ރައްޔިތުން މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި

އަހުމަދު މުހުސިން އޯގަސްޓް 7 2008، 18:14 0 ޚިޔާލު

ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ގިނަ މެންބަރުންތަކެއް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފިއެވެ.

ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު އެޕާޓީއާ އިތުރަށް ގުޅިވަޑައިގެންނެވި މެންބަރުންގެ ތެރޭގައި ކުރިން އެމްޑީޕީގައި އުޅުއްވި މާލޭ މެންބަރ މުހައްމަދު ޝިހާބާއި ޏ އަތޮޅު މެންބަރ މުހައްމަދު އިބްރާހީމް ދީދީ އަދި ޚާއްޞަ މަޖިލީހުގެ ބ އަތޮޅު މެންބަރ ޢަލީފާއިޒް, ޑީއާރުޕީން އިސްތިއުފާ ދެއްވުމަށްފަހު ގއ އަތޮޅު މެންބަރ ޢަބްދުﷲ ޖާބިރާއި ޑީއާރުޕީން އިސްތިއުފާދެއްވި ޤާސިމް އިބްރާހީމް , ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން ވަކިކުރެއްވި ފާތިމަތު ދިޔާނާ ސައީދު ހިމެނިވަޑައިގަންނަވަ އެވެ.

އަދި އެމްޑީޕީގެ ފައުންޑަރ މެންބަރ މުހައްމަދު ލަތީފް (ގޯގޯލަތީފް) އާއި އެމްޑީޕީގެ ބ ދާއިރާގެ ރައީސް އުބައިދުﷲ މުއާޒްވެސް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވައިފިކަމަށް ޖަޒީރާއަށްވަނީ މައުލޫމާތު ލިބިފައެވެ.

މީގެ އިތުރުން ޖަޒީރާއަށް ވަރަށް މުއުތަބަރު ގޮތެއްގައި މައުލޫމަތު ލިބިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދ އަތޮޅު މެންބަރ އަހުމަދު ސިޔާމް, ފ އަތޮޅު މެންބަރ ޢަބްދުލް ޣަފޫރު, ސ އަތޮޅު މެންބަރ މުހައްމަދު އަސްލަމް, ކ އަތޮޅު މެންބަރ އިސްމާއީލް ޢަބްދުލް ހަކީމް, ވ އަތޮޅު މެންބަރ އިސްމާއީލް ޝިހާބު އަދި ލ އަތޮޅު މެންބަރ ރީކޯ މޫސާމަނިކު އެޕާޓީއާ ވަރަށް އަވަހަށް ގުޅިވަޑައިގަންނަވާނެއެވެ.

މިހާރު ޖުމްހޫރީ ޕާޓީގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ދ އަތޮޅު މެންބަރ އަހުމަދު ނާޝިދު, އއ އަތޮޅު މެންބަރ އަހުމަދު ޒުބައިރު, ށ އަތޮޅު މެންބަރ އިބްރާހީމް ވަހީދު, ބ އަތޮޅު މެންބަރ ޢަބްދުއް ރަޝީދު, ތ އަތޮޅު މެންބަރ މުހައްމަދު ޝަރީފް, ގއ އަތޮޅު މެންބަރ މުހައްމަދު ސަލީމް އދ އަތޮޅު މެންބަރ ޢަބްދުއްރަޝީދު, އަދި ރ އަތޮޅު މެންބަރ އިބްރާހީމް ޝަހީދު ޒަކީއެވެ.

މި މެންބަރުންނާއެކު ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާއަތޮޅުތަކުން ހޮވިފައިތިއްބެވި މެންބަރުންގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ޖުމްލަ 16 މެންބަރުން މަޖިލީހުގައި ހިމެނުނީއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ 8 މެންބަރުން ނުލައި މަޖިލީހުގައި ތިއްބަވާނީ ޑީއާރުޕީގެ 15 މެންބަރުންނެވެ.

އެމްޑީޕީގެ 3 މެންބަރުން ތިއްބަވާއިރު ޕީއޭގެވެސް 3 މެންބަރުން ތިއްބަވާނެއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv