ރީކޯ އިބްރާހިމް މަނިކު ޝިކުރެއްގެ ތެރޭގައި ވާކަމަށް ބުނެ އޭނާއަށް ނަސޭހަތް ތެރިވުމަށް އަދާލަތުން މަތީ މަޖިލީހަށް ގޮވާލައިފި

މިއުސަމް އައްބާސް އޯގަސްޓް 6 2008، 17:18 4 ޚިޔާލު

އެމްއެސްޑީޕީގެ ލީޑަރ ރީކޯ އިބުރާހިމް މަނިކު ރަމަލު ޖެހުމުގެ ސަބަބުން ޝިރުކެއްގެ ތެރެއަށް އެރިފައިވާކަމަށް ބުނެ އޭނާއަށް ނަސޭހަތްތެރިވުމަށް އަދާލަތު ޕާޓީގެ ފަރާތުން އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖުލީހަށް ގޮވާލައިފި އެވެ.

އަދާލަތު ޕާޓީގެ ސިޔާސީ ފެންޑާގެ ވަގުތުކޮޅުގައި އެޕާޓީގެ އިލްމުވެރިންގެ މަޖުލީހުގެ ރައީސް ޑރ.އަބުދުލް މަޖީދު އަބުދުލް ބާރީ ވިދާޅުވީ ތަރިތަކަށް ބަލައި ފަހުން ވާނޭ ކަންތައްތަކެއްގެ ވާހަކަ ދެއްކުމަކީ ޣައިބުތައް ތިމަންނާއަށް އެނގޭ ކަމަށް ބުނުން ކަމަށާއި އަދި އެފަދަ ކަމެއް ކުރާ މީހަކީ ޝިރުކެއްގެ ތެރެއަށް ވެއްޓިފައިވާ މީހެއް ކަމަށެވެ.

” ޣައިބުގައިވާ ކަންތައްތައް ދެނެގަތުމަކީ ހަމައެކަނި ﷲއަށް ހާއްސަ ވެގެންވާ ކަމެއް. އެހެން ކަމުން ކުރިއަށްވާން އޮންނަ ކަމެއްގެ ވާހަކަ ދެއްކުމަކީ ޝިރުކެއްގެ ތެރެއަށް ތިމާ އެރިގަތުން“ ދީނީ އިލްމުން ޕީއެޗްޑީ ހާސިލްކޮށްފައިވާ ޑރ.އަބުދުލް މަޖީދު ރޭ ޓީވީއެމުން ދުރަށްދެއްކި ޕްރޮގްރާމުގައި ވިދާޅުވި އެވެ.

އެޕާޓިގެ އިސްތަރުޖަމާނު މުހައްމަދު ޝަހީމު އަލީ ސައީދުގެ ވާހަކަ ކޮޅުގައި އެކަމާ އޭނާ ތައުބާވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މަތީމަޖުލީހުން އޭނާއަށް ނަސޭހަތްތެރިވެ ވަޑައިގަތުމަށް ވަނީ އެދިފަ އެވެ.

މީގެ އިތުރަށް ޑރ.އަބުދުލް މަޖީދު ވިދާޅުވީ އެފަދަ ކަމެއް ގަބޫލުކުރާ މީހެއްގެ ނަމާދު 40 ދުވަސް ވަންދެން ﷲ ގަބޫލު ނުކުރައްވާނެ ކަމަށާއި އަދި އެފަދަ ކަމެއް ކުރާ މީހާގެ އަދަބު އެއަށް ވުރެ ބޮޑުވެގެންވާ ކަމަށެވެ.

” މިފަދަ ކަމެއް ކޮށްފި މީހެއްގެ އަގީދާ ސައްހަ ނުވާނެ ކަމަށް ކީރިތި ރަސޫލާގެ ސައްހަ ބަސްފުޅުތަކުން އަޅުގަނޑުމެންނަށް ފެންނަން އެބައޮތް. އެކަލޭގެ ފާނުގެ ހަދީސްފުޅެއްގައި ވަނީ ފާލުބަލައި ރަމަލުޖަހާ މީހެއްގެ ކައިރިއަށް ގޮސް އޭނާއާއި ސުވާލުކޮށް އޭނާ އެދައްކާ ވާހަކަތައް ގަބޫލުކޮށްފި މީހެއްގެ 40 ދުވަހުގެ ނަމާދު ގަބޫލު ނުކުރެވޭނެ ވާހަކަ. މިއީ އަދި އެމީހަކާ ސުވާލުކޮށް އެގަބޫލުކުރާ މީހާއަށް ހުރި ގެއްލުމުގެ ވާހަކަ. އެހެންވެއްޖިއްޔާ އެފަދަ ކަމަކަށް ދައުވާ ކުރާ މީހާއެއީ ކިހާ ނުބައި މީހެއްތޯ.“ މަޖީދު ވިދާޅުވި އެވެ.

ޝަހީމުގެ ވާހަކަ ކޮޅުގައި ވިދާޅުވީ ރަމަލުޖެހުމާއި ފާލަބެލުންފަދަ އަމަލުތައް ގަބޫލުކުރާ މީހުންނަކީ ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސްތަކަށްވެސް ކާފިރުވެގެންފި މީހެއް ފަދަ މީހެއް ކަމަށެވެ.

” ރަސޫލާގެ ހަދީސެއްގައިވަނީ ސިހުރުވެރިއެއްގެ ގާތަށް ކާހިނެއްގެ ގާތަށް ނުވަތަ ފާލަބަލާ ނުވަތަ ރަމަލުޖަހާ މިފަދަ އަމަލު ހިންގާ މީހެއްގެ ގާތަށް ގޮސް އޭނަ އެދައްކާ ވާހަކަ ގަބޫލުކޮށްފި މީހަކު ރަސޫލާގެ މައްޗަށް ﷲސުބުހާނަހޫ ވަތައާލާ ބާވާލެއްވި ގުރުއާނަށް ނުވަތަ ވަހީއަށް އެމީހާ ކާފިރުވި ފަދައޭ“ ޝަހީމް ވިދާޅުވި އެވެ.

މީގެ އިތުރަށް އަދާލަތުން ވަނީ ސިޔާސީ ވާހަކަތައް ދައްކަމުންދާއިރު އިސްލާމުދީނުގެ އަގީދާއާއި ކުޅެ ރައްޔިތުން މަގުފުރެއްދުން ހުއްޓާލުމަށްވެސް ރީކޯ އިބުރާހިމް މަނިކަށް ގޮވާލާފަ އެވެ. އޭގެ އިތުރަށް އޭނާއަކީ ޝަރީކުގެ ތެރެއަށް އެރިފައިވާ މީހެއް ކަމަށާއި އޭނާ ދައްކާ އެފަދަ ވާހަކަތައް ރައްޔިތުން ގަބޫލު ނުކުރުމަށްވެސް އިލްތިމާސް ކޮށްފައި ވެއެވެ.

މިކަމާ ގުޅިގެން މަތީ މަޖުލީހުގެ ބަހެއް ލިބޭގޮތެއް ވަނީ ނުވެފައެވެ. އެހެން ނަމަވެސް މަތީ މަޖުލީހުގެ ނައިބުރައީސް އަހުމަދު ފާރޫގު މުހައްމަދު ވިދާޅުވީ ތަރިތައް ބޭނުންކޮށްގެން ފަހުން ވާނޭކަމެއްގެ ވާހަކަ ދެއްކުމަކީ ތާކުންތާކު ނުޖެހޭ ހުރާފާތެއް ކަމަށެވެ. އަދި އާންމުން އެފަދަ ވާހަކަތައް ގަބޫލު ނުކުރުމަށްވެސް ފާރޫގު ވަނީ ވިދާޅުވެފައެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ބަލަ ޑރ ބާރީ މެން އަދިވެސް އަނގަމަޑުން ލާކަށް ނުވޭތަ. އަޑުނާހަންތަ ޑީއާރް ޕީގެ ސިޔާސީ ފެންޑާގައި ދީނާއި އަގީދާގެ މާނަވެސް ނޭނގޭވަރުގެ ދަންނަބޭކަލަކު އަރާ، އަދާލަތަށް ޑިނޭ ނުކިޔޭނެ ކަން އަޑެއް. ބަލަ އެއީ މާތް ޒަޢީމުގެ އެންގެވުމެކޭ. އެހެންނޫނަސް ތީކީ ބާބޮޑު ކަމެއް ނޫނެވެ. އަލް މަރުހޫމު ސައިކުރާ ނަޢީމަށް ޝަހީދެއްގެ މަޤާމު ދެއްވި ބީދައިން ރައީސްގެ ހިމާޔަތަށްޓަކައި ރަމަލު ޖެހީތީ ރީކޯ އިބްރާހިމަށް، މައުސޫމެއްގެ މަޤާމު ދެއްވަފާނެ ތޯއްޗެކެވެ. = އ ލ ޤ =

    ބުދަ، އޯގަސްޓް 6 2008، 18:00
  2. އަޅުގަނޑު މިވާހަކަ އަޑުއަހާފަ ބުރުވެތިވީމެވެ. ރީކޯއިބުރާހީމު ޓީވީއަށް މީގެފަހުން ނޭރުވުމަށް ހޮދު އަޅުގަނޑުވެސް މިނިސްޓަރ ނަސީދަށް، ސަރުކާރަށްގޮވާލަމެވެ. = ރާއްޖެތެރެއިން =

    ބުދަ، އޯގަސްޓް 6 2008، 18:17
  3. ކުރާނެ ކަމެއް ނެތް. ގައުމު ހަލާކު ވެއްޖެ.

    ބުދަ، އޯގަސްޓް 6 2008، 18:22
  4. ކީއްވެތަ މަޖީދުމެން ސީދާބަހުން އެއީ ޝަރީކުކުރާ މީހެކޭ ނުބުނީ ފާޅުގަ އެކަން އިއުލާންކުރީމަވެސް. ބިރުގަންނަނީ ދޯ ހައްދުފަހަނަޅާފަވާ މީހެކޭ ބުނެފާނެތީ؟

    ބުދަ، އޯގަސްޓް 6 2008، 20:47
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv