައްތައްތަކުން މުޅިން އެއްކިބާވެފައިވާ ޖަމްއިއްޔާއެއް ކަމަށާއި އެތަނުގެ ތެރެއަށް ޕޮލިޓިކްސް ނުވެއްދޭނެ ކަމަށާއި އެއީ ފީފާއިންވެސް މުޅިން މަނާކޮށްފައިވާ ކަމެއް ކަމަށެވެ.
ޑީއާރުޕީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ހާނިމް ރޭ އަލިމަސް އުފާ ކާނިވަލުގެ ސްޓޭޖްގައި ވާހަކަ ދައްކަމުން ބުނެފައިވަނީ ޤައުމީ ޓީމު ތިބީ ކެމްޕޭން ކާމިޔާބު ކުރުމުގެ އަޒުމުގައި ކަމަށެވެ.
” މިއުފާވެރިރޭ އަޅުގަނޑުމެން އެންމެން މިތަނަށް އެންމެން އެކައްޗެއް ކިޔައިގެން އެއްބަޔަކަށް ވެގެން ހާޒިރުވެ މި ތިބީ ޤައުމީ ޓީމާއެކުގައި އަޅުގަނޑުމެން ކުރަން މިއުޅޭ ކެމްޕޭން ކާމިޔާބު ކުރުމުގެ މަގްސަދުގައި. އަޅުގަނޑުމެން މިތަނަށް އައިސް މިތިބީ ތިޔަ އެންމެ ބޭފުޅުންނާ ބައިވެރިވުމުގެ މަގްސަދުގައި. ” ހާނިމް ބުނީ އެމީހުން އެތަނަށް އައިސްތިބީ ދެކެން ބޭނުންވާ އާ ދިވެހި ރާއްޖެ ދެކުމުގެ މަގްސަދުގައި ކަމަށެވެ. ”ލޯންޗު ކުރެވުނު މިކެމްޕޭން ކާމިޔާބު ކުރުމަށް އަޅުގަނޑުމެން އަޒުމު ކަނޑައަޅާ ޤައުމީ ޓީމުގެ އެންމެން ތިޔަބޭފުޅުންނާއެކު މިތިބީ ތައްޔާރަށް.“ މައުމޫންގެ ކެމްޕޭނަށް އަމާޒުކޮށް ހާނިމް ވާހަކަ ދައްކަމުން ބުންޏެވެ.
ރޭ އެގޮތަށް ވާހަކަ ދެއްކި ނަމަވެސް ހާނިމް މިއަދު ބުނީ އެއީ ޤައުމީ ޓީމުގެ ހައިސިއްޔަތުން ދެއްކި ވާހަކައެއް ނޫން ކަމަށެވެ. ”އެތަނަށް ގޮސްތިބި ކުޅުންތެރިންނަކީވެސް ޤައުމީ ޓީމުގެ ހައިސިއްޔަތުން ގޮސްތިބި މީހުންނެއް ނޫން. ހަމަ ވަކި ވަކި ކުޅުންތެރިންތަކެއް ގޮސްތިބީ. ދެން ޤައުމީ ޓީމުގެ ނަމުގައި ވާހަކަ ދެއްކުނު ނަމަ ތިއީ އޮޅުމެއް. އަމިއްލަ ހައިސިއްޔަތުން އަހަރެންވެސް ވާހަކަ ދެއްކީ. ޤައުމީ ޓީމު ނަމަ އެތަނުގައި ތިބޭނީ ހައެއްކަ ކުޅުންތެރިންނެއްވެސް ނޫންތާ ދޯ.“ ހާނިމް ބުންޏެވެ.
ޤައުމީ ޓީމުގެ ހައިސިއްޔަތުން ނޫންނަމަ އެކަމަށް ފަހުން މައާފަށް ނޭދުނީ ކީއްވެތޯ އެހުމުން ހާނިމް ބުނީ ވާހަކަ ދައްކަމުންދާއިރު ގިނަ ފަހަރަށް އެވަރަށް ނުވެސް ވިސްނޭ ކަމަށެވެ.
ރޭގެ ބައްދަލުވުމުގައި ހާނިމްގެ އިތުރުން ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުން ކަމަށްވާ މުހައްމަދު ޝިޔާޒު(މޯހަން) އާއި އިހްސާން އަބްދުލް ޤަނީ(ސާންތި) އާއި ކުޅުންތެރިން ކަމަށްވާ ސޮބާހު މުހައްމަދާއި އައްސަދު އަބްދުލް ޤަނީ, އާދަމް ޝަރީފ(އެޑަމް), މުހައްމަދު ޖަމީލު, މުހައްމަދު ޝިފާން(ކުޑައްޓޭ), ހަސަން ރަމީޒު(ޓިމޯ), މުހުތާރު ނަސީރު(ޓޫކިލޯ) ހިމެނެއެވެ. ހާނިމްގެ އިތުރުން އައްސަދުވެސް މި ރަސްމިއްޔާތުގައި ވާހަކަ ދެއްކިއެވެ. ހާނިމް އާއި އައްސަދު ވާހަކަ ދެއްކިއިރު އެހެން މީހުން ތިބީ ސްޓޭޖް މަތީގައެވެ. މި ކުޅުންތެރިންނާއި އޮފިޝަލުން ސްޓޭޖް މައްޗަށް ނެރުނު އިރު ތައާރަފްގައި ބުނެފައިވާނީ ސްޓޭޖް މައްޗަށް މި ގެންނަނީ ރަން ކާމިޔާބު ޤައުމީ ފުޓްބޯޅަ ޓީމު ކަމަށެވެ. ރޭގެ ބައްދަލުވުމުގައި ސްޓޭޖް މައްޗަށް އެރި ކުޅުންތެރިންގެ ތެރޭގައި މުޅިންވެސް ހިމެނެނީ ނިއުރޭޑިއަންޓާއި ވެލެންސިއާގެ ކުޅުންތެރިންނެވެ. މިއީ ސިޔާސީ ނުފޫޒު އޮންނަ ދެ ކްލަބް ކަމަށް އެފް އޭ އެމުގެ އިންތިހާބުގައިވެސް ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވާ ދެ ކްލަބެވެ.
އައްސަދުގެ ވާހަކައިގައި ޤައުމީ ޓީމުގެ ނަމުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އައްސަދު ބުނެފައިވަނީ ކަމެއް ކާމިޔާބުވާނީ އެންމެން އެކުގައި ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ.
ވެލެންސިއާގެ ކީޕަރު ހަސަން ރަމީޒު(ޓިމޯ) ބުނީ އޭނާ އެތަނަށް ދިޔައީ އަމިއްލައަށް އެދިގެން ކަމަށާއި އޭނާއަކީ ރައީސް މައުމޫންގެ ވަރަށް ބޮޑު ސަޕޯޓަރެއް ކަމަށެވެ. ”އަހަރެމެން ގޭ އެންމެންވެސް މައުމޫނަށް ވަރަށް ސަޕޯޓްކުރޭ. އެހެންވެ މީގެ ދުވަސްކޮޅެއް ކުރިން އެކަންތަކުގައި އުޅޭ މީހުން ކައިރީގަ ބުނެފަ އޮންނާނީ އަހަރެން މިކަމުގަ(މައުމޫން ކެމްޕޭންގަ) އުޅެދޭނަމޭ. އެހެން ހުއްޓާ މީގެ ދެ ދުވަހެއް ކުރިން މަހްލޫފް ގުޅާފަ ބުނީ އައިސްދޭށޭ. ދިޔައިރު ނޭނގެ ކޮން ބައެއްކަމެއް ދަނީކީވެސް. އަސްލު އަހަރެން ހީކުރީ ހަމަ އެކަނި ކަމަށް. އެކަމަކު ކުޅުންތެރިން ފެނުނީމަ ވަރަށް އުފާވި.“ ޓިމޯ ބުންޏެވެ. ޓިމޯ ބުނީ ޤައުމީ ޓީމުގެ ނަމުގައި ހާނިމް ވާހަކަ ދެއްކުމުން އޭނާވެސް ހައިރާންވި ކަމަށާއި އެމީހުން އެތަނަށް އައީ ކޮން ހައިސިއްޔަތަކުންތޯވެސް އެހި ކަމަށެވެ. ”އެންމެންވެސް ބުނީ އަމިއްލަ ގޮތުންނޭ އައީ“ ޓިމޯ ބުންޏެވެ.
ކުޑައްޓޭ ބުނީ އޭނާ ދިޔައީ އަމިއްލަ ގޮތުން ކަމަށާއި މައުމޫނަށް އޭނާ ފުރިހަމައަށް ސަޕޯޓް ކުރާ ކަމަށެވެ. ”އެއްވެސް މީހެއްގެ ނުފޫޒެއް މިކަމަކު ނެތް. އަހަރެންނަށް ގުޅާފަ ބުނި ސޮބާ އާއި ޖަމްބޭ ފަދަ ކުޅުންތެރިންވެސް ދާނެއޭ. އެކަމަކު ދާނެ ހުރިހާ އެންމެންނެއް ނުވެސް އެނގޭ“ ކުޑައްޓޭ ބުންޏެވެ.
ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންތައްތައް ވެއްދުމާއި ބައެއް ކްލަބްތަކުން ވަރަށް ބޮޑަށް ދެކޮޅު ހަދަމުންދެއެވެ. އެކަމަށް އެންމެ ބޮޑަށް އަޑު އުފުލަމުންދާ ޓީމަކީ ވީބީ ސްޕޯޓްސް އެވެ. ވީބީގެ ސީ އީ އޯ ގަހުތާން ހަލީމް ވިދާޅުވީ އެ ކްލަބްގެ ކުޅުންތެރިން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވާނެ ކަމަށާއި ކުޅުންތެރިންނަށްވެސް އެފަދަ ކަންތައްތަކުގައި ބައިވެރިނުވާން އަންގާފައިވާނެ ކަމަށެވެ. ”ވަކި ޑީއާރުޕީއެއް ނޫން. އެއްވެސް ޕާޓީއެއްގެ ކަމެއްގައި ވީބީގެ ބަޔަކު ބައިވެރިއެއް ނުވާނެ.“ ގަހުތާން ވިދާޅުވީ ޕޮލިޓިކްސް ކަންތައްތަކުގައި ކުޅުންތެރިން ބައިވެރިވުމަކީ ވަރަށް ހަޑިކަމެއް ކަމަށެވެ.
ރޭގެ ރަސްމިއްޔާތުގައި ވެލެންސިއާގެ ގިނަ ކުޅުންތެރިންތަކެއް ބައިވެރިވި ނަމަވެސް އެކަން ކްލަބަށް އެނގިފައިނުވާ ކަމަށް ވެލެންސިއާގެ ސީ އީ އޯ އަހްމަދު ސަލީމް ވިދާޅުވިއެވެ. ”ހަމަ ޔަޤީނުންވެސް ކްލަބްގެ އެއްވެސް ރޯލެއް ތިކަމުގައެއް ނޯންނާނެ. އަދި މިއަދުގެ މެޗަށްފަހު ތިކަމާ ކުޅުންތެރިންނާ ވާހަކަވެސް ދައްކާނަން“ ސަލީމް ވިދާޅުވިއެވެ.
ކެމްޕޭން ލޯންޗު ކުރުން އިިޝްތިހާރު ކުރުމަށް ނެރުނު ޕޯސްޓަރުގައި އަލީ އަޝްފާގު)ދަގަނޑޭ(ގެ ފޮޓޯ ހިމެނި ނަމަވެސް އެއީ އޭނާއަށް އެނގިގެން ކޮށްފައިވާކަމެއް ނޫން ކަމަށް ދަގަނޑޭ ބުންޏެވެ. ”އަހަރެންނަށްވެސް ތިތަނަށްދާން ގުޅި. އެކަމަކު އަހަރެންގެ ނަޒަރުގައި ކުޅިވަރު ކުޅޭ މީހުން ޕޮލިޓިކްސްގެ ތެރެއަށް ވަދެގެން ނުވާނެ. އެހެންވެ އަހަރެންނަށް ރަނގަޅު ކަމެއްކަމަށް ނުފެންނާތީ ނުދިޔައީ.“ ދަގަނޑޭ ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން އެފް އޭ އެމުން މިއަދު މެންދުރުފަހު ވަނީ ނޫސްބަޔާނެއްވެސް ނެރެފައެވެ. ނޫސް ބަޔާނުގައިވަނީ ”ސިޔާސީ ޕާޓީއެއްގެ ކެންޕޭން ލޯންޗު ކުރެއްވިރޭ, ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ފުޓްބޯޅަ ޓީމުގެ ބައެއް ކުޅުންތެރިންނާއި ބައެއް އޮފިޝަލުން ”ޤައުމީ ފުޓްބޯޅަ ޓީމު“ މިދެންނެވި ޕާޓީއަށް ތާއީދު އޮތްކަމަށް ހާމަކޮށްފައި ވެއެވެ.“
”ނަމަވެސް މި އެސޯސިއޭޝަނަކީ ވަކި ސިޔާސީ ޕާޓީއަކަށް ތާއީދުކުރާ ”ފުޓްބޯޅަ“ ސިޔާސީ ކަންކަމުން އެއްކިބާކޮށް ހުރިހާ އެންމެންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމު ކުރުމަށް މަސައްކަތް ކުރުމުގެ ބުރަ މަސްއޫލިއްޔަތު އުފުލުމަށް ތައްޔާރަށް އޮތް ފަރާތެއްކަންވެސް ދަންނަވަމެވެ. ވުމާއެކު މިއެސޯސިއޭޝަން އާއި ޤައުމީ ޓީމުގެ ނަންބޭނުންކޮށްގެން މިފަދަ ސިޔާސީ, ނަސްލީ އަދި ދީނީ ގޮތުން އަމަލުތައް ހިންގާ ފަރާތްތަކާމެދު އެސޯސިއޭޝަންގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވީމެވެ.“ އެފް އޭ އެމުން ނެރުނު ދެ ސަފްހާގެ ނޫސްބަޔާންގައިވެއެވެ.
ރޭގެ ރަސްމިއްޔާތުގައި ފުޓްބޯޅަ ކުޅުންތެރިންގެ އިތުރުން ފިލްމީ ތަރިންވެސް ބައިވެރިވެ ވާހަކަ ދެއްކިއެވެ.
-
ހޮނިހިރު، އޯގަސްޓް 9 2008، 17:17
މައުމޫނު ކެމްޕޭނުގަ ތިހުރިހާ މީހުނެއްވެސް ދާނެ. ނިކަން ބަލާބަލަ މުހަންމާކަލޯ. މިހާރު އެނގިއްޖެ އޭނަވެސް ލާރި ބޭނުންވާވަރު. ބަލަގަ ޓީވީ މޯލްޑިވްސް އިން އޭނަގެ އެއްޗެހި ނުދައްކައިގެން އެންމެފަހުން ޑީއާރުޕީ އާ ގުޅުނީ ދޯ؟ ތީކަލޯމެންގެ ފެންވަރަކީ.. އެކަމަކު މުހަންމާމެން ސީޒަންމެން މީހުންނަކީ ޤައުމުގެ ރައްޔަތުންގެ ކުރިމަތީގަ ބަސްވިކޭނެ ބައެއް ނޫން. އަދި ތި ކުޅުންތެރިންނަކީވެސް.. ދިވެހިރައްޔިތުންގެ ފައިސާއިން ދެލައްކަ ރުފިޔާ ޤައުމީ ޓީމުގެ ކުޅުން ތެރިންނަށް މައުމޫނު ދިނީ މާކުރިންވެސް އެއެދުމުގަ.. އެކަމަކު އެހެން ޖަހާލާ ލާރިކޮޅަކީ ދާއިމީ މަންފާއެއް ކުރާނެ އެއްޗެއްކަމަށް ވިސްނުން އެއީ ވަރަށްބޮޑު ގޯހެއް.
-
ހޮނިހިރު، އޯގަސްޓް 9 2008، 19:02
އަޅުގަނޑުމެންގެ ހިތުގައި އުފެދާ ސުވާލަކީ ދިވެހި ފުޓްބޯޅަ ކުޅުންތެރިން މައުމޫންގެ ކެމްޕެއިންށް ދިޔައީ މައުމޫން ދެލައްކަ ރުފިޔާ ކޮންމެ މީހަށް ދިނުމުންތޯ؟ އެހެންކަމަށްވާނަމަ ފުރަތަމް ބަލަންވީ މައުމޫން ކޮންމެ މީހަކަށް ދިން ދެލައްކަ ރުފިޔާއަކީ މައުމޫންގެ ޖީބުންދިން ރުފިޔާތޯ ނުވަތަ ސަރުކާރުންދިން ރުފިޔާތޯ ދިވެހި ރައްޔިތުން ބަލަ ބޭނުންވާ ވާހަކަ. މިކަމުގައި ކުޅުންތެރިންނަށް އެއްޗެއް ލިބުމަކުން އަޅުގަނޑުމެން ދެރަނުވޭ، އެކަމަކު ދިވެކުޅުންތެރިން ހޯދި ކާމިޔާބަށް މަރުހަބާކިޔަން )ދިވެއްދެއް(
-
ހޮނިހިރު، އޯގަސްޓް 9 2008، 18:38
ހާނިމް އެގޮތައް ނުބުނެ ކޮންތާކަށް ވަންނާނީ. ކޮބާ މައުމޫނު ކޮންމެ ކުޅުންތެރިއަކަށްދިން ލާރިގަނޑު. އެލާރިއަކީ ކަމެއްނެތިދިން ރުފިޔާތަކެއްނޫން. ބައިއަތު ހިފުމަށްދިން ރުފިޔާގަނޑެއް. އަދި މައުމޫނުވެސް މީ ޤައުމީ ލޯބި ހުންނަ މީހެއްނޫން. މުޅިން ކޮރަޕްޓްވެފަ މިގައުމު މިއޮތީ. މި ކޮމަންޓް ނުޖަހާނެކަންވެސްއެގޭ. މމ
-
ހޮނިހިރު، އޯގަސްޓް 9 2008، 19:19
ނަން ހާމަނުކުރާ ކުޅިވަރު ކައުންސިލްގެ މެމްބަރެއް ވިދާޅުވިކަމަށް ހަވީރުނޫހުގައި އަޒްމީން ލިޔުއްވާފައި ވަނީ ސިޔާސީ ކަނަކްމުގައި ކުޅިވަރުމުއައްސަސާތަކުން ހަރަކާތްތެރި ނުވެވޭނެކަމަށް ބުނާ ގަވާއިދެއް ނެތްކަމަށެވެ! މިފަދަ މެމްބަރެއް ކުޅިވަރުކައުންސިލްގައި އިން އިނުމަކީ މައުމޫނުގެ ސަރުކާރުގެ ނުތާހިރު ކަމުގެ ހެއްކެވެ. އަދި މިދެރަވަރު ހާދިސާގެ އަސްލަކަށްވަނީ ކުޅިވަރުގެ ދާއިރާއިން ޒަމާނީ ތައަލީމް ލިބިލައްވާފައިވާކަމަށް ދައުވާވެސް ކުރައްވާ ކުޅިވަރު މިނިސްޓްރީގެ ޑައިރެކްޓަރޖެނެރަލްގެ މަގާމް ފުރުއްވާ މުވައްޒޮފެއްކަމުގައި ވެއެވެ. މިއިން ދޭހަކޮށްދެނީ ތައަލީމެއް ލިބިފައިވީނަމަވެސް، އިޚްލާސްތެރިކަމެއް ނެތުމަކީ މިސަރުކާރުން ޕްރޮމޯޝަންދިނުމުގައި ގެންގުޅޭ މިންގަޑަކަށް ވާކަމެވެ. ހަމަ ނުތާހިރީއެވެ!
-
ހޮނިހިރު، އޯގަސްޓް 9 2008، 19:21
ޤައުމީޓީމުގެ ނަމުގަވާހަކަދެއްކެވީތީ ހާނިމު މަޢާފަށް އެދެންޖެހޭނެ، އަޅުގަނޑުމެން ސަޕޯޓުކުރަންދިޔައީ ޤައުމީޓީމަށް،ޒައީމުގެ މުނިފޫހިފިލުވާ ލަވަޕާޓީއަކަށްނޫން!