ތަރިތަކުގެ އިލްމް ދައްކާގޮތުން މައުމޫނުނޫން މީހަކަށް އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ރީކޯ އިބްރާހިމްމަނިކު ވިދާޅުވެއްޖެ

އަހުމަދު މުހުސިން އޯގަސްޓް 4 2008، 17:48 8 ޚިޔާލު

ތަރިތަކުގެ އިލްމު ދައްކާގޮތުން މައުމޫން ނޫން އެހެން ބޭފުޅަކަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރ ރީކޯ އިބްރާހީމް މަނިކު ވިދާޅުވެއްޖެއެވެ.

ޓީވީ އެމުން ފޮނުވާ ސިޔާސީ ފެންޑާގައި ވާހަކަދައްކަވަމުން ރޭ ރީކޯ އިބްރާހީމް މަނިކު ވިދާޅުވީ ”ރާއްޖޭގެ ވެރިކަމުގެ ދަހިވެތިކަމުގައި ވީނަމަވެސް މިހާރު މިއޮތް ސަރުކާރު ވައްޓާލާފައި ދެން ވެރިކަމަށް އަރަން އޮތް ބަޔަކަށް އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ ނޮވެމްބަރ 11 އާ ހަމައަށް ދާއިރުގައި ނުޖޫމީ އިލްމުން ދައްކާގޮތުގަ ވިއްޔާ ހަތަރު ޕްލެނެޓެއްގެ ބާރުގައި ހުރިމީހަކަށް ނޫނިއްޔާ ދިވެހިރާއްޖޭގެ ވެރިކަމެއް ނުލިބޭނެޔޭ.“ ކަމަށެވެ.

”އެއީ ޔަޤީކަމެއް. ފަހަރެއްގަ ވާގޮތުން ވެއްޖިއްޔާ އަޅުގަނޑުގެ ކަލްކިިޔުލޭޝަންގެ ތަފާތެއް ހުރެގެން ލިބުނު ކަމަށްވިޔަސް އެމީހަކަށް ނުހިންގޭނެޔޭ. އެއީ ވީނަސް, ސަން, މާސް އަދި ސަޓަން. މިހަތަރު ޕްލެނެޓާ ބެހޭގޮތުން ދެން އަންނަ ޕްރޮގްރާމެއްގައި ވާހަކަ ދައްކާނަން.“ ކުރިން ވެރިކަމަށް އަންނަން މަސައްކަތްކޮށްގެން އަދަބު ލިބިފައިވާ ރީކޯ އިބްރާހީމް މަނިކު ވިދާޅުވިއެވެ.

ގޭގައި ޚާއްޞަ ކޮޓަރިއެއް ހަދައިގެން ފާލުބެލުމާއި އަތްބެލުންފަދަ ކަންތައްތައް ކުރަމުން އަންނަ ރީކޯ އިބްރާހީމް މަނިކު ވިދާޅުވީ ”މައުމޫނު އަބްދުލް ޤައްޔޫމް އަތްމަތީގަ މިހަތަރު ޕްލެނެޓް މިވަގުތު އެބައޮތް ކަމަށާއި އެމަނިކުފާނަށް ކާމިޔާބު ކުރެވޭނެ ކަމަށެވެ.

”އެމަނިކުފާނަށް މިކަން ހިންގޭނެޔޭ. ދެން ތިއްބެވި ބޭފުޅުން އެކަމަށް ކުރިމަތިލައްވައިފިކަމަށް ވަނީވިއްޔާ އެބޭފުޅުންގެ ޒިންދަގީ, ޒިންދަގީއޭ މިދަންނަވަނީ އެބޭފުޅުން ކުރައްވަން އުޅުއްވާ މަސައްކަތާ ރާއްޖޭގެ ހަޔާތަށް ވަރަށް ބޮޑެތި އުނިކަންތައްތަކެއް އަންނާނެ.“ މިހާރު ސަރުކާރާ އެއްކޮޅަށް ވާހަކަދައްކަވަމުން ގެންދަވާ ރީކޯ އިބްރާހީމް މަނިކު ވިދާޅުވިއެވެ.

ދީނީ އިލްމުން ޕީއެޗްޑީ ހާސިލްކޮށްފައިވާ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ ޢަބްދުލްމަޖީދު ޢަބްދުލް ބާރީ ވިދާޅުވީ ކީރިތި ޤުރުއާނުގައި ތަރިތައް ސިފަކޮށްފައިވަނީ ތިންކަމަކަށް ކަމަށާއި އެއިން ކަމެއް ފިޔަވައި އެހެންކަމަކަށް ތަރިތައް ބޭނުންކޮށްގެން ވާހަކަދެއްކުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

”އެއްކަމަކީ ދަތުރުވެރިން ދަތުރުގެ މަގު ހޯދުން. ދެވަނަ ކަމަކީ ޖިންނި ޝައިތާނުންނަށް އެކަލާނގެ އިރާދަފުޅުން ގިނިހިލަ އުކުން. އަނެއް ކަމަކީ އުޑުގެ ޒީނަތްތެރިކަމަށް.“ ޑރ މަޖީދު ވިދާޅުވިއެވެ.

ޑރ މަޖީދު ވިދާޅުވީ ޢިލްމުވެރިން ވިދާޅުވެފައިވަނީ ދުނިޔޭގައި ހިނގާ ހާދިސާ ތަކާއި ތަރިތަކުގެ ނުފޫޒެއް ވާކަމަށް ޤަބޫލުކުރުމަކީ ޝިރުކެއް ކަމަށެވެ. އަދި ތަރިތަކުގެ ބޭނުންކޮށްގެން ހިނގާފާނެ ކަމެއްގެ ވާހަކަ ބުނުމަކީ ޣައިބުގައިވާ ކަމެއްގެ ވާކަމެއް އެނގެނީކަމަށް ދައުވާކުރުން ކަމަށާއި އެއީވެސް ޝިރުކެއް ކަމަށެވެ.

”ޣައިބުގައިވާ ކަމެއް ބުނުމަކީ ޝިރުކެއް. ޣައިބުގައިވާ ކަމެއް މާތް ﷲ އަށް ފިޔަވައި އެހެން ފަރާތަކަށް އެނގިގެނެއް ނުވޭ. ވީމާ އެފަދަ ވާހަކަ ދެއްކުމާއި އެވަހަކަ ޤަބޫލުކުރުމަކީވެސް ޝިރުކު ކުރުމެއް. ޝިރުކަކީ ހެއްދެވި ފަރާތާމެދު ޝަރީކު ކުރުން. ﷲ ނޫން ކަލަކު ވާކަމަށް ޤަބޫލުކުރުން“ ޑރ މަޖީދު ވިދާޅުވިއެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. އިބުރާހިމް މަނިކަކީ ކަހީނެއް. މިރާއްޖޭގަ ދެން ޚަރަދުބޮޑުކުރަން އިންތިހާބެއް ބާއްވާނެކަމެއްނެތް. ކަހީނުބުނާގޮތެއް ޤަބޫލުކޮށް މާތްރަސްކަލާނގެއާ ޝިރުކުކޮށް މައުމޫނު ހުވާކުރުން ދެންމިއޮތީ. -ހައްލު-

    ހޯމަ، އޯގަސްޓް 4 2008، 18:27
  2. ރީކޯ އިބުރާހީމްމަނިކު އިސްއުފުލުމެއްނެތި މައުމޫނަށްތާޢީދުކޮށް މިހާރުވާހަކަދައްކަމުންއެގެންދަނީ އޭނާއަށް މިވަގުތުއެހެންގޮތެއްނެތިގެން، ނަމަވެސް އިބުރާހީމްމަނިކުއާއި، އަދި، އޭނާއަށްވެގެންވާ މީހަކުވެސް އެންމެފަހުވަގުތުގައި މައުމޫނަށް ވޯޓްނުދޭކަށް އަޅުގަނޑަށް ޔަގީނެވެ. އިބްރާހީމް .

    ހޯމަ، އޯގަސްޓް 4 2008، 18:40
  3. ވަކި ކޮޓަރިއެއް ހަދައިގެން ވިޔަސް ތިފަދަ ލާދީނީ ކަންތައް ދިވެހިރާއްޖޭގައި ކުރިޔަ ދީގެން ނުވާނެ. މިހާރު ތިއޮތީ ފާޅުގަ އެކަން ކުރާކަން އެގިފަ. މައުމޫނަށް ތާއީދު ކުރިޔަސް މަނާކުރަން ޖެހޭކަންތައް މަނާކުރެވެން ޖެހޭނެ.

    ހޯމަ، އޯގަސްޓް 4 2008، 19:12
  4. ތިޔައޮތީ ބޮޑުތާގަ ޖެހެފަ އަވަހަށް ކަހީނުބެއަށް މިނިސްޓަރުކަން ދެއްވާ. ނޫން ނޫން ރަނިންގ މޭޓަކަށް ހައްދަވާ، ހެޔޮނުވާނެ، މައުމޫނަށް ސަޖިދަޖަހާނެ ބަޔަކު ރައްޔާރު ކުރެވޭނީ ކަހީނުބެއަށް. އޭރަށްވާނެ ފިރުއައުނާއި ހާމާނަށް، ވަރަށް މަޖާވެސްވާނެ. ކިހާދެރަކަމެއްމީ، މިނާ ގެންގޮސް މަތީ މަޖިލީހުން ފިޔަވަޅުއަޅަން ވާނެ. އަދި މީނީ ޝިރުކުގެ އަމަލެއް ހިންގާފައިވާތީ ހައްދުވެސް ޖަހަން ޖެހޭނެ. ގައުމީ ޓީވީއިން މީނާގެ މިވާހަކަތައް ދެއްކުމަކީ ވެގެންވާނެ ކަމެއްނޫން. އެކަމަކުވެސް ވަނީތާ. ހޯރަފުށީ ސަލީމް އަދާލަތުގެ ތުންބުޅިއޭ، ބަޅުއަނބުރާ އިމާދު ހުސައިންރަޝީދަކީ ދީނޭ މިހެން ބުނީމަ ހިނިގަޅާ މީހަކީ ކުއްޓި ނަޝީދު، އެހެންވީމާ ދީނަށް ފުރައްސާރަ ކުރެވެން އޮތަ ކޮންމެކަމަކަށް އޭނާ މަގުފަހިކޮށްދޭނެ.

    ހޯމަ، އޯގަސްޓް 4 2008، 19:17
  5. ކަހީނު މަނިކާ! ކަލޭގެ ވެރިކަން ހޯދަން އުޅެ ނުލިބުނީ ކީއްވެގެން ކަމާއި، މައުމޫނު މަރުވާނެ ދުވަހަކާއި ސާޢަތެއް ދިވެހިރާއްޖޭގެ ރައްޔިތުންނަށް އަންގާލަ ދީބަލަ! ފަޒާ

    ހޯމަ، އޯގަސްޓް 4 2008، 19:31
  6. ރީކޯ އިބްރާހިމް މަނިކް އަވަހަށް ތައުބާވޭ. ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އަށް މިވަރު ބޭފުޅަކު ތާއިދު ކުރައްވާތީ އަހަރެން ލަދުގަނޭ. މިނޫން މީހަކު ނެތީތޯ ރައީސްއަށް ތާއިދުކޮށް ވާޙަކަ ދައްކާކަށް. ޝަރީފާ (އެޕާޓީގެ އަންހެނުން ގޮފީގެ ރައީސާ) އަޅޭ ކީކޭތޯ މިކަމާ ވިދާޅުވަނީ؟؟؟

    ހޯމަ، އޯގަސްޓް 4 2008، 19:42
  7. ރީކޯ އިބްރާހީމްމަނިކު މިހާރު ސިޔާސީފެންޑާ އެހަދަނީ އޭނަގެ ފާލުބެލުން އިޝްތިހާރުކުރާ ޕްލެޓްފޯމަކަށް. ތިޔަކަހަލަ މީހުންދައްކާ ތިޔަކަހަލަވާހަކައިގެ އަލީގައި މައުމޫނަށް ކެމްޕޭނު ކޮށްދިނުމުން ދޭހަވަނީ މައުމޫނު ވެރިކަމާމެދު ކުރާ އުއްމީދު ފަނޑުވެފައިވާ މިންވަރު.

    ހޯމަ، އޯގަސްޓް 4 2008، 19:47
  8. ކަހީނު! ތިމާއަށް އެންމެ ބޮޑަށް އަނިޔާވެރިވި މީހާއަށް ތާއީދު ކުރުމުގެ ގޮތުން ތިމާމީހާ ޝިރުކުގެ ތެރެއަށް ހުށަނޭޅި އާޚިރަތަކީ ކަލެއަށްވެސް އޮތް އެއްޗެއްކަން ހަނދާންކޮށް ބަލާށެވެ. އެހެންނޫނަސް މައުމޫނަށް ތާއީދު ކުރަންވީ ވަގުތު މިހާރު ފާއިތުވެގެން ހިނގައްޖެއެވެ. ތިޔަ ކަހީނަކީ މިހާވަރުވެސް ނޭނގޭ ކަހީނެއްތާއެވެ. ދެން މަ ހީނ ހީނ. - ބޮޑުކަހީނު-

    ހޯމަ، އޯގަސްޓް 4 2008، 20:02
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv